ޚަބަރު

ޔާމީން ވަނީ މަނީ ލޯންޑާކޮށްފައި، އެއީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެކޭ ބުނެވޭކަށް ނެތް: ދައުލަތް

އަލީ ޔާމިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ މަނީ ލޯންޑާކުރައްވާފައި ކަމަށާއި ވ. އާރަށުގެ މައްސަލައިގެ މުއާމަލާތަކީ ޑޮލަރު މާރުކުރުމުގެ ނުވަތަ ވިޔަފާރީގެ އެފަދަ މުއާމަލާތެކޭ ބުނެވެން ނެތް ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށް ދޫކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ދައުލަތުން ވަނީ އުފުލައިފައެވެ. އެ މައްސަލައިގައި ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާކޮށްފައެވެ.

އެ މައްސަލައި އިބުތިދާއީ މަރުހަލާ ކުރިމިނަލް ކޯޓުގައި މިއަދު ފަށާފައިވާއިރު، ޝަރީއަތުގައި އިބްތިދާއީ ބަޔާން އިއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އާރަށް ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮއްވައި ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރީ 2015 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ނުވަ ވަނަ ދުވަހު ކަމަށެވެ.

އަދި 13 އޯގަސްޓު 2015 ގައި މި މައްސަލައިގައި ދެން ހިމެނޭ ފަރާތް، ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއް އުފައްދައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް އެރަށް ދޫކުރީ ރައީސް ޔާމީނުގެ ނުފޫޒު ބޭނުން ކުރައްވައިގެން ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ ޓޫޖީ ޕްރައިވެޓް ލިމިޓެޑާއި އެމްއެމްޕީއާރްސީއާ ދެމެދު ސޮއިކޮށްފައިވަނީ 9 ސެޕްޓެމްބަރު 2015ގައެވެ. އަދި އޭގެ އެއް ދުވަސް ކުރިން 8 ސެޕްޓެމްބަރު 2015 ގައި ޓޫޖީގެ 99 ޕަސަންޓް ހިއްސާ ވިއްކާލައިފައިވާ ކަމަށާއި އެ ހިއްސާ ވިއްކި ފަރާތުން 9 ސެޕްޓެމްބަރުގައި އެއް މިލިއަން ޑޮލަރުގެ ޗެކެއް ޔޫސުފް ނައީމަށް ދީފައިވާ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

އަދި 13 ސެޕްޓެމްބަރުގައި އެ ޗެކްގެ ފައިސާ ޔޫސުފް ނައީމްގެ އެކައުންޓަށް ޖަމާވިއެވެ. އޭގެ ދެ ދުވަސް ފަހުން 15 ސެޕްޓެމްބަރުގައި ޔޫސުފް ނައީމްގެ އެކައުންޓުން އެ ފައިސާ ނަގައި ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ އެ ފައިސާ އެހެން، ފައިސާތަކާ އެއްކުރައްވައިގެން ރައީސް ޔާމީން ވަނީ މަނީ ލޯންޑާކުރައްވާފައި ކަމަށެވެ. އަދި އެއީ ޑޮލަރު މާރުކުރުމުގެ ނުވަތަ ވިޔަފާރީގެ އެފަދަ މުއާމަލާތެކޭ ބުނެވެން ނެތް ކަމަށެވެ. އެއީ އެއް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ، ރައީސް ޔާމީންގެ ފަރާތުން ޔޫސުފް ނައީމަށް ދީފައިވާކަން އެނގެން ނެތުމުން ކަމަށް ދައުލަތުން ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ 2013 ވަނަ އަހަރުން ފެށިގެން ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމުގައި ރައީސް ޔާމީން ނުފޫޒު ފޯރުއްވިކަން ސާބިތުކުރުމަށް ކުރީގެ ބައިން ރައީސް އަހުމަދު އަދީބާއި ރައީސް ޔާމީނާ ދެމެދު ދެކެވިފައިވާ ފޯން ކޯލްތަކެއްގެ ރެކޯޑިން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ކަމަށެވެ.

ރައީސް ޔާމީނުގެ ފަރާތުން އިބްތިދާއީ ބަޔާން ހުށަހަޅުއްވަމުން އެމަނިކުފާނުގެ ވަކީލުން ވަނީ، އެމަނިކުފާނަށް ކުރާ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމަށާއި އެއީ ސިޔާސީ ގޮތުން ރައީސް ޔާމީން ފްރޭމް ކުރަން ވެގެން ކުރެވޭ ކަމެއްގެ ގޮތުގައި ވިދާޅުވެފައެވެ.

ދެފަރާތުން އިބްތިދާއީ ބަޔާން އިއްވުމުން މައްސަލަ ބައްލަވާ ގާޒީ ވަނީ ޝަރީއަތް ކުރިއަށް ގެންދަވާނެ ގޮތުގެ ތާވަލެއް ދެފަރާތަށް ހިއްސާކުރައްވައިފައެވެ. އެގޮތުން އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ ޝަރީއަތުން ގަސްތު ކުރަނީ މި މަހުގެ ތެރޭގައި ހެކިބަސްތައް ނެގުމަށް ކަމަށެވެ. އެ މައްސަލައިގައި އަޑުއެހުމެއް ދެން އޮންނާނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.