އިސްލާމީ ތާރީޚު

މިޒަމާނުގެ ޖުމްހޫރިއްޔަތުގެ އަސާސަކީ އިސްލާމްދީނުގެ ޝޫރާއީ ނިޒާމެވެ. - 19

އަބްދުﷲ ފާރޫގް ހަސަން

(6 ޖޫންގެ އަދަދާ ގުޅޭ)

މިމާތް އާޔަތުން މަފްހޫމު ނެގޭގޮތުން އީމާންކަމުގެ އަހްލުވެރީންގެ ގޮތަކަށްވާނީ އަބަދުވެސް ޙައްޤު ފާޅުކުރުމާއި ޙައްޤުގެ މަގަށް ބާރުއަޅައި ވަކާލާތުކުރަމުން ގެންދިޔުމެވެ. ޙައްޤު ފާޅުކުރުމުގެ މަގަށްއެޅޭ ހުރަސްތަކާއި އުނދަގޫތައް ދަފަރާކޮށް ގިރާކުރުމުގައި އެކަކު އަނެކަކަށް ހިތްވަރުދެމުން ގެންދިޔުމެވެ. އިޙްތިސާބީ މަޙްކަމާގެ މަސްއޫލިއްޔަތަކީ މުންކަރާތްތައް އަޅައިނުފައި ނަހީކުރަމުން ގެންދިޔުމެވެ. ހުސްއެކަނި ރައްޔިތުންގެ ކިބަޔަކުން ނޫނެވެ. ރައްޔިތުންނެކޭ އެއްފަދައިން ތަފާތެއްނެތި ސަރުކާރުން ހިންގާ ކަންކަމަށްވެސް ފާރަވެރިވެ ޖަވާބުދާރީ ކުރުވަމުން ގެންދިޔުމެވެ. ޝަރްޢާ ޚިލާފު ކޮންމެކަމަކާމެދުވެސް ސީދާ އިންޒާރުކޮށް އިޢުތިރާޟުކުރަމުން ގެންދިޔުމެވެ. ސަރުކާރުން ކުރާކަންކަމާމެދު އިޢުތިރާޟުކޮށް ފާޑުކިޔަމުން ގެންދިޔުމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. އިސްލާމީ ސަރުކާރުން ޢާންމު ރައްޔިތުންނާއި ޤައުމުގެ ކަމުވޮށިވެގެންވާ ޚާއްޞުންނަށް ފާޑުކިޔުމުގެ ހުއްދަނުދީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅަމުންގެންދާ ކަމުގައިވާނަމަ އެސަރުކާރަކީ ގޮށްމުށުބާރުން ހިންގާ ސަރުކާރެކެވެ. އަނިޔާވެރި ސަރުކާރެކެވެ. އެފަދަ ސަރުކާރަކަށް އިސްލާމީ ސަރުކާރެކޭ ނުކިޔޭނެއެވެ. އިސްލާމީ ނިޒާމުގެ ސަރުކާރުތަކަކީ ފާޑުކިޔުމުގެ ހުއްދަދޭ ސަރުކާރުތަކެވެ. އެފާޑުކިޔުމަކީ ރަނގަޅު ނޫން އަދި ޙަޤީޤަތާ ޚިލާފު ފާޑުކިޔުމެއް ކަމުގައިވިޔަސް ކެތްތެރިކަމާއެކު ބަރުދާސްތުކުރަމުންގެންދާ ސަރުކާރުތަކެވެ. ފާޑުކީ މީހާއާމެދު ފިޔަވަޅު އަޅައިގެން ނުވާނެއެވެ. ފާޑުކިޔުމުގެ "ކުށުގައި" ވަޒީފާއިން ވަކިކޮށްގެން ނުވާނެއެވެ.

އިޙްތިސާބީ މަޙުކަމާގެ އިތުރަށް ޙާކިމުގެ މަޖްލިސުއްޝޫރާއިންވެސް ޙާކިމު ކަތިފިޔަވަޅެއް އަޅުއްވާތޯ ސަމާލުވެ ބަލަހައްޓާންވާނެއެވެ. ޝަރީޢަތާއި އިންސާފާއި ޤާނޫނާ ޚިލާފަށް ޙާކިމާއަށް އެއްވެސް ފިޔަވަޅެއް އެޅުއްވުނަ ނުދިނުމަށްޓަކައެވެ. އެއްވެސް ރައްޔިތެއްގެ ޙައްޤެއް ޣަޞްބުން ފޭރެވުނަ ނުދިނުމަށްޓަކައެވެ. މިގޮތްގޮތުން ބަލާއިރު އިސްލާމީ ސިޔާސީ ނިޒާމަކީ ޖުމްހޫރީ އަގުތަކުގެ ނަމޫނާއެކެވެ. ޤައުމުގެ ޚާއްޞުންނާއި ކަމުވޮށީންނާއި ޝޫރާގެ މެމްބަރުންނާއި ޢިލްމުވެރީންގެ މަސައްކަތްޕުޅަކަށް ވާންޖެހޭނީ ވެރީން އަޅުއްވާ ކުށްފިޔަވަޅުތަކަށް އެއްބާރުލެއްވުމެއް ނޫނެވެ. ވެރީންގެ އަނިޔާވެރި ޢަމަލުތަކުގައި ބައިވެރިވެވަޑައިގެންނެވުމެއް ނޫނެވެ. ސުނަނު ނަސައީގައިވާ ޙަދީޘުފުޅެއްގައިވެއެވެ.

"އަހަރެންގެ ފަހުން ބައެއްމީހުން ވެރިކަމަށް އަންނާނެއެވެ. އެބައިމީހުން ހަދާ ދޮގަށް ތާއީދުކޮށް އެބައިމީހުންގެ އަނިޔާއަށް އެއްބާރުލުންދޭ މީހުންނަކީ އަހުރެންގެ ބައިވެރީންނެއް ނޫނެވެ. އަހުރެންނަކީ އެބައިމީހުންގެ ތެރެއިންވާ މީހެއް ނޫނެވެ."

أميـــرالمـؤمـنــيـن أبــوبكــر رضـى اللّــه عــنـــه އެކަލޭގެފާނުގެ ޚަލީފާކަމުގެ އިފްތިތާޙީ ތަޤްރީރުގައި ވިދާޅުވެފައިވެއެވެ. "އަހަރެން ރަނގަޅު ރަވައްޔާއެއް އިޚްތިޔާރުކޮށްފި ކަމުގައިވާނަމަ އަހަންނާ އެހީތެރިވެ އެއްބާރުލާށެވެ. ނުރަނގަޅު މަގަކުން ދާކަމުގައިވާނަމަ އެކަން މަނާކޮށް ރަނގަޅު މަގަށް އަޅުވާށެވެ." (ކަންޒުލްޢުއްމާލު، ނަސާއީ)

