ހުރިހާ ދިމާލެއް ބަލަމުން ކުރިއަށް ދަނިކޮށް އެނދުގެ ތިރިން ޓައިލްސްމަތީގައި އަޅާފައި އޮތް ރަގުމަތިން ހަރު އެއްޗަކަށް ފައިން އެރުމާއެކު ބަލައިލިއެވެ. އެ އެއްޗެއް ނަގާފައި ބަލައިލިއިރު ކަޅާއި ރަތްކުލަ އެކުލެވޭ ޕެންޑްރައިވްއެކެވެ. ޕެންޑްރައިވް ނަގައި މުށުތެރެއަށް ލައިގެން ހުރެ ކޮޓަރީގައި އެކި ދިމާ ބަލަމުން ރިންދާ ހިނގަން ފެށިއެވެ. ރަނީންގެ ހެދުން އަލަމާރި ހުޅުވާލުމާއެކު ރިންދާގެ ނޭފަތުގައި ޖެހުނީ ލުއިލުއި މީރުވަހެކެވެ. އެކި ކުލަކުލައިގެ ރީތި ހެދުންތަކުން އަލަމާރި ވަނީ ފުނިޖެހިފައެވެ. އެ ހެދުންތަކުގައި ރިންދާ އަތް ހިންގާލިއެވެ.
*****************
ފާހާނައިގެ ދޮރާއި އެނދާ ދޭތެރެއިން ނުފުށަށް އޮތް ހުދު ކަރުދާހެއް ނަގާފައި ރިންދާ ބަލައިލިއެވެ.
ރިންދާ ހީކުރިގޮތާ ހިލާފަށް އެއީ ފޮޓޯގަނޑެކެވެ. ފިރިހެނެއްގެ މޭގައި ލައްވެލައިގެން ހުރީ ރަނީންއެވެ. ފޮޓޯގައި ވަނީ ފިރިހެންމީހާގެ ކަރުން މައްޗެވެ. މޫނެއް ނުފެނެއެެވެ. ރަނީން ލޯބީގެގޮތުން ގުޅިގެން އުޅުނު ޒުވަނާ އެއީ ކަމުގައި ރިންދާ ޔަގީންކުރިއެވެ.
****************
ކޮޓަރިއަށް ވަންގޮތަށް ލެޕްޓޮޕް ހިފައިގެން ރިންދާ އެރީ އެނދަށެވެ. ރަނީންގެ ކޮޓަރިން ފެނުނު ޕެންޑްރައިވް ލެޕްޓޮޕާ ގުޅާލާފައި އޭގަ ހުރި އެއްޗެހި ހާވަން ފެށިއެވެ. އާއިލާ މީހުންގެ ފޮޓޯތަކާއި އިނގިރޭސި ފިލްމާއި ސީރިސްތަކެވެ. 'މައި ލަވް' ޖަހާފައިވާ ފޯލްޑާ ރިންދާގެ ލޮލުގައި އަޅައިގަތެވެ. ވަގުތުން އެ ފޯލްޑާ ހުޅުވާލިއެވެ. ރަނީން ފިރިހެނަކާއެކު ނަގާފައިވާ އެތައް ފޮޓޯއެކެވެ. ރިންދާ ވަރަށް ޝައުގުވެރިކަމާއެކު ބެލިއެވެ. ގިނަ ވަގުތު ނަގާތީ ބޭރަށް ނިކުމެ އަލުން ކޮފީއެއް ހެދިއެވެ. ކޮޓަރިއަށް އައިސް އަނެއްކާވެސް ފޮޓޯތައް ހާވާން ފެށިއެވެ. ރިންދާއަށް ފާހަގަވީ އެންމެ ކަމެކެވެ. ކޮންމެ ފޮޓޮއެއްގައިވެސް ރަނީންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެފައިވާ ތަނެވެ. ރަނީން އާއެކު ހުރި ލޯބިވެރިޔާގެ މޫނެއް އެންމެ ފޮޓޮއެއްގައިވެސް ނެތެވެ. އެއީ ކާކުތޯ އެނގެން ރިންދާ އެތައް މަސައްކަތެއް ކުރިއެވެ. މުޅިންވެސް ހުރީ ފުރަގަހަށް ހުރި ފޮޓޯތަކެވެ. އެންމެ ފޮޓޯއެއްގައި ވެސް ގައިގޯޅިކަމެއް ނެތެވެ. އެންމެފަހުން ރިންދާ ލެޕްޓޮޕް ލައްޕާލިއެވެ. އެ މަރާ ދެކޮޅަށް އެއްކުރެވޭނެ އެއްވެސް ހެއްކެއް ނެތެވެ. ރިންދާ ބޯހާސްވިއެވެ.
ވަޒީފާ ނިންމާފައި ގެއަށް އައިސް ވަން ރޫބިޔާގެ ނޭފަތުގައި ބަނޑު ފުރިގެން އަރާ ކަހަލަ މީރު ވަހެއް ޖެހުނެވެ. ބަދިގެއާ ދިމާލަށް ދަނިކޮށް އަޔާލްއާއި ބަރަކްގެ ސަކަރާތުގެ އަޑު ކަންފަތުގައި ޖެހިއްޖެއެވެ. ރޫބިޔާގެ މޫނުމައްޗަށް ފޫހިކަން ވެރިވިއެވެ. ކޮންމެގޮތެއް ވިޔަސް އަޔާލް އެ ތައްޔާރުކުރާ އެއްޗެއްގެ ރަހަ ބަލައިލަން ރޫބިޔާ ބޭނުންވިއެވެ. އެކަން ކުރެވޭނީ އަޔާލްއަށް ސިއްރުންނެވެ. އެނބުރި ކޮޓަރިއަށް ވަންނަން އުޅެފައިވެސް ރޫބިޔާގެ ހިޔާލު ބަދަލުވިއެވެ.
"މަންމަ" ބަދިގޭ ދޮރަށް އެރި ރޫބިޔާ ފެނުމާއެކު ބަރަކް ކިޔާލިއެވެ.
"ކިހިނެއްވީ؟ އަހަރެން އައިސްގެން ނުވޭތަ؟" ރޫބިޔާ އޭނާގެ ގޮތުގައި އަހާލިއެވެ. ބަަރަކް އެއްޗެއް ނުބުނެ ބަލައިލީ އޭޕްރަންގައި އުނދުން ކައިރީގައި ހުރި އަޔާލްއަށެވެ. ރޫބިޔާގެ ސޫރަ ފެނުމާއެކު އަޔާލްގެ އަނގަ މަޑުވެއްޖެކަން ބަރަކްއަށް ފާހަގަވިއެވެ.
"އަހަރެން މިއައީ ވާހަކައެއް ބުނަން" އެތެރެއަށް ވަދެ އައިސްއަލަމާރި އާ ދިމާލަށް ދަމުން ރޫބިޔާ ބޫންޏެވެ.
"ކަލޭ ފުލުހުންގެ ގޭގައި ނިދޭގޮތް ހަދަންވީނުން" ބަރަކްއަށް ރޫބިޔާ ބުންޏެވެ.
"އެއީ؟ އެއީ ކީއްވެ؟" ބަރަކް ބުންޏެވެ.
"އަހަރެން އެކޮޓަރި ބޭނުންވެގެން. ވިލިނީ އެބަ އާދޭ" ރޫބިޔާ ބުންޏެވެ.
"ނީއްތަ އަޔަސް އަހަރެމެން ކޮޓަރިން ނިކުންނަންވީ ކީއްވެ؟ ވަކިން ކޮޓަރިއެއް ދޭންޖެހޭތަ؟ އެހެންނޫނަސް ދޮންބެ ކޮންތާކު ނިދާނީ؟ ފެންވަރަނީ ކޮންތާކުން؟ މަންމަ ކޮޓަރީގަ ބަހައްޓަބަލަ" ބަރަކް ބުންޏެވެ.
"ތީ މަ ބަލަންޖެހޭ ކަމެއް ނޫން. މަށަށް ހެޔޮ އޭނަ ކޮންމެ ތަނަކުން ތިކަންކަން ކުރިޔަސް. މިގޭ ތެރޭގަ ވާނީ މަ ބޭނުންގޮތެއް" ރޫބިޔާ ބުންޏެވެ. މިހުރިހާއިރު ކެތްކޮށްގެން ހުރި އަޔާލް ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ.
"އަހަރެންގެ ބައްޕަގެ ގެއެއް. މީހެއްގެ ތަނެއް ނޫން. މިތަނުން އަހަރެން ނެރެވޭނެވަރުގެ މީހެއް އަދި ނެތް" އަޔާލް ބުންޏެވެ.
"ކީކޭ..؟ ހަނދާން ނެތުނީތަ؟ ކަލޭގެ ބަފާ މަރުވިއިރު މަށަށް މިގެ ވަނީ ހިބައިން ދީފަ" ބޮޑާކަމާއެކު ރޫބިޔާ ބުންޏެވެ.
"ހެކި ދައްކާ... ކަލެއަށް ކީއްވެ ހެކި ނުދެއްކެނީ. އަހަރެންނަށް އެ ލިޔުންތައް ދައްކާ. އަހަރެންނަށް އިނގޭ މިގޭ ރަޖިސްޓްރީ އާ ހުރިހާ އެއްޗެއްވީ ކަލޭ އަތުގަކަން" އަޔާލް ވާހަކަދެއްކިއެވެ. ރުޅިއައިސްފައި ހުރެ ރޫބިޔާއާ ދިމާލަށް އަޔާލް ފިޔަވަޅު އަޅަމުން ދިޔައެވެ. ގޭތެރޭގައި ހިނގާފާނެ ހަނގުރާމައަކަށް ތައްޔާރުވެގެން ބަރަކް އިނެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ބަރަކް ދިޔައެވެ.
އެންމެފަހުން ރޫބިޔާގެ އަނގަ މައިތިރިވީ މޭޒުމަތީގައި ހުރި ބިއްލޫރި ތަށީގައި އަޔާލް އަތުންޖަހައި ބުރުވާލުމުންނެވެ. ތަށި ތަޅައިގެންދިޔަ ވަގުތު އިވުނު އަޑުފަށްގަނޑު ކެނޑުނުއިރު ރޫބިޔާ ހުރީ ކޮޓަރީގެ ދޮރުން އެތެރޭގައި ކުޑަކޮށް ހުޅުވައިގެން އެމަންޒަރު ބަލާށެވެ. ދެވަނަ ފަހަރަށް އަނގަ ހިލުވައިގަތީ އަޔާލްގެ އަތުގައި ހިފައިގެން ބަރަކް ކޮޓަރިއަށް ވަނުމުންނެވެ.
*********************
އަސުރު ނަމާދުކޮށްގެން ނަހާ ބަދިގެއަށް ދިޔައިރު ފެނުނު މަންޒަރަކުން ނަހާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ގޮނޑީގައި އިން ހައިބްއަށް މައިލޯތަށި ދޭން އިން ރިންދާ ފެނިފައެވެ. ހައިބްއާއި ރިންދާގެ ގުޅުން މަޑުމަޑުން ރަނގަޅުވަމުން އަންނާތީ ނަހާ ހުރީ ހިތްހަމަޖެހިފައެވެ.
"ދޭ ކާޓޫނު ބަލަން އަވަހަށް" ހައިބް އުރާލާފައި ތިރީގައި ބަހައްޓަމުން ރިންދާ ބުންޏެވެ. އެކުއްޖާ ޓީވީއާ ދިމާލަށް ދުއްވައިގަތުމުގެ ކުރިން ކުޑަ ފެންފޮދަކުން ތުންކޮޅު ދޮއްވާލިއެވެ. އެތެރެއަށް ވަދެގެން އައި ނަހާ، ރިންދާއަށް ފެނުނީ ތަށި ދޮވެފައި ފަހަތަށް އެނބުރުނު ވަގުތުގައެވެ. ރިންދާ ހީލިއެވެ.
"ސައިބޯންވީނުން" ރިންދާ ބުންޏެވެ.
"މަންމައަށް އެކަނިތަ ސައިދެނީ. ބޭބެއަށް ނެތް ސައިފޮދެއް" ބޭރުން އައިސް ވަން ޝާހްބާޒް ބުންޏެވެ. އެހިނދު ރިންދާގެ ހިނިތުންވެފައިވާ މޫނު ނަހާގެ މޫނުން ނެއްޓި އެހެން ދިމާލަށް ބަލައިލިއެވެ. ރިންދާ ބަހެއް ނުކިޔައި ސައި ހެދުމުގައި އުޅެން ފެށުމުން ނަހާ ޝާހްބާޒަށް މޭޒު ކައިރީގައި އިށީންނަން ބުންޏެވެ.
