Close
ޚަބަރު

މަހުން މަހަށް ބޭނުންވާ ބޭހާއި ކާޑާއި ތެޔޮ ދަތިކަމެއް ނެތި ގަނެވޭ ވަރަށް ފައިސާ އެބަހުރި: ރައީސް

1

ރާއްޖެއަށް މަހުން މަހަށް ބޭނުންވާ ބޭހާއި ކާޑާއި ތެޔޮ ދަތިކަމެއް ނެތި ގަނެވޭ ވަރަށް ދައުލަތުގައި ފައިސާ އެބަހުރި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ދުނިޔޭގައި ތަކެތީގެ އަގު މައްޗަށް ދިޔަ ކަމުގައިވިޔަސް، އަސާސީ ބޭނުންތަކަށް ބޭނުންވާ ތަކެތި ހޯދޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށެވެ.

"މިއަދު އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކޮށް މި އަރުވަނީ ކާޑުގެ ބާވަތްތަކާއި ތެލާއި ބޭސް ދަތިނުވެ, ރާއްޖެއަށް މަހުން މަހަށް ގަނެވޭ ވަރަށް ފައިސާ ހުންނާނެ ކަމަށް. އެއީ ޖޫން މަސް ކަމަށްވިޔަސް, ޖުލައި މަސް ކަމަށްވިޔަސް, އޮގަސްޓް, ސެޕްޓެމްބަރު, އޮކްޓޯބަރު, ނޮވެމްބަރު, ޑިސެމްބަރު މަސް ކަމަށްވިޔަސް އެ ފައިސާ ހުންނާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާތަނަށް ޔޫސަބަލް ރިޒާވް އެންމެ ގިނައިން ހުރި އެއް އަހަރަށް މިއަހަރު ވާނެ ކަމަށާއި އަދި ދައުލަތަށް މި ބޭނުންވާ އަސާސީ ތަކެތި ގަތުމަށްޓަކައި އެސްޓީއޯއަށް ފައިސާ ހޯދައިދީފައިވާނެ ކަމަށެވެ.

"ދައުލަތަށް މި ބޭނުންވާ މި ދެންނެވި އަސާސީ ތަކެތި ގަތުމަށްޓަކައި އެސްޓީއޯ އިން އަޅުގަނޑުމެން މި ގެންނަނީ. އެސްޓީއޯއަށް ދަތިނުވެ, އެ އިމްޕޯޓު ކުރުމަށްޓަކައި އެސްޓީއޯއަށް ބޭނުންވާ ފައިނޭންޝަލް ފެސިލިޓީ ހޯދައިދޭން އައިޓީއެފްސީން 175 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް އަޅުގަނޑުމެން މިހާރު ވާނީ ހޯދާފައި. އެހެންވީމާ ދަތިނުވެ, އެސްޓީއޯއަށް ތެލާއި ކާޑާއި ބޭހުގެ ބާވަތްތައް އިތުރުކުރެވިގެންދާނެ ކަމުގެ ޔަގީންކަން އަރުވަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ހަރަދުތައް ބޮޑުވި ނަމަވެސް، ދައުލަތަށް ލިބޭ އާމްދަނީ ހުރީ ރަނގަޅު މިންވަރެއްގައި ކަމަށާއި ދަރަނިތައް ދެއްކުމުގައި ވެސް ބޮޑު ގޮންޖެހުމެއް ނެތް ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