ލައިފް ސްޓައިލް

ކަޅުދިރި: ގިނަ ފައިދާތަކެއް، ރައްކާތެރިވާން ޖެހޭ ކަންކަން ވެސް އެބަހުރި!

މަރިޔަމް ޝަފާ އިބްރާހިމް

ކަޅުއޮށް، ނުވަތަ ކަޅުދިރިއަކީ އޭޝިޔާ އާއި މެޑިޓެރޭނިއަން ކަނޑުގެ ސަރަހައްދުތަކަށް ނިސްބަތްވާ މާގަސްތަކެކެވެ. އޭގެ އޮށް ބޭސް ހެދުމަށް ބޭނުން ކުރަމުން އަންނަތާ އެތައް ހާސް އަހަރެއް ވެއްޖެ އެވެ.

ކަޅުދިރީގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށް، ކެންސަރާ ދެކޮޅަށް ހަނގުރާމަކޮށް، ދުޅަވުން މަދުކޮށް، އަދިވެސް މިފަދަ އެތައް ބޮޑެތި މައްސަލަތައް ހައްލުކޮށްދެއެވެ. ހަމަމިއާއެކު، އާދައިގެ އާއްމު ބަލިތައްވެސް ކަޅުދިރިން ވަރަށް ފަސޭހައިން ރަނގަޅުކޮށްދެއެވެ. ކަޅުދިރިއަކީ މުސްލިމުންނަށްވެސް ނުހަނު ހާއްސަ އަދި މުހިންމު އެއްޗެކެވެ. ކަޅުދިރި ބޭނުންކޮށްގެން އެތައްކަމަކަށް ފަރުވާ ދެވޭނެކަމަށް ހޯދުންތަކުން ފެނިފައިވެއެވެ. ހަމައެހެންމެ އެންޓިހިސްޓޭމިންގެ ގޮތުގައި މަސައްކަތް ކުރާތީ، އެލާޖިކްވުންތަކަށްވެސް އެންމެ ރަނގަޅު އެއްޗެއްކަމުގައި ކަޅުދިރި ވެފައިވެއެވެ

ނޭވާހިއްލުން، ރޯގާތަކާއި ހުން، ހަކުރުބަލި، ލޭމައްޗަށް ދިއުން، ބަރުދަން ލުއިވުން، މައްސަރު ކަންތައްތަކުގައި ބަނޑުގައި ރިއްސުން، އަދި އެހެނިހެން ގިނަ ހާލަތްތަކަށް ކަޅުދިރި ބޭނުންކުރެއެވެ. ނަމަވެސް މިއިން ބައެއް ބޭނުންތަކަށް ތާއީދުކުރާ ރަނގަޅު ސައިންޓިފިކް ހެއްކެއް ނެތެވެ. ކޮވިޑް-19 އަށް ކަޅުދިރި ބޭނުން ކުރުމަށް ތާއީދުކުރާ އެއްވެސް ރަނގަޅު ހޯދުމެއް ނުވަތަ ސަބަބެއް ނުވަތަ ޑޮކްޓަރީ ބުނުމެއްވެސް ނެތެވެ. އެހެންނަމަވެސް، ޒަމާނުއްސުރެ ކަޅުދިރިއަކީ އަގުހުރި، ފައިދާ ހުރި، ބޭހެއްގެ ގޮތުގައި ބޭނުން ކުރެވޭ އެއްޗެއްކަން އެނގެން އެބައޮތެވެ. އެންމެ ހާއްސަ އަދި މުހިންމު ސަބަބަކީ މިއީ މުސްލިމުންގެ ތެރޭގައި މާބޮޑަށްވެސް ހާއްސަ އެއްޗަކަށް ވާކަމެވެ. އަދި މިއީ ސިއްހަތަށް އެންމެ އެކަށީގެންވާ ފަރުވާދޭ އެއްޗެއްކަމަށް ވެސް އިސްލާމްދީނުގެ ގަބޫލުކުރުންތަކުގެ ތެރޭގައި އޮވެއެވެ. އަދި މީގެ ތަޖުރިބާކާރުން ބުނާ ގޮތުގައި މިބޭނުން ކުރުމުން އެއީ ކިހާވަރެއްގެ ހަގީގަތެއްކަން އެނގޭނެއެވެ.

ބޭނުންތަކާއި ފައިދާހުރި ގޮތް

  • މޫނުގައި އަދި ގައިގައި ނަގާ ބިހިން ސަލާމަތް ވުމަށް ކަޅުދިރި ހިމެނޭ ޖެލްއެއް ބޭނުން ކުރުމުން ބިހިތައް ރަނގަޅު ވުމަށް އެހީތެރިވެދެއެވެ.
  • ނޭވާހިއްލުމަށް ބޭނުންކުރާ ބޭހާއެކު، ކަޅުދިރި ބޭނުންކުރުމަކީ ނޭވާހިއްލުން ހުންނަ ބައެއް މީހުންނަށް ކެއްސުމާއި، ނޭވައަށް އުނދަގޫ ކުރުން، އަދި ފުއްޕާމޭގެ މަސައްކަތް ރަނގަޅު ކޮށްދޭ ކަމެކެވެ.
  • ކަޅުދިރީގެ ފުށް ނުވަތަ ކަޅުދިރީގެ ތެޔޮ ދުވާލަކު އެއްފަހަރު ކެއުމުން ހަކުރުބަލި ހުންނަ މީހުންގެ ލޭގައި ހަކުރު ހުންނަ މިންވަރު ރަނގަޅުވާކަމަށްވެއެވެ.
  • ހަޖަމުކުރާ ނިޒާމަށް ޖެހޭ އިންފެކްޝަނެއްގެ ސަބަބުން އުނދަގޫތައް (ހެލިކޮބެކްޓަރ ޕައިލޯރީ ނުވަތަ އެޗް. ޕައިލޯރީ) އުފެދިދާނެ އެވެ. ސްޓޭންޑަޑް ތެރަޕީތަކާއެކު ކަޅުދިރީގެ ފުށް ބޭނުންކުރުމަކީ މި އިންފެކްޝަނުން ސަލާމަތްވުމަށް އެހީތެރިވެދޭނެ ކަމެކެވެ.
  • ލޭމައްޗަށް ދިއުމަށް ކަޅުދިރީގެ ފުށް ނުވަތަ ކަޅުދިރީގެ ތެޔޮ ކެއުމުގައި ހިމަނައިގެން ބޭނުންކުރުމުން ދުޅަހެޔޮ، ސިއްހަތު ރަނގަޅު، ބޮޑެތި މީހުންގެ ލޭގެ ޕްރެޝަރު ކުޑަ މިންވަރަކަށް ދަށްވެދާނެ އެވެ. އެކަމަކު އެއީ ލޭމައްޗަށް ދިއުމުގެ މީހުންނަށް އެހީތެރިވެދޭ އެއްޗެއް ކަމެއް ޔަގީންކަމާއެކު ހޯދިފައެއް ނުވެއެވެ.
  • ބަލިވެ އިނުމަށް މަސައްކަތްކުރާތާ އަހަރެއްހާ ދުވަހުގެ ތެރޭގައި، އަންހެނަކު ބަލިވެ އިނުމަށް ހުރަސްއެޅޭފަދަ މައްސަލަތަކެއް ފިރިމީހާގެ ކިބައިގައި ހުރިނަމަ (ފިރިހެން ދަރިމައިނުވުން) ކަޅުދިރީގެ ތެޔޮ ބޭނުންކުރުމުން ދަރިފަނީގެ އަދަދު އިތުރުވެ، ދަރިފަނި އަވަސްމިނެއްގައި ހަރަކާތްތެރިވުން އިތުރުވެގެންދާކަމަށްވެއެވެ. އެއީ ބަލިވެ އިނުމުގެ ކަންތައް ރަނގަޅުކޮށްދޭ ކަމެއް ކަމެއް ސީދާ ހޯދިފައި ނުވިޔަސް މިކަމުން ވާފައިދާތައް ގިނައެވެ.
  • އުރަމަތީގައި ރިއްސުން (މަސްޓަލްޖިއާ)، އަށްވެސް ކަޅުދިރިއަކީ ފަރުވާއެއެވެ. މައްސަރު ކަންތައް ޖެހޭ ދުވަސްވަރު ކަޅުދިރީގެ ތެޔޮ ހިމެނޭ ޖެލް އުރަމަތީގައި އުނގުޅުމުން ތަދު ކުޑަކޮށްދެއެވެ.

ކަޅުދިރި ބޭނުން ކޮށްގެން ތައްޔާރުކޮށްފައިވާ ތަފާތު ވައްތަރުގެ ރީތިވާ ސާމާނުތައް މިހާރު ފަސޭހަކަމާއެކު ލިބެން ހުރެއެވެ. ތަފާތު އުމުރު ފުރައިގެ މީހުންނަށް ބޭނުން ކުރެވޭ އަދި ދެޖިންސުގެ މީހުންނަށްވެސް ބޭނުން ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ މިބާވަތްތައް ބާޒާރުން ލިބެން ހުންނަ އަގުތައްވެސް އެހާމެ ބޮޑެވެ.

ސަބަބުތައްވެސް އެބަހުއްޓެވެ. މިތަކެތީގެ 85އިންސައްތަ އަކީ މުޅީންވެސް ސާފު ކަޅުދިރިތެލެވެ. މިތަކެތި ބޭނުންކުރާ ފަރާތްތަކުން ބުނާ ގޮތުގައި މޫނާއި ކަނދުރާ އާއި އަތާއި ފައިގެ ހަންގަނޑު ވަރަށްވެސް ރީތިވެފައި ޅަޒުވާންކަން އިތުރުވެ އޮމާންކޮށްދެއެވެ. ހަމައެހެންމެ ކަޅުދިރީގެ ޝޭމްޕޫއާއި ހެއާރކްރީމް، ހެއާއޮއިލް ހެއާ ޓޮނިކް މިހެން ގޮސް އިސްތަށިގަނޑަށް ހުރި ހުރިހާ ބާވަތެއް ލިބެން ހުންނައިރު ބޭނުންކުރާ ފަރާތްތަކުން މިބާވަތްތަކަށް ދޭ ޔަގީންކަން ވަރަށްވެސް ބޮޑެވެ.

ހާއްސަ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އިންޒާރުތައް

ކަޅުދިރިއަކީ ޒަމާނުއްސުރެ އޭގެ ފައިދާއާއި ކަރާމާތްތެރިކަމަށް ވިސްނާފައި މީހުން ބޭނުން ކުރަމުން އަންނަ އެއްޗަކަށް ވިޔަސް ކޮންމެ އެއްޗެއްގެވެސް ރަނގަޅުގޮތާއި ނުބައި ގޮތް އަދި އެކަށީގެންވާ މިންވަރަށްވުރެ ގިނައިން ބޭނުން ކުރުމުން ދިމާވެދާނެ މައްސަލަތައް ހުރެއެވެ. އެގޮތުން ކަޅުދިރީގެ ވެސް މިމައްސަލަ ހުންނާނެއެވެ. އެހެންކަމުން ތިރީގައި މިހިމަނައިލަނީ ކަޅުދިރި ބޭނުން ކުރުމުގައި ބަލަން ޖެހޭ މިންގަނޑުތަކާއި ފަރުވާތެރިވާން ޖެހޭ އަދި ހާއްސަ ސަމާލުކަންދީ، ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ކުޑަކުޑަ މައުލޫމާތުކޮޅެކެވެ.

ހަންގަނޑުގައި އުނގުޅާއިރު

ކަޅުދިރީގެ ތެޔޮ ނުވަތަ ޖެލް ކުރު މުއްދަތަކަށް ބޭނުންކުރުމަކީ ފައިދާ ހުރި ކަމެކެވެ. އެހެންނަމަވެސް މާގިނަ ދުވަހު، މާގިނަ އަދަދަކަށް ބޭނުން ކުރުމުން، ބައެއް މީހުންނަށް އެލާޖިކް ރޯގާ ޖެހޭކަމަށްވެއެވެ.

މާބަނޑު ދުވަސްވަރު

ކަޅުދިރި އާންމުކޮށް ބޭނުންކުރަނީ ކާނާތަކުގައެވެ. އެކަމަކު މާބަނޑު ދުވަސްވަރު ކާނާގައި ހުންނަ މިންވަރަށް ވުރެ ގިނައިން ކެއުމަކީ ރައްކާތެރި ނޫން ކަމެއް ކަމަށް ބައެއް ހޯދުންތަކުން ފެނިފެއިވެއެވެ. ކަޅު އޮށަކީ ރަހިމު ކޮންޓްރެކްޓްވުން މަޑުޖެހި ނުވަތަ ހުއްޓުވޭނެ އެއްޗަކަށްވާތީ ބަލިވެ އިނުމުގައި މިފަދަ ހާސްވާ އެއްވެސް މައްސަލައެއް މެދުވެރިވާ ކަންތައްތައް ނުކުރުމަކީ އެންމެ އެދެވިގެންވާކެމެކެވެ.

ގާތުން ކިރުދިނުން

ގާތުން ކިރުދޭއިރު ކަޅުދިރިއަކީ ރައްކާތެރި ނޫން އެއްޗެއްކަމަކަށް އެނގޭފަދަ ހޯދުމެއް ނެތެވެ. ކޮންމެވެސް ވަރަކަށް ބޭނުން ކުރިއަސް މާގިނައިން ބޭނުން ކުރުން ރަނގަޅު ނޫން ކަމަށް ބައެއް ހޯދުންތަކުން ފެނިފައިވެއެވެ. އެހެންނަމަވެސް ކޮންމެ ދުވަހަކު މޭޒުމަތީ ކުޑަސަމުސަލެއްގެ ކަޅުދިރި ކެއުން ނުވަތަ ކަޅުދިރީގެ ތެޔޮ، ޝޭމްޕޫ، ކްރީމްފަދަ ތަކެތި ގެންގުޅުމަކީ މައްސަލައެއް ނޫނެވެ.

ކުޑަކުދިން

ކުޑަކުދިންނަށް، ކަޅުދިރިއަކީ އޭގެ ޒާތުގައި ކޮންމެ އުމުރަކަށްވެސް ހަމަ އެންމެ ރަނގަޅު އެއްޗެކެވެ. އެހެންކަމުން ކަޅުދިރީގެ ތެޔޮ، ކަޅުދިރީގެ ބުއިންތައް އުމުރާ ގުޅޭގޮތުން ދިނުމަކީ ސިއްހީ ގޮތުން ފައިދާ ހުރި ކަމެކެވެ. ކުރިންވެސް ހާމަކުރި ފަދައިން ކޮންމެ ކަމެއްގެވެސް ހައްދުން ބޭރުވެ، މިނަށްވުރެ ގިނައިން ބޭނުން ކުރާނަމަ މައްސަލަތަކެއް ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

ކެއުމަށް ނުވަތަ ބުއިމަށް ބޭނުން ކުރާއިރު

ކަޅުދިރިއަކީ އާންމުކޮށް ކާތަކެތީގައި ބޭނުންކުރާ އެއްޗެކެވެ. ކަޅުދިރީގެ ތެލާއި ކަޅުދިރީގެ ފުށް ތިނަ މަހެއްހައި ދުވަހުގެ މުއްދަތަށް ބޭނުންކުރުމަކީ އެއްވެސް މައްސަލައެއް ދިމާވާ ކަމެއްކަމަށް ހޯދުންތަކުން ދައްކާފައެއް ނުވެއެވެ. މެދުނުކެނޑި ތިން މަހަށްވުރެ ގިނަ ދުވަހު ބޭނުންކުރުމުން ވެސް ސީދާ މާބޮޑު މައްސަލައެއް ދިމާވާކަމެއް ހޯދިފައެއް ނެތެވެ. ނަމަވެސް ކަޅުދިރިން ބައެއް މީހުންނަށް އެލާޖިކް ރޯގާ އުފެދުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ބަނޑުހައިވުން، ހޮޑުލުން، ފަދަ ސައިޑް އިފެކްޓް ކަންކަން މެދުވެރިވުން އެކަށީގެންވެއެވެ.