މިދުވަސްވަރު ޕާސްޕޯޓު ހައްދާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާތީ ހިދުމަތްދޭ ވަގުތު އިތުރުކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ، ކޮވިޑްގެ ޕެންޑަމިކާ ގުޅިގެން ގިނަ ދުވަސްތަކަކަށް ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، ދަތުރުކުރުމުގެ ލުއިތައް އިތުރުކުރުމާ ގުޅިގެން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަދަދުވެސް އަންދާޒާކުރި ވަރަށްވުރެ ގިނަވެފައިވާ ކަމަށެވެ.

ކުރިން ޕާސްޕޯޓް ހެއްދުމަށް 200 އެއްހާ އެޕްލިކޭޝަން ދުވާލަކު ހުށަހެޅި ނަމަވެސް މިހާރު އެވްރެޖްކޮށް 800 އެޕްލިކޭޝަން ހުށަހަޅާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެ ޑިމާންޑާ ގުޅިގެން ރޭގަނޑު 9:30އާ ހަމައަށް އިމިގްރޭޝަންގެ މަސައްކަތް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ.

ރައްޔިތުންނަށް ދޭ ހިދުމަތުގެ ވަގުތު އިތުރުކުރުމުގެ ގޮތުން މާދަމާއިން ފެށިގެން މެންދުރު ފަހު 3:00އާ ހަމައަށް ޕާސްޕޯޓާ ހަވާލުވުމަށް ނަމްބަރު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

ފިތުރު އީދާ ދިމާކޮށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަދަދު އިތުރުވުމުން ވެސް އިމިގްރޭޝަނުން ވަނީ ހިދުމަތްދޭ ވަގުތު އިތުރުކޮށްފައެވެ. ސްކޫލް ބޮޑު ބަންދާއި އީދު ބަންދު އަދި އާ އަހަރާ ދިމާކޮށް ދިވެހިން އާންމުކޮށް ރާއްޖެއިން ބޭރަށް ދަތުރުކުރެއެވެ.