އެކްސްޕެޓް ސިސްޓަމުން މިހާރު ބިދޭސީ މަސައްކަތްތެރިންގެ ވޯކް ޕާމިޓު ބާތިލުކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތްތައް ފަސޭހަކަމާއި އަވަސްކަމާ އެކު ހިދުމަތަށް އެދޭ ފަރާތަށް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް އެ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ދޫކުރާ ވޯކް ޕާމިޓް ބާތިލްކުރުމުގެ ހިދުމަތް ވަގުތުން ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން، ވޯކް ޕާމިޓް ބާތިލް ކުރުމަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ޕާމިޓްތައް، އަންނަ އާދިއްތަ ދުވަހުން ފެށިގެން ވަގުތުން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ބާތިލްކޮށްދޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އެކްސްޕެޓް ސިސްޓަމް (xpat.egov.mv) ވެބްސައިޓުގައި "ވޯކް ޕާމިޓް ކެންސަލޭޝަން ޔޫސާ ގައިޑް" ގެ މައުލޫމާތު ހުންނާނެ ކަމަށް ވެސް އެމިނިސްޓްރީން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީން މިމަހުގެ ތިން ވަނަ ދުވަހު ބުނެފައިވަނީ، ރާއްޖެއަށް ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް ހޯދަންޖެހޭ ކޯޓާ، މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ދޫކުރަނީ "ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާ ކުރުމާބެހޭ ގަވާއިދު" ގައި ބަޔާންކޮށްފައިވާ "ނޭޝަނަލް ޖޮބް ސެންޓަރ- ޖޮބް ޕޯޓަލް" ގައި ރަޖިސްޓްރީ ކުރުމުން ކަމަށެވެ.
ގަވާއިދާ ހިލާފަށް މަސައްކަތް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ މަސައްކަތް ހައްލުކުރުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ގަވާއިދާ ހިލާފަށް ރާއްޖެއަށް ބިދޭސީ ގެނައުމުންނާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ލައްވައި މަސައްކަތް ކުރުވާނަމަ ބޮޑު އަދަދަކުން ޖޫރިމާނާ ކުރެވޭގޮތަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ގަވާއިދު އިސްލާހުކޮށްފައެވެ.
މީގެ އިތުރުން ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން އެމީހުންގެ ގައުމަށް އަނބުރާ ފޮނުވާލުމާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ އެތެރެއަށް ވެއްދުމުގެ މަސައްކަތް ވެސް އެ މިނިސްޓްރީން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު