ޓީވީތަކުންނާއި ރޭޑިޔޯތަކުގެ ތަފާތު، އެކި ޗެނަލްތަކުންނާއި އެކިއެކި ނޫސްތަކުގެ 'ފަލަ' ސުރުހީގައި އޮތީ ހިންދާމުއަސްމާގެ މަރުގެ މައްސަލައިގެ ޝަރީއަތް ނިމި، ހުކުމް އިއްވި ވާހަކައެވެ. ގަހެއްގެ ދެފަތް ޖެހިލައި ހެލިލިޔަސް މިވާހަކަ ގޮވާ ކަހަލައެވެ. ކޮންމެ މީހަކުވެސް، މިޝަރީއަތުގެ ނިންމުމާއި މިމައްސަލައާ ބެހޭގޮތުން، އެމީހެއްގެ ހިޔާލު ސޯޝަލް މީޑިއާގެ އެކި ދިމަދިމާލުގައި ލިޔެ ހާމަ ކުރަނީއެވެ. އެއްބަޔަކު ހިންދާމުއަސްމާއަށް ހަމްދަރުދީ ފާޅު ކުރާއިރު އަނެއް ބަޔަކު ދަނީ ހިންދާމުއަސްމާއާ ބެހޭ ގޮތުން ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ. ހަސަން ފަޒީލަށް ހަމްދަރުދީ ފާޅުކުރާއިރު އަނެއްބަޔަކު ނުރުހުމާއި ނަފުރަތުން ފުރިފައިވާ ބަސްތަކެއް ފަޒީލަށް ނިސްބަތްކޮށް ލިޔެހާމަކުރަމުންނެވެ.
ކުރިމަތީގައި ހުރި ލެޕްޓޮޕްގެ ސްކްރީނުން ފެންނަމުންދާ ލިޔުން އިތުރަށް ކިޔާނެ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ. އެހެންނަމަވެސް އޭނާއަށް އެލިޔުންވެސް، އަދި ކަމާބެހޭ ގޮތުން ލިޔެފައިވާ އެހެނިހެން ލިޔުންތައްވެސް ކިޔަން މަޖުބޫރެވެ. ކިތަންމެ ބޭނުން ނުވިކަމުގައިވިޔަސް، އަމިއްލަ ހިތަށް ބާރުފޯރުވާނެ ވަރެއް އޭނާގެ ގަޔަކު ނެތެވެ.
"ހިންދާމުއަސްމާ މަރުވަންދެން ގާތުގައި އިނދެ، އެހެން މީހަކަށް މިހަބަރު ދޭން ގޮވާ ނުގެނެސް، ހިންދާމުއަސްމާ މަރުވަންދެން ބަލަހައްޓައިގެން އިނީ ގަސްދުގައި ކަމަށްވާތީވެ.........."
ފަޒީލަށް ކުރި ހުކުމުގެ ތަފުސީލު އެއޮތީ އޭނާގެ ކުރިމަތީގައެވެ. ފަޒީލުގެ ފަރާތުން އެއްވެސް މީހަކު ވަކާލާތެއް ނުކުރެއެވެ. އަދި ހުދު ފަޒީލުވެސް ދައުވާ ސާފުވިކަމުގެ އިގުރާރު ފިޔަވައި އެހެން އެއްވެސް ކަމަކަށް، އެއްވެސް ދެކޮޅުވެރި ބަހެއްވެސް ބުނެފައެއް ނުވެއެވެ.
އެންމެ ވިހި އަހަރުގައި ވިހި އަހަރުގެ ޖަލުހުކުމަކަށް ފަޒީލު ދިޔައީ ހަމަ އަންހެންކުއްޖެއްގެ މަރުގެ މައްސަލައިގަބާވައެވެ؟
މޭޒުމަތީގައި އޮތް ފައިލު ނަގައިގެން ހުޅުވަމުން، މާހީ ގޮނޑިން ތެދުވެގެން ކޮޓަރި ތެރޭގައި މަޑުމަޑުން ހިނގަން ފެށިއެވެ. އެއީ ހަސަން ފަޒީލްގެ ގަޒިއްޔާ ރިޕޯޓެވެ. މިއީ މާހީގެ ފުރަތަމަ ޝަރުއީ މައްސަލައެއް ނޫނެވެ. މާހީއަކީ މުޅި ގައުމުގައިވެސް ނަން މަޝްހޫރު ވަކީލާއެކެވެ. އެކަމަކު މިއީ މާހީއަށް ލިބުނު މައްސަލައެއް ނޫނެވެ. މިއީ އޭނާ އަމިއްލައަށް ހޮވައިގެން ނެގި މައްސަލައެކެވެ. މިމައްސަލައިގައި ދައުލަތުގެ ފަރާތުން، ފަޒީލަށް ވަކީލަކު ހަމަޖައްސައިދިނުމަށް ހުށަހެޅުމުން އެކަމަށްވެސް ފަޒީލު ހެދީ ދެކޮޅެވެ. ޝަރީއަތް ކުރިއަށް ގެންދިއުމަށް އެއްވެސް ވަކީލެއް އަދި އެއްވެސް ހެއްކެއްވެސް ހުށަހަޅާކަށް ފަޒީލު ބޭނުމެއް ނުވިއެވެ. އެންމެ ފަހުން ހުކުމްވެސް ކޮށްފިއެވެ. ހައިކޯޓަށް މައްސަލަ ވައްދާކަށް ފަޒީލު އުޅޭނެހެން ހީވުމަކީވެސް މޮޔަ ކަމެއް ނޫން ހެއްޔެވެ. އަމިއްލަ ދިފާއުގައި ބަހެއް ނުބުނި މީހަކު ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމުގެ ބުރަ އަދި ބޮޑު މަސައްކަތް ކުރާނެ ހެއްޔެވެ. ހައް. ނޫނެކެވެ. ނުކުރާނެއެވެ.
މާހީ އޭނާގެ ލޮލުގައި އޮތް ނަންބަރު އައިނު ރަނގަޅު ކޮށްލަމުން ފައިލުގެ ފުރަތަމަ ގަނޑު ރަނގަޅަށް ކިޔަންފެށިއެވެ. ރެއަކީ ހަނދުމަހުގެ ތޭވީސް ވިލޭރޭ ކަމުން މެންދަމުން އަލިވެ އެކެއް ޖެހުމަކާ ގާތް ވަމުންދިޔައިރު ރޭގެ ހަނދު، ތަރިތަކުގެ މެދުން ދައްކާލައިފިއެވެ. ކޮޓަރީގެ ކުޑަދޮރުގެ ދަމާފައިވާ ފަރުދާ ވަޔާ ހެލިލުމުން ޖެހޭ ފިރިނިފި ރޯޅި މާހީގެ މޫނުގައި ފިރުމާލައެވެ. މުޅި އަވަށުގައިވެސް ހޭލާ ތިބި ބަޔަކު ނެތް ކަހަލައެވެ. ދޭތެރެއަކުން ޒޫންލާފައި މަގުމަތިން ދާ ކޮންމެވެސް ދުއްވާ އެއްޗެއްގެ އަޑު ނޫނީ އެހެން އަޑެއް ނީވެއެވެ. އާދައިގެ ކޭސްތަކަށް ވުރެ، އުނދަގޫ، ހައްލުކުރަން ދަތި، ބޮޑު މައްސަލައެއްނަމަ، މާހީ 'ކޭސް ސްޓަޑީ' ކުރަނީ އަބަދުވެސް މިފަދަ ހިމޭން މެންދަންތަކުގައެވެ. ގޭތެރޭގައި ކުދިންގެ ހަލަބޮލިކަމެއް ނުވަތަ ފިރިމީހާގެ އެއްވެސް ސަމާސާއެއް މިވަގުތު މާހީއަކަށް އުނދަގޫކުރާކަށް ނާންނާނެކަން މާހީއަށް އެނގެއެވެ.
މާހީގެ މި ސްޓަޑީ، ނުވަތަ 'ކިޔަވާ ކޮޓަރި' ހުންނަނީ އޭނާ އާއި ފިރިމީހާގެ މާސްޓާބެޑްރޫމްގެ ތެރެއިން ދޮރުހުޅުވާލާފައި ވަދެވޭ ގޮތަށް ފަރުމާކުރެވިފައެވެ. ތަނަވަސް ދެކޮޓަރިއަކާއި ބޮޑު ކޮޓަރިއެއް ހިމެނޭ މިރީތި، ބޮޑު ގެއަކީ މާހީގެ ކައިވެނީގެ ހަދިޔާއަކަށް އޭނާގެ ލޯބިވާ ބައްޕަ ގަނެދިން ގެއެކެވެ. މާހީއަކީ މަންމައަކާއި ބައްޕައެއްގެ އިން ހަމައެންމެ އަންހެން ދަރިފުޅަށްވީތީ، ބޮޑު ވަމުން އައީ ދުނިޔޭގެ ހުރިހާ އުފަލަކާއި ހިތްހަމަޖެހުމެއް ލިބިގެން، ލޯތްބާއި ކުލުނުގެ ދާނެއްގައެވެ.
