"އޭރުން އެގެއަށް ވެސް މިގެއަށްވެސް ބާރުދައްކާނީ އަހަރެން. އެއްފަހަރުން އަހަރެން މުއްސަނދި" ގޭތެރެއަށް ވަދެ ދޮރުލައްޕާލަމުން ރޫބިޔާ އަމިއްލަ ނަފްސާ ވާހަކަދައްކާލިއެވެ.
******
ކުރިމަތީގައި ތިބި ފުލުހުންގެ ޓީމް ދައްކަމުންދިޔަ ވާހަކަތަކުން އެންމެ ބޮޑު އަސަރެއް ކުރަމުން ދިޔައީ ޝާހްބާޒާއި ރިންދާ އާ ދެމެދުގައި އިން ނަހާއަށެވެ. އޭނާ ދެފަރާތަށް ބޯހޫރަމުން ދިޔައީ އެވާހަކަތައް ގަބޫލުކުރަން ބޭނުންނުވާ ފަދައިންނެވެ. ނަހާގެ އަތްތިލައިގައި ރިންދާ ހިފަހައްޓާލިއެވެ. ހުދު ރިންދާގެ ހިތަށްވެސް ވަނީ އަސަރުކޮށްފައެވެ.
"އެހެންވިއްޔާ ބުނެބަލަ. ހަމަ ޝައްކުވާ އެއްވެސް މީހަކު ނެތްތަ؟ މިހިސާބުން އެއީ ރަނީން އަމިއްލައަށް ކުރި ކަމެކޭ ބުނެ ނިންމާލާނީތަ؟" ކެތްތެރިކަން ކުޑަވެފައި ރިންދާ އެހިއެވެ.
އެވާހަކަތަކަށް ފުލުސް އޮފިސަރު އިންކާރު ކުރިއެވެ. އެ މައްސަލައަކީ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ހިދުމަތުން ބަލަމުން އަންނަ މައްސަލައެއް ކަމުގައި ބުންޏެވެ. އަދި ރަނީންގެ މަރުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރިކަން ފާހަގަކުރިއެވެ.
"ޝައްކުކުރެވޭ ކަންތައްތަކެއް ހުރިކަން ފާހަގަވެއޭ ކޮންމެ ފަހަރަކު އެބަބުނޭ. އެހެންވިއްޔާ ކޮބާހޭ ތިބޭފުޅުންނަށް ކުރެވޭ ތަހުގީގަކީ؟ އެކި ދިމާލުން މީހުން ގެނެސް ސުވާލުކުރުން ނޫންކަމެއް މި މައްސަލައިގައި ކުރާތަނެއް ނުފެނޭ. އެކޮޓަރިން މީހެއްގެ ޑީއެންއޭވެސް ނުފެނޭތަ. ފިންގަ ޕްރިންޓް ނިޝާނެއް ފާހަގައެއްނުވޭތަ؟ ޕޯސްޓް މޯޓަމް ހަދައި ނިންމިއިރު ރަނީންގެ ހަށިގަނޑުން ހަމަ އެއްވެސް މީހެއްގެ ޑީއެންއޭ ނުފެނޭތަ؟ އަޖައިބެއްތީ. އަޅުގަނޑަކަށް ހިއެއްނުވޭ ތިބޭފުޅުންނަށް ތިކަން ވެދާނެހެނެއް" އެންމެފަހުން ރިންދާ ހިތްހަމަނުޖެހުނެވެ. ޝާހްބާޒް ރިންދާގެ ކޮނޑުގައި އަތްޖައްސާލިއެވެ. ރިންދާ ބަލައިލުމާއެކު ހިމޭންވުމަށް އީޝާރާތުން ޝާހްބާޒް ބުންޏެވެ.
"އަހަރެމެން ވަރަށް އަވަހަށް މިކަމުގައި ޝައްކުކުރެވޭ ފަރާތެއް ހައްޔަރުކުރާނަން" އެންމެފަހުން ފުލުހުން ދިން ހަބަރާއެކު ރިންދާއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.
******
ފަހަތުގައި އިން ނަހާ ރޯކަން އެނގި ކާރު ދުއްވަން އިން ޝާހްބާޒަށް އުނދަގުވިއެވެ. އެހެންނަމަވެސް ބައެއްގެ އިހުމާލުން ދަރިއަކާ ވަކިވާން ޖެހުމުން މައެއްގެ ހިތަށް ކުރާނެ އަސަރު ޝާހްބާޒަށް އަންދާޒާ ކުރެވެއެވެ. ނަހާ ރޯން ދޫކޮށްލައިގެން އިނީ އެހެންވެއެވެ.
"މަންމާ، ދެން ހުއްޓާލާ. އެބުނީނު އެކަކު ހައްޔަރުކުރަން އުޅޭ ވާހަކަ" ރިންދާ ބުންޏެވެ. ނަހާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ރިންދާ ފޮހެދިނެވެ.
"އަހަރެންގެ ރަނީން އޯވާޑޯޒް ވާންވީ ކީއްވެ؟ މަގޭ ދަރިއަކީ މަސްތުވާ ޒާތެއްގެ އެއްވެސް އެއްޗެއް ބޭނުންކުރާ ކުއްޖެއްނޫން. އެއީ ހުރިހާ ވަގުތެއްގަ ނަމާދުކުރާ ސުންނަތް ކަންތައްތަކަށް ލޯބިކުރި އަދި އެއާ އެއްގޮތަށް އަމަލުކުރަމުން ދިޔަ ކުއްޖެއް. ނުވިތާކަށް އުމްރާއަކަށް ދާން ފައިސާވެސް އެހެރީ ދައްކާފަ. އެއީ ރޭގަނޑު ބޭރުގައި އުޅޭ ކުއްޖެއް ނޫން. ރަހުމަތްތެރިއަކަށްވެސް ޖިލްވާ ނޫން ކުއްޖަކު ގެންގުޅުނު ތަން ދުވަހަކުވެސް ނުދެކެން. އަހަރެން ގަބޫލެއް ނުކުރާނަން" ނަހާ ވާހަކަދެއްކިއެވެ. ފުލުހުން ދެއްކި އެއްވެސް ވާހަކައެއް ނަހާ ގަބޫލެއްނުކުރެއެވެ.
"ބުންޏެއްނު ހަށިގަނޑުގައި ނުރައްކާތެރި ވިހައެއްގެ އަސަރު ހުރިކަމަށް. އަނެއްކާ ކަރުގައި ވަލެއް އައްސާފައި އޮތަސް ދަންޖެހިފައި ހުރިކަމުގެ އެއްވެސް ނިޝާނެއް ނެތޭ ބުންޏެއްނު. އަނެއްކާ ކޮއްކޮގެ ނިޔަފަތި ދަށުން މީހެއްގެ ޑީއެންއޭ ފެނުނޭ ފަހުން ބުންޏެއްނު. ކޮޓަރި ބަލައި ފާސްކުރިއިރު މަސްތުވާ ޒާތެއްގެ އެއްވެސް އެއްޗެއް ނުފެނޭ. ނުވީތާކަށް ބޭހެއްވެސް. އެހެންވީމަ ސިކުނޑި ހުރި މީހަކު ގަބޫލެއްނުކުރާނެ އެއީ އަމިއްލައަށް ކޮއްކޮ ކުރި ކަމެއް ކަމަކަށް. މިއީ ބަޔަކު ރާވައިގެން ކޮށްފަ އޮތް ކަމެއް. ވަރަށް އަވަހަށް މިކަމުގެ ހަގީގަތް ހާމަވެދާނެ. އަޅުގަނޑު ހަމަނޭވައެއް ލާނީ މިކަމުގެ އެންމެ އަޑިއަށް ފީނައިގަނެފަ" ޔަގީންކަމާއެކު ރިންދާ ވާހަކަދެއްކިއެވެ.
*****
ހެނދުނުގެ ސައި މޭޒު މައްޗަށް އަރުވާ ނިންމާފައި ބޭގަރީ އެއްފަރާތުގައި މަޑުކޮށްލައިގެން ހުއްޓެވެ. ނަހީކް އައިސް މޭޒުކައިރީގައި އިށީނީ އޭގެ ވިއްސަކަށް މިނެޓް ފަހުންނެވެ. އަތުގައި އޮތް ކަރުދާސް ދެ ކޮތަޅު ބެގަރީއަށް ދިއްކޮށްލިއެވެ.
"ތިއީ ބެގަރީއަށް. އަހަރެން ގެނެސްދިން ހަދިޔާ. ދެވަނަ ކޮތަޅުގަ ހުރި އެއްޗެހި ބަލާލީމަ އެނގޭނެ ކާކު ދިން އެއްޗެއްކަން" ނަހީކް ބުންޏެވެ. ބެގަރީ ނުހަނު ބޮޑަށް ހިނިތުންވެފައި ދެ ކޮތަޅުގައި ހިފިއެވެ. ރުޅިގަނޑެއް ހުންނަ ފިރިހެނަކަސް ނަހީކް ބެގަރީއަށް ވަރަށް ހެވެވެ.
"އަހަރެން ހޯދަން އެއްވެސް މީހަކު އައިތަ؟" ޕާން ފޮތީގައި ބަޓަރު ހާކަމުން ނަހީކް އެހިއެވެ.
"ލައްބަ. އެއްކަލަ އަންހެންމީހާ" ބެގަރީ ބުންޏެވެ. ނަހީކް އެއްތުންފަތުން ހީލިއެވެ. ރޫބިޔާ ރުޅިއައިސްފައި ހުރިވަރާއި ގޮވާލި ފަތިވަރު ނަހީކަށް ކިޔައިދޭން އުޅެފައިވެސް ބެގަރީ މަޑުޖެހުނެވެ. ނަހީކް ސުވާލުކުރުމުން ނޫނީ ޖަވާބުދޭކަށް ބެގަރީއަށް ނުކެރުނެވެ.
"އެއްޗެކޭ ކިއިތަ؟" ނަހީކް އެހިއެވެ.
"ވަރަށް ރުޅިއައިސްފަ ހުންނަނީ. ކޮއްކޮ ދިޔަތަނެއް ނޭނގެއޭ ބުނީމަ ވަރަށް ފޯރި ހުރި" ބެގަރީ ބުންޏެވެ.
ދަބަސް ހިފައިގެން ނުކުންނަމުން މެންދުރަށް ކާން ތައްޔާރު ނުކުރުމަށް ބެގަރީއަށް ނަހީކް އެންގިއެވެ.
******
ބޭރަށް ދާން ތައްޔާރުވެގެން ނުކުތް ރިންދާއަށް މިފަހަރުވެސް އެރުނީ ޝާހްބާޒްގެ ކުރިމައްޗަށެވެ. ޝާހްބާޒް ސުވާލުކުރާނެކަމަށް އިރުކޮޅަކު މަޑުކޮށްގެން ހުރެފައި އެއްޗެއް ނުބުނުމުން ރިންދާ ގެއިން ނުކުތެވެ. ޝާހްބާޒް ކޮޓަރިއަށް ވަންއިރު މުސައްލަ މަތީގައި އިން ނަހާ ފެނި އިހަށް ވާހަކަނުދެއްކުމަށް ނިންމިއެވެ. އެހެންކަމުން އަނބިމީހާއަށް ފަސޭހަކޮށްދިނުމަށް ދޮވެ ހިއްކައިގެން ގެނެސް އެނދުމަތީގައި ބަހައްޓާފައި ހުރި އަންނައުނުތައް ފަތްޖަހަން ފެށިއެވެ. ޝާހްބާޒަކީ އަނބިމީހާ ބުނުމަކާ ނުލައި އެގޮތަށް ފަސޭހަކޮށްދޭ ފިރިއެކެވެ. އޯގާތެރި ފިރިއެކެވެ.
"ތިޔޯ... ތިބަހައްޓަބަލަ. އަހަރެން ނަމާދުކޮށްލަންދެން ބެހެއްޓީ" މުސައްލަ އޮޅަމުން ތެދުވި ނަހާ ބުންޏެވެ.
"މިދެން އެހާ ކަމެއް ނޫނެއްނު. އަދިވެސް ރިއްސާތަ؟" ޝަހްބާޒް އެހިއެވެ. އޭނާ ހެނދުނު އޮފީހަށް ދިޔައިރު ނަހާ ބޮލެއްގައި ރިއްސާތީ އެނދުގައި އޮތެވެ. އޭނާ ދިޔައީ ކިރުތައްޓަކާއެކު ނަހާއަށް ބޭސްދީފައެވެ.
"މިހާރު ރަނގަޅު" ޝާހްބާޒް ކައިރީގައި އިށީންނަމުން ނަހާ ބުންޏެވެ.
"ރިދާ ކޮންތާކަށް އެދިޔައީ؟" ޝާހްބާޒް އެހިއެވެ.
"ބޮޑުވެފައި ހުރި އަންހެންދަރިއެއް. ކިހިނެއް އަބަދު ގެއިން ބޭރަށް ނުކުތަނުދީ ހިފަހައްޓާނީ. އަބަދު ގޭތެރޭގަ އެހެން އިންނަންވީމަ ފޫހިވެސްވާނެއްނު. ވާހަކަދައްކާނެ ރަހުމަތްތެރިއެއްވެސް ހުރި ކުއްޖެއްނޫން" ނަހާ ވާހަކަދެއްކިއެވެ. ޝާހްބާޒް ކައިރިވެލާފައި ނަހާގެ ކޮނޑުގައި އަތް އަޅުވާލާފައި ގަޔާ ކައިރިކޮށްލިއެވެ.