ކައުސާހިބާ صـلّــى اللّــه عـلـيــه وسـلّـــم ގެ ޙަދީޘުފުޅެއްގައިވަނީ ދީނަކީ ހެޔޮއެދުން (ނަސޭހަތް) ކަމުގައި ތަޢުބީރު ކުރައްވައިފައެވެ. މިދެންނެވި ހެޔޮއެދުން ޢާންމު މުސްލިމުންނާ މެދުވެސް އެދެވިދާނެއެވެ. އިސްލާމީ ޤައުމުތަކުގެ ވެރީންނާ މެދުވެސް އެދެވިދާނެއެވެ. މުސްލިމުންގެ ކަމުވޮށިގެންވާ ބޭކަލުންނާއި މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންނާމެދުވެސް އެދެވިދާނެއެވެ. ހެޔޮއެދުމުގެ މި މަސައްކަތް ބައެއްފަހަރަށް މީހަކާއެކު އެކަހެރިވެހުރެ މަޑުމައިތިރިކަމާއެކު ވިސްނައިދީގެންވެސް ކުރެވިދާނެއެވެ. ބައެއްފަހަރަށް ފާޅުގައި އިޙްތިސާބުކުރުމުގެ ސިފައިގައިވެސް ކުރެވިދާނެއެވެ. ބައެއްފަހަރަށް އެކަމަކީ މުސްލިމުންގެ ވިސްނުން ބައްޓަންކުރުމެވެ. އަނެއްބައިފަހަރަށް އެކަމަކީ މުސްލިމުން ހޭލުންތެރި ކުރުވުމެވެ. އެކަމަށްޓަކައި ބައެއްފަހަރަށް އިޙްތިޖާޖަށް ނުކުތުމުގެ މަގުވެސް ޚިޔާރު ކުރެވިދާނެއެވެ. ޝައްކެއްނެތެވެ. މުންކަރާތްތަކާމެދު ހައްޕު ކިޔުމަކީ ކުށެކެވެ. ތައްބެއްދުމަކީ ފާފައެކެވެ. އެކަމަކު މުންކަރާތް ނައްތައިލައި އިޞްލާޙުކުރުމުގައި ޢަމަލުކުރާންވީ ގޮތަކާ ގުޅެނީ ޙިކުމަތު ޢަމަލީއާއެވެ. ޙާލަތު ނިޔާކުރާ ގޮތަކާއެވެ. ޞަރީޙުކޮށް ކަނޑައެޅިފައިވާގޮތަކީ ވެރިޔެއްގެ ނާއިންސާފާއި އަނިޔާއާ ބައިވެރިނުވުމެވެ. މިއީ އިޖްތިހާދީ މައްސަލައެކެވެ. ޖުމުލަގޮތެއްގައި މުސްލިމުންނަށް އަމުރުވެވިގެންވަނީ ވެރިމީހާއަށް ކިޔަމަންވުމަށެވެ. އެކަމަކު ޚާލިޤުގެ އަމުރުފުޅުގެ ދާއިރާއިން ބޭރުވެވަޑައިގެންފައިވާ އަމީރަކަށް ކިޔަމަންވުމެއްނެތެވެ. މަޞްލަޙަތާ ޚިލާފު ދީނާ ޚިލާފު ކަމަކަށް ވެރިޔަކު އަމުރުކުރެއްވި ކަމުގައިވިޔަސް ބޯލެނބުމެއްނެތެވެ.

أميـــرالمـؤمـنــيـن عـمــر رضـى اللّــه عــنـــه އެއްފަހަރަކު ރައްޔިތުންނާ ސުވާލު ކުރެއްވިއެވެ. "އަހަރެންގެ ކިބައިގައި ގުދުކަމެއް (ސީދާމަގުން އެއްކިބާވެވަޑައިގެންނެވުމެއް) ހުއްޓައި ތިޔަބައިމީހުންނަށް ފެނިއްޖެކަމުގައިވާނަމަ ތިޔަބައިމީހުން ހަދާނީ ކިހިނަކުންހެއްޔެވެ؟" ޞަޙާބީންގެ ތެރެއިން ބޭކަލެއް ތެދުވެވަޑައިގެން ޖަވާބު ދެއްވިއެވެ. "އަޅުގަނޑުމެންގެ ކަނޑިތަކުން ކަލޭގެފާނު ސީދާކޮށްލާނޫއެވެ." عـمــر ގެފާނު ވިދާޅުވިއެވެ. "މާތް اللّــه އަށް ޝުކުރު ހުއްޓެވެ. އެކަލާނގެއީ އަހަރެން ރައްޔިތުންގެ ތެރޭގައި ކަނޑީގެ މިޔައިން އަހަރެން ސީދާކޮށްލައްވާނެ ބޭކަލުންވެސް ލެއްވި ރަސްކަލާނގެއެވެ. (އަލްޢަދާލަތުލް އިޖްތިމާޢިއްޔާ - ސައްޔިދު ޤުޠުބު)

