އައިޖީއެމްއެޗުން މިއަހަރުވެސް ހިތާނީ ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އައިޖީއެމްއެޗުގައި ހިތާނުކުރުން ކުރިއަށްދާނީ އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ކަމަށެވެ. އެޕޮއިންޓްމަންޓް ހަމަޖެހިގެންދާނީ ނަން ނޯޓުކުރާ ތަރުތީބުންނެވެ.

އައިޖީއެމްއެޗުން ބުނީ ހިތާނު ކުރުމަށް ނަން ނޯޓުކުރުން ކުރިއަށްދާނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ނަން ނޯޓުކުރުން ކުރިޔަށް ދާނީ އޯޕީޑީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 4:00 އަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ތިން ވަނަ ފަންގިފިލާގައި ހުންނަ ސާޖަރީ ކައުންޓަރުންނެވެ.

އައިޖީއެމްއެޗުން ބުނީ، މިއަހަރު އެ ހޮސްޕިޓަލުން ހިތާނުކުރުމަށް ހަމަޖައްސާފައިވަނީ 300 ކުދިން ކަމަށްވާތީ، އެ އަދަދު ހަމަވުމުން ނަން ނޯޓުކުރުން ހުއްޓާލާނެ ކަމަށެވެ.

މެދުކެނޑުމަކަށްފަހު އައިޖީއެމްއެޗުން ހިތާނީ ކޭމްޕް ބާއްވަން ފަށާފައިވަނީ މިދިޔަ އަހަރެވެ. 200 ކުދިންނަށް ފުރުސަތު ހުޅުވާލިއެވެ.