"އެކަމަކު އެކުއްޖާއަށް މިތަނުގަ ހިނގާކަށް އެނގެނީއެއްނޫން. އެކަނި ނުކުތީމަ މަގުވެސް އޮޅިދާނެ" ޝާހްބާޒް ކަންބޮޑުވުން ފާޅުކުރިއެވެ.
"މިޒަމާނު ދެ ލޮލަށް ނުފެންނަ މީހާއަށްވެސް މާލޭގެ މަގުތައް އެނގޭނެ" ހީލަމުން ނަހާ ބުންޏެވެ.
*****
ހަވީރުގެ ވަގުތަކީ މާލޭގެ މަގުތައް ހަލަބޮލި ވަގުތެވެ. ބޮޑު މަގެއް ވިއްޔާ އެމަގެއްގެ ހާލަތު ވަކިން ބޮޑެވެ. މަޖީދީމަގު ހުރިގޮތަށް ރިންދާ ހިނގާފައި ދިޔައީ ހިތާއި ސިކުނޑީގައި ފުނިޖެހިފައިވި ފިކުރުތައް އެއްފަރާތް ކުރަމުންނެވެ. ގިނިކަންޏާ ވިޔަސް ގުދުރަތީ ސާފު މަންޒަރުތަކުން ހިތަށް ހިތްހަމަޖެހުން ހޯދަމުންނެވެ. ރަސްފަންނާ ދިމާލަށް ނުކުމެވުމާއެކު ރިންދާއަށް ހަށިފުރާ ނޭވައެއް ލެވުނެވެ. ދެފަރާތް ބަލާފައި މަގު ހުރަސްކުރަން އުޅުނު ވަގުތު ސިހުމެއް ލިބުނީ ގަޔާ ދިމާލަށް އައި ސައިކަލެއް ފެނިފައެވެ. ދުއްވައިގަންނަންވެސް ނުކެރިފައި ހުރި ރިންދާއަށް ޝޮކެއްގައި ހުރެވުނެވެ. ކުރެވުނީ އެންމެ ކަމެކެވެ. ހުރަހަށް އަޅުވާފައި އޮތް ދަބަސް ނަގާފައި މޫނުގައި އަޅައި ފޮރުވުމެވެ. އަނގައިން ތޫލި އަޑެއް ނެރެވުނުކަމެއް ރިންދާއަށް ޔަގީނެއް ނުވިއެވެ. އެހެންނަމަވެސް އެތައް ބައެއްގެ ނަޒަރު އެދިމާލަށް އަމާޒުވެފައި ހުއްޓެވެ.
ސައިކަލުގައި އިން ޒުވާނާ އިނީ ރުޅިއައިސް ފޯވެފައެވެ. އެގޮތަށް އަންހެންކުއްޖަކު އޭނާގެ ރާސްތާއަށް ހުރަސްއެޅީތީއެވެ. އޮފީހުން ނުކުތީވެސް އެހާ ހިތްހަމަޖެހިގެނެއް ނޫނެވެ. އަންހެނެއްގެ އުނދަގޫ ބޮޑުވެގެންނެވެ. މަގުމަތިންވެސް އަންހެނެއްގެ ބަލާވެރިކަމެވެ.
"މިއޮށް ބޮޑު މަގުން ކަލެއަށް ފެނުނީ އަހަރެންގެ ސައިކަލްތަ؟ ބޮޑު މުސީބާތެކޭ... ދުރަށްދޭ ކުރިމަތިން" ޒުވާނާގެ ހަރުކަށި ބަސްތައް އިވިފައި ރިންދާ ހައިރާންވިއެވެ.
ސައިކަލުގައި ނުޖެހި ސަލާމަތްވިކަންވެސް އެނގުނީ ޒުވާނާ ވާހަކަދެއްކި އަޑު އިވުމުންނެވެ. މޫނުމަތީގައި އޮތް ދަބަސް ކުޑަކޮށް ރިންދާ ތިރިކޮށްލިއެވެ. ކަޅު ކުލައިގެ އަނދުނުން ފަވާފައިވާ ބޮޑުބޮޑު ދެލޯ ފެންނަވަރަށެވެ. ޒުވާނާ އާ ރިންދާގެ ނަޒަރު ސީދާވިއެވެ. އެހިނދު ރިންދާގެ ހިތުގައި ބިރުވެރިކަމެއް ހިނގާލިއެވެ. ޒުވާނާގެ މޫނުމަތީގައި ރޯ ފަތެއް ޖައްސާލިޔަސް ރޮއެވާނެކަން ޔަގީނެވެ. ބަލަން އިނީ އެހާ ރުޅިއައިސްފައެވެ. ރިންދާއަށް ނޭނގުނީ ރިންދާގެ ދެލޯ ފެނުނު ހިސާބުން ޒުވާނާގެ ރުޅިގަނޑު ހިނދިފައިވާ ކަމެވެ. ރިންދާގެ ދެލޮލުގެ ޖާދޫގައި ޒުވާނާ ބަނދެވިފައި އިން ކަމެވެ.
*****
ރޮއްޓާއި ރިހަ ކަހަލަ އެއްޗިއްސަށް ވުރެ ބޮޑަށް ހެނދުނުގެ ސަޔަށް ޖިލްވާއަށް ރަނގަޅީ ބަޓަރާއި ޖޭމެވެ. ކަޅު ސަޔާއި ކޮފީއަށް ވުރެ ބޮޑަށް ޖިލްވާއަށް ރަނގަޅީ ލޯ ފެޓް ކިރެވެ. އެހެންނަމަވެސް ގޭގައި ގެންގުޅޭ މީހެއްގެ އެހީތެރިކަމާއެކު ހެނދުނުގެ ސައި ޖިލްވާ ތައްޔާރު ކުރިއެވެ. ބަރަކްއަށްޓަކައެވެ. ޖިލްވާ އާ ބައްދަލުކުރަން ބަރަކް އެގެއަށް އަންނަނީ މަދު ފަހަރަކުއެވެ.
"އެ އައީ ކަންނޭނގެ" ސައި ހަދާފައި ހުރީ ރަނގަޅަށްތޯ ބަލަން ހުރި ޖިލްވާއަށް ބުނެވުނެވެ. އެއިރު ދެފަހަރަށް ދޮރުގެ ރަނގަބީލުވެފައި ހުއްޓިއްޖެއެވެ. ދުވެލާފައި ޖިލްވާ ގޮސް ދޮރުހުޅުވާލިއެވެ. ދެލޮލަށް ބަލާލަން ފަސޭހަ ސާފު ނޫކުލައިގެ ފުލުހުންގެ ޔުނީފޯމުގައި ހުރި ބަރަކް ފެނުމާއެކު ޖިލްވާއަށް ހިނިތުންވެވުނެވެ. ބަރަކް އެގޮތަށް ޔުނީފޯމުގައި ހުއްޓައި ޖިލްވާއަށް ނުފެނެއެވެ.
"ވަރަށް ސްމާޓް" އޮފް އަރަމުންދިޔަ ކަޅު ކުލައިގެ ބޫޓުން ފެށިގެން ކުޑަކޮށް މައްޗަށް ހިއްލައި އެއްފަރާތަކަށް އޮތް ބަރަކްގެ އިސްތަށިގަނޑާ ހަމައަށް ނަޒަރެއްދެމުން ޖިލްވާ ބުންޏެވެ. ބަރަކްއަކީ އިސްކޮޅާއި ރޫފަ ހެޔޮވަރަކަށް ހުރި ޒުވާން ރީތި ފިރިހެނެކެވެ. ފުލުހެއްގެ ޔުނީފޯމުގައި ފެންނައިރު އެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނުވައެވެ.
"އާދޭ.." ދޮރު ބޮޑަށް ހުޅުވާލަމުން ޖިލްވާ ބުންޏެވެ. ހިނިތުންވެފައި ހުރި ބަރަކް އެތެރެއަށް ވަދެފައި ދެފަރާތް ބަލައިލިއެވެ.
"ކާފަ ނޫޅޭތަ؟" ބަރަކް އެހިއެވެ.
"ކާފަ މިގަޑީގަ ނުހުންނާނެއްނު. ކޯޓުގަ ވީ. ހިނގާ ސައިބޯން" ޖިލްވާ ބުންޏެވެ. ބަރަކް ކުރިއަށް ހިނގައިގަތެވެ. ފަހަތުން އައި ޖިލްވާ ކުއްލިއަކަށް ބަރަކްގެ އަތުގައި ހިފަހައްޓާލިއެވެ. ބަރަކް ބަލައިލުމާއެކު ހިނިތުންވެފައި މަޑުމަޑުން ބަރަކް އާ ކައިރިވެލިއެވެ. ބަލަހައްޓައިގެން ހުރީ ސީދާ ބަރަކްގެ ދެލޮލަށެވެ.
"ހަމަ ބައްދާލާހިއްވީ" ބަރަކްގެ ކަނާއަތާއި ހަށިގަނޑާ ދެމެދުން ޖިލްވާގެ އަތްގެންގޮސް ބަރަކް އާ ގާތްވެލަމުން ބުންޏެވެ. އެފަދަ އަމަލެއް ފުރަތަމަ ފަހަރަށް ޖިލްވާގެ ފުށުން ފެނުނީތީ ބަރަކް ހައިރާންވިއެވެ. ޖިލްވާ ދުރުކޮށްލާކަށްވެސް ނުކެރުނެވެ. ޖިލްވާގެ ކޮނޑުގައި ބަރަކް އަތް ވަށާލާފައި ކުޑަކޮށް ފިއްތާލިއެވެ. ލޯބީގެގޮތުން ދެކުދިން ގުޅިގެން އުޅޭތާ އެތައް ދުވަހެއް ވިއިރުވެސް ދުވަހަކުވެސް ދެކުދިން އިންފަހަނައަޅާ ގޮސްފައެއް ނުވެއެވެ. ޖިލްވާއަށް ކާފައެއްގެ ފަރާތުން ލިބުނު ތަރުބިއްޔަތަކީ އެހެން މީހުންނަށް މިސާލެއްފަދަ ތަރުބިއްޔަތެކެވެ. މަޔަކު ދުނިޔޭގައި ހުއްޓަސް ކުޑައިރުން ފެށިގެން މައެއްގެ ފަރާތުން ލިބެންވާ ފުރިހަމަ ލޯތްބާއި އަޅާލުން ބަރަކްއަށް ނުލިބެއެވެ. އެހެންނަމަވެސް ބަރަކްގެ ކިޔަމަންތެރިކަމާއި ރަނގަޅު އަހުލާގަކީ ބޭބެ އަޔާލްގެ ދީފައިވާ ހެޔޮ ނަސޭހަތެވެ.
"ގެއަށް ގެންދަން ސައި ޕެކްކޮށްލެވޭނެތަ؟" ބަރަކް އެހިއެވެ.
"ސައި ނުބޮއެ ހިފައިގެން ދަނީތަ؟" ޖިލްވާ އެހިއެވެ. އެހާ މަސައްކަތުން ނާޝްތާ ތައްޔާރުކޮށްފައި ހުއްޓައި ބަރަކް ސައި ނުބޯން އުޅޭހެން ހީވުމުން ޖިލްވާ ދެރަވެއްޖެއެވެ.
"ނޫން. ދޮންބެއަށް. މިއަދު ރޯގާޖެހި ހުން އައިސްފަ އޮތީ" ބަރަކް ބުންޏެވެ.
"އަހަރެން ޕެކްކުރީމަ ބަރަކް ދާއިރު ހިފައިގެންދޭ" ޖިލްވާ ބުންޏެވެ.
*****
ކޮޓަރި މެދުގައި ހުރި ނަހީކްގެ ނަޒަރު ހުއްޓިފައިވަނީ ދިމާލަށް ހުރި ބޮޑު އެނދުގެ ހެޑްބޯޑާ ދިމާލުން މަތީގައި ހަރުކޮށްފައި ހުރި އާދައިގެ ވަރަކަށް ވުރެ ބޮޑު ފޮޓޯ ފްރޭމަކަށެވެ. ފޮޓޯގަނޑުން ފެންނަން ހުރީ ކުޑަ އަންހެންކުއްޖެއްގެ ފޮޓޯއެވެ. އެވެސް ފްރޭމްގެ އެއްފާރާތުގައެވެ. އަނެއް ފަރާތުގައި ޖަހާފައި އިނީ މީގެ އެތައް އަހަރެއް ކުރީގެ ތާރީހެކެވެ. ހީވާގޮތުން އެއީ އެފޮޓޯގަނޑު ނެގި ތާރީހެވެ. ދޮރުގައި ޓަކިޖަހާލި އަޑު އިވުނީ ކުއްލިއަކަށެވެ. ނަހީކްގެ ހުއްދަލިބުމާއެކު ބެގަރީ އެތެރެއަށް ވަދެގެން އައިސް ކޮފީތަށި ނަހީކްއަށް ދިއްކޮށްލިއެވެ.
"ކިހިނެއްވީ؟" ބެގަރީ ނުގޮސް މަޑުކޮށްލައިގެން ހުންނަން ފެށުމުން ނަހީކް އެހިއެވެ.
"މެޑަމްއަށް އަޅުގަނޑުގެ ފަރާތުން ޝުކުރުއަދާކުރަން ބޭނުންވެގެން. މެޑަމް ދެއްވި ހަދިޔާ އަޅުގަނޑަށް ވަރަށް ކަމުދޭ" އިސްޖަހާލައިގެން ހުރި ބެގަރީ ބުންޏެވެ.
"ބުނެދޭނަން އިނގޭ" ހިނިތުންވެލަމުން ނަހީކް ބުންޏެވެ.
ބެގަރީ ނުކުތުމާއެކު ނަހީކް ނުކުމެ ހުއްޓުނީ ބެލްކަނީގައެވެ. ހަމަ އެފޮޓޯއަށް ކުރިމަތިލައިގެންނެވެ. މިއަދު މާގިނައިން އެ ފޮޓޯއަށް އޭނައަށް ބެލެނީ ސަބަބަކާ ނުލައެއްވެސް ނޫނެވެ. ހިތަށް ކުރުވި މުޅިން ތަފާތު އަސަރެއްގެ ސަބަބުންނެވެ.
"ސޮރީ. އަޅުގަނޑަށް ނުބަލައި މަގު ހުރަސްކުރަން އުޅެވުނީ" ރިންދާ އެހެން ބުނިއިރުވެސް ނަހީކްއަށް ރިންދާގެ ދެލޯ ނޫން އެހެން ތަނެއް ނުފެނެއެވެ. މޫނު ފެނުނީ ރިންދާ ކުރިއަށް ހިނގައިގަތް ވަގުތުއެވެ. އެވަގުތުން ފެށިގެން ނަހީކްގެ ހިތް ހަމަޔަކަށް ނޭޅެއެވެ. އެތައް ދުވަހެއްގެ ކުރީގެ ހަނދާނެއް ނަހީކްގެ ހިތުގައި ކޮށްޓާލައިފިއެވެ. ގެއަށް އައިފަހުން އެ ފޮޓޯ ފްރޭމް ކައިރިން ދުރަށް ނުދެވިގެން އުޅެނީ އެހެންވެއެވެ.
ރިދާ... މައި ލަވް... ވަރަށް ހޯދިން... އެންމެފަހުން ފެނިއްޖެ...." ހިތާހިތުން ނަހީކް ކިޔާލިއެވެ. މިހާރު އޭނާ ވިސްނަމުން ދަނީ ރިންދާ ހާސިލްކުރާނެ ގޮތަކާ މެދުގައެވެ. މާލެއިން ރިންދާ ހޯދުމަކީ ނަހީކަށް އުނދަގުކަމެއް ނޫނެވެ. ރިންދާ އުޅޭ ގެއަށް ނަހީކް ނަފްރަތު ކުރިޔަސް އަންބެއްގެ ގޮތުގައި ހަޔާތަށް ގެންނަން ބޭނުންވަނީ ރިންދާއެވެ. ނަހީކް ދެރަވި ވަގުތުކޮޅަކީ ރިންދާއަށް ނަހީކް ފާހަގަކުރަން ނޭނގުމެވެ. ކުޑައިރުގެ އެ ލޯބި ރިންދާ ހަނދާން ނެތުނަސް ނަހީކްގެ ހަނދާނުގައި ހުރިހާކަމެއް އެބަހުއްޓެވެ.
*****
ބަރަކް ފެންވަރައިގެން ނުކުތް އިރުވެސް އަޔާލް އެނދުގައި ޒާތަކަށް ހިނިއައިސްފައި އޮތެވެ. އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެން އޮތްއިރު ބަރަކްއަށް އެއްޗެއް ނުބުނެ ކެތެއްނުވިއެވެ. އިސްތަށިގަނޑުގައި ޖެލް ހާކަމުން އައިސް އަޔާލް އަތުން ފޯނު ޖަހައިގަނެފައި ބަލައިލިއެވެ. އެވަގުތު ބަރަކްގެ އިނގިލި ސްކްރީނުގައި ޖެހި ތިރިއަށް ސްކްރޯލްވެގެން ދިޔުމުން އަޔާލް ބަލަން އިން ފޮޓޯ ބަރަކްއަށް ގެއްލުނެވެ.
"ދޮންބެ އިޝްގުގަ ޖެހުނީތަ؟" ބަރަކް އެހިއެވެ.
"ހަމަ ރަނގަޅަށް ތިބުނީ. ދޮންބެ މޮޔަވެއްޖެ" އަޔާލް ބުންޏެވެ. އަޔާލް އަތުން ފޯނު އަތުލާފައި ގެލެރީ އަލުން ހުޅުވިއެވެ. ދެން އޭނާ ބަލަމުންދިޔަ ފޮޓޯ ބަރަކްއަށް ދައްކާލިއެވެ.
"މިއީ ކާކުތަ؟" ބަަރަކް އެހިއެވެ.
"ނޭނގެ. ރީތިތަ؟" އަޔާލް އެހިއެވެ.
"ހޫމް... އެކަމު ޖިލްވާ ވަރެއް ނުވޭ" އަލުން ލޯގަނޑު ކައިރީގައި ހުއްޓެމުން ބަރަކް ބުންޏެވެ.
ހަމަ އެވަގުތެވެ. ދެކުދިންނަށް އެއްފަހަރާ ދޮރާ ދިމާލަށް ބަލައިލެވުނީ ކުއްލިއަކަށް ކޮޓަރި ދޮރުހުޅުވުނު އަޑަށެވެ. އޭރު ރޫބިޔާ ކުޑަކޮށް އެތެރެއަށް ވަދެއްޖެއެވެ.
"މަންމާ...." އެގޮތަށް ޓަކިޖެހުމެއްނެތި ރޫބިޔާ އެތެރެއަށް ވަނުމުން ބަރަކް ހިތްހަމަނުޖެހުނެވެ.
"ކަލެއަކަށް ނޭނގޭތަ މިއީ ފިރިހެން ކުދިންތަކެއް އުޅޭ ކޮޓަރިއެއް ކަމެއް" ހިތްހަމަނުޖެހިފައި އަޔާލް އެނދުން ތެދުވެ ރޫބިޔާއާ ކުރިމަތިލިއެވެ. ރޫބިޔާ އާއި އަޔާލް ކިތަންމެ ކުޑަ ކަމަކާ އަރައިރުންވިޔަސް ބަރަކް ހުންނަނީ އެކަމަށް ސަމާލުވެއެވެ. ދޮންބެ ހަމައެކަނި ހަމައިން ނައްޓަނީ މަންމަ އާ ޖެހުމުންކަން ބަރަކްއަށް އެނގެއެވެ.
"އަހަރެން ކަލެއަކާ ވާހަކައެއް ނުދައްކަމެއްނު. އަހަރެން މިތަނަށް ވަނީ ބަރަކް ހޯދަން" ރޫބިޔާ ބުންޏެވެ.
"އެކަމަކު މަންމާ ޓަކިޖަހަންވާނެއްނު. އެއީއެއްނު ރީތިގޮތަކީވެސް" މަޑުމައިތިރިކަމާއެކު ބަރަކް ބުންޏެވެ.
"އަހަރެންނަށް އެނގޭނީ އަހަރެން ވަންނާނެ ގޮތެއް" ރޫބިޔާ ބުންޏެވެ.
"އަދި ފުއްޕައޭ. ހަމަމިހާރު ނުކުމޭ... އެހެންނޫނީ..." އަޔާލް ރުޅިގަނޑު ކޮންޓްރޯލުން ކެނޑިދާނެހެން ހީވުމުން ދެމެދަށް ބަރަކް ވަނެވެ. ހިތްހަމަނުޖެހިފައި ރޫބިޔާގެ އަތުގައި ހިފައިގެން ބަރަކް ކޮޓަރިން ނުކުތެވެ.
******
ފޮށި ދަމަމުން އައި އަންހެންކުއްޖާ ޓެކްސީތައް މަޑުކޮށްގެން ތިބޭ ހިސާބުގައި މަޑުކޮށްލިއެވެ. އަޅައިގެން ހުރި އަވި އައިނު މައްޗަށް ޖައްސާލާފައި ވަށައިގެން ނަޒަރު ހިންގާލިއެވެ. އެއްވެސް މީހަކު ބަލާ އައިސް ނެތްކަން އެނގުމުން އަންހެންކުއްޖާ މޫނު ހަދާލިއެވެ. އިންތިޒާރު ކުރުމަކީ އޭނާ އެންމެ ފޫހިވާ ކަންތަކެވެ.
ވާހަކަ
ވާހަކަ