ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސްކޫލުތަކުގައި ކިޔަވައިދޭ ވަގުތުގައި އަބަދުވެސް ސްކޫލުގެ ގޭޓުތައް ތަޅުލާފައި ބަހައްޓަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

ސްކޫލުތަކަށް އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ހަފުތާގައި އެފަދަ އެންގުމެއް ފޮނުވާފައި މިވަނީ ޖަމާލުއްދީން ސްކޫލަށް މީހަކު ވަދެ, އަޑުގަދަކޮށް މާރާމާރީ ހިންގަން އުޅުނު މައްސަލައެއް ދިމާވެފައި ވަނިކޮށެވެ. އެ މައްސަލައިގައި މީހަކު ހައްޔަރުކޮށް، އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މިނިސްޓްރީގެ އެންގުމުގައި ބުނެފައިވަނީ ސްކޫލު މާހައުލަކީ ދަރިވަރުންނާއި މުވައްޒަފުންނަށް ހުރިހާ ގޮތަކުންވެސް ރައްކާތެރި ތަނަކަށް ހެދުމަށް މިނިސްޓްރީން އަބަދުވެސް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެހެންކަމުން މިނިސްޓްރީގެ އެންގުމުގައި ދަރިވަރުންނާއި މުވައްޒަފުން އަދި ބެލެނިވެރިން ސްކޫލަށް ވަދެ ނުކުތުމުގައި އަމަލުކުރާނެ ގޮތްތަކެއް ވަނީ އަންގައިފައެވެ. އަދި އެ ކަންކަން ވަގުތުން ތަންފީޒުކުރަން ފެށުމަށް ވަނީ އަންގައިފައެވެ.

  • މިހާރެކޭ ވެސް އެއްގޮތަށް، ސެޝަންތައް ކުރިއަށްދާ ވަގުތު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ހުރިހާ ގޭޓެއްގައި ވެސް ސެކިއުރިޓީ ބެލަހެއްޓުމަށް ސަމާލުވުން.
  • ސެޝަން ފެށޭ ވަގުތު (މުވައްޒަފުންނާއި ދަރިވަރުން ހާޒިރުވާ ވަގުތު) ފިޔަވައި އެހެން ހުރިހާ ވަގުތެއްގައި ވެސް ގޭޓް އެތެރެއިން ތަޅުލާފައި ބެހެއްުޓުން.
  • ސެޝަން ފެށުމަށް ފަހު މުވައްޒަފުންނާއި ދަރިވަރުންނަށް ސްކޫލަށް ވަދެނިކުތުމުގައި ހާއްސަ އިންތިޒާމުތައް ސްކޫލުން ހަމަޖެއްސުން.
  • ސެޝަން ކުރިއަށްދާއިރު ބެލެނިވެރިން ނުވަތަ އާންމުންނަށް ސްކޫލު ގޭޓުން އެތެރެވެވޭނީ ސެކިއުރިޓީ އޮފިސަރު މެދުވެރިކޮށް އެ މީހަކު ސްކޫލަށް ހާޒިރުވި ސަބަބު އޮޅުންފިލުވައިދިނުމުން.
  • ބެލެނިވެރިން ސްކޫލަށް ހާޒިރުވާއިރު، ސްކޫލުން ދީފައިވާ ބެލެނިވެރިޔާ ކާޑް އޮތްތޯ ސުކޫލުން ކަށަވަރުކުރުން.