ކޮޓަރީގައި އޮވެފައި ރިންދާ ބޭރަށް ނުކުތީ ދެތިންފަހަރު ނަހާ ގޮވާލި އަޑު އިވިފައެވެ. ބޮޑުކޮޓަރީގައި ނަހާ ފެންނަން ނެތެވެ ހުރިހާ ތަނެއް ބަލަމުން ދަނިކޮށް ރިންދާއަށް ނަހާ ފެނުނީ ގޯތިތެރޭގައި ހުރި ޖޯލިފަތީގައި ނަހާ އިންދައެވެ.

"މަންމަ ގޮވާލިން ދޯ" ރިންދާ ބުންޏެވެ.

"އައިސްބަލަ ދަރިފުޅު" ނަހާ ބުންޏެވެ. މަޑުމަޑުން ހިނގާފައި އައި ރިންދާ ޖޯލިފަތި ކައިރީގައި ހުއްޓުމާއެކު ނަހާ އާ ޖެހިގެން އިން ޝާހްބާޒް ތެދުވެފައި ޖެހިގެން ހުރި ޖޯލީގައި އިށީނެވެ. ރިންދާ އިށީންނަން ތަން ދެއްކީކަން އެނގުނީ އެ ޖޯއްޔަށް ނަހާ އިޝާރާތްކޮށްލުމުންނެވެ. ރިންދާ އެޖޯލީގައި އިށީނެވެ. މަންމަ އާއި ބޭބެ ދައްކަން އުޅޭ ވާހަކައެއް ނޭނގޭތީ ރިންދާ ކަންބޮޑުވާގޮތް ވިއެވެ.

"މަންމަ ވާހަކައެއް ދައްކަންވެގެން" ނަހާ ބުންޏެވެ. ރިންދާ ނަހާއަށް ބަލައިލިއެވެ. ދެން ބޯޖަހާލިއެވެ.

"ރިދާ ބޭނުންވަނީ ކޮންގޮތެއްތަ؟" ނަހާ ކުރި ސުވާލާއެކު ހައިރާންކަމާއެކު މަންމަގެ މޫނަށް ރިންދާ ބަލައިލިއެވެ.

"މަންމަ މިބުނީ ކިޔަވަންހޭ ނޫނީ ވަޒީފާއަކަށް ދާންހޭ" ނަހާ އެހިއެވެ.

"ކިޔަވާކަށް ބޭނުމެއްނޫން" ރިންދާ ބުންޏެވެ. ނަހާ ޝާހްބާޒްގެ މޫނަށް ބަލައިލިއެވެ.

"ކީއްވެ؟ އަދި ދަރިފުޅަށް ވީ އެންމެ ބާވީސް އަހަރު" ނަހާ ބުންޏެވެ.

"ކިޔަވާނަން. އެކަމަކު އަދި ނުވޭ" ރިންދާ ބުންޏެވެ.

"އެހެންވިއްޔާ ވަޒީފާއަކަށް ދާންވީނުން" ނަހާ ބުންޏެވެ. "މަންމަ އެހެން މިބުނީ ރިދާ އަބަދު ތިހެން ގޭގަ އިންނާތީ. ވިސްނުމާއި ފިކުރުތަކުން ދުރުހެލިވެވޭނީވެސް މީހުންގެ ތެރެއަށް ނުކުމެ އުޅުނީމަ"

"ވަޒީފާއަކީ ބޭނުންވީމަ ލިބޭ އެއްޗެއް ނޫނޭ މަންމާ. ތަންތަނަށް ހުށަހަޅަން ޖެހޭނީ. އެކަންވެސް ކުރާނަން" ރިންދާ ބުންޏެވެ. ވަޒީފާއެއް އަދާކުރުމާމެދު ނަހާ ނުބުންޏަސް ރިންދާ އައީ ވިސްނަމުންނެވެ.

"އެބަ އޮތް ގޮތެއް. ރިދާ ބޭނުމިއްޔާ ބައްޕަގެ އޮފީހަށް އާދޭ" ޝާހްބާޒް ބުންޏެވެ. ރިންދާ ޝާހްބާޒްގެ މޫނަށް ބަލައިލިއެވެ. އެ ބެލުމުގައި ބީރައްޓެހިގޮތެއް ހުރިހެން ހީވެ ބުނެވުނު ބަސް ރަނގަޅުކުރަން ޝާހްބާޒް މަސައްކަތް ކުރިއެވެ.

"މިބުނީ ފެމެލީ ކުއްޖެއް ގޮތަށް ނޫން. ރިދާގެ ފެންވަރަށް ބަލާފައި ވަޒީފާ ދޭނީ. އުޅޭނީ ހަމަ އެހެން މުވައްޒަފުން އުޅޭހެން. އެތަނުގެ ވެރިޔަކީ ބޭބެ ވިޔަސް ސީއީއޯ އަކީ ސަލީމް. ރިދާ މަސައްކަތް ކުރާނީ ސަލީމްގެ ދަށުން. އެހެންނޫނަސް ހުސްވެފައި ހުރި މަގާމްތަކަށް ކުދިން ހޯދަން ހުޅުވާލައިގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ. މާދަމާއަށް މުއްދަތު ހަމަވާނެ"

ޝާހްބާޒް އެ ހުރިހާ ވާހަކަތަކެއް ދެއްކިއިރުވެސް ރިންދާ ޖަވާބެއް ނުދީ އިނެވެ. އިސްއުފުލާލީ ރިންދާގެ އަތްތިލައިގައި ނަހާ ހިފަހައްޓާލުމުންނެވެ.

"ރިދާ ބޭނުންވާ ތަނަކުން ވަޒީފާ ލިބެންދެން އަޔަސް އެންމެ ރަނގަޅު. އެއްވެސް މަޖުބޫރުކަމެއް ނެތް" ޝާހްބާޒް ބުންޏެވެ.

"ވިސްނާނަން" ރިންދާ ބުންޏެވެ.

******************

ވިލިނީއަށް ބަރަކް ފެނުމުން ނޭނގުނަސް ބަރަކްއަށް ވިލިނީ ފެނުމާއެކު އެނގުނެވެ. ޓެކްސީ ޑްރައިވަރު ކައިރީގައި ބުނެލާފައި ބަރަކް ހިނގާލާފައި ގޮސް ވިލިނީ އާ ދާދި ކައިރީގައި ހުއްޓުނެވެ. ބަރަކްއަށް ބަލައިލާފައިވެސް ވިލިނީ އެއްޗެކޭ ނުބުނުމުން ބަރަކް ތުނބުން ފުމެލިއެވެ. އެއާއެކު ހިތްހަމަނުޖެހިފައި ވިލިނީ ބަރަކްއަށް ނަޒަރެއް ދިނެވެ.

"މާ ފާޑަކަށް ތިބަލަނީ އޯ" ބަރަކް ބުންޏެވެ. ތުން އަނބުރާލާފައި ވިލިނީ ބަހެއް ނުކިއިއެވެ.

"ހިނގާ ދާން. މަންމަ ހުރީ ލަސްވެފަ" ބަރަކް ބުންޏެވެ. އެއީ ބަރަކް ކަން ވިލިނީއަށް އެނގުނީ ދެނެވެ.

"މިއީ ދޯ އެއްކަލަ ޕޮލިސް ކުއްޖާ..." އަނގައިން ދެރަނުވާންވެގެން ވިލިނީ ބުންޏެވެ. ވިލިނީގެ ފޮށި ހިފައިގެން ކުރީގައި ހުރެ ބަރަކް ހިނގައިގަތުމުން ވިލިނީ އާ ނުލަފާ ސަމާސާއެއް ބަރަކް ކުރީތީ ބުރަކަށީގައި ޖަހާލިއެވެ.

************

ގޭތެރެއަށް ވިލިނީ ވަނުމާއެކު ދުވެފައި އައި ރޫބިޔާ ވިލިނީގެ ގައިގައި ބައްދާލައިފިއެވެ. އެހާ ދުވަސްފަހުން ބޮޑޫ ފެނުމުން ވިލިނީ ހުރީ ނުހަނު އުފަލުންނެވެ.

"ވަރަށް ބަނޑުހައި. ކޯޗެއް ކާންހުރީ" ވިލިނީ ބުންޏެވެ.

ރޫބިޔާގެ މޫޑު ހަރާބުވިއެވެ. ބޮލެއްގައި ރިއްސާތީ ކަމަށް ބުނެ ރޫބިޔާ ބަދިގެއަށް ނުވަދެއެވެ. އަޔާލް ކައްކާފައި ހުރި ކާއެއްޗެއްސާ ހަމައަށް އަދި އޭނާ އެ އުޅެނީ ނުދެވިގެންނެވެ.

"ނީއްތައަށް ތިއާދެވުނީ ނުބައި ގެޔަކަށް. މަންމަ އެއީ ކައްކައިގެން ކާ މީހެއް ނޫން" ދުރުގައި ހުރި ބަރަކް ބުންޏެވެ. ވިލިނީ ދެލޯ ބޮޑުކޮށްލާފައި ރޫބިޔާއަށް ބަލައިލިއެވެ.

"އެއީ ދޮގެއް. ހިނގާ މިރޭ ނޫޑްލްސް ކައްކަމާ" ރޫބިޔާ ބުންޏެވެ.

"ބަރަކް ކާނަންތަ؟" ވިލިނީ އެހިއެވެ. ބަރަކް ކާން އެއްބަސްވެއްޖިއްޔާ ފިހާރައަށް ނޫޑްލްސް ގަންނަން ފޮނުވުމަކީ ވިލިނީގެ މަގުސަދެވެ.

"ނުކާނަން. ދޮންބެ އެބަހުރި މަސް ފިހެފަ" ބަރަކް ބުންޏެވެ.

"ދޮންބެ..." އަޔާލް އަދި އަލަށްވެސް ވިލިނީއަށް ނުފެނެއެވެ.

"އާނ... އެއީ މިގޭ ދައްޖާލު" ރޫބިޔާ ބުންޏެވެ.

އެވަގުތު އެއީ ކޮޓަރީގައި އޮތް އަޔާލް ފެން އަޅާ ހުސްފުޅި ހިފައިގެން ނުކުތް ވަގުތެވެ. ރޫބިޔާގެ ޖުމްލަ އަޔާލްއަށް އިވުނު ކަމެއް ނުވަތަ ނީވޭކަމެއް ރޫބިޔާއަށް ޔަގީން ނުވިއެވެ. ވިލިނީގެ އަތުގައި ހިފައިގެން ކޮޓަރި އާ ދިމާލަށް ދިޔައީ އަޔާލްގެ ރުޅިގަނޑު ހިލިދާނެކަމަށް ހީކޮށްފައެވެ.

*************

ޝާހްބާޒް ގޮނޑީގައި އިށީނުމާއެކު ނަހާ އަވަސްވެގަތީ ފިރިމީހާއަށް ނާޝްތާ ގާތްކޮށްދިނުމަށެވެ. ފަތިސްނަމާދަށްފަހު ހޭލާ އުޅުނު ރިންދާ ކޮޓަރިއަށް ވަނީ ނާޝްތާ ތައްޔާރު ކުރުމުގައި ނަހާއާއެކު ބަދިގޭގައި އުޅެފައެވެ.

"ރިދާ ފަހުން ޖަވާބެއް ދިންތަ؟" ޝާހްބާޒް އެހިއެވެ. ނަހާ ދެފަރާތަށް ބޯހޫރާލާފައި ޕާން ފޮތީގައި ޖޭމް ހާކަމުން ދިޔައެވެ.

ކުއްލިއަކަށް ދެމިފިރިންނަށް ހައިރާންކަމެއް ލިބުނީ ކޮޓަރިން ނުކުމެގެން އައިސް މޭޒުކައިރީގައި އިށީން ރިންދާ ފެނިފައެވެ.

ކަނޑު ނޫކުލައިގެ އޮފީސް ހެދުމުގައި ރިންދާ ތަފާތެވެ. ކަށިމައްޗާ ހަމައަށް އަރާ ހެދުން ހުރީ ކަކުލު ހުޅުން ކުޑަތަންކޮޅެއް މައްޗާ ހަމައަށް އަރާ ވަރަށް ދެފަރާތުން ފަޅާފައެވެ. ހަމަ އެކުލައިގެ ފައިކުރި ފުޅާ ހަރުވާޅުގައި ކުޑަ ކައްޓެއް ލާފައިވާ ކަޅު ބޫޓަކަށް އަރައިފައެވެ. ރިންދާގެ ދިގު އިސްތަށިގަނޑު ހުރީ އެއްކޮށް މައްޗަށް ނަގާ އައްސައިފައެވެ.

"ހީވީ ރަނީން ކުރިމަތިން ފެނުނުހެން" ނަހާއަށް ބުނެވުނެވެ. ދެލޮލުން ނީރާލި ކަރުނަތިކި ފޮހެލާފައި ނަހާ ރިންދާގެ ގާތަށް ޖެހިލިއެވެ.

"ވަޒީފާއެއް ހަމަޖެހުނީތަ؟ ކީއްވެ މަންމަ ކައިރީގައި ނުބުނީ" ރިންދާގެ ބުރަކަށީގައި ފިރުމާލަމުން ނަހާ ބުންޏެވެ.