ސްކޫލުން ފެށިގެން ކޮލެޖާއި ޔުނިވަސިޓީއިންވެސް ހަމައެންމެ ފުރިހަމަ އެއްވަނައެއް ހާސިލު ކުރިއެވެ. އިސްލާމީ ޝަރީއާ އިން ލޯ އިން ބައިނަލްއަގުވާމީ ފެންވަރުގެ ކޯސްތަކުން އެންމެ މަތީ ފާހަކާއެކު، 'ކްރިމިނަލް ލޯ' ފާމް އެއް އުފެއްދިއެވެ. މިއަދާ ހަމައަށް ސަތޭކަބާވީސް ކުދި މައްސަލަތަކާއި ބޮޑެތި މައްސަލަތަކުގެ އެގާރަ މައްސަލަ މާހީ ވަނީ އޭނާގެ ލޯ ފާމުގައި ރަޖިސްޓްރީކޮށްގެން، ވަކާލާތުކޮށްފައެވެ. އަދި ނުހަނު ކާމިޔާބުކަމާއެކު އެމައްސަލަތަކުން އޭނާގެ މުވައްކިލު ބަރީއަތް ކުރެއެވެ. އެހެންނަމަވެސް މާހީގެ ލޯފާމުގައި ވަރަށްވެސް ވަރުގަދަ، ބޮޑު ޝަރުތެއް އޮވެއެވެ.
އެންމެންވެސް ގަބޫލު ކުރާ ގޮތުގައި ވަކީލުންނަކީ ނަރަކައިގެ އެންމެ އަޑީގައި ތިބޭނެ ބައެއްކަމުގައެވެ. ވަކީލަކަށްވުމަށްޓަކައި ދޮގުވެރިއަކަށް ވާންޖެހޭކަމަށް ގިނަ މީހުން ގަބޫލު ކުރެއެވެ. އެހެންނަމަވެސް މާހީ މިކަމާ އަބަދުވެސް ދެކޮޅު ހަދައެވެ. އަދި މިހާރު އޭނާގެ ވަކާލާތު ކުރުމަށް މީހުން އިތުބާރުވެސް ކުރޭމެއެވެ. އެހެނީ މާހީ ލޯފާމުގައި އެއްވެސް ދޮގެއް ބަލައިގަނެވެންނޯންނާތީއެވެ. މާހީ ވަކާލާތު ކުރި ކޮންމެ މައްސަލައަކީ މައުސޫމު، ކުށެއް ނެތް މީހުންނަށް ކޮށްފައި ހުރި ދައުވާތަކެވެ. މާހީ ގަބޫލު ކުރާ ގޮތުގައި ކުށެއް ނެތް މީހެއްނަމަ އެމީހަކު ނުހައްގު އަދަބު ދިނުމަކީ ވަރަށްވެސް ބޮޑު ނާއިންސާފެކެވެ. އަދި އޭނާއަށް ވެގެން ވާނަމަ އެފަދަ ކަމެއް ފަހަރެއްގައިވެސް ވިޔަކަ ނުދޭނެއެވެ. އަދި މާހީ ވަނީ މިކަން ވޭތުވެދިޔަ ފަސް އަހަރުތެރޭގައި މާބޮޑަށްވެސް ސާބިތުކޮށްދީފައެވެ.
ޔުނިވަސިޓީގައި ވަކީލުކަން ކިޔަވަމުން ދިޔަ ދުވަސްތަކުގެ ތެރޭގައި ޔޫޝައުއާ ބައްދަލުވެ، މާހީއަށް ޔޫޝައުގެ ގައިން އޭނާ ބޭނުންވާ ހުރިހާ ސިފައެއް ފެނުނެވެ. އަދި ދެމީހުންގެ އެކުވެރިކަން ލޯތްބަށް ބަދަލުވެ، ކައިވެންޏާ ހަމައަށް ދާކަށް މާގިނަ ދުވަހެއް ނުނަގައެވެ. ޔޫޝައުއަކީ ރާއްޖޭގެ އުތުރުގެ ރަށަކަށް ނިސްބަތްވާ މެދުފަންތީގެ އާއިލާއެއްގެ ދޮށީ ފިރިހެންދަރިފުޅެވެ. މައިންބަފައިންގެ ގައިގައި ހުރި ފެންވަރަކުން ޔޫޝައު އޮޕަރޭޝަން ހާއްސަ ޑޮކްޓަރަކަށް ވުމަށްޓަކައި ކިޔަވަން ފޮނުވީ، އެންމެ ކުޑައިރުން ފެށިގެން ވެސް ޔޫޝައުގެ ޝައުގުވެރިކަން އޮތީ ޑޮކްޓަރަކަށް ވުމަށްކަމަށްވާތީއެވެ. މާހީއާއި ޔޫޝައު ޕީއެޗްޑީ ނެގީ ދާދި އެކުއެކީގައި ކަހަލަ ގޮތަކަށެވެ.
އެއިރު ދެމީހުންގެ ކައިވެނީގެ މާމުއިހަނދުގެ ފޮނިދުވަސްތައް ހޭދަކޮށް ނިންމާލިތާ އަހަރު ދުވަސްވަނީއެވެ. އެންމެ އުފާވެރި ވަގުތު ދެމަފިރިންގެ އުފާވެރިކަން ދެގުނަވެގެންދިޔަ ހަބަރު މާހީ ދިނީ ޔޫޝައުގެ ނަތީޖާ އިއުލާން ކުރި ވަގުތު ސޯޝަލް މީޑިޔާ މެދުވެރިކޮށް ފޮނުވި މެސެޖަކުންނެވެ.
މިލޯބިވެތި ދިރިއުޅުމާއެކު ދެމަފިރިން ގައުމަށް ހިދުމަތްކުރުމަށް އަތުރުކުރި އޮޅާލައިގެން މާލެ އައިއިރު، މާހީގެ ބައްޕަ ވަނީ މިގެ ގަނެދީ، ދެމަފިރިންނާއި އަންނަން އުޅޭ ކާފަ ދަރިފުޅަށްޓަކައި ބޭނުންވާ ހުރިހާ ފަސޭހައަކާއެކު ތައްޔާރު ކޮށްދީފައެވެ. މާހީގެ ފުރަތަމަ ވަކާލަތު ކުރި މައްސަލައިގެ ޝަރީއަތްތަކަށް އޭނާ ތައްޔާރުވީ ހަމަހުގެ ބަނޑާއެކުގައެވެ. ފިރިމީހާގެ އޯގާތެރިކަމާއި ލޯބި އެންމެ ފުރިހަމައަށް ލިބިގެން މާހީ އޭނާގެ މަސައްކަތުގައި ކާމިޔާބު ހޯދަމުންދާއިރު، ހަމައަނެއްކޮޅުން ޔޫޝައުގެ ހާއްސަ އޮޕަރޭޝަނެއް އޮންނަނަމަ މާހީވެސް ހުރިހާ ގޮތަކުންވެސް އެއްބާރުލުންދެއެވެ. ކޮންމެއަކަސް ފަސްއަހަރުގެ ފިރިހެން ދަރިފުޅު ޔަޝަލްއާއި ތިންއަހަރުގެ އަންހެންދަރިފުޅު މައުވާ ބަލައިބޮޑުކުރުމާއި ގޭތެރޭގެ ޒިންމާތަކުގައި ދެމީހުން އެއްބައިވަންތަކަމާއި ހަމަހަމަކަމާއެކު ބައިވެރިވުމުގެ ސަބަބުން ދިރިއުޅުން ދަނީ ވަރަށްވެސް އޮމާންކޮށެވެ.
މާހީ އޭނާގެ އަތުގައި އޮތް ފައިލުގައި އޮތް ލިޔުމުން ފެންނަން ހުރި ފަޒީލްގެ ފޮޓޯއަށް ބަލައިލިއެވެ. ބަލައިލަން ހާދަހާވާ ރީތި ޒުވާނެކެވެ. މޫނުމަތީގައި އެއްވެސް މަކަރުވެރިކަމެއްގެ އަސަރެއް ނެތެވެ. ޝައިތާނީ އެއްވެސް އަމަލެއް ކުރަން ކެރޭނެ ޒުވާނެއް ހެނެއް ބަލާބެލުމަކަށް ހިއެއް ނުވެއެވެ. ފައިލުން ފަޒީލާ ބެހޭ މައުލޫމާތު ހުރި ކަރުދާސްތައް ނަގައި، ފައިލު މޭޒުމަތީގައި ބާއްވަމުން މާހީ ފަންސުރެއްވެސް ނެގިއެވެ. އަދި ލިޔުންތައް ބަލަމުން ގޮސް ކުޑަދޮރު ކައިރީ ހުއްޓިއްޖެއެވެ.
އުމުރު: ނަވާރަ އަހަރާއި ނުވަ މަސް، އުފަންއަތޮޅާއި ރަށް؛ ވ. ފުލިދޫ/ގުލްހަޒާރުމާގެ
ތައުލީމީ ފެންވަރު: އޯލެވެލް (ސްކޫލުގައި އަބަދުވެސް އެންމެ މޮޅު ދަރިވަރު)
މާހީ ކުޑަދޮރުގެ ކަނީގައި ލެގިގެން ހުރެ ކަރުދާހުގައި ލިޔެފައިވާ މައުލޫމާތުތައް ކިޔަމުންދިޔައެވެ. ކިޔަމުން ދިޔަވަރަކަށް މާހީގެ ނިއްކުރިއަށް އަރަމުންދިޔަ ރޫތައް ދިޔައީ އިތުރުވަމުންނެވެ. މިއީ އޭނާ ހީކުރި ކަހަލަ މައްސަލައެއް ނޫނެވެ. ފަޒީލާ މާދަމާ ހަވީރު ބައްދަލު ކުރުމަށް ހަމަޖެހިފައިވާތީ އޭނާއަށް ލިބެން ހުރި، ހުރިހާ ދިމާއަކުން މައުލޫމާތު ވަނީ އެއްކޮށްފައެވެ. ފަޒީލުގެ ކުރިމައްޗަށް ދިއުމުގެ ކުރިން އެވަރަށް ތައްޔާރުވާން އޭނާ ބޭނުންވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ފަޒީލު މިމައްސަލައިގައި ވަކީލަކު ބޭނުން ނުވި ގޮތަށް އޭނާއަށް އެއްބާރުލުން ދިނުމަށް ދެކޮޅު ހަދާފާނެތީ، އެކަމަށް އޭނާ ތައްޔާރުވާން ޖެހެއެވެ. އަދި މާދަމާ ހަވީރު މާފުށްޓަށް ދިއުމުގެ ކުރިން ފަޒީލުގެ އާއިލާގައި ތިބި ބަޔަކާ ވާހަކަ ދެއްކުމަށްވެސް މާހީވަނީ ގަސްދުކޮށްފައެވެ.
ނުހަނު ރީތިކޮށް އޮތް އުނޑުމަތީ ކަޅުވިލާތައް ގިނަވީއިރެއްވެސް ނޭނގި ކުއްލިއަކަށް ވަށައިގެން ވިލާތައް ބޯވެ، އުދަރެސް ބައްދާލައިފިއެވެ. ދުނިޔެ މުޅިން އެކަށް އަނދިރިވެލައިފިއެވެ. އެއިރުވެސް މާހީގެ ހުރިހާ ސަމާލުކަމެއްވަނީ ފަޒީލާ ބެހޭގޮތުން ލިޔެފައިވާ ލިޔުމަށް ހުއްޓިފައެވެ. ދުނިޔެމަތި ފިނިވަމުން، މަޑުމަޑުން ވިލާތައް ޖެހި ފިތި ބާރުވަމުންދިޔައެވެ. ވައިރޯޅިތައް އިރެއްއިރަކަށް ބާރުވަނީއެވެ. ހީވަނީ ހަމަ ދެންމެދެންމެ ތޫފާނެއް އައިސްދާނެހެނެވެ.
ލިޔުންތަކުގެ އެންމެ ފަހަތުގައި ފޮޓޯކޮޕީ ނަގާފައިވާ ތަސްވީރުތަކާ ހަމައަށް ދެވިއްޖެއެވެ. އެއީ ކޮންމެވެސް ރަށެއްގެ އަތިރިމަތީގައި ނަގާފައިވާ ފޮޓޯތަކަކުން ނަގާފައިވާ ކޮޕީތަކެކެވެ. ފުރަތަމަ ތަސްވީރުން ފެންނަނީ އަތިރިމަތީގައި ރޯކޮށްފައިވާ އަލިފާންގަނޑެއް ކައިރީ ހުއްޓިގެން ހުރި އަންހެންކުއްޖެކެވެ. އޭނާގެ އިސްތަށިގަނޑު އޮތީ ވިހުރާލެވިފައެވެ. މޫނުސާފުކޮށް ފެނެއެވެ. ހައިރާންވާ ކަހަލަ މޭކަޕެއް ކޮށްފައި ހުރި ކުއްޖެކެވެ. ގާތްގަނޑަކަށް އުމުރުން ސޯޅަވަރަކަށް އަހަރު ކަހަލައެވެ.
ތަސްވީރާމެދު ފުންކޮށް ވިސްނަން ހުރި މާހީގެ މޫނުގައި، ހަންގަނޑު ތޮރުފިގެންދާވަރުގެ ފިނި ރޯޅިއެއް ބީހިލައިފިއެވެ. ސިއްސައިގެން ދިޔަ ވަގުތު އަތުގައި ހުރި ކަރުދާސްތައް ވިއްސައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. މާހީ ހުށިޔާރުވެ ހުރެ ކަރުދާސްތައް އޮޅާލައި، ފިޔަވަޅެއް ފަހަތަށް އަޅައިލިއެވެ. އަދި ބޭރަށް ސަމާލުކަންދިނުމުގެ ބަދަލުގައި އަނެއްކާވެސް ތަސްވީރުތަކުން ދެވަނަ ތަސްވީރު ނަގަންކަމަށް ހީކޮށްލިއެވެ. އެވަގުތު އަނެއްކާވެސް ފިނިފިނި ވައިރޯޅިއެއް އައިސް އޭނާގެ މޫނުގައި ޖެހިފައި އިސްތަށިގަނޑު ވިހުރާލިއެވެ.
ޗޮކެއް ކަޑާލާފައި ކުޑަދޮރުލައްޕަން ކަމަށް އެދިމާއަށް ޖެހިލިއެވެ. އެއާއެކު ތިންވަނަ ފަހަރަށް ވައިރޯޅިއެއް އައިސް މާހީގެ އިސްތަށިގަނޑުވެސް ހާވާލައިފިއެވެ. އެޖެހިލި ބާރު ރޯޅީގައި މާހީގެ ކަންފަތްދޮށުގައި ކޮންމެވެސް އެއްޗެކޭ ބުނެލި ކަހަލައެވެ. މާހީއަށް ކޮންމެވެސް ވަރެއްގެ ސިހުމަކާއި ހާސްކަމެއް ވެރިވިއެވެ. އެހެންނަމަވެސް އަވަހަށް ކުޑަދޮރު ލެއްޕުމަށް ބޭރަށް އަތްދިއްކޮށްލިއެވެ. އަސްތާއެވެ. ބޭރުގެ މާހައުލު ހާދަހާ ފިންޏެވެ. އާދަޔާހިލާފު ފިނިކަމެކެވެ. ފިނިފައިބާ މޫސުމުގައި ފިނިގައުމުތަކުގައިވެސް އުޅުނެވެ. އެކަމަކު މާހީއަކަށް ދުވަހެއްގައިވެސް މިފަދަ ތަފާތު ފިންޏެއްގެ އިހުސާސެއް ނުވެއެވެ.
"އޭހ. ކަރުއަޅާނަން. މަރާލާނަން."
މާހީއަށް ސިއްސައިގެން ގޮސް ފަހަތަށް އެއްލިގަނެވުނެވެ. އެއީ އޭނާއަށް ހީވި ހީވުމެއް ނޫނެވެ. ހަމަގައިމުވެސް އޭނާއަކީ އެވަރަށް ކުށްހީ އާއި ބިރާއި ވަހުމުގެ ޝިކާރަވެރިއެއް ނޫނެވެ. އެކަމަކު އޭނާގެ ކަންފަތްދޮށުގައި ޖެހުނު ރޯޅިއެއްހެން އެބުނީ ކީކޭހެއްޔެވެ؟ މާތްކަލާކޯއެވެ. އަތުގައި އޮތީ މަރުގެ މައްސަލައެއްގެ ލިޔުންތަކެކެވެ. އަނެއްކާ އޭނާގެ ސިކުނޑިއަށް ވަސްވާހެއްގެ އަސަރުކުރީ ތޯއްޗެކެވެ. އަމިއްލަ ނަފުސަށް ހެވިލާފައި އަނެއްކާވެސް މާހީ ކުޑަދޮރު ލައްޕާލުމަށް އަތްދިއްކޮށްލިއެވެ. މިފަހަރު ހީވާނެ އެއްވެސް ޖާގައެއް ނެތެވެ. އަޑު އިވުނީ ސީދާ ގާތުން ސާފުކޮށެވެ. އެއީ އަންހެން އަޑެއްނޫނެވެ. އަދި ފިރިހެން އަޑެއްވެސް ނޫނެވެ. ބައްވެފައިވާ ބާރު އަޑެކެވެ.
"އޭހ. ކަލޭގެވެސް ކަރުއަޅާލަންވީތަ؟ މަރާލާނަން."
މާހީއަށް އިހުތިޔާރުން ބޭރުގައި ދޮރުފަތުގައި ހިފެހެއްޓި އަތުން ދޮރު ލެއްޕުމަށް ދަމައިގަނެވުނެވެ. އެކަމަކު ކޮންމެވެސް މީހަކު އެދޮރުގައި ބޭރުން ހިފަހައްޓައިގެން ހުރި ކަހަލައެވެ. ދޮރުފަތް ގުޑާވެސް ނުލިއެވެ. އަވަހަށް އޭނާ އެތެރެއަށް އަތް ދަމައިގަތެވެ. ކުޑަދޮރުކައިރިން ދުރަށް، އަވަހަށް ކޮޓަރިން ނުކުތުމަށްކަމަށް ހީކޮށް ފިޔަވަޅެއް ނަގަން ފަރިވެލިއެވެ. އެކަމަކު އޭނާގެ ހެދުމުގެ އަތުކުރި ދޮރުކަނީގައި އަޅައިގަތީކަން ނޭނގެއެވެ. ކުރިއަށް ދާން ފިޔަވަޅެއް ނުހިނގުނެވެ.
މާހީ އެނބުރި ކުޑަދޮރުގެ ކަނީގައި ހެދުމުގެ އަތުކުރި ނޫނީ އެހެން ތަނެއް ނަމަވެސް އަޅައިގެންފައި ހުރިތޯ ބަލައިލިއެވެ. ލޯމައްޗަށް ފެނުނު މަންޒަރު ގަބޫލު ކުރާކަށް ބޭނުމެއް ނޫނެވެ. އެކަމަކު އޭނާގެ ލޮލަށް ފެނުނީ ލޯހުޅުވައިގެން ހުއްޓައި ފެނުނު ހުވަފެނެއް ނޫނެވެ. މިކޮޓަރީގެ ކުޑަދޮރާ ދިމާއަށް ލެނބިފައިވާ ބޮޑު މިދިލިގޮފިގަނޑެއް އޮވެއެވެ. އެއީ ޖެހިގެން ހުންނަ ގެއާއި މިގެއާ ދެމެދަށްވާ އިންފާރުހުރިތަނަށް ވާގޮތަށް ހެދިބޮޑުވެ އޮފިގަނޑުތައް ލެބިގައި ހުންނަ ބިޔަ މިދިލި ގަހެކެވެ. މިގަސް ކަޑާލާކަށް ދެގޭ މީހުންވެސް ބޭނުމެއް ނުވިއެވެ. އަމުދުން ގަހުން ލިބޭ ފިނިހިޔާއާއި ހިތްހަމަޖެހުން ނަގާލާކަށް މާހީ ވެސް ބޭނުމެއްނުވެއެވެ.
ކުޑަދޮރާދިމާއަށް ލެނބިފައި އޮތް ގޮފިގަނޑުމަތީގައި ބަނޑުއަޅާލައިގެން އޮތީ މާހީ ދުވަހެއްގައިވެސް ނުދެކޭ ވައްތަރުގެ މަހުލޫގެކެވެ. އެއެއްޗެއްގެ މުޅި ގައިގައި ކެހެރި ފަޅާފައި ހުއްޓެވެ. މާހީއާ ވީފަރާތް ނޫން އަނެއް ފަރާތަށް މޫނު އަނބުރާލައިގެން އޮތްއިރު، އޭގެ ބުރަކަށި އޮތީ މާހީގެ މޫނާވީ ފަރާތުގައެވެ. އުނަގަނޑުން ތިރިން، ފައިކޮޅަށް ހިމަ ކަމެއް ނުވަތަ ގައިދަށަށް ފައި ލައިގެން އޮތީ ކަމެއް އެހެން ނޭނގެއެވެ. މާހައުލަށް ވެރިވެފައިވާ ކަނުއަނދީގެ ތެރެއިން މާހީއަށް މިފެނުނީ ކޯޗެއްކަމެއް އޭނާއަކަށް ކުޑަކޮށްވެސް ހިލަމެއްނުވިއެވެ.
އެއެއްޗެއް އެބަހަރަކާތް ކުރެއެވެ. ގާތްގަނޑަކަށް ކުޑަދޮރާ ހައެއްކަ ފޫޓު ދުރުގައި އޮތް ގޮފިގަނޑު މަތިން އެއެއްޗެއް މާހީއާ ދިމާއަށް އެނބުރެނީއެވެ. ޔާރައްބިކަލާކޯއެވެ. މިއީ ކޮންފަދަ ކަންތައްގަނޑެއް ހެއްޔެވެ. ކުއްލިއަކަށް އޭނާއަށް މިޖެހިގަތީ ކޮންފަދަ ކަމެއްބާވައެވެ. އަވަހަށް އެއެއްޗަކާ ހަތަރުކަޅި ހަމަކުރެވިދާނެތީ މާހީ ދޮރުފަތުގައި ހިފާ ލެއްޕުމުގެ ހިޔާލުވެސް ދޫކޮށްލާފައި، އެތަނުން ދާން ގަސްދުކުރިއެވެ.
އެހެންނަމަވެސް.....
އެއެއްޗެއް ހަރަކާތްކުރަން ފެށުމުން އެދުވި ވަހަކީ ދުވަހެއްގައިވެސް، އެއްވެސް ނުބައިވަސްދުވާ ކުނިގޮނޑަކުންވެސް މާހީގެ ނޭފަތުގައި ޖެހިފައިނުވާ ވަރުގެ ނުބައިވަހެކެވެ. ހޮޑު ނުލެވުނީ ކުރެވުނު ހިތްވަރުންނެވެ. މަޑުމަޑުން އެމަހުލޫގު އެނބުރެމުންދާ ވަރަކަށް ވަސްދިޔައީ ގަދަވަމުންނެވެ. މާހީގެ އަތުކުރި އަދިވެސް ހުރީ ދޮރުގައި އަޅައިގެންފައެވެ. މާހީގެ ހިތްބާރުބާރަށް ތެޅެމުންދިޔައެވެ. ނުބައިވަސް އެނާގެ ސިކުނޑީގެ އެއްފަޅި އައްސިކުރުވައިފި ކަހަލައެވެ. އެއެއްޗެއް އެނބުރެމުން ގޮސް، މާހީއަށް އޭގެ މޫނު ފެނުނީ އެވަގުތެވެ.
