ރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފާއިތުވި ހަތަރު އަހަރުތެރޭ 5.4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޗާޕުކުރި ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ކުރިމަތިވެ ދައުލަތަށް އާމްދަނީ ހޯދުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހުމާ ގުޅިގެން ސަރުކާރުގެ ހަރަދުތައް ހަމަޖައްސައިދޭން ސަރުކާރުން އެދިގެން ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ 32 ވަނަ މާއްދާ 2023 ގެ ނިޔަލަށް ސަސްޕެންޑު ކުރަން މަޖިލީހުން ވަނީ ފާސްްކޮށްފައެވެ. އެ މާއްދާ ސަސްޕެންޑު ކުރުމުން މަޖިލީހުގެ ހުއްދައާއެކު ފިނޭންސް މިނިސްޓްރީން ވަނީ 4.2 ބިލިއަން ރުފިޔާ އޯވާޑްރޯ ކޮށްފައެވެ.

ސަރުކާރުގެ ކޭޝްފްލޯ މެނޭޖު ކުރުމަށްޓަކައި މަރުކަޒީ ބޭންކުގައިވާ ސަރުކާރުގެ ބޭންކު އެކައުންޓުން އޯވަޑްރޯ ކުރުމަށް އިގުތިސާދީ ގޮތުން ކިޔަނީ "މަނިޓައިޒް" ކުރުމެވެ. ނުވަތަ ފައިސާ ޗާޕުކުރުމޭ ވެސް ކިޔައެވެ.

މުނައްވަރު ފޭސްބުކުގައި އިއްޔެ ލިޔުއްވި ލިޔުމެއްގައި ވިދާޅުވީ އެމްއެމްއޭ އިން 2018 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ހަރަދަށް 5.4 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޗާޕުކޮށްފައިވާ ކަމަށެވެ.

މިދިޔަ މަސް ނިމުނު އިރު މިފަދަ ދަރަނިތަކުގެ އަގު 11.6 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. އެއީ އެމްއެމްއޭގެ އެސެޓްގެ 47 ޕަސެންޓެވެ. 2018 ވަނަ އަހަރު ނިމުނު އިރު އެ އަދަދު ހުރީ 6.2 ބިލިއަން ރުފިޔާގައެވެ. އެއީ އެމްއެމްއޭގެ އެސެޓްގެ 30 ޕަސެންޓެވެ.

މަރުކަޒީ ބޭންކުން މިގޮތަށް ނަގާ ފައިސާ 91 ދުވަހުގެ ތެރޭގައި ދައްކައި ނިންމަންޖެހެއެވެ. ނަމަވެސް އެ ފައިސާއަކީ ކުޑަ އިންޓަރެސްޓުގައި 50 އަހަރުގެ ތެރޭ ދައްކަންޖެހޭ ބޮންޑަކަށް ބަދަލުކޮށް 2023 ވަނަ އަހަރު ނިމެން ވާއިރަށް ރުފިޔާ ޗާޕުކުރެވޭ ގޮތަށް ސަރުކާރުން ވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުން އިސްތިސްނާއެއް ހޯދައިފައެވެ.

މުނައްވަރު ވަނީ އިތުރު ފައިސާ ޗާޕުކުރުން ނޫން އެހެންގޮތަކަށް އިންފްލޭޝަން ކޮންޓްރޯލް ކުރުމަށް އެމްއެމްއޭ އިން ކުރަނީ ކޮންކަމެއްތޯ ވިދާޅުވެ ސުވާލު އުފައްދަވައިފައެވެ. އަދި ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނު އަލުން އިއާދަ ކުރުމާއެކު ސަރުކާރުގެ ހަރަދުތަކަށް ފައިސާ ޗާޕުކުރުން އަލުން ކޮންޓްރޯލް ކުރަން ޖެހޭ ކަމަށާއި އެހެން އެކަން ނުކޮށްފި ނަމަ އަނެއްކާވެސް 2011 ވަނަ އަހަރެކޭ އެއްފަދައިން އެކްސްޗޭންޖް ރޭޓުގެ ޕްރެޝަރު ބޮޑުވެދާނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ.

މުނައްވަރު އިތުރަށް ވިދާޅުވީ އެމްއެމްއޭ އަކީ ސަރުކާރަށް ރުފިޔާ ޗާޕުކޮށްދޭ ތަނެއްގެ ގޮތުގައި ދެމި އޮވެއްޖެއްޔާ ކޮންމެ ސަރުކާރަކަށްވެސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަގީގަތުގައި އެމްއެމްއޭ އިން 800 މިލިއަން ރުފިޔާ ޕްރިންޓުކުރި ނަމަ، އެކަމުން ދޭހަވަނީ ޓީޗަރުންނަށް މުސާރަ ބޮޑުކުރުމަކީ އެފަރާތްތަކުގެ އާމްދަނީއަށް ލިބޭ ވަގުތީ އިތުރުވުމެއް ކަމަށާއި އިންފްލޭޝަންގެ ސަބަބުން ހަރަދު ބޮޑުވެ އެ ލިބުނު އިތުރުވުން ނުފެންނާނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ.