ޗައިނާ އާއި އެހެން ގައުމަކުން ވެސް ރާއްޖެއިން ނަގާފައިވާ ލޯނުތަކަކީ އެ ލޯނުތައް ނުދެއްކިއްޖެ ނަމަ، ބަދަލުގެ ގޮތުގައި އެއްވެސް އެއްޗެއް ވިއްކާލަން ޖެހޭ ގޮތަށް އެއްބަސްވެގެން ނަގާފައިވާ ލޯނުތަކެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ޗައިނާއިން ނަގާފައިވާ ލޯނުތަކަކީ ދަރަނީގެ ދަންތުރަ ތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައިވެއެވެ. އަދި އެ ލޯނުތައް ނުދެއްކިއްޖެ ހާލަތެއްގައި ޗައިނާއިން ރާއްޖޭގެ ބިންތައް ފޭރި ގަތުން ފަދަ ކަންކަން ކުރާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކާ ހިލާފަށް ރާއްޖެއިން މިހާތަނަށް ނެގި އެއްވެސް ލޯނެއްގައި މޯގޭޖެއް ނުކުރާ ކަމަށާއި ޗައިނާ އާއި އެހެން ގައުމަކުން ވެސް ރާއްޖެއިން ނަގާފައިވާ ލޯނުތަކަކީ އެ ލޯނުތައް ނުދެއްކިއްޖެ ނަމަ، ބަދަލުގެ ގޮތުގައި އެއްވެސް އެއްޗެއް ވިއްކާލަން ޖެހޭ ގޮތަށް އެއްބަސްވެފައިވާ ލޯނުތަކެއް ނޫން ކަމަށެވެ.
"އަންޑަލައިން އެސެޓެއް ނެތް. އަޅުގަނޑުމެން ޑިފޯލްޓު ވިޔަސް، ބަޔަކު އައިސް މި ގައުމުން ގެންދާނެ އެޔާ ބެކް ކޮށްފަ އެއްވެސް އެސެޓެއް ނެތް،" އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ހަރުމުދާ ރަހުނުކޮށްފައި ލޯނު ނަގަން މިހާރުވެސް އެކި ފަރާތްތަކުން ޕްރޮޕޯސަލްތައް ލިބޭ ކަމަށާއި ނަމަވެސް އެފަދަ ކަމެއް ސަރުކާރުން ނުކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ދަރަނީގެ ބުރަ އެންމެ ލުއި ނުވަތަ އިންޓަރެސްޓް ރޭޓް އެންމެ ކުޑަ ލޯނުތައް ނެގުން ކަމަށާއި އެހެންކަމުން އެ ޝަރުތު ފުރިހަމަވާ ނަމަ ޗައިނާއިން ވިޔަސް ލޯނު ނަގަން އެންމެ ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ވެސް 2018 އިން ފެށިގެން މި ހިސާބަށް ފިނޭންސް މިނިސްޓަރުކަމުގައި ކުރާ މަސައްކަތުގައި ވެސް އާދޭ ޕްރޮޕޯސަލް އެއްޗިހި މޯގޭޖުކޮށްލައިގެން، 200 މިލިއަން ޑޮލަރު ދޭނަމޭ ބުނެ. އެކަމަކު އަޅުގަނޑުމެން މި ބުނަނީ ނޫނެކޭ،" މިނިސްޓަރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ގައުމަކުން ލޯނު ނެގިޔަސް ސަރުކާރުގެ ޕޮލިސީއަކީ "ކޮސްޓް އޮފް ބޮރޯއިން" ވީހާވެސް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ނެގުން ކަމަށާއި ރާއްޖެއަކީ ދަރަނި އަދާކުރުމުގެ 100 ޕަސެންޓް ރެކޯޑު އޮންނަ ގައުމެއް ކަމަށެވެ. އަދި މިހާރު ހުރި ދަރަނިތައްވެސް އަދާ ކުރެވޭނެ ކަމަށް އަމީރު ވިދާޅުވިއެވެ.
އިތުރު ސުވާލުތަކަށް ޖަވާބުދެއްވަމުން އަމީރު ވިދާޅުވީ ރާއްޖެ އޮތީ ދަރަނި އަލުން އެކުލަވާލައިފި ނަމަ ކުރިއަށް އޮތް އަހަރުތަކުގައި ސަރުކާރަށް ދަރަންޏަށް ލޯނު ދޭނެ ބަޔަކު ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން މިއަދުވެސް ޑެޓް ރީސްޓަރްކަޗާ ކުރާވާހަކަ އަޅުގަނޑުމެންނަށް ދަރަންޏެއް ނުދެއްކޭނޭ އަޅުގަނޑުމެންގެ ހުރިހާ ޑެޓާސް އަޅުގަނޑުމެންނާ ވާހަކަދައްކަން އަންނާށޭ ބުނާ ހިސާބުން ކުރިއަށް އޮތް 5-10 އަހަރުވެސް ރާއްޖެއަށް ދަރަނި، ލޯނެއްގޮތުގައިވެސް ދޭނެ ބަޔަކު ނުވާނެ" އަމީރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު