ކޮވިޑަށްފަހު ރާއްޖޭގެ ފަތުރުވެރިކަން އިއާދަކޮށް ކުރިއެރުވުމުގައި ހޯދި ކާމިޔާބުގެ ސަބަބުން ރާއްޖެއަކީ ދުނިޔޭގެ އެހެން ގައުމުތަކުން މިސާލު ނަގާ ގައުމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވެއްޖެއެވެ.

ކްރޮސް ރޯޑްސްގައި މިހާރު ކުރިއަށްދާ ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ) ގެ 34 ވަނަ ޖޮއިންޓް މީޓިންގެ އޭޝިއާ އާއި އޭޝިއާ ޕެސިފިކްގެ ގައުމުތަކުގެ މިނިސްޓީރިއަލް ރައުންޑްޓޭބަލް ބައްދަލުވުމަށްފަހު މީޑިއާތަކާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ޓޫރިޒަމް އިއާދަކުރުމުގައި އެހެން ގައުމުތަކުން ބެންޗުމާކުކުރާ ގައުމެއް ކަމަށާއި ރާއްޖޭގެ ކާމިޔާބީގެ ވާހަކަތައް އެހެން ގައުމުތަކުން އެނގެން ބޭނުންވާ ކަމަށެވެ.

އަދި ކޮވިޑުން ލިބުނު ހީނަރުކަމާއެކުވެސް ފަތަރުވެރިކަން އިއާދަކޮށް ރާއްޖެ ހޯދާފައިވާ ކާމިޔާބީއާ ބެހޭގޮތުން ގައުމުތަކުން ސުވާލު ކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިފަހަރު ވެގެން މިއުޅޭ ގޮތަކީ ދިވެހިރާއްޖެ ލީޑަރަށް ވެފަ މިއޮތީ. ކޮވިޑު ޕެންޑަމިކަށް ފަހު ޓޫރިޒަމް ރިކަވަރީގައި އެހެން ގައުމުތަކުން ބެންޗްމާކު ކުރާ ގައުމެއްގެ ގޮތުގަ، މިސާލު ނަގާ ގައުމެއްގެ ގޮތުގަ ވެފަ މިއޮތީ. ގައުމުތަކުން ސުވާލުކުރޭ. ދިވެހިރާއްޖެ މިހާރު ވަރަށް ކުރި ހޯދައިފިޔޭ. އެންމެން މިހެން އޮއްވަ ރާއްޖެ ވަރަށް ކުރިއަށް ގޮއްސިއޭ. ކިހިނެއްހޭ އެކަންތައްތައް ކުރީ. ދެން އަޅުގަނޑުމެން ކިޔައިދެނީ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އިއާދަވުމުގެ އަސްލަކީ ސަރުކާރުން އެކަމަށް ގެންގުޅުނު ހަރުދަނާ ސިޔާސަތުތަކާއި ރާއްޖޭގެ ހާރިޖީ ގުޅުންތަކުގެ ވަރުގަދަކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށް ރާއްޖެއިން މެދުކެނެޑުމެއްނެތި ކުރަމުން އައި އިޝްތިހާރު ތަކެވެ. އަދި ރާއްޖެ މިހާރު މިއޮތް ހާލަތަށް ބަލާއިރު މުޅި ދުނިޔޭގެ އިގުތިސޯދަށް ގޮންޖެހުމެއް ނާންނަހާ ހިނދަކު ރާއްޖެއަށް ބޮޑު ގޮންޖެހުމެއް ނާންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ކުރިއަށްދިޔަ ވަށްމޭޒު ބައްދަލުވުމުގައި ޖަޕާން، އިންޑަނޭޝިއާ، މެލޭޝިއާ، ޓިމޯލެސްޓޭގެ ވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ޓެކްނޮލޮޖީ އާއި އީޖާދީ އަދި ޑިޖިޓަލް އެހީގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވިދާނެ ގޮތްތަކާ ގުޅޭގޮތުން ވަޒީރުން ވަނީ މި ބައްދަލުވުމުގައި މަޝްވަރާކުރައްވައިފައެވެ.

އަދި ކޮވިޑަށްފަހު ގައުމުތަކުގެ ފަތުރުވެރިކަން އިއާދަކުރުމަށް ކުރެވުނު މަސައްކަތްތަކާއި އެމަސައްކަތުގައި ޓެކްނޮލޮޖީ އާއި ޑިޖިޓަލް ޕްލެޓްފޯމްތައް އަދާ ކުރި ދައުރުގެ ވާހަކަތައް ވަޒީރުން ވަނީ ހިއްސާކުރައްވައިފައެވެ.

މީގެ އިތުރުންވެސް ޓެކްނޮލޮޖީގެ އެހީގައި ފަތުރުވެރިކަން އިތުރަށް އިސްތިހާރުކޮށް ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ބައްދަލުވުމުގައި ބައިވެރިން ވަނީ ހިޔާލު ބަދަލުކޮށްފައެވެ.

ބައްދަލުވުމާ ބެހޭގޮތުން ޑރ. މައުސޫމް ވިދާޅުވީ ގައުމުތަކުގެ ތަޖުރިބާއިން ވަރަށް މުހިއްމު ފިލާވަޅުތަކެއް ލިބުނު ކަމަށާއި މިފަދަ ބައްދަލުވުންތަކުން ލިބޭ މައުލޫމާތުތަކަކީ މުސްތަގުބަލުގައި ކަންތައް ރާވައި ހިންގުމުގައި ވަރަށް ބޭނުންތެރި މައުލޫމާތު ތަކެއް ކަމަށެވެ.

މި ބައްދަލުވުމުގައި ޔޫއެންޓަބްލިއުޓީއޯގެ އިސްބޭފުޅުންނާއި ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުގެ ތެރޭގައި ހިމެނޭ ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕަޓާ) ޕެސިފިކް ޓޫރިޒަމް އޮގަރނައިޒޭޝަން (އެސްޕީޓީއޯ) އަދި އެއަރޕޯޓްސް ކައުންސިލް އިންޓަރނޭޝަނަލް އޭޝިއާ ޕެސިފިކް (އޭސީއައި)ގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.