ތަފާތު ނުވަ ގައުމަކުން 180 ވަރަކަށް ކުޅުންތެރިން ބައިވެރިވާ، ވެސްޓާން އޭޝިއަން ޖޫނިއާ ޗެސް ޗެމްޕިއަންޝިޕް މާދަމާ އއ. އުކުޅަހުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެ މުބާރާތް އުކުޅަހުގައި ކުރިއަށްދާނީ މާދަމާއިން ފެށިގެން މިމަހު 23 ވަނަ ދުވަހާ ހަމައަށެވެ. މުބާރާތާ ގުޅިގެން މައުލޫމާތު ދިނުމަށް ރޭ ވަނީ ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު، އަހުމަދު މަހުލޫފާއި ޗެސް އެސޯސިއޭޝްގެ ފަރާތުން ބައިވެރިވެފައިވާ އިރު، މަހުލޫފް ވިދާޅުވީ އުކުޅަހު ކޮންވެންޝަން ސެންޓަރުގައި ބައިނަލްއަގުވާމީ ޗެސް މުބާރާތެއް ބޭއްވުމަކީ އަތޮޅު ތެރެއަށް ބައިނަލްއަގުވާމީ މުބާރާތްތައް ގެންދިއުމަށް ކުރެވޭ މަސައްކަތުގެ ބައެއް ކަމަށެވެ.

"ޒަމާނުއްސުރެން މާލެއަށް ހުރިހާ ކަމެއް ބަރޯސާވެ މާލޭގެ މުބާރާތްތައް ވެސް ހޯސްޓުކުރާ ވާހަކަ ދައްކަމުންދަނީ. އެކަން ބަދަލުކުރުމުގެ ކަމެއްގެ ގޮތުން ހަގީގަތުގައި އަޅުގަނޑުމެން ޗެސް މުބާރާތް އުކުޅަހަށް މިގެންދަނީ. ކުޑަ ކުޅިވަރެއް، ބޮޑު ކުޅިވަރެއް ނުބަލައި ހުރިހާ ކުޅިވަރުތަކަކަށް ވެސް ހަމަހަމަކަމާ އެކީގައި ފުރުސަތު ހަމަ ފޯރުކޮށްދިނުމުގެ ވިސްނުމުގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ގެންދަނީ،" މަހުލޫފް ވިދާޅުވިއެވެ.

ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ ޖޫނިއާ ޗެސް މުބާރާތް، 18 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަވާ އިރު، މި މުބާރާތުގައި ހަ ކެޓަގަރީއެއް ކުރިއަށްދާނެއެވެ. އެއީ 18 އަހަރުން ދަށް، 16 އަހަރުން ދަށް، 14 އަހަރުން ދަށް، 12 އަހަރުން ދަށް، 10 އަހަރުން ދަށުގެ އުމުރުފުރާގެ އިތުރުން 8 އަހަރުން ދަށުގެ އުމުރުފުރާ އެވެ. ކޮންމެ އުމުރުފުރާއެއްގައި ވާދަކުރާނީ ކޮންމެ ގައުމަކުން އަންހެން އަދި ފިރިހެން އެންމެ ކުޅުންތެރިއެކެވެ.

އާންމު ގޮތެއްގައި ބައިނަލްއަގްވާމީ މުބާރާތްތައް ކުޅޭ ތިން ފޯމެޓް ކަމަށްވާ، ރެޕިޑް، ކްލަސިކް އަދި ބްލިޓްޒް ބީޗް ޗެސް ފޯމެޓަށްވެސް މި މުބާރާތުގެ މެޗުތައް ކުރިއަށްދާނެއެވެ. ރާއްޖޭގެ 35 ކުޅުންތެރިން މި މުބާރާތުގައި ވާދަކުރާނެއެވެ.