"ބޭބެގެ އޮފީހުން އަޅުގަނޑާ ގުޅޭ ވަޒީފާއެއް ހަމަޖެހޭނޭ ބުނީމަ ދާން ކަމަށް" ނަހާ ނޮޅާފައި ދިއްކޮށްލި ކުކުޅު ބިހުގައި ހިފަމުން ރިންދާ ބުންޏެވެ. ޝާހްބާޒްގެ ބަސް ރިންދާ ގަބޫލުކުރީތީ ޝާހްބާޒަށް ހިނިތުންވެވުނެވެ.

"މަންމަ އެދެނީ ދަރިފުޅަށް ކާމިޔާބީއަށް" ނަހާ ބުންޏެވެ.

**************

ހެނދުނު އޮފީހަށް އައުމުގެ ކުރިން އަބަދުވެސް ނަހީކް ނާޝްތާ ކަންތައް ނިންމަނީ ގެއިންނެވެ. އޮފީހަށް އައިސް ވަތްތަނާ މުޝްތާގު އެދިގެން ކައިރީގައި ހުރި ކެފޭއަކަށް ދިޔައެވެ. އާންމުގޮތެއްގައި ނަހީކް ކޮށްއުޅޭ ކަމެއް ނޫނަސް މުޝްތާގު އެދުމުން ދެކޮޅަށް އެއްޗެއް ބުނަން ނަހީކް ބޭނުމެއް ނުވިއެވެ.

ކޮފީއަށް އޯޑަރުކޮށްފައި ދެ ރަހުމަތްތެރިން ކުންފުޏާ ގުޅޭ މުހިންމު ވާހަކަތަކެއް ދައްކަން ވަގުތުކޮޅެއް ހޭދަކުރިއެވެ. ކުއްލިއަކަށް ނަހީކްގެ ދެލޯ ހުއްޓުނީ ކެފޭއަށް ވަދެގެން އައި އަންހެންކުއްޖާ ފެނިފައެވެ. ހިތުން ކިޔާލި ނަން ދެތުންފަތް ދޭތެރެއިން ފާޅުވެގެން ދިޔައީ ބޭއިހުތިޔާރުގައެވެ. ނަހީކަށް އައި ބަދަލު ކުރިމަތީގައި އިން މުޝްތާގަށް ފާހަގަވެދާނެތީ ނަހީކް އިނީ އެވަރު ވިސްނައިގެންނެވެ. އެއްވެސް ދިމާލަކަށް މޫނު އަނބުރާނުލައި ކުރިމަތީގައި އިން ރިންދާއަށް ނަހީކް ބަލަމުން ދިޔައެވެ. ހިތް ފުރެންދެނެވެ. އެއީ މީގެ އެތައް އަހަރެންކުރިން ފެށިގެން ނަހީކްގެ ހިތުން ޖާގަހޯދާފައިވާ ހަމައެކަނި އަންހެންކުއްޖާއެވެ. ހަނދާނުން ފޮހެލަން އެތައް މަސައްކަތެއް ކޮށްގެންވެސް ކާމިޔާބު ނުވެފައެވެ.

"ނުދާންތަ ތި އިންނަނީ؟" ވެއިޓަރު ގެނައި ބިލަށް ފައިސާ ދައްކާފައި މުޝްތާގު އެހިއެވެ. ރިންދާގެ ރީތިކަމުގެ ޖާދޫގައި ޖެހިފައި އިން ނަހީކަށް ވަގުތު ދިޔަގޮތެއްވެސް ނޭނގުނެވެ. ކޮފީތަށިން ދެ ކޯވަރު ބޯލާފައި އޭގައި ވެސް އަތްލަން ހަނދާން ނެތިފައެވެ.

"މުޝްތާގު ދުރުވަންވީނޫންތޯ. އަޅުގަނޑު ދާނީ އަދި ރައްޓެއްސަކާ ބައްދަލުކޮށްލާފަ" ނަހީކް ބުންޏެވެ. ބައްދަލުވުމަށް ވަންނަން ވެފައި އޮތްކަން ހަނދާންވެފައި މުޝްތާގު ދިޔައެވެ.

އެއްވެސް ދަތިކަމެއްނެތި ރިންދާއަށް ބަލަން ނަހީކަށް ލިބުނު ފުރުސަތު ނަގާލަން ބޭނުމެއްނުވިއެވެ. ކަޅިޖަހާވެސްނުލައި ރިންދާއަށް ބަލަން ގެއްލިފައި އިންދައި ރިންދާގެ ލޮލުގައި އެމަންޒަރު އަޅައިގަތެވެ.

ފިރިހެންކުއްޖަކު އެހާ ޝައުގުވެރިކަމާއެކު ރިންދާއަށް ބަލަހައްޓައިގެން އިނުމުން ފުރަތަމަ ރިންދާއަށް ހައިރާންކަމެއް ލިބުނެވެ. އެ ބެލުމުގައި ބީރައްޓެހިކަމެއް ނެތްކަން ރިންދާއަށް އިހުސާސް ވީ ހަތަރުކަޅި ބައްދަލުވި ވަގުތު ނަހީކް އަތުން ހަނާއަޅާލުމުންނެވެ. ޝައުގުވެރިކަމެއް ނެތް ގޮތަށް ރިންދާ އަތުގައި އޮތް ފޯނަށް ނަޒަރު ހުއްޓާލުމާއެކު ނަހީކް ހިތްހަމަނުޖެހުނެވެ.

ވިލިނީއަށް ގަޑި ކިޔައިގެން އައިފަހުން އެތައް އިރެއް ވެއްޖެއެވެ. ފިރިހެނެއްގެ އުނދަގުވާން ފެށުމުން އެތައް ފަހަރަކު ވިލިނީއަށް ރިންދާ ގުޅައިފިއެވެ. ފޯނަށް ޖަވާބެއް ނުދެއެވެ. މޭޒުމަތީގައި އޮތް ދަބަސް ހިފައިގެން ނުކުންނަން ހިނގައިގަތް ވަގުތު ރިންދާއަށް ސިހުން ގެނުވީ އޭނާގެ އަތުގައި މީހަކު ހިފެހެއްޓުމުންނެވެ. ސިހިފައި ބަލައިލިރު ދުރުގައި އިން ފިރިހެންކުއްޖާ ހުރީ ރިންދާގެ ކުރިމަތީގައެވެ. އެވެސް ހުއްދައަކާ ނުލައި އަތުގައި ހިފައިގެންނެވެ. ރިންދާއަށް ނަހީކްގެ މޫނަށް ބަލައިލިރު ރުޅިގަނޑު ފަޅައިގެންދާން ތައްޔާރުވެއްޖެއެވެ.

"ސޮރީ... ހަމަ ނުހުރެވުނީ... ރިދާ... އަދިވެސް ހާދަ ރިއްޗޭ" ވާހަކަދައްކާލާނޭ ފުރުސަތު ލިބުމުން ނަހީކް ފުރަތަމަވެސް އަންގާލީ އޭނާއަށް ކެރޭކަމެވެ. ހިތްހަމަނުޖެހިފައި ރިންދާ ނަހީކްގެ އަތުތެރެއިން އަތް ދަމައިގަތެވެ. އެގޮތަށް ފިރިހެނަކު ފޮށެން ފެށުމުން ރިންދާ ކަންބޮޑުވުމުގެ ބަދަލުގައި އިސްކުރީ ރުޅިއެވެ.

"ގަޔަށް ބޮލަށް ނާރާ ދުރުގަ ހުރެގެން ކިޔާ އެއްޗެއް ކިޔާ" ރިންދާ ބުންޏެވެ.

"ރުޅިނާދެބަލަ. އަހަރެން މިއީ ކާކު ކަން އެނގޭތަ" ނަހީކް ބުންޏެވެ.

"ހުންނަ ގޮތްކުޑަކަން. ތަނަކުން އަންހެނަކު ފެނުނީމަ ކަލޭމެންނަށް ތިހެރަ ވާގޮތެއް ދޯ" ރިންދާ ބުންޏެވެ. ނަހީކަށް ދެލޯ އަޅަމުން ދަބަސް ކޮނޑުގައި އަޅުވައިގެން ހުރެ ރިންދާ ހިނގައިގަތެވެ.

ރިންދާގެ އަމަލުތައް ހުރިގޮތުން ނަހީކް ހިތަށް އުނދަގުވިޔަސް ތުންފަތަށް ވެރިކޮށްލީ ހިނިތުންވުމެކެވެ. ރިންދާ އެގޮތަށް ކަންތައްކުރީ ނަހީކަކީ ކާކު ކަން ނޭނގި ހުރެ ކަމަށް އަމިއްލަ ހިތަށް ވިސްނައިދިނެވެ.

"އަހަރެން ތި ލޯބި ކާމިޔާބު ކުރާނަން" އަމިއްލަ ނަފްސަށް ނަހީކް ބުންޏެވެ.

