އެތުލެޓިކްސް

ހިމްނާ 400 މީޓަރު ދުވުމުގެ ރެކޯޑު އާކޮށްފި

ރާއްޖޭގައި މިހާރު ހުރި އެންމެ ވިދުންގަދަ އެއް އަންހެން އެތުލީޓު، އައިޝަތު ހިމްނާ ހަސަން އަނެއްކާވެސް ގައުމީ އަންހެން 400 މީޓަރުގެ ދުވުމުގެ ރެކޯޑް އާ ކޮށްފިއެވެ.

ހިމްނާ މީގެ ކުރިންވެސް ތިން ފަހަރަކަށް ރެކޯޑު އާކޮށްފައިވާ އިރު، ހިމްނާ ކުރިން ވަނީ 2018، 2019 އަދި 2021 ގައިވެސް ރެކޯޑު އާކޮށްފަ އެވެ. ހިމްނާ އެންމެ ފަހުން ގައުމީ ރެކޯޑް އާ ކުރީ މިދިޔަ އަހަރު ކެންޔާގެ ނައިރޯބީގައި ކުރިއަށްދިޔަ ދުނިޔޭގެ 20 އަހަރުން ދަށުގެ މުބާރާތުގައި 58.90 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ހިމްނާ މިފަހަރު ރެކޯޑް އާ ކުރީ ހުޅުމާލޭ ޓްރެކްގައި އިއްޔެ ކުރިއަށްދިޔަ ގައުމީ ޓީމުގެ ޓައިމް ޓްރަޔަލްގައެވެ. މި ފަހަރު ހިމްނާގެ ޓައިމިން އަކީ 57.56 ސިކުންތެވެ. މިއީ އެންމެ ފަހުގެ ޓައިމިންއަށް ބަލައި އިރު، 1.34 ސިކުންތުގެ ކުރިއެރުމެކެވެ. ހަތަރު ސަތޭކަ މީޓަރުގެ ޖޫނިއާ އަދި ޔޫތު ރެކޯޑްވެސް އޮންނަނީ ހިމްނާ އަތުގައެވެ.

ހިމްނާއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ކާމިޔާބު އެއް އަންހެން އެތުލީޓެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އެވޯޑް ކުރި ޕެރިސް 2024 ސްކޯލާޝިޕްގައިވެސް ހިމްނާ ހިމެނޭ އިރު، ކުޅިވަރުގައި ފާހަަގަކޮށްލެވޭ ދަރިވަރުންނަށް ދެމުން އަންނަ ކަލާސް އެވޯޑުވެސް ހިމްނާ ހޯދާފައިވެއެވެ.