ދުނިޔެ

ސައޫދީ މަހުޖަނެއްގެ ގޭގައި ތިން ސިންގާ ގެންގުޅެނިކޮށް ފެނިއްޖެ

ސައޫދީ އަރަބިޔާގެ މަހުޖަނަކު އޭނާގެ އަމިއްލަ ގޭގައި ގަވާއިދާ ޚިލާފަށް ސިންގާތަކެއް ގެންގުޅުނުކަން ފަޅާއަރައި ސަރުކާރުން އެ ސިންގާތައް ހައިވާނު ބަގީޗާއަކަށް ގެންގޮސްފިއެވެ. އެމީހާގެ މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. ކުށްވެރިވެއްޖެނަމަ 10 އަހަރަށް ޖަލަށްލުމާއެކު 8 މިލިޔަން ޑޮލަރުން ޖޫރިމަނާ ކުރާނެއެވެ.

ވެރިރަށް ރިޔާޒުގައި ހުންނަ ގެއެއްގައި މަހުޖަނުކަލޭގެ ވަނީ ތިން ކޮއްޓެއްގައި ބަންދުކޮށްގެން ތިން ސިންގާއެއް ގެންގުޅެފައެވެ. މިއީ އެގެއަށް ޒިޔާރަތްކުރާ މެހުމާނުންނަށް ދެއްކުމަށާއި އޭނާގެ ހައިބަތު އެންގުމަށް ކުރިކަމެއްކަމަށްވެއެވެ. މިކަން ކޮންމެވެސް ގޮތަކުން ސަރުކާރަށް މޭރުންވެގެން މި ސިންގާތައް އެތަނުން ނެރެން އެގެއަށް ދިޔައީ ސައުދީ ސިފައިންގެ ފައުޖަކާއެކު އެތާގެ އެންވައިރުމަންޓް މިނިސްޓްރީގެ ޓީމެކެވެ.

ސައުދީ އަރަބިޔާގައި އޮޅުކޮށްގެން ޖަނަވާރުތައް ގެންގުޅުމަކީ ހުއްދަ ކަމެކެވެ. އެކަމަކު އެއީ އޮޅުކުރެވޭ ކަހަލަ ޖަނަވާރުތަކެވެ. ހަރުފަ ކަހަލަ ވިހަ ތަކެއްޗާއި ސިންގާޔާއި މިނިކާވަގާއި ސާރިދޯޅުފަދަ މިނިކާ ޖަނަވާރު ހައިވާނު ބަގީޗާތަކުގައި ނޫނީ ގެންގުޅުމަކީ މަނާ ކަމެކެވެ. އަދި ޝިކާރަކުރުމުގެ ގޮތުންވިޔަސް ވަލުޖަނަވާރު މެރުމަކީ ވަރަށް ބޮޑު އަދަބު ކަނޑައެޅިފައިވާ ކުށެކެވެ.

ސައޫދީ އަރަބިޔާއަކީ ޖަންގަލިތައް މަދު ހަނަފަސް ސަހަރާގެ މައްޗަށް އެކުލެވިގެންވާ ގައުމަކަށްވިޔަސް ސިންގާޔާއި މިނިކާވަގު ފަދަ ވަހުޝީ ޖަނަވާރުތައް އެގައުމުގައި ދިރިއުޅެއެވެ. ފަހަކަށް އައިސް އެސޮރުމެންގެ އާބާދީ ބޮޑުތަނުން މަދުވެ މުޅިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެގެން އެތަކެތީގެ ހިމާޔަތުގައި ހަރުކަށި އައު ގާނޫނުތަކާއި ގަވާއިދުތަކެއް ވަނީ ތައާރަފު ކުރެވިފައެވެ. އަމިއްލަ ގޭގައި ސިންގާތަކެއް ގެންގުޅުނު މަހުޖަންކަލޭގެޔާމެދު ފިޔަވަޅު އަޅަމުންދަނީވެސް މި ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުންނެވެ.