ތެލުގެ އަގު އުފުލި، މަހަށް ދިއުމަށް ކުރަން ޖެހޭ ހަރަދުތައް ބޮޑުވެފައިވާތީ ސަރުކާރުން ތެލުގެ ސަބްސިޑީ އިތުރުކޮށްދޭން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން މިއަދު ގޮވާލައިފިއެވެ.
ބީކޭއެމްޔޫގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ޓެގުކުރައްވައި، ކުރި ޓުވީޓުގައި ވަނީ މަސްވެރިންނަކީ ސިޔާސީ އައްޑަނައަކަށް ނުހަދައި މަސްވެރިކަމުގެ ސިނާއަތަށް އަޅާލުމަށް ގޮވާލައިފައެވެ.
"ތެލުގެ އަގު އިންތިހާއަށް އުފުލިއްޖެ. ދޯނިފަހަރު މަހަށް ފުރަން ބިރު ބޮޑުވެއްޖެ. މަސްވެރިންނަކީ ސިޔާސީ އައްޑަނައަކަށް ނުހައްދަވާ. މި ސިނާއަތަށް އަޅާލުން މުހިންމު. ތެލުގެ ސަބްސިޑީ އިތުރު ކޮށްދެއްވަން ގޮވާލަން،" ބީކޭއެމްޔޫގެ ޓުވީޓުގައިވެއެވެ.
މަސްވެރިން ވަނީ، ސަރުކާރުން ކަނޑައަޅާފައިވާ ޑިސްކައުންޓު ރޭޓުގައި ރާއްޖޭގެ ހުރިހާ މަސްވެރިންނަށް ޑީސަލް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ. މި ރޭޓުގައި ޑީސަލް ގަންނަން ލިބެނީ މިފްކޯގެ ކާރުހާނާތައް ހުންނަ ފެލިވަރާއި ކޫއްޑޫން އެކަންޏެވެ.
މާލެ ސަރަހައްދުން މިވަގުތު ޑީސަލް ލީޓަރެއް ލިބެން ހުރީ 18 ރުފިޔާ އަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު