ނޭޝަނަލް އިންޓެލިޖެންސް ކޮމިޓީއެއް އުފައްދަން ރައްޔިތުން މަޖިލީހަށް ހުށަހަޅައިފިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ތެރޭގައި މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހަރާކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާފަހު ރައީސް އޮފީހުން ރެގިއުލޭޓްކޮށް މޮނިޓާކުރާ ގޮތަށް ގައުމީ އިންޓެލިޖެންސް އެއް އުފައްދުމުގެ ވާހަކަތައް ދެކެވުނެވެ. ނަމަވެސް އެކަން ރަސްމީ ގޮތެއްގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ކޮށްފައެއް ނުވެއެވެ.

މަޑުއްވަރީ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އާދަމް ޝަރީފު މިއަދު "ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާބެހޭ ބިލު" ހުށަހަޅުއްވައިދެއްވަމުން ވިދާޅުވީ، ނެޝަނަލް އިންޓެލިޖެންސް ކޮމިޓީއެއް އުފައްދައި އެ ކޮމެޓީގައި އެންމެ އިސްކޮށް ހުންނަވަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އަދި ކޮމިޓީ ކުރިއަށް ދާގޮތް ވިލަރެސް ކުރާނީ ރައީސް އޮފީހުން ކަމަށެވެ.

ޝަރީފު ވިދާޅުވީ ނޭޝަނަލް އިންޓެލިޖެންސް ކޮމިޓީގައި އެމްއެންޑީއެފް، ފުލުހުން، ކަސްޓަމްސް، އިމިގްރޭޝަން އަދި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ އިތުރުން ބައެއް އިދާރާތަކުގެ ބޭފުޅުން ތިއްބަވަން ވާނެ ކަމަށެވެ.

މިހާރު އެއިން ކޮންމެ އިދާރާއެއްގައި އޮންނަނީ ވަކިވަކި އިންޓެލިޖެންސެކެވެ. އެމުއައްސަސާތަކުގެ މެދުގައި އިންޓެލިޖެންސް އެންމެ ރަނގަޅަށް ބަދަލުނުކުރެވޭ ކަމަށް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ތައްޔާރުކުރި ރިޕޯޓުގައި ވަނީ ބުނެފައެވެ.

ނޭޝަނަލް އިންޓެލިޖެންސް ކޮމިޓީގައި ތިއްބަވާނީ ކޮންމެ މުއައްސަސާގެ އެންމެ އިސްވެރިން ކަނޑައަޅާ މެމްބަރުން ކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި އެ މެންބަރުންނަކީ އިތުބާރު ކުރެވޭ، ތަނުގެ ސީނިއާ މުވައްޒަފުންނަށް ވާންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުޅިން އަލަށް އުފައްދަން ހުށަހެޅި ނޭޝަނަލް އިންޓެލިޖެންސް ކޮމިޓީގެ ޒިންމާއަކީ މުއައްސަސާތަކުން ލިބޭ ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަމުގެ މައުލޫމާތު އެއްކުރުމެވެ. އަދި އެ މައްސަލަތައް ދިރާސާކޮށް ރިޕޯޓެއް ހަދައި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވަންވާނެއެވެ.

މީގެ އިތުރުން ގައުމީ ސަލާމަތާ ބެހޭ ކައުންސިލެއް އުފެއްދުމަށް ވެސް ޝަރީފު ހުށަހެޅުއްވިއެވެ. އެ ކައުންސިލަކީ ގައުމީ ސަލާމަތާބެހޭ ސިޔާސަތުތައް އެކުލަވާލައި، އެ ސިޔާސަތުތައް ތަންފީޒުކުރަމުންދާ ގޮތް ބަލައި އެކަމާ ގުޅޭ ލަފާ ރައީސުލްޖުމްހޫރިއްޔާ އަރުވަން ޖެހޭ ކައުންސިލެކެވެ.

އެ ސިޔާސަތުތައް ތަންފީޒުކުރަމުންދާ ގޮތް މޮނީޓާކޮށް އެކަމުގައި ބޭނުންވާ ލަފާ ވެސް އަރުވާނީ ގައުމީ ސަލާމަތާ ބެހޭ ކައުންސިލުންނެވެ. ގައުމީ ސަލާމަތަކާ ބެހޭ ކޮމިޓީއަކީ މިހާރު ވެސް އޮންނަ ކައުންސިލެކެވެ. އެ ކައުންސިލްގައި ތިއްބަވަނީ، ރައީސުލްޖުމްހޫރިއްޔާ، އެޓާނީ ޖެނެރަލް، ޑިފެންސް މިނިސްޓަރު، ޕޮލިސް ކޮމިޝަނަރު އަދި ޗީފް އޮފް ޑިފެންސް ފޯސްއެވެ.