ޚަބަރު

ޔާމީންގެ ހުށަހެޅުންތައް ބަލައިނުގަތް މައްސަލަ ހައިކޯޓްގައި އިސްތިއުނާފުކޮށްފި

އަލީ ޔާމިން

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ކްރިމިނަލް ކޯޓުން ބަލައިނުގަތް މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

އެ މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަންނަން، އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ނިންމެވީ، އެ ހުށަހެޅުންތައް ހުށަހެޅީ ޝަރީއަތުން ދިން މުއްދަތު ފަަހަނަ އަޅައި ދިއުމަށް ފަހުގައި ކަމަށް ބުނެއެވެ.

ވ. އާރަށު މައްސަލައިގައި ރައީސް ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު ކުރިމިނަލް ކޯޓުގައި ކުރިއަށްގެންގޮސްފައިވާ އިރު، މިއަދު އޮތީ އެ މައްސަލައިގެ އިބްތިދާއީ ބަޔާން އިއްވައި ޝަރީއަތް ފެށުމެވެ. މިއަދުގެ އަޑުއެހުން ފެށުމާއެކު، ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން ވަނީ، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަތް މައްސަލަ ހައިކޯޓުގައި މިއަދު އިސްތިއުނާފުކޮށްފައިވާ ކަމަށް ވިދާޅުވެ، އެ މައްސަލައިގައި ހައިކޯޓުން ގޮތެއް ނިންމަވަންދެން، އިބްތިދާއީ މަރުހަލާ ފެށުން ފަސްކޮށްދިނުމަށް އެދިފައެވެ.

ރައީސް ޔާމީންގެ ވަކީލުން ފާހަގަކުރެއްވި ގޮތުގައި، އެ މައްސަލަ އިސްތިއުނާފުކުރަން ލަސްވީ ކުރިމިނަލް ކޯޓުން ފޯރުކޮށްދޭން ޖެހޭ ބައެއް ލިޔެކިޔުންތައް ލިބުން ލަސްވުމުންނެވެ. އަދި އެ މައްސަލައިގެ އިސްތިއުނާފު ފޯމު ކުރިމިނަލް ކޯޓަށް އިއްޔެ ފޮނުވި ނަމަވެސް އެ ފޯމު ކުރިމިނަލް ކޯޓުގެ ފަރާތުން ހައިކޯޓަށް ފޮނުވީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކަމަށް ވަކީލުން ވިދާޅުވިއެވެ.

"ކޮބާތޯ އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ނެތް. އަޅުގަނޑުމެންގެ ވަގުތެއްވެސް ނެތް ވަސީލަތެއްވެސް ނެތް." ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އިސް ގާޒީ ޝަކީލް ވިދާޅުވީ، ޝަރީއަތުގެ މިހާ ހިސާބަށް އައި އިރު، ޝަރީއަތް މަޑުޖައްސާލަން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެންވެ، މިއަދު ވަނީ އެ މައްސަލައިގެ އިބްތިދާއީ މަރުހަލާ ފަށައިފައެވެ.

"އެހެން ނަމަވެސް މިއަދުގެ މިއަދާ ހަމައަށްވެސް މަތީ މަރުހަލާގެ ކޯޓަކުން އިސްތިއުނާފުކޮށްފައިވާ ކަމެއް ނުވަތަ މި މައްސަލަ މަޑުޖައްސާލަންޖެހޭ ފަދަ ސަަބަބެއް އޮތް ކަމެއް އަންގާފައެއް ނުވޭ،" އިސް ގާޒީ ޝަކީލް ވިދާޅުވިއެވެ.

އިސް ގާޒީ ޝަކީލް އިތުރަށް ވިދާޅުވީ، އިބްތިދާއީ މަރުހަލާ ފެށި ނަމަވެސް ހައިކޯޓުން އެ މައްސަލައިގައި ނިންމަވާ ގޮތަކަށް ކުރިމިނަލް ކޯޓުން އިހުތިރާމު ކުރާނެ ކަމަށާއި އެ ނިންމުމަށް ރިއާޔަތްކޮށް ޝަރީއަތުގައި ދެން ދާންޖެހޭ މަރުހަލާއަކަށް ދާނެ ކަމަށެވެ.