ލެގަސީ ޗެސް އެކަޑެމީއާއި ބިގް ޝޮޓްސް ޖަމިއްޔާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ލާމު ޗެސް އޯޕަން ރާޒުވާ މުބާރާތް މިމަހު 24 އިން 26 އަށް ލ. ފޮނަދޫގައި ކުރިއަށް ގެންދަން އިއުލާނު ކޮށްފިއެވެ.

ލާމު ޗެސް އޯޕަން މުބާރާތް ހުރިހާ އުމުރުފުރާއަކަށްވެސް ހުޅުވާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ އިރު، އެ މުބާރާތް ކުރިއަށްދާނި މޯލްޑިވްސް ޗެސް ކްލަބާއެކު ޕާޓްނާ ވެގެންނެވެ. މުބާރާތް ކުރިއަށް ގެންދަން ރާވާފައި ވަނީ ރެޕިޑް ޗެސް ފޯމެޓަށް 10 މިނެޓުގެ ގޭމްތަކެއް ކުޅޭ ގޮތަށެވެ.

މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނެފައި ވަނީ ލާމު އަތޮޅުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ރާޒުވާ މުބާރާތެއް ބާއްވަން ނިންމާފައި ވަނީ ރާއްޖޭގެ ރާޒުވާ ކުޅުންތެރިންނަށް ވާދަކުރާނެ އިތުރު ޕްލެޓްފޯމެއް ހޯދައިދިނުމުގެ އިތުރުން ރާޒުވާގެ މަގުބޫލުކަން އިތުރު ކުރުމަށް ކަމަށެވެ.

https://www.instagram.com/p/Dc9AeJMtngG/?utm_source=ig_web_button_share_sheet

މުބާރާތުގައި ބައިވެރިވުމަށް މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާ އިރު، އިތުރު މައުލޫމާތު ހޯދުމަށާއި ބައިވެރިވުމަށް 7558885 އަކަށް ގުޅުމަށް އިންތިޒާމުކުރާ ފަރާތުން ވަނީ މައުލޫމާތު ދީފައެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ލެގަސީ މޯލްޑިވްސްގެ ވެބްސައިޓް ބޭނުންކޮށްގެންވެސް ބައިވެރިވުމަށް ފުރުސަތު އޮންނާނެއެވެ.

ލާމު ޗެސް އޯޕަންގެ އެއްވަނައަށް ދާ ފަރާތަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައެޅިފައިވާ އިރު، ދެވަނަ އަދި ތިންވަނައަށްވެސް ފައިސާގެ އިނާމު ކަނޑައަޅާފައިވެއެވެ.

މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނެފައި ވަނީ މިހާރު ސްޕޮންސާޝިޕަށްވެސް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.