އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރެއްވުމުގެ ފުރުސަތު އެމްޑީޕީން ދީފިނަމަ ކޯލިޝަނަކާއެކު އިންތިހާބު ކާމިޔާބު ކުރެއްވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ފުރަތަމަ ފަހަރަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ. މީގެ ކުރިން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ސުވާލު ކުރެއްވުމުންވެސް ސީދާ ޖަވާބެއް ދެއްވައިފައެއް ނުވެއެވެ.
ރައީސް ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ޕްރައިމަރީއެއް ބާއްވައިގެން ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަން އޮތް ނަމަ، އެކަން ކުރަން ޖެހޭނީ އެގޮތަށް ކަމަށެވެ. އަދި ޑިމޮކްރެޓިކް އެންމެ ރަނގަޅު ގޮތަކީ ވެސް ޕްރައިމަރީއެއް ބާއްވައިގެން ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެންމެ މުހިންމީ އެމްޑީޕީއަށް ވެރިކަން ލިބުން ކަމަށާއި އެއީ މުޅި ރާއްޖެއަށްވެސް އެންމެ ފައިދާ ހުރި ގޮތް ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް ޕާޓީއަކަށް އެކަނި ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެވޭނެ ކަމަށާއި އެކަން ކުރެވޭނީ ކޯލިޝަނެއްގެ އެހީތެރިކަމާއެކު ކަމަށެވެ.
"އަޅުގަނޑަށް ޔަގީންކަން އެބަ އޮތް ކޯލިޝަނަކާ އެކު، އެމްޑީޕީ އިސްވެ އޮވެ ބަޔަކާ އެކީގައި ނުކުމެ 2023 އަޅުގަނޑަށް ކާމިޔާބު ކުރެވޭނެކަން. އެއީ އެމްޑީޕީއަށް އެކަންޏެއް ނުވާނެ. އެހެންވީމަ ޕާޓީގެ ކޮންގްރެސް އިން ނިންމާނީ ކެންޑިޑޭޓަކު. އަޅުގަނޑު ދޭނެ ޔަގީންކަމަކީ އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ވާހަކަ ރިޔާސީ އިންތިހާބު 2023ގައި. އެމްޑީޕީއަށް ވެރިކަން ބޭނުން ކަމަށް ވަންޏާ އަޅުގަނޑު މި ހުރީ ޗޮއިސްއެއް،" ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީއަށްވެސް އަދި އެހެން ޕާޓީއަކަށްވެސް ރިޔާސީ އިންތިހާބުގައި 50 ޕަސެންޓް ވޯޓް ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށާއި ނަމަވެސް އެމަނިކުފާނާއެކު ތިއްބެވި ކޯލިޝަންގެ ބައިވެރިންނާއެކު އެމްޑީޕީއަށް ވެރިކަން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު