ޗައިނާގެ ރެސްޓޯރެންޓަކަށް ފިރިހެނުންތަކެއް ވަދެ, އަންހެނުންތަކަކަށް ހަމަލާދޭ ވީޑިއޯއަކާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން އަމާޒުވެއްޖެއެވެ.

ޗައިނާގެ ޓަންގްޝިން ސިޓީގައި ހިންގި އެ މާރާމާރީއާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާ އިރު, އެކަމާ ގުޅިގެން ޗައިނާގައި ހިންގާ ޖިންސީ އަނިޔާގެ ޒުވާބު އަނެއްކާވެސް ވަނީ ފެށިފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އެ މާރާމާރީ ހިންގީ ރެސްޓޯރެންޓަށް ކާން ގޮސް އިން އަންހެނެއްގެ ބުރަކަށީގައި ފިރިހެނަކު އައިސް އަތްލުމުން އެކަމާ ނުރުހުންވެ އެ ފިރިހެން މީހާ ކޮށްޕާލުމުންނެވެ. އެކަމާ ރުޅި އައިސްގެން ފިރިހެން މީހާ, އަންހެން މީހާގެ ގައިގާ ތަޅައި ރެސްޓޯރެންޓުން ބޭރަށް ނެރެ ބިންމައްޗަށް ވައްޓާލުމުން އިތުރު ބަޔަކު އެ އަންހެން މީހާ ގައިގާ ތަޅާތަން ފެނެއެވެ.

އަދި އަންހެން މީހާއާއެކު ރެސްޓޯރެންޓަށް ކާން ގޮސް އިން ރަހުމަތްތެރިއާއަށްވެސް އަނިޔާކުރާތަން ވީޑިއޯއިން ފެނެއެވެ.

އޮފިޝަލުންނާ ހަވަލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން, އެ މާރާމާރީގައި އަނިޔާވި ދެ އަންހެން މީހުންނަށް ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ. އަދި އިތުރު ދެ މީހަކަށް ކުދި އަނިޔާވެފައިވާ ކަމަށް ބުންޏެވެ.

މި މާރާމާރީއާ ގުޅިގެން އެކަން ކުރި މީހުންނަށް ހަރުކަށި އަދަބު ދިނުމަށް އެތައް ބަޔަކު ދަނީ ގޮވާލަމުންނެވެ. އަދި އެމީހުން ދޫވިޔަ ނުދިނުމަށްވެސް ގޮވާލާފައިވެއެވެ.

އަންހެނުންނަށް އެކިކަހަލަ ޖިންސީ އަނިޔާކުރުމަކީ ޗައިނާގައި އާއްމު ކަމެކެވެ. ނަމަވެސް ގާނޫނުން އެއީ އަދަބު ލިބޭ ކުށެއްގެ ގޮތުގައި ކަނޑައެޅީ 2016 ވަނަ އަހަރުއެވެ. އަދި 2001ގެ ކުރިން ޖިސްމާނީ އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ވަރިވުމުގެ ފުރުސަތެއްވެސް ނޯވެއެވެ.