ޚަބަރު

ދައުލަތުގެ ދަރަނި ރީ ސްޓްރަކްޗާކުރަން ގޮވާލައި އިލިޔާސް ލަބީބުގެ ގަރާރެއް

ދައުލަތުގެ ދަރަނި ރީ ސްޓްރަކްޗާކުރަން ސަރުކާރަށް ގޮވާލައި ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވަން ނިންމަވައިފިއެވެ.

އިލިޔާސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދަރަނި ރީސްޓްރަކްޗާކުރަން ބޭނުންވާ ކަންތައްތައް ތަރުތީބުކޮށް، އިންތިޒާމުކޮށް އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެދި މަޖިލީހަށް ގަރާރެއް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އެ ގަރާރު މަޖިލީހަށް ހުށަހެޅުމަށްޓަކައި އެމްޑީޕީގެ ޕީޖީ ގުރޫޕަށް ފޮނުވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އިލްޔާސްގެ ގަރާރުގައި ވަނީ ސަރުކާރުން ދީފައިވާ ސޮވަރިން ގެރެންޓީއާއި ވިއްކާފައިވާ ބޮންޑާއި ނަގާފައިވާ ލޯނުތަކުގެ ބޮޑު ބައެއް މި އަހަރާއި އަންނަ އަހަރު ދައްކަންޖެހޭ ކަމަށެވެ.

މި އަހަރު ފާސްކުރި ބަޖެޓުގައި ޖުމުލަ ދަރަނި ހުންނާނެ ކަމަށް ބެލެވެނީ 91.8 މިލިއަން ރުފިޔާގައި ކަމަށްވާއިރު، ގެރެންޓީ ހިމަނައިގެން އެ އަދަދު 102.9 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 117.7 ޕަސެންޓު ކަމަށް ގަރާރުގައި ބުނެއެވެ.

އެ މިންގަނޑުތަކުގެ ތެރޭގައި ހިފެހެއްޓުމަށް އުނދަގޫވާނެކަން ފާހަގަކޮށް ދައުލަތަށް ލިބޭ އާމްދަނީން ކުރަންޖެހޭ ހަރަދުތައް ފޫނުބެއްދޭނެ ކަމަށް ގަރާރުގައިވެއެވެ. އަދި ހަރަދުތައް ދެކޮޅު ޖެއްސުމަށާއި ލޯނު އަނބުރާ ދެއްކުމަށް އިތުރު ލޯނުތައް ނަގަންޖެހޭ ކަމަށާއި ދަރަނި ރީސްޓްރަކްޗާ ކުރުމަކީ އެންމެ މުހިންމު އެއް ކަމުގައި ގޮތުގައި ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

އިލްޔާސް މި ގަރާރު ހުށަހަޅާފައި ވަނީ ދައުލަތުގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކި އިގުތިސާދު ބަނގުރޫޓުވާނެ ހާލަތު ރާއްޖެއަށް ކުރިމަތިވެދާނެ ކަމުގެ ބިރުވެރިކަމެއް ނެތް ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ދެއްވާފައިވަނިކޮށެވެ.