ޝާހްބާޒް ހީކުރިގޮތަށް ބަހެއް ނުކިއި ނަމަވެސް ރިންދާ ދެ ޖޯޑު ގެނެސް މަންމައާއި ބޭބެ ކުރިމަތީގައި ބެހެއްޓިއެވެ. ދެން ހުސްފެން އަޅާފައި ދެ ޖޯޑު ތެރެއަށް ސައިފަތް ޕެކެޓެއް ލިއެވެ. ދެމީހުންނަށް ހަކުރު އަޅާދިނީވެސް ރިންދާއެވެ. އެއަށްފަހު ހަވީރު ސަޔަށް ގަނެފައި ހުރި ހެދިކާ ތަށި ކައިރިކޮށްދީފައި ބަދިގެއިން ނިކުންނަން ރިންދާ ހިނގައިގަތެވެ.
"ދަނީތަ؟" ޝާހްބާޒް އެހިއެވެ. ރިންދާ ފަހަތް ބަލައިނުލާ ހުރެ ބޯޖަހާލިއެވެ.
"އާދެބަލަ އިށީންނަން. ބޭބެ ވާހަކައެއް ދައްކާލަންވެގެން. ރަނީންގެ ކޭސްއާ ގުޅޭ" ޝާހްބާޒް ބުންޏެވެ. ރިންދާ އައިސް ނަހާ ކައިރިން ގޮނޑިއެއް ދަމާލާފައި އިށީނެވެ.
"މިއަދު ފޯނެއް އައި. މިހާތަނަށް ލިބުނު މައުލޫމާތުތައް އާއިލާއާ ހިއްސާކުރަންވެގެން ބައްދަލުވުމަކަށް ކިއި" ޝާހްބާޒް ބުންޏެވެ.
"ކިހާއިރަކަށް؟ ކޮންތާކަށް؟" ކެތްތެރިކަން ކުޑަވެފައި ރިންދާ އެހިއެވެ.
"މާދަމާ. ބާރަ ޖަހާއިރަށް" ޝާހްބާޒް ބުންޏެވެ.
"އެގަޑިއަށް ތައްޔާރުވެ ތިބޭތި" ޝާހްބާޒް ބުންޏެވެ.
"އެކަމަކު... ހައިބް ސްކޫލު ނިމޭ ގަޑި އެއީ" ނަހާ ބުންޏެވެ.
"އަހަރެން އެކަން ހަމަޖައްސާނަން" ޝާހްބާޒް ބުންޏެވެ.
*********************
ކުޑަ ފެންފުޅި ހިފައިގެން އައިސް ދިއްކޮށްލީ އެނދުގައި އިން އަޔާލްއަށެވެ. ފެންފުޅީގެ މަތިގަނޑު ކަނޑާލިގޮތަށް ތުންޖަހައި އެއްފަހަރުން ދަމާލިއެވެ. ހީވީ އެތެރެހަށީގައި އަނދަމުން ދިޔަ ހުޅުގަނޑު ފިނިފެނުން ނިއްވާލިހެންނެވެ. އަދިވެސް ރޫބިޔާ ކިޔާލި އެއްޗެހި އަޔާލްގެ ކަންފަތުގެ ހިނދުރީގައި ގުގުމަމުން ދިޔައެވެ.
"ދޮންބެ ކީއްކުރަން ޒުވާބުކުރަނީ؟ ކީއްކުރަން އެހާ ހަކަތަ ބޭރުކުރަނީ" ބަރަކް ވާހަކަދެއްކިއެވެ. ދެކުދިން ވާހަކަދައްކަން ތިބީ ކޮޓަރީގައި ހުރި ބަންކް އެނދުގެ ތިރީބައިގައެވެ.
"ބޮޑު ނުފުއްރުއްޕާނެކޭ. ނޫޅުނޭ މިތަނުން ދާންވެސް" އަޔާލް ބުންޏެވެ. ބަރަކް ހިންދިރުވާލިއެވެ. މަންމައާ ދިމާލަށް އެއްވެސް މީހަކު އެހާ ދަށުދަރަޖައިގެ އެއްޗެހިތައް ބުނުމަކީ ބަރަކް ހިތްހަމަޖެހޭ ކަމެއް ނޫނެވެ. އެހެންނަމަވެސް އަޔާލްއަށް ބަރަކްގެ ހިތުގައި ބުރަކަމެއް ނެތެވެ. ހަނދާން ހުންނަން ފެށީއްސުރެވެސް ބަރަކްއަށް ފެނިފައިވަނީ އެކަނިވެރި ދިރިއުޅުމެއް އުޅެމުން އައި ބޭބެއެކެވެ. އަންނައުނު ދޮވެ އިސްތިރިކުރަނީވެސް އަމިއްލައަށެވެ. ސްކޫލަށް ބެލެނިވެރިޔަކު ގެންދަންޖެހޭ ދުވަސްތަކުގައި ދާނެ މީހަކު ނެތިގެން ރޮއެހަދާތަންވެސް ބަރަކްއަށް ފެނިފައި އެބަހުއްޓެވެ.
"އެބުނީނު ބައްޕަ ނިޔާވުމުގެ ކުރިން މިގެ އޭނައަށް ދިނޭ" ބަރަކް ބުންޏެވެ.
"އެއީ ހުސްދޮގު. ކީއްވެ އެލިޔުންތައް އަހަރެންނަށް ނުދެއްކެންވީ. އަހަރެން ތިން ހަތަރު ދުވަހު ބުނެފިން ލިޔުންތައް ދައްކާށޭ. އޭނައަށް ނުދެއްކުނު. އަނެއްކޮޅުން ބައްޕަގެ ބޮޑުފޮށީގައި ހުރި ލިޔެކިޔުންތައްވެސް ނެތް. އެހުރިހާ އެއްޗެއް އެދައިތަގަނޑު އެ އުޅެނީ ފޮރުވައިގެން" އަޔާލް ވާހަކަދެއްކިއެވެ.
"ތިހުރިހާ ސާމާނެއް މަންމަގެ ބޮޑު އަލަމާރީގަ ހުންނާނެ. އެ އަލަމާރި ހުޅުވަން މާވަޑިޔަކު ގެންނަންޖެހޭނީ. ދޮންބެ ވިސްނަބަލަ އެކޮޓަރިއަށް މަށަށްވެސް ނުވަދެވޭ. ވިލިނީ އެކޮޓަރީގައި ނުބަހައްޓަންވެސް އެއުޅެނީ މަންމަގެ ސިއްރުތައް ބޭޒާރުވެދާނެތީ" ބަރަކް ބުންޏެވެ.
"އަހަރެން އެހުރިހާ ކަމެއް ހޯދާނަން. އިހަށް މި ތަހުގީގަށް ވާއެއްޗެއް ބަލަން މަޑުކުރާނީ" ފުންނޭވައެއް ދޫކޮށްލަމުން އަޔާލް ބުންޏެވެ.
"މިހާރު ރުޅި ފިނިވެއްޖެތަ؟" ބަރަކް އެހިއެވެ. އަޔާލް ހީލާފައި ބޯޖަހާލިއެވެ. އަދި ކުރިމަތީގައި އިން ބަރަކްގެ ކަނދުރާއާ ހަމައިގައި އެއް އަތުން ހިފަހައްޓާލިއެެވެ.
"ސޮރީ..." އަޔާލް ބުންޏެވެ. ބަރަކް ބޯޖަހާލިއެވެ. އެހިނދު ބަރަކް ގާތަށް ދަމާލާފައި ކޮއްކޮގެ ގައިގައި އަޔާލް ބައްދާލިއެވެ. ބަރަކް ކުރިމަތީގައި ބައިންދައިގެން ރޫބިޔާއަށް އެއްޗެހި ގޮވޭތީ އަޔާލް ދެރަވެއެވެ. އެކަމަކު ރުޅި އަންނަ ހިނދުގައި ރުޅިގަނޑު ކޮންޓްރޯލް ކުރުމަކީވެސް އަޔާލްއަށް ފަސޭހަކަމެއް ނޫނެވެ.
**********************
ތަކުރާރުކޮށް ބެލް އަޅަމުން ދިޔައިރުވެސް ބެގަރީ އަޅައިވެސްނުލާ ހުއްޓެވެ. ދޮރުން ބޭރުގައި ހުރީ ކާކުކަން އެނގޭތީ ދޮރު ހުޅުވަން ބޭނުންނުވެފައެވެ. އެހެންނަމަވެސް އެގޮތުގައި ބެގަރީއަށް ނުހުރެވުނެވެ. ދޮރުހުޅުވާލިގޮތަށް ބޭރަށް ނިކުމެ ރޫބިޔާ ކުރިމަތީގައި ހުއްޓުނެވެ.
"ނަހީކް ގޭގައި ނެތް" ބެގަރީ ބުންޏެވެ.
"އަހަރެންނަށް އެނގޭ އޭނަ ގޭގާ އުޅޭކަން. އޭނަ ފިލައިގެން އުޅޭ ސަބަބުވެސް އަހަރެންނަށް އެނގޭ" ރޫބިޔާގެ ރުޅިގަނޑު ހުރީ އަށްޑިހައި ގައެވެ.
"ނަހީކް ގޭގައި ނެތް" ބެގަރީ އިތުރަށް އެއްވެސް މައުލޫމާތެއް ނުދިނެވެ. އެތެރެއަށް ވަދެ ދޮރުފަތް ލެއްޕިއެވެ. އޭގެފަހުން ވަރަށް ބާރަށް ދޮރުގަރުގައި ފައިން ޖެހި އަޑު އިވުނެވެ. ބެގަރީ އަޅައިވެސްނުލައެވެ. ނަހީކް ހޯދަން އެގެއަށް ރޫބިޔާ ނޫނީ އަންނަ އަންހެނެއް ނެތެވެ. ބެގަރީއަށް ނޭނގެނީ ނަހީކް ހޯދަން ރޫބިޔާ އަންނަ ސަބަބެވެ.
ގޭޓާ ހަމައިން މަޑުކޮށްފައި ރޫބިޔާ ބަލައިލީ ގޭޓާ އިންވެގެން ހަދާފައި ހުރި ކުޑަކުޑަ ޕޯސްޓް ތެރޭގައި ސެކިޔުރިޓީ އިން ގާޑަށެވެ. އެމީހާ އިނީ ފާޑަކަށް ނިދި ޖެހިފައެވެ. ޕޯސްޓާ ކައިރިވެލާފައި ރޫބިޔާ އެމީހާއަށް ގޮވާލިއެވެ. އެހެންނަމަވެސް ވަށައިގެން ބިއްލޫރި ޖަހާފައިވާތީ އެތެރެއަށް އަޑު ނުދިޔައެވެ. އިތުރަށް ކައިރިވެފައި ބިއްލޫރި ގަނޑުގައި ރޫބިޔާ އަތުން ތަޅައިގަތެވެ. އެއާއެކު އެމީހާ ފުންމައިގެން ތެދުވިއެވެ. ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި އޮތް ދަނޑިކޮޅު ހިފައިގެން ނިކުމެ ރޫބިޔާގެ ކުރިމަތީގައި ނިކަން ހަރުކޮށް ހުއްޓުނެވެ.
"މިގޭގަ އުޅޭ ފޮނި ބޮޑާ ފިރިހެން އެތި ދެކުނިންތަ؟ އޭނަ ވީތަނެއް އެނގޭތަ؟ މިގޭގަ އުޅޭ ބޭރުމީހާ އެބަބުނޭ އޭނަ ގޭގަ ނެތޭ" އެއްފައްޗަކަށް ރޫބިޔާ ވާހަކަތައް އަމުނާލިއެވެ.
ކިއި އެއްޗެއް ނޭނގިފައި ބަލަހައްޓައިގެން އެމީހާ ހުރުމުން އިތުރަށް ރޫބިޔާ ރުޅިގަދަވިއެވެ. މޫނު ކުނިކޮށްލާފައި އެމީހާގެ ކުރިމަތިން ދުރަށް ދިޔައެވެ.
"މިއީ އަދި އެއްޗެއް އެނގޭ ބުރާންޗެއް ނޫން.... ކޮބާތަ އެ ފިރިހެނާ... އަހަރެން އެވާހަކަދެއްކީމަ އެކަން ނުކުރަންވެގެން ޔަގީން ބެޗީ އެ. އަހަރެންވެސް ދުލެއް ނުކުރާނަން" ދުރުދުރުގައި ފިޔަވަޅު އަޅަމުން ކުރިއަށްދިޔަ ރޫބިޔާ އަމިއްލަ ނަފްސާ ވާހަދައްކަމުން ދިޔައެވެ.
**********************
ފެންވަރައިގެން ރިންދާ ނިކުތްއިރު އެނދުމަތީގައި އޮތް ފޯނު ރިންގުވަމުން ދިޔައެވެ. ތުވާލިން އިސްތަށިގަނޑުގައި ފެން ހިއްކަމުން އައިސް އެނދުގައި އިށީނދެފައި ބަލައިލިއިރު އަރާފައި އިން ނަން ފެނިފައި ރިންދާގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ. ފޯނު ކަންފަތާ ގާތްކޮށްލި ގޮތަށް އެންމެ ފުރަތަމަވެސް ޝަކުވާކޮށްލިއެވެ.