عـمــر رضـى اللّــه عــنـــه އެއްފަހަރަކު ކާވެނީގެ ރަނުގެ ޢަދަދު ވަކި ހައްދެއްގެ ތެރޭގައި ހަމަޖައްސަވަން ވާހަކަފުޅު ދެއްކެވިއެވެ. މާމަތީޢަދަދުތަކަށް ރަންކިޔަމުންދާތީއެވެ. عـمــر ގެފާނުގެ ބޭނުންފުޅުވީ ކާވެނީގެ ރަނުގެ ޢަދަދު ކުޑަކުރައްވާށެވެ. އެވަގުތު ޞަޙާބީ ބޭކަނބަލެއް ތެދުވެވަޑައިގެން عـمــر ގެފާނު މިންބަރުކޮޅުގައި ހުންނަވަނިކޮށް عـمــر ގެފާނާ ދިމާޔަށް މޮށްޓެވިއެވެ. ވިދާޅުވިއެވެ. އަރަހުށި މާތް اللّــه ކީރަނުގެ ޢަދަދު މަޙްދޫދު ކުރައްވައިފައި ނުވާއިރު ކީރަނުގެ ޢަދަދު މަޙްދޫދު ކުރައްވަން عـمــر އަށް ލިބިވަޑައިގެންފައިވަނީ ކޮން ޙައްޤެއް ހެއްޔެވެ؟" عـمــر ގެފާނަށް އެ އިޢުތިރާޟުގެ ވާހަކަފުޅު އިވިވަޑައިގެންނެވުމުން ވިދާޅުވިއެވެ. "އަންހެނަކު އެބުނީ ތެދުބަހެކެވެ. ފިރިހެނަކު ބުނެފައިވަނީ ކުށްބަހެކެވެ." (ތަފްސީރު އިބްނު ކަޘީރު)

ألإمـــام إبـــن تـيــمـيّــه ގެ މަޝްހޫރު މަސްލަކަކީ ވެރީންނާ ދެކޮޅަށް ނުކުތުން ރަނގަޅު ނޫންކަމެވެ. ވެރިޔާގެ ފަރާތުން އަނިޔާ ލިބެމުން ދިޔަކަމުގައިވިޔަސްވެހެވެ. ނަމަވެސް އިމާމުގެ މައުޤިފަކީ أميـــرالمـؤمـنــيـن ނުވަތަ خـلـيفـــة المـسـلمـين ގެ ހައިސިއްޔަތު ލިބިވަޑައިގެންފައިވާ ވެރީންނާމެދު ޢަމަލުކުރާންޖެހޭ މައުޤިފެކެވެ. އެ މައުޤިފު ޞައްޙަ މައުޤިފަކަށްވާނީ ޖުމުލަގޮތެއްގައި އިސްލާމީ ޝަރީޢަތް ތަންފީޒުވަމުން ދާނަމައެވެ. އިސްލާމްދީނާ ޚިލާފު ޤާނޫނުތަކަށް ޢަމަލުކުރެވެމުން ނުދާހައި ހިނދަކުގައެވެ. އިސްލާމްދީން ޙިމާޔަތްކުރެވި ރިސާލަތުގެ ނާމޫސުގެ ޢިއްޒަތާއި ޙުރުމަތް ނެގެހެއްޓެމުންދާހައި ހިނދަކުގައެވެ. އިމާމުގެ މުރާދަކީ ހުޅަނގުގެ ތަހްޒީބަށް ހިތް ދެއްވައިގެން ތިއްބަވާ ޣައިރު އިސްލާމީ ވިސްނުންފުޅުގެ ސެކިއުލަރ ވެރީންނާ ދެކޮޅުނެހެއްދެވުމެއް ނޫނެވެ.

ސުންނަތް ޖަމާޢަތުގެ ހަތަރު މަޒުހަބުގެ އިމާމުންވަނީ އެބޭކަލުންގެ ޒަމާނުގައި އިސްވެދެންނެވި ގިއުގަނޑުގެ ތެރޭގައި ތެދުވެވަޑައިގެންނެވި ފަރާތްތަކަށް ހިތްވަރުދެއްވައިފައެވެ. ދީނީ ޙުރުމަތް ޤާއިމު ނުކުރައްވާ ވެރީންނާ ދެކޮޅަށް ކުރެވުނު ބަޣާވާތްތަކަށް އެހީތެރިވެދެއްވައިފައެވެ. އެހެންކަމުން މިޒަމާނުގައި ނަމުން މުސްލިމު ފާސިޤު އަދި ފާޖިރު ޑިކްޓޭޓަރުންނާ ދެކޮޅަށް ނުކުތުމަކީ ކުށެކޭ ނުބުނެވޭނެއެވެ. އަމީރުން ޢަސްކަރީ ބާރުގައި ހިތްޕުޅަށް އެރިހައިކަމެއް ކުރައްވަމުން ގެންދަވާއިރު އަޅައިނުލައި ނުފެންނަކަމަށް ހެދިގެން ދޫކޮށްލައިގެން ތިބުމަކީ އިސްލާމްދީނުގެ މައުޤިފެއް ނޫނެވެ. އިންސާނީ ތާރީޚުގައި މުންކަރާތް ނަހީކުރުމަށާއި ހެޔޮކަންކަމަށް އަމުރުކުރުމަށް އެންމެބޮޑަށް ބާރުއެޅި ދީނުގެ މައުޤިފަކީ އެއީކަމަކަށެއް ހަމަހިލާ ވެގެންނުވާނެއެވެ. އެންމެމާތް ޖިހާދަކީ އަނިޔާވެރި ވެރިޔެއްގެ ކުރިފުޅުމަތީގައި ޙައްޤު ބަހެއް ބުނެލުންކަމުގައި ޤަރާރުކޮށްފައިވާ ދީނުގެ މައުޤިފު ކަމުގައެއް ނުވާނެއެވެ. އަނިޔާވެރި ފާސިޤު ޙާކިމަކު ވެރިކަމުން ބާލައި ޢަދުލުވެރި ޞާލިޙު ވެރިޔަކު އިސްކުރެވުމުގެ އެކަށޭނަކަން ފުރިހަމަޔަށް އޮވެފައި ވަސީލަތްތައްވެސް ތަނަވަސްވެފައިވާނަމަ އެދިމާޔަށް ހިނގައިގަތުން ޞައްޙަވާނެއެވެ. އެކަމަކު ވިސްނައިވަޑައިގަންނަވާށެވެ. އާދެ މިއީ އިޖްތިހާދު ކުރައްވަންޖެހޭ ޒާތުގެ މައްސަލައެކެވެ. ޙާލަތަށް ވިސްނައިވަޑައިގެން ވަކިގޮތެއް ނިންމެވުމަކީ އުންމަތުގެ ޢާލިމުންނާއި ކަމުވޮށީންނާއި މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންގެ ސިންތާއިން ކުރައްވާން ޖެހިވަޑައިގަންނަވާނެ ކަމެކެވެ. ހިތަށްއެރި ކޮންމެ މީހަކު ހިތުހުރިގޮތަކަށް ހަތިޔާރު ހިފައިގެން ނުކުމެ ނޭފަތުކުރި ހުރިދިމާޔަކަށް ތަނެއްދޮރެއް ބަލައިލުމެއްނެތި ދުއްވައިގަންނާންވީ ކަމެއްނޫނެވެ.

ހަނދުމަފުޅުގައި ބަހައްޓަވާށެވެ. އަނިޔާކުރެއްވި ކަމުގައިވިޔަސް އެބަޔަކަށް ކިޔަމަންވާން އިރްޝާދު އައިސްފައިވާ އަމީރުންނަކީ އިސްލާމީ ޝަރީޢަތް ތަންފީޒުކުރައްވާ ވެރީންނެވެ. އިސްލާމްދީނުގެ ނާމޫސު މަތިވެރިކުރެވޭ ދައުލަތްތަކުގެ އަމީރުންނެވެ. ألإمـــام إبـــن تـيــمـيّــه رحـمــه اللّــه ގެ މައުޤިފަކީ އިސްލާމީ ޤާނޫނުތައް އެއްގޮތަކަށްވެސް ތަންފީޒުނުކުރާ، ބާޠިލާއި ޣައިރުއިސްލާމީ ނަޒަރިއްޔާތަކުގެ އަސީރުންކަމުގައި ވެވަޑައިގެންފައިވާ އަމީރުން ޙިމާޔަތްކުރެއްވުމެއް ނޫނެވެ. ބާޠިލު ޙިމާޔަތްކުރައްވައި ފާސިޤުކަމާއި ފާޖިރުކަން ޢާންމުކުރައްވައި ފާޙިޝްކަމާއި ލަދުޙަޔާތްކުޑަކަމުގެ އައްޑާތައް ޤައުމުގައި ޤާއިމުކުރައްވާ ވެރީން ދިފާޢުކުރެއްވުމެއް ނޫނެވެ. އިސްލާމީ ތަންޒީމުތަކަކީ ނިރުބަވެރީންކަމުގައި ލޭބަލްކުރައްވައި ޤައުމާއި ދީނުގެ ދުޝްމިނުންގެ ހަތިޔާރެއްކަމުގައި ވެވަޑައިގެން މަސައްކަތްކުރައްވާ ވެރީންގެ ބުރަކަށިފުޅު ޙިމާޔަތްކުރައްވަމުން ގެންދެވުމެއް ނޫނެވެ.

އިސްލާމްދީނުގެ ސިޔާސީ ނިޒާމާބެހޭ މުހިންމު އިރްޝާދުތަކެއް

އިސްލާމްދީނުގެ ސިޔާސީ ނިޒާމާ ބެހޭގޮތުން މުހިންމު މާނަތަކެއް ނެރެވޭ އެއްއާޔަތަކީ ކީރިތި ޤުރްއާނުގެ ســورة الـنّسـاء ގެ 59 ވަނަ އާޔަތެވެ. އެއާޔަތުގެ މާނައިގައިވެއެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، اللّــه އަށް ކިޔަމަންވާށެވެ. އަދި ރަސޫލާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރީންނަށްވެސް ކިޔަމަންވާށެވެ! ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، اللّــه އަށާއި ރަސޫލާއަށް އެކަމެއް ހުށަހަޅާށެވެ! (އެބަހީ: އެކަމަކާމެދު اللّــه އާއި އެކަލާނގެ ރަސޫލާގެ ޙުކުމާ އޮތްގޮތެއް ބަލައި އެގޮތަށް ޢަމަލުކުރާށެވެ!) ތިޔަބައިމީހުން، اللّــه އަށާއި، އާޚިރަތްދުވަހަށް އީމާންވާކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި ނިމުމެއްގެގޮތުން ރީތިކަންވެސް ބޮޑުމެއެވެ."

މިމާތް އާޔަތަށް ވިސްނައިލުމުން އިސްލާމީ ދައުލަތާއި ސިޔާސަތާ ބެހޭގޮތުން މިދަންނަވާ ކަންތައް އިސްތިންބާޠު ކުރެވެއެވެ.

1. އެންމެ އިސްކަމަކީ اللّــه އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވުމެވެ.

2. أُولـِـى الأَمْــــــرُ ންނަށް ކިޔަމަންވާންޖެހޭނީ اللّــه އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވުމުގެ ޟިމްނީކަމެއްގެ ގޮތުގައެވެ. އަމީރުން މާތް اللّــه އަށާއި ރަސޫލާއަށް ކިޔަމަންވެވަޑައިނުގަންނަވާހައިހިނދަކު އަމީރުންނަށް ކިޔަމަންވުމެއްނެތެވެ.

3. أُولـِـى الأَمْــــــرُ ންނަށް ކިޔަމަންވާންޖެހޭނީ އެބޭފުޅުންނަކީ އީމާންކަމުގެ އަހްލުވެރީންގެ ތެރެއިންވާ ބަޔަކުކަމުގައި ވާނަމައެވެ. "مِـنْــكُــــــمْ" މިބަސްފުޅުން ޝަރަޙަކުރެވެނީ އެމާނައެވެ. އީމާންކަމުގެ އަހްލުވެރީންގެ ޒަރީޢާއިން އިންތިޚާބުވެފައިވާ އަމީރަކު ކަމުގައިވާނަމައެވެ. "مِـنْــكُــــــمْ" މިބަސްފުޅަކީ ނުހަނު ފުން މާނަތަކެއް އެކުލެވިފައިވާ ބަސްފުޅެކެވެ. އާދެ، އަމީރުންނަކީ އަމިއްލަފުޅަށް މުއުމިނުންގެ ކޮނޑަށް ސަވާރުވެވަޑައިގެންނެވޭނެ ބޭފުޅުންނެއް ނޫނެވެ. މުސްލިމުންގެ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީން އިންތިޚާބު ނުކުރައްވާ އަމީރުން ހިމެނިވަޑައިގަންނަވާނީ ހުސްއެކަނި أُولـِـى الأَمْــــــرُ ން ކަމުގައެވެ. "أُولـِـى الأَمْــــــرِ مِـنْــكُــــــمْ" ކަމުގައި ވެވަޑައެއް ނުގަންނަވާނެއެވެ.

