ރަޝިއާ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ދިގު މުއްދަތަކަށް ގައުމުތަގެ އިގުތިސާދު ކުރިއަރާ މިންވަރު މަޑުޖެހި އިންފްލޭޝަން އިންތިހާއަށް މަތިވެ، ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވުން ނުވަތަ 'ސްޓެގްފްލޭޝަނެއް' ކުރިމަތިވެދާނެ ކުރިމަތިވެދާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ދީފިއެވެ.

ވޯލްޑް ބޭންކުން އިއްޔެ ނެރުނު 'ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް' ރިޕޯޓުގައިވާ ގޮތުން ކޮވިޑް-19ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވި ހީނަރުކަމުން ގިނަ ގައުމުތައް އަދިވެސް އަރައިނުގަނެވިގެން އުޅެނިކޮށް މިހާރު ކުރިއަށްދާ ރަޝިއާ ޔޫކްރެއިން ހަނގުރާމަ ވެގެންދާނީ ގިނަ ގައުމުތަކުގެ އިގުތިސާދު ކުރިއެރުމަށް އެޅޭ ހުރަހަކަށް ކަމަށެވެ.

އަދި އޭގެ ސަބަބުން އިންޑިއާއާއި ޕާކިސްތާނާ ދެމެދު ކުރި ހަނގުރާމައާ ގުޅިގެން 1970 ވަނަ އަހަރު ކުރިމަތިވި ފަދަ 'ސްޓެގްފްލޭޝަނެއް' ކުރިމަތިވެދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެއެވެ.

ވޯލްޑް ބޭންކުން ބުނެފައިވާ ގޮތުގައި ދުނިޔޭގެ އިގުތިސާދު ކުރިއަރާ މިންވަރު މި އަހަރު 2.9 ޕަސެންޓަށް ދަށްވާނެއެވެ. މިދިޔަ އަހަރުގައި އެ އަދަދު ހުރީ 5.7 ޕަސެންޓުގައެވެ. މިއީ މިދިޔަ ޖެނުއަރީ މަހު އެ އަދަދު ހުންނާނެ ކަމަށް ލަފާކުރި 4.1 ޕަސެންޓަށްވުރެ މާދަށް އަދަދެކެވެ.

އޭގެ އިތުރުން ކޮވިޑް-19އާއި ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ސަބަބުން، ތަރައްގީވަމުން އަންނަ އިގުތިސާދުތަކުގައި ބޮލަކަށްޖެހޭ އާމްދަނީގެ މިންވަރު މިއަހަރު ހުންނާނީ، ބަލިމަޑުކަމުގެ ކުރިން އޮތް ޓްރެންޑަށް ވުރެ ގާތްގަނޑަކަށް ފަސް ޕަސެންޓް ދަށުގައި ކަމަށްވެސް ވޯލްޑް ބޭންކުން ބުނެފައިވެއެވެ.

"ޔޫކްރެއިންގެ ހަނގުރާމައާއި ޗައިނާގެ ލޮކްޑައުންތަކުން ސަޕްލައި ޗެއިނަށް ބުރޫއެރުމުން ސްޓޭގްފްލޭޝަންގެ ނުރައްކާ ދަނީ އިތުރުވަމުން. ގިނަ ގައުމުތަކަށް ރިސެޝަނުން ސަލާމަތްވާން އުނދަގޫވާނެ. މާކެޓްތަކުން ކުރިއަށް ބަލަނީ، އެހެންވީމަ އުފެއްދުންތެރިކަން އިތުރުކުރަން ހިތްވަރުދީ ވިޔަފާރިތަކަށް ހުރި ހުރަސްތަކާ އަވަހަށް ދުރުވާންޖެހޭ. ހަރަދުތައް ހަމަޖެއްސުމަށާއި ބޭކާރު ހަރަދުތަކާ ދުރުވުމަށް މާލީ، މަނިޓަރީ، މޫސުމާއި ދަރަނީގެ ސިޔާސަތަށް ބަދަލު ގެންނަންޖެހޭ" ވޯލްޑް ބޭންކުގެ ރައީސް ޑޭވިޑް މަލްޕާސް ވިދާޅުވިއެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައި ޔޫރަޕާއި އިރުމަތީ އޭޝިއާގައި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް އިގުތިސާދީ "ބޮޑު ހީނަރުކަމެއް" އަތުވެދާނެ ކަމުގެ ބިރު ވަރަށް ބޮޑުކަމުގެ އިންޒާރު ވަނީ ދީފައެވެ. ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އިންވެސްޓްމަންޓާއި ވިޔަފާރިތަކަށް ބުރޫއަރައި މާލީ އަދި މަނިޓަރީ ޕޮލިސީގެ އެކޮމޮޑޭޝަން އަނބުރާ ގެންދަންޖެހި، މެދު އަދި ދަށް ފަންތީގެ ގައުމުތަކުގެ އިގުތިސާދުތަކަށް ފޫނުބެއްދޭވަރުގެ ގެއްލުމާ ކުރިމަތިލާންޖެހިދާނެ ކަމަށްވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން އިންވެސްޓްމަންޓުތައް މަދުވުމުގެ ސަބަބުން ކުރިއަށް އޮތް 10 އަހަރެއްހާ ދުވަހު އިގުތިސާދުތައް މަޑުޖެހޭނެ ކަމަށާއި އެތައް އަހަރެއްގެ ތެރޭ ގިނަ ގައުމުތަކަށް ކުރިމަތިވެފައިވާ އެންމެ މަތީ އިންފްލޭޝަނާ އެކު ސަޕްލައިތައް އިތުރުކުރުމަށް ހުރި ދަތިތަކާ ހެދި ދިގު މުއްދަތެއް ވަންދެން އިންފްލޭޝަންގެ އަސަރު ދެމި ހުންނާނެ ކަމަށްވެސް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ވޯލްޑް ބޭންކުގެ ޕްރޮސްޕެކްޓްސް ގުރޫޕްގެ ޑިރެކްޓަރު އައިހާން ކޯސޭ ވިދާޅުވި ގޮތުގައި ގައުމުތަކުގެ އެންމެ ފަގީރު ރައްޔިތުންނަށްކުރާ އަސަރުތައް ކުޑަކުރުމުގެ ގޮތުން ތަރައްގީވަމުން އަންނަ އިގުތިސާދުތަކުން މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރަންޖެހެއެވެ.

އަންނަ އަހަރު ދުނިޔޭގެ އިންފްލޭޝަން މެދުމިނަށްދާނެ ކަމަށް ބެލެވުނު ނަމަވެސް ގިނަ އިގުތިސާދުތަކުގައި އިންފްލޭޝަންގެ އަމާޒުތަކަށްވުރެ މަތީގައި އޮތުން އެކަށީގެންވާ އިރު، ވޯލްޑް ބޭންކުން ބުނީ އިންފްލޭޝަން މަތިވެއްޖެ ނަމަ، ކުރީގެ ސްޓޭގްފްލޭޝަން އެޕިސޯޑްގެ ރިޒޮލިއުޝަން ތަކުރާރުވުމަކީ އުފެދިފައިވާ ބައެއް މާކެޓުތަކާއި ތަރައްގީވަމުން އަންނަ އިގުތިސާދުތަކުގައި މާލީ ދަތިތަކާއެކު ދުނިޔޭގެ އިގުތިސާދު ދަށަށް ދާނެ ކަމެއް ކަމަށެވެ.