ޖެންޑާ މިނިސްޓްރީން ކޮންމެ މަހަކު އެއް ފަހަރު ނެރޭ ތަފާސްހިސާބުތަކަށް ބަލައި އިރު، ދައުލަތުގެ ބެލުމުގެ ދަށަށް ކޮންމެ މަހަކު ދެ ކުދިން ތިން ކުދިން އެބަ ނަގައެވެ. އަދި މިއަހަރުގެ ފާއިތުވެގެންދިޔަ ހަތަރު މަސް ދުވަހު އެކަނިވެސް 22 ކުއްޖަކު ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ނަގައިފައެވެ. ޖުމުލަ 201 ކުއްޖަކު މިހާރުވެސް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އިރު، އޭގެ ތެރެއިން 89 ކުދިންނަކީ އަންހެން ކުދިންނެވެ. ދެން ތިބީ ހުސް ފިރިހެން ކުދިންނެވެ.

މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކުދިން މިދިޔަ އަހަރާ ބަލައި އިރު ބޮޑުތަނުން ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރު ދައުލަތަށް ނަގާފައިވަނީ 26 ކުދިންނެވެ.

  • ޖެނުއަރީ: 6 ކުދިން (2 އަންހެން ކުދިންނާއި 4 ފިރިހެން ކުދިން)
  • ފެބުރުއަރީ: އެންމެ އަންހެން ކުއްޖެއް
  • މާޗު: 12 ކުދިން (4 އަންހެން ކުދިންނާއި 8 ފިރިހެން ކުދިން)
  • އެޕްރީލް: 3 ކުދިން (2 އަންހެން ކުދިންނާއި އެއް ފިރިހެން ކުއްޖެއް)

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ދާދި ފަހުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކުދިން ވިހާފައި ހޮސްޕިޓަލަށް ދޫކޮށްލާ މީހުން ވަރަށް ގިނަވެއްޖެ ކަމަށެވެ. އަދި އެ ކުދިންނާ ހަވާލުވާނެ މީހުން ހޯދުންވެސް އުދަނގޫ ކަމަކަށްވެފައިވާ ކަމަށެވެ.

މިކަމުގެ ސަބަބަކީ ކޮބައި ހެއްޔެވެ؟ މަސްތުވާތަކެތި ހެއްޔެވެ؟ ނޫނީ ފަގީރުކަން ހެއްޔެވެ؟

މީޑިއާތަކާއެކު މީގެ ކުރިން ބޭއްވި ބައްދަލުކުރެއްވުމުގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެފައިވާ ގޮތުން، ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ އިންތިހާއަށް އިތުރުވެފައިވާއިރު މަސްތުވާތަކެތި ބޭނުންކުރާ މައިންބަފައިން ދަރިން ހޮސްޕިޓަލަށް ދޫކޮށްލާ އަދަދުވެސް ގިނައެވެ. ނޫނީ ނުބެލިގެން ދައުލަތާ ހަވާލުކުރާލެއްވެސް ގިނައެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓިގައި ވާހަކަދައްކަވަމުން ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެ ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދުވެސް ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ތެރެއިން 90 ޕަސެންޓާ ގާތްކުރާ އަދަދެއްގެ ކުދިންނަކީ މަސްތުވާތަކެތި ބޭނުންކުރާ މައިންބަފައިން ނުވަތަ މަސްތުގެ ވަބާގައި ޖެހިފައި ތިބި މައިންގެ ކުދިން ކަމަށް ވިދާޅުވެފައެވެ.

ޖީހާން ވިދާޅުވީ އެ ނޫންވެސް ހާލަތްތަކުގައި ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގާ ކަމަށެވެ. އެގޮތުން އާއިލާގެ ހަމަނުޖެހުމުގެ ސަބަބުން ކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުނުކުރެވޭ ހާލަތައް ދިއުމުންނާއި ރޭވުންތެރިކަމެއް ނެތި ދިރިއުޅުމެއް ފެއްޓުމުންނާއި ދަރިއަކަށް ތައްޔާރުނުވެ ނުވަތަ ބޭނުން ނުވެ ތިއްބާ ލިބޭ ދަރިންނާއި ފަގީރުކަމުގެ ސަބަބުންވެސް ދައުލަތަށް ކުދިން ނަގާ ކަމަށެވެ.