ކެހެރިފަޅާފައި ހަތަރެސްފައި ޖަހާފައި ހަރަކާތްތެރިވާ، އެ އެތީގެ މޫނު އެންމެ ވައްތަރީ ވަލުކުއްތާއަކާއި ވަލުހިޔަޅެއް އެކުވެފައިވާ ކަހަލައެވެ. ދެމިޔަކަނުން ކުޅާއި ދަވަ ފައިބަމުން ދިޔައިރު އެތީގެ ދެލޯ ހީވަނީ އަނދަމުންދާ އަލިފާންގަނޑެއް ހެނެވެ. އެއެއްޗެއް އައީ މާހީއާ ދިމާއަށެވެ. ނުބައިކުނި ވަސް، މާހީގެ ހޭވެރިކަން ގެއްލޭވަރަށް، ސިކުނޑިއަށް ވަހުގެ އަސަރު ކުރަނީއެވެ. މާހީއަށް އެހުރެވުނީ ބިރުން ކަމެއް ހައިރާންވެފައި ކަމެއް ނޭނގެއެވެ.
****************
ރޭގަނޑުގެ ކެއުން ނިމި، ޑަސްބިން ނަގައި، ގައިދީންނަށް ބޭސްދިނުންފަދަ ކަންތައް ކޮށް ނިމިއްޖެއެވެ. ޑިއުޓީން ހޭލަމޭލަވުން ހުއްޓިއްޖެއެވެ. ޑިއުޓީއޮފިސަރު ދިއުމުގެ ކުރިން ފަޒީލް ގާތަށް އައެވެ.
"މިރޭދެން ނިދާލާ. މާދަމާ ދުވާލު ގޮޅި ދޮވެލާނީ."
އަށި މަތީގައި ކުނާ ފަތުރާލުމަށްފަހު ފަޒީލް ބާލީސް، އަށީގެ ބޯލާކޮޅުގައި ބާއްވާފައި އިށީނދެލިއެވެ. މުޅި ޖަލުތެރެއިން އިވެމުންދިޔަ އަޑުތައް މަޑުވެ މަރުގެ ހިމޭންކަން ވެރިވިތާ އިރުކޮޅެއް ވެއްޖެއެވެ. ހީވާގޮތުން މެންދަމުން އަލިވެ އެކެއް ޖަހާ ބޮޑުވެދާނެއެވެ.
ފަޒީލު ބޭނުންވަނީ ނިދާލާށެވެ. ޑިއުޓީން ހެލިފެލިވީ ވަގުތު، އޭނާ ކުޑަކޮށް މޫނާއި އަތާއި ފައި ދޮވުނީ އަވަހަށް ނިދާލުމަށެވެ. ދަންވަމުންދާ ވަރަކަށް ގޮޅީގެ ފިނިކަން ދަނީ ބޮޑުވަމުންނެވެ. ގައިމަތީގައި އަޅާކަހަލަ ރަޖައެއް މިތާކުން ނުލިބޭނެއެވެ. ދުރުގައި ހުރި ގޮޅިއަކުން ކުއްޖަކު ފޮނުވި މުންޑުފަޅިއެއް އެބައޮތެވެ. އޭގެއިން ޖެހޭނީ ވާނެ ވަރެއް ކުރާށެވެ،
ހަށިގަނޑަށާއި ސިކުނޑިއަށް ލިބިފައިވާ ލޮޑުކަމާއި ވަރުބަލިކަމުގެ ސަބަބުން އިސާހިތަކު ފަޒީލުގެ އެސްފިޔަތައް ބަރުވާން ފަށައިފިއެވެ. އެއްފަރާތަކަށް އެނބުރި ބޯދޮށަށް އެއްއަތް ލައިގެން، ކުރުކޮށްލި ދެފައިގެ ދެމެދުން ކަކުލުގައި ހިފަހައްޓާލައިގެން، ގައިމަތީގައި އެމުންޑުފަޅި އަޅައިގެން އޮތް ފަޒީލް ހީވަނީ ބާރަ ވަރަކަށް އަހަރުގެ ކުއްޖެއްހެނެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