4. فَـإِنْ تَــنَـــازَعُـــتُـــــــمْ فِــئ شَـــىْءٍ މިބަސްފުޅުން އެނގެނީ أُولـِـى الأَمْــــــرُ ންނާވެސް އަދި ސަރުކާރާވެސް ދެބަސްވެ ދެކޮޅަށް ބަހުސުކުރުމުގެ ޙައްޤު، އީމާންކަމުގެ އަހްލުވެރީންނަށް ލިބިގެންވާކަމެވެ. ޝައްކެއްނެތެވެ. އެންމެފަހުގެ ގޮތްނިންމުމަށްޓަކައި ރުޖޫޢަވާންޖެހޭނީ މާތް اللّــه ގެ ފޮތަށާއި އެކަލާނގެ ރަސޫލާގެ ސުންނަތަށެވެ.

5. މިމާތް އާޔަތުގައިވަނީ މާތް اللّــه އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވާން އަމުރުކުރައްވައިފައެވެ. ހަމައެފަދައިން ކައުސާހިބާ صـلّــى اللّــه عـلـيــه وسـلّـــم ވަނީ الخــلفــاء الــرّاشــدون އަށް ކިޔަމަންވާން އަމުރުކުރައްވައިފައެވެ. އެހެންކަމުން الخــلفــاء الــرّاشــدون އަށް ކިޔަމަންވުންވެސް ވަނީ ރަސޫލާއަށް ކިޔަމަންވުމާ ގުޅިފައެވެ.

އިސްލާމްދީނުގެ އިޖްތިމާޢީ ނިޒާމުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން - ބައެއް މިސާލުތައް

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ސަރުކާރަށް ތަންޤީދުކޮށް ސަރުކާރުންކުރާ ކަންކަމަށް އިޢުތިރާޟުކުރުމުގެ ވަރަށްގިނަ މިސާލުތައް އިސްލާމީ ތާރީޚުގެ ޞަފުޙާތަކުން ފެންނާން އެބަހުއްޓެވެ. ރަންފެންކޮށްގެން ރިހިފަތްތަކުގައި ލިޔުން އެކަށީގެންވާފަދަ އެތަކެއް ހާދިސާތަކެއްވެސް މިރޮނގުން ފާހަގަކުރެވެއެވެ. إمــام أبـــو يــوسف އެކަލޭގެފާނުގެ ކިތާބުލްޚަރާޖުގައި ލިޔުއްވައިފައިވެއެވެ. أميـــرالمـؤمـنــيـن عـمــر بـــن الخطّــاب رضـى اللّــه عــنـــه ގެ މަޖިލީހެއްގައި ކޮންމެވެސް މީހެއް ތަކުރާރުކޮށް عـمــر ގެފާނަށް ދެންނެވިއެވެ. "އޭ عـمــر އެވެ! اللّــه އަށް ބިރުވެތިވެވަޑައިގަންނަވާށެވެ!" އެމީހާ ތަކުރާރުކޮށް އެހެން ބުނަންފެށުމުން ކޮންމެވެސް އެހެންމީހެއް ތެދުވެ އެކަން މަނާކުރާންވެގެން ވާހަކަ ދައްކާންފެށިއެވެ. އެހެން ބުނިމީހާއާ ދިމާޔަށް އެއްޗެހިކިޔާން ފެށިއެވެ. عـمــر ގެފާނު އެކަން މަނާކުރާން އުޅުނު މީހާއަށް ވިދާޅުވިއެވެ.

(ނުނިމޭ)