ސޯޝަލްމީޑިޔާގައި ހުރިހާ ކަމެއް ހިއްސާ ކުރަމުން، ނުފެންނަ އެކުވެރިންނާއި ތިމާގެ މީހުންނާ ގުޅުން ބަދަހިކުރުމުގެ މިއާދަ ގެންގުޅޭ މީހުން ދިވެހި މުޖުތަމައުން ފެންނަލެއްވެސް މަދެއް ނޫނެވެ. އެކުވެރިކަން ބަދަހިވެ، ގުޅުންތައް ބޮޑުވެ، ދުރު ގާތްވަމުން ގޮސް ހަޔާތުގެ ބައިވެރިއަކަށްވެ، ދިރިއުޅުން ފަށައި، މައިންބަފައިންނަށް ވެފައި ތިބި މީހުންވެސް މަދެއް ނޫނެވެ. ހަމަމިއާއެކުގައި، ހުޅަނގުގެ ތަހުޒީބާއި ކުލަވަރު ދިވެހިންގެ ތެރޭގައި މާބޮޑަށްވެސް މަގުބޫލުވެ، އެބައިމީހުންގެ ކަންތައްތަކާއި އަހަރެމެންގެ ކަންތައްތަކާ އަޅައިކިޔައި، އެގޮތަށް ބައްޓަން ކުރުމަށް ކުރާ މަސައްކަތްތަކެއްވެސް މަދެއްނޫނެވެ.
ދުވަހަކުވެސް ލޮލުން ނުދެކޭ، ކޮން ރަށެއްގެ، ކޮންގެއެއްގެ، ކާކުގެ ކިހިނެއްވީ ދަރިއަކާތޯ މިގުޅުން ބަދަހި ކުރެވެނީ ނުބަލައި، ނުއެނގި އެތައްއެތައް ކަންތައްތަކެއް ކޮށްފައި އެބަހުއްޓެވެ. ގުޅުންތައް ބަދަހިކުރުމުގެ ތެރޭގައި ހައްދު ހުދޫދު ފަހަނައަޅައި ގޮސް، އިސްލާމީ އަދި އަމިއްލަ ނަފުސުގެވެސް ގާނޫނާއި ގަވާއިދާ ހިލާފުވާ ފަހަރުތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދަނީ ހިތާމަކުރަން ޖެހޭވަރުގެ ހަލުވި މިނެއްގައެވެ. ކޮންމެއަކަސް އެންމެ ދެމީހަކު ދައްކާ ވާހަކައަކުން ނޫނީ ބުނާ ބުނުމަކުން ނިމޭވަރަށްވުރެ ކަންތައް މިވަނީ ގޯހުން، މާގޯހަށް ގޮސްފައެވެ.
އިންޓަނެޓްގެ ޒަރީއާއިން ކުރެވޭ ކައިވެނި ތަކުގެ އަދަދު މިހާރު މަދެއް ނޫނެވެ. އެކަމަކު އެފަދަ ކައިވެނިތަކުގެ ތެރެއިން ނުނިމި، ދިގުދެމިގެން ގޮސްފައިވަނީ ކިތައް ކައިވެނިބާވައެވެ. ތިމާގެ އަބުރާއި އިއްޒަތް ޖެހިލުމެއް ނެތި ހަދިޔާ ކުރާ މީހުންވެސް މަދެއް ނޫނެވެ. އެންމެ ފަހަރަކުވެސް ހަމަލޮލުން ނުފެންނަ މީހަކަށް ހިތާއި ނަފުސުން ފިދާވެ، އެމީހަކީ ކޮންމެ މީހަކަށްވިޔަސް، ހެޔޮކަމަށް، ލޯބީގެ ނަމުގައި ހުރިހާ ސަކަރާތެއް ގަނެ ނިންމާލާފަހުން، "ހަމަދުނިޔެއަށް" އާދެވޭއިރު ތިމާގެ އަބުރެއް އިއްޒަތެއް، އެކައްޗެއްވެސް ނޯންނަ ވަރަށް މުޅީން ފަލީހަތްވެ، ބަދުނާމު ވަނީވެސް މަދުފަހަރެއްގައެއް ނޫނެވެ.
ސޯޝަލް މީޑިއާއަކީ ދުރުގާތްކޮށްދޭ، ބޮޑު ދުނިޔެ ކުޑަކޮށްލުމަށާއި ތަމައްދުންވެ، ތަހުޒީބު ވުމަށް އޮތް ކިތަންމެހާވެސް ރަނގަޅު މަގެކެވެ. އެހެންނަމަވެސް ކޮންމެ ކަމެއްގެވެސް ހައްދުން ނެއްޓިގެން ދިއުމަކީ އެކަމަކުން ލިބޭ ފައިދާއަށްވުރެ ލިބޭ ގެއްލުން ބޮޑުވާނެ ކަމެއްކަން ޔަގީނެވެ. ކޮންމެ މީހަކުވެސް މަޝްހޫރުކަން ބޭނުންވުމުން އަމިއްލަ އަބުރު ކަތިލުމަށް ދޫކޮށްލަނީ ފަހުން ކުރަން ޖެހޭ ހިތާމައަކަށް، ނުވަތަ ކުރިމަތިލާން ޖެހިދާނެ އެއްވެސް ނަތީޖާއަކަށް ވިސްނައިލުމެއް ނެތިއެވެެ.