**********

ރިންދާއަށް ވިލިނީގެ ކޯލު ލިބުނީ އޮފީސް ދޮރުމައްޗަށް ޓެކްސީ މަޑުކޮށްލި ވަގުތުއެވެ. ކެފޭ ތެރެއިން ދިމާވި ނުދަންނަ ފިރިހެންމީހާ ދެކެ އައިސްފައި ހުރި ރުޅީގައި ވިލިނީގެ ކޯލަށް ރިންދާ ޖަވާބު ނުދިނެވެ. އޮފީސް ތެރެއަށް ވަދެގެން ދަނިކޮށް މަޑުޖެހުނީ ލިފްޓުން ނުކުތް ޝާހްބާޒް ފެނިފައެވެ. ވަގުތުން ރިންދާ މަޑުޖެހުނެވެ. ޝާހްބާޒަށް ހިނިތުންވެލާފައި ލިފްޓަށް އަރަން އުޅުނު ވަގުތު ޝާހްބާޒް ގޮވާލިއެވެ.

"އެޗް އާރު ރިދާ ހޯދި ކަންނޭނގެ" ޝާހްބާޒް ބުންޏެވެ. ރިންދާ ބޯޖަހާލާފައި ލިފްޓުގެ ތެރެއަށް ވަނެވެ.

ރިންދާއަށް ޖެހުނީ އިދާރީ ހުރިހާ ކަމެއް ބަލަހައްޓާށެވެ. ހީކުރި ވަރަށް ވުރެ ކުރަން ޖެހުނު މަސައްކަތް ބުރަވިއެވެ. ސަތޭކައަށް ވުރެ ގިނަ މުވައްޒަފުންނާއި އެތައް ޑިޕާޓްމަންޓެއްގެ ހާޒިރީ އާއި މުސާރައިގެ ހުރިހާ ކަމަކާ ރިންދާ ހަވާލުވާން ޖެހުނެވެ. ދުވާލަކު އަށްގަޑިއިރުގެ އިތުރުން އިތުރު ގަޑީގައި ކުރާ މަސައްކަތްތަކަށް ރިންދާ ހީކުރި ވަރަށް ވުރެވެސް ރަނގަޅު މުސާރައެއް ހަމަޖެހުނެވެ.

*********

ހިނާއަށް ގުޅައިގެން ކޮޓަރީގައި އޮތް ބަރަކްގެ ކަންފަތުގައި ރޫބިޔާގެ އަޑު ޖެހުނެވެ. ފޯނު ކަންފަތާ ދުރުކޮށްލާފައި އިތުރަށް ޔަގީންކޮށްލިއެވެ. ހަމަ ރަނގަޅަށްވެސް ރޫބިޔާ އެބަ ގޮވައެވެ. ފޯނުގައި ހުރެ ބަރަކް ބޭރަށް ބޯދިއްކޮށްލިއެވެ. ފަހާފޮށި ކައިރީގައި ރޫބިޔާ އިނެވެ. ކައިރީގައި ވިލިނީ ހުއްޓެވެ.

"ދޭބަލަ ނީއްތަ އެބުނާ ގެއަކަށް ގެންގޮސްދީފަ އަންނަން" ބަރަކް ފެނުމުން ރޫބިޔާ ބުންޏެވެ.

"މިގަޑީގަ" އަތުކުރީގައި އޮތް ގަޑިއަށް ބަރަކް ބަލައިލިއެވެ. ރޭގަނޑު ނުވައެއްޖަހާ ބޮޑުވެއްޖެއެވެ. މާލެއަށް އަލަށް އައިސް އުޅޭ މީހަކު ދާން އޮންނާނީ ކޮންތަނެއް ހެއްޔެވެ؟

"މިދަނީ" އިތުރު ސުވާލަކާ ނުލައި ބަރަކް ބުންޏެވެ.

މަގުމައްޗަށް ނުކުމެފައި ބަރަކް ކަންފަތުން ފޯނު ދުރުކޮށް ނުލައެވެ. އަދިވެސް ހުރީ ހިނާއަށް ގުޅައިގެންނެވެ. މަގުން ދިޔަ ހުސް ޓެކްސީއަކަށް ބަރަކް އަތް ނެގުމާއެކު ދޮރާށި ކުރިމައްޗަށް މަޑުކޮށްލިއެވެ.

"އަރާ އަވަހަށް" ވިލިނީއަށް ބަރަކް ބުންޏެވެ.

"ކާރުގަތަ؟ ނީއްތަ ވަރަށް ބިރުގަނޭ ޓެކްސީ ގަ ދާން. ސައިކަލުގަ ނުދެވޭނެތަ؟" ވިލިނީ ބުންޏެވެ.

"ސައިކުގަ ދޮންބެ ތަނަކަށް ގޮސްވެއްޖެ" ބަރަކް ބުންޏެވެ.

އެހެން ގޮތެއް ނެތިގެން ވިލިނީ ޓެކްސީއަށް އެރިއެވެ. އެކަނި ދަތުރުކުރަން ޖެހޭތީ ކަންބޮޑުވެފައި ހުއްޓައި ހިތް ހަމަޔަކަށް އެޅުނީ ކުރީ ޝީޓަށް ބަރަކް އެރުމުންނެވެ.

"ކޮން ނަމެކޭތަ ބުނީ" ބަރަކް އެހިއެވެ.

"މ.ނަހާބާޒް" ވިލިނީ ބުންޏެވެ.

ދާންވީ މަންޒިލަށް ވިލިނީ ބާލާފައި ހަމަ އެޓެކްސީގައި ބަރަކް ގެއަށް ދިޔައީ ވިލިނީ ކައިރީގައި ބަލާ އަންނަންވީމަ ގުޅާށޭ ބުނެފައެވެ.

***********

ވިލިނީ އާއި ރިންދާ ވާހަކަދައްކަން މަޑުކޮށްލައިގެން ތިބީ ރިންދާގެ ކޮޓަރީގައެވެ. ވިލިނީ މާލެ އައިފަހުން ދެ އެކުވެރިންނަށް އެއްތަންވެ ވާހަކަދައްކާލަން އަދި ވަގުތެއް ނުވެއެވެ.

"ރިދާ ވަޒީފާއަށްވެސް ދާންފެށީ ދޯ. އަހަރެން އަބަދު ގޭގަ. ވަރަށް ވައި. ހުސް ފިރިހެނުން އުޅޭ ގެއެއް. އެކަމު އުޅޭ ސަޅި ބިޓެއްވެސް. ވާހަކައެއްނުދައްކާ" ވިލިނީ ވާހަކަދެއްކިއެވެ.

"ވިނީ ކީއްކުރަންށޭ އަސްލު ގެނައީ" ރިންދާ އެހިއެވެ.

"މީހަކާ އިންނަންވީއޯ" ވިލިނީ ބުންޏެވެ. މޫނުމައްޗަށް ފޫހި ނަޒަރެއް ގެންނަމުން ކުރު އަތްމައްޗަކަށް އެނދުގައި ވިލިނީ ޖައްސާލިއެވެ.

"ދެން؟ ވިނީ އިންނަނީ. ކާކު ކަންވެސް އެނގެން ބޭނުމެއްނުވޭ؟ މީހަކާ އިނުމަކީ ހަމަ އެހެން ހުރެލާފަ ކުރާކަމެއްތަ؟ އެއީ ކުޅިވަރެއް ނޫނޭ" ރިންދާ ވާހަކަދެއްކިއެވެ.

"ބޮޑޫ އަހަރެންނަށް ގެއްލުމެއްވާ ގޮތަކަށް އެއްކަމެއްވެސް ނުކުރާނެ. އަހަރެންނަށް އިންނަން ހޯދި ފިރިހެން ކުއްޖާގެ ފޮޓޯއެއް ދެއްކި. ހަމަ ވަރަށް ސްމާޓް ކުއްޖެއް. ރީތި. ހީވޭ މުއްސަނދި ހެންވެސް. އެހެންނޫނަސް މިކަހަލަ ތަނެއްގަ އުޅެފަ ރަށްފުށުގެ ދިރިއުޅުމަށް ދާހިތެއްނުވޭ" ވިލިނީ ބުންޏެވެ.

"ދެން އެނގިދާނެތާ ވާގޮތެއް. އަހަރެންނަށް ދައުވަތު ދޭންވާނެ އިނގޭ" ރިންދާ ބުންޏެވެ.

"އަހަރެންގެ ވާހަކަ އިހަށް ބާއްވަބަލަ. ރަނީންގެ މަރުގެ ކަންތައް މިހާރު ކިހިނެއްވަނީ. އެއްވެސް މީހަކު ހައްޔަރުކޮށްފިތަ؟" ވިލިނީ އެހިއެވެ.

"އެކަންވެސް ފާޑަކަށް ކުރިއަށް އެބަދޭ. އެކަމަކާ ހެދި އަހަރެން މުޅިން ބޯ ސަކަރާތްވެއްޖެ. ހިތަށް އަރަނީ އެބަޔަކު ހޯދަން އިތުރަށް އަހަރެންނަށް ކުރެވޭނީ ކޮންކަމެއްބާއޭ. ފުލުހުންވެސް ބުނި އެ މައްސަލައިގައި މީހަކު ހައްޔަރުކުރަން އުޅޭ ވާހަކަ. އޭގެފަހުންވެސް ހަފުތާއެއްވެއްޖެ. އެމީހުންގެ މަސައްކަތަށް ވުރެ އާންމުންގެ މީހަކު ކަމެއް ދެނެގަންނަން ކުރާ މަސައްކަތްވެސް މާ ހަލުވިކޮށްދާނެ. ކީއްކުރާނީ. އެމީހުންގެ އެހީތެރިކަމާނުލައި ވެސް ކަމެއް ކުރެވެން ނެތް" ރިންދާ ވާހަކަދެއްކިއެވެ.

"އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ. އަހަރެންނަށް ވެދެވެން އޮތް އެހީއެއް ވިއްޔާ ވާނަން"

************

މާލެ އައިފަހުން ހަފުތާއެއް ވެގެން ދިޔައިރުވެސް ރޫބިޔާއަށް ނަހީކާ ދިމާނުވެއެވެ. އެހެންކަމުން ރޫބިޔާގެ ޖާސޫސީ ސިކުނޑިން ނަހީކަށް ރަނގަޅު ފިލާވަޅެއްދޭން ވިސްނިއެވެ. އެހާ ފަސޭހައިން ނަހީކްގެ ކޮޅު މޮޅުކުރަން ބޭނުމެއް ނުވިއެވެ. އަބުރާއި އިއްޒަތް ވެއްޔާ މޮޑެލަން ބޭނުންނުވަންޏާ ރޫބިޔާއަށް ދޫދެން ނަހީކް ޖެހެއެވެ.

މަސައްކަތު މީހުންގެ ޝެޑިޔުލް ބަލާފައި ރޫބިޔާގެ ޑިއުޓީ އިންނަ ވަގުތުތަކުގައި ނަހީކް އޮފީހުގައި ނުހުރެއެވެ. އެވަގުތުކަށް ކޮންމެހެންވެސް އޮފީހުން އޭނާ ބޭރުވެއެވެ.

"މާ އަވަހަށް ނިންމާލީތަ؟" ކެބިން އިން ނުކުމެގެން ބާރަށް ހިނގާފައި ނުކުންނަން ދިޔަ ނަހީކަށް މުޝްތާގު ބުންޏެވެ.

"ކުޑަ ކަމެއް އޮތީމަ" ނަހީކް ބުންޏެވެ. ހަގީގަތަކީ ރޫބިޔާއަށް ނަހީކް ފިލަން އުޅޭ ކަމެވެ.

************

ގޭޓު ހުޅުވާލުމާއެކު އެތެރެއަށް ކާރު ވަދެއްޖެއެވެ. ފަހަތުން މީހަކު ވަންކަމެއް ނަހީކަށް ނޭނގެއެވެ. ބަލައިލީ ގާޑު މީހަކާ ސުވާލުކުރާ އަޑަށެވެ.

"ކަލޭ..." ދެލޯ އަޅައިގެން ފަހަތުގައި ހުރި ރޫބިޔާ ފެނުމާއެކު ނަހީކް ބުންޏެވެ. އެންމެފަހަށް ރޫބިޔާ މޮޅު ކުޅުމެއް ކުޅެފިއެވެ.

"އަހަރެންނަށް ފިލައިގެން ލައްކަ ދުވަހު އުޅެވިއްޖެއްނު. މިއަދު އަހަރެން މި ގޭޓުން ނުނިކުންނާނަން. އެހެނެއް ނޫން. ފުލުހުން އައިސް ކަލޭ ހައްޔަރުކޮށްގެން ދާއިރު ފަހަތުން އަހަރެން ނުކުންނާނަން" ރޫބިޔާ ބުންޏެވެ.

އިވޭ ފަށުގައި ގާޑު ހުރުމުން ނަހީކަށް އުނދަގުވިއެވެ. ކޮންމެގޮތެއް ވިޔަސް ރޫބިޔާގެ ނަމުން ނަން ދީފައިވާ ތޫފާނާ ކުރިމަތިލާން އެބަޖެހެއެވެ.

"ބެގަރީ..." ނަހީލް އަޑުހަރުކޮށް ބެގަރީއަށް ގޮވާލުމާއެކު ދުވެފައި ކަހަލަ ގޮތަކަށް އައި ބެގަރީ އައިސް ނަހީކް ކުރިމަތީގައި ހުއްޓިއްޖެއެވެ.

"މެހްމާނު ބައްދަލުކުރާ ކޮޓަރިއަށް މި އަންހެންމީހާ ގެންދޭ" ނަހީކް ބުންޏެވެ.

ނަހީކް ހިނގައިގަތުމާއެކު ރޫބިޔާގެ ތުންފަތަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ.

(ނުނިމޭ)