ސޯޝަލް މީޑިޔާގައި ގުޅުން ބަދަހިކުރުމުގެ ތެރެއިން ހިއްސާކުރެވޭ ސްނެޕްސްތަކާއި ވާހަކަތަކާއި ނުފެންނަ އަމަލުތަކަކީ އޭގެ ސަބަބުން އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމެއްކަމުގައި ހީކުރުމަކީ ވަރަށް ބޮޑު ގޯހެކެވެ، އަދި ފެޝަން ނޫނީ ޓްރެންޑްގެ ނަމުގައި ދީނާއި ދުނިޔެ ލަދުގަންނަވަރުގެ ކަންތައް ކުރުމަކީ ކޮން ގޮތަކުން ބަލައިގަނެވޭނެ ފެޝަނެއްބާވައެވެ. ދާދި އިހަކަށްދުވަހު ޒުވާން އަންހެންކުއްޖެއްގެ އަބުރާއި އިއްޒަތުގައި ވެއްޔާ ނުމޮޑެވި ބާކީ އޮތް ކުޑައެތިކޮޅުވެސް ބުރައިގެން އެދިޔައީ މުޅި އުމުރަށް ނުފިލާ ވަރުގެ ލައްގަނޑެއް ނިއްކުރީގައާއި ފަސްބައިގައި ޖައްސައިފައެވެ. މާދަމާ ކައިވެންޏެއް ކޮށްގެން ދަރިން ލިބޭ ދުވަހަކުން މިއަދުގެ ޒަމާނީ ކުލަވަރުން ޖެހުނު ލައްގަނޑު ނުފިލައިގެން އުޅޭން ޖެހުނީމަ ވާނެ ގޮތަކާމެެދު ވިސްނައިލުން މާބުއްދުވެރިއެވެ.
މީގެ ދިހަވަރަކަށް އަހަރުކުރިން އަށާރަ އަހަރުގެ އަންހެންކުއްޖަކު އޭނާގެ ލޯބިވެރިޔާއާއެކު ހޭދަކުރިއިރު، ދެމީހުންގެ ހިތްހަމަޖެހުމަކަށް ކޮށްލި ފަނަރަވަރަކަށް މިނިޓްގެ ވީޑިޔޯއެކެވެ. ދެމީހުންގެ ހަނދާނީ ފޮޓޯއެއްފަދައިން ފަހުން ބެލުމަށްޓަކައެވެ. ކަންދިމާކުރި ހިތްދަތި ގޮތަކީ މުޅިން އެހެން ތަނެއްގައި ބަލައިފާސްކުރުމަށް ދިޔަ ފުލުހުންގެ އަތުގައި ޖެހުނީއެވެ.
އެއްކަލަ ވީޑިއޯއިން ލީކުވެފައިވާ ދެގަނޑެއްވަރު ފޮޓޯ އަދިވެސް ސޯޝަލްމީޑިއާގެ ތަންތަނުގައި ފެންނަން ހުރެއެވެ. ކައިވެންޏެއް ކޮށްގެން ދަރިޔަކު ލިބުނުފަހުން ފިރިމީހާއަށް ކޮންމެވެސް ގޮތަކުން މި ފޮޓޯ ފެނިއްޖެއެވެ. ދަރިފުޅާއެކު އަންހެންކުއްޖާ މިއަދު ދިރިއުޅެމުން އެދަނީ އެކަނިވެރި ދިރިއުޅުމެކެވެ. މީގައި ކުށްވެރިވަނީ ކާކުބާވައެވެ. މާދަމާ ދަރިފުޅު ބޮޑުވެ، މިފަދަ މަންޒަރެއް ފެނުމުން މަންމައާމެދު ދެކޭނެ ގޮތް، ނުވަތަ ރައްޓެހިން، މަންމަގެ ސަބަބުން އެކުއްޖާއާމެދު ދެކޭ ގޮތް ބަދަލުވުމުން ދެންވާނީ ކިހިނެއްބާވައެވެ.
މިފަދަ އެތައް ސަބަބުތަކަށްޓަކައި އަދުގެ ދުނިޔޭގައި ތަރައްގީވެ ކުރިއަރައިގެންގޮސްފައިވާ މިގުޅުން ބަދަހިކުރުމުގެ ތެރޭގައި، އަމިއްލަ ނަފުސު ގެއްލުމާއި ހަލާކުގެ ތެރެއަށް ވެއްޓޭފަދަ ކަންތައް ކުރުމަށްވުރެ ފައިދާހުރި އަދި ބޭނުންތެރި ގޮތެއްގައި ހޭދަކުރުމަކީ ތިމާއަށް ހުރިހާ ގޮތަކުންވެސް ރަނގަޅު އަދި ކާމިޔާބުވާނެ މަގެއްކަން ކަށަވަރެވެ.
އުފާވެސް ކުރަން ޖެހޭނެއެވެ. ހަނދާންތައް ރައްކާވެސްކުރެވިދާނެއެވެ. ސޯޝަލްމީޑިޔާގައިވެސް ގުޅުން ގެންގުޅެވިދާނެއެވެ. އެކަމަކު ހައްދު ހުދޫދުން ބޭރުނުވެއެވެ. ތިމާއަށް ކުރެވޭ ހަމައެންމެ ކަމަކުން މުޅި އުމުރަށް އަގުވެއްޓުމުގެ ބަދަލުގައި އެކުޑަހިނދުކޮޅުގެ އުފާވެރިކަން ކޮންމެވެސް އެހެން ގޮތަކަށް ލިބިގަތުން މާބުއްދިވެރި އެހެންނޫންތޯއެވެ.