"އަހަރެން މިކޮޅަށް އައިފަހުން ކިހާ ދުވަހެއް. އަދި ކިރިޔާ އަހަރެންގެ ހާލު ތިބަލައިލެވުނީ" ރިންދާ ބުންޏެވެ. އެކޮޅުން އަންހެންކުއްޖަކު ހީލި އަޑު އިވުނެވެ.
"އަހަރެންގެ ޝަކުވާ ބޮނޑި" ވިލިނީ ބުންޏެވެ.
"އެހެންޏާ... އަހަރެން ވަރަށް އުންމީދު ކުރިން ވިލީގެ ކޯލަކަށް" ރިންދާ ބުންޏެވެ.
"ސޮރީ ލަވް. އަހަރެންގެ ފޯނު ހަލާކުވެގެން ނުވީ. މަންމަގެ ފޯނުންވެސް ގުޅަން އުޅުނިން. އެކަމަކު ރިދާ ބުނީމެއްނު އަހަރެންގެ ނަންބަރު ނޫން އެހެން ނަންބަރަކުން ނުގުޅައްޗޭ... ސީރިޔަސްކޮށް އެ ފާތިހް އަދިވެސް އަހަރެން ކައިރީގައި ރިދާގެ ވާހަކަ އަހާ" ވިލިނީ ވާހަކަދެއްކިއެވެ.
"ދެން މިގަޑީގަ އޭނަ ވާހަކަދައްކާނެ ކަމެއްނެތް. އުޅެބަލަ އަންނަން" ރިންދާ ބުންޏެވެ.
"ވަރަށް އަވަހަށް އެބަދަން. ދިމާކުރަންވާނެ ދޯ" ވިލިނީ ބުންޏެވެ.
"މިކޮޅަށް އައިސް މިގޭގަ ހުރެވޭގޮތް ނުވާނެތަ؟ އަހަރެން ހަމަޖައްސައިދޭނަން" ރިންދާ ބުންޏެވެ.
"ހިއެއްނުވޭ. ބޮޑޫ ތިކޮޅުގައޭ އުޅެނީ. އެގޭގަ ހުންނަނީ. މަންމަވެސް ބޭނުންވާ ގޮތަކަށްނު އުޅެވޭނީ" ވިލިނީ ބުންޏެވެ. ދެން ހީލައިފިއެވެ.
ވިލިނީއާއި ރިންދާއަކީ ގާތް ދެ ރަހުމަތްތެރިންނެވެ. މައިންބަފައިންނާ ޖެހުނު މައްސަލައިގައި ގެއިން ނިކުމެގެން އެކީގައި ކިޔެވި ކުއްޖެއްގެ އެހީތެރިކަމާއެކު ރިންދާ ފުރީ އަތޮޅުތެރެއަށެވެ. އެރަށުން އެންމެ ފުރަތަމަވެސް ރިންދާއަށް ލިބުނު އެކުވެރިޔަކީ ވިލިނީއެވެ. އެއްކުއްޖަކު އަނެއްކުއްޖަކާ ގުޅޭ އެއް މިޒާޖެއްގެ ދެކުދިންނެވެ. އެރަށުގައި ރިންދާ ހުރީވެސް ވިލިނީގެ ގޭގައެވެ.
*******************
ހުކުރު ދުވަހެވެ. ބަރަކްއާއި އަޔާލްއަށް ވެސް ބަންދު ދުވަހެކެވެ. ފަތިހު ހޭލައިގެން ދުވަސް ގޮސްފައި އަޔާލް އައިސް ވަނީ ބަދިގެއަށެވެ. ބަދިގޭގައި އުޅުނު ރޫބިޔާ ފެނުމުން އަޔާލްގެ ނިތަށް ރޫއެރިއެވެ. އެހާ ހެނދުނާ ރޫބިޔާ ބަދިގެއިން ފެނުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ.
"އަހަރެންގެ ކޮއްކޮއަށް ސައި ހަދާފަ ހުންނާނީ" ކޮފީތަށި ގިރަން ހުރެ އަޔާލް ބުންޏެވެ. ތެދެކެވެ. ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން ރޮށި ފިހުމަކީ އަޔާލް އާދަވެގެން ކުރާ ކަމެކެވެ. މޫޑެއް ނެތް ދުވަހެއް ވިއްޔާ ޕާން ކަހަލަ ލުއިކޮށް ކާލެވޭ އެއްޗެއް ވިޔަސް ހުންނާނީ ހޯދައިފައެވެ.
"ކަލޭގެ ކޮއްކޮއަކަށް ވުމުގެ ކުރިން އެއީ އަހަރެންގެ ދަރިއެއް" ރޫބިޔާ ބުންޏެވެ.
"ކޮންތާކު. އަހަރެންނަށް ޝައްކު" އަޔާލް ބުންޏެވެ. އަޔާލް އެހެން ބުނުމާއެކު އަރައިގަތް ރުޅިއާއެކު ރޫބިޔާގެ ދެފައި ބިންގަނޑުން ގުޑައިގެން ދިޔައެވެ. އަޔާލްގެ މޫނުމަތީގައި ލޭކޮށާލާނަމޭ ހީވެފައި ބުޅާ މަސްގަނޑަށް ދަހިވެފައި ހުންނަ އުސޫލުން އަޔާލްގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ.
"ކިހިނެއްވީ؟ އަހަރެންނަށް ހަމަ ޝައްކުވާތީ. ހަގީގަތް ދޯ މިބުނެވުނީ" ކޮފީތަށި ހިފައިގެން ނިކުންނަމުން ރޫބިޔާއާ ކައިރިވެލާފައި މަޑުމަޑުން އަހާލިއެވެ. ހެނދުނުގެ އެ ހިތްގައިމު ވަގުތު ރޫބިޔާ ރުޅިއަރުވާލެވުމުން އަޔާލްގެ މުޅި ދުވަސް ފުރިހަމަވި ކަހަލައެވެ.
އަޔާލް ނިކުމެގެން ދިޔުމާއެކު މޮޑެން ހުރި ފުށްގަނޑަށް ރޫބިޔާ ބާރުލަމުން ދިޔައެވެ. ހީވީ ތަށި ތެރޭގައި އޮތީ އަޔާލް ހެންނެވެ. އަޔާލްއާ ދިމާލަށް އެއްޗެއް ނުބުނެ ރޫބިޔާ ހިމޭނުން ހުރީ ބުނަން ހުރި އެއްޗެހި ގިނަކަމުންނެވެ. އަޔާލް ރުޅިގަދަވާ ވަގުތު ހިފަހައްޓަން ބަރަކްވެސް ހުރީއެއް ނޫނެވެ. ރޫބިޔާ ހިމޭނުން ހުރީ އެހެންވެއެވެ.
***********************
"ކޮންތާކަށް" ގެއިން ނިކުމެ ނިކުމެ ހުރި ބަރަކް ރޫބިޔާގެ އަޑަށް ހުއްޓުނެވެ.
"މިދަނީ ޖިލްވާގެ ގެއަށް" ބަރަކް ބުންޏެވެ. ރޫބިޔާ ބަހެއް ނުކިޔާ ހުރެފައި ފުޅާ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލައިފިއެވެ.
"ކޮންއިރަކުން އެމަންޖެ މަންމައާ ބައްދަލުކުރުވަން ގެންނާނީ" ރޫބިޔާ އެހިއެވެ. ބަރަކްއަށް ގަބޫލެއް ނުކުރެވުނެވެ. އެހެން އެބުނީ ހަމަ ރޫބިޔާ ހެއްޔެވެ؟ އެ ގުޅުމަށް ފާޅުކަން ބޮޑު ގޮތެއްގައި ދެކޮޅަށް ވާހަދެއްކީވެސް ރޫބިޔާއެވެ.
"އެއީ ސުޕްރީމް ކޯޓުގެ ގާޒީގެ ދަރި ދޯ. ކޮން ނަމެއްތަ ކިޔަނީ...... އަންވަރު އިބްރާހީމް" ރޫބިޔާ ބުންޏެވެ.
"ދެން ތިހެން ބަލަހައްޓައިގެން ނުހުރެ ޖަވާބެއްދީބަލަ" ބަރަކްއާ ގާތަށް ޖެހިލާފައި ރޫބިޔާ ބުންޏެވެ.
"ނޫޅެން ޖިލްވާ މިގެއަށް ގެންނާކަށް. މެރީކޮށްފަވެސް އަހަރެން މިވިސްނަނީ އެގޭގަ އުޅެން. މިގެއަށް ޖިލްވާ ގެނެސް އަހަރެންގެ މަންމަ ދައްކާކަށް ނޫޅެން" ބަރަކް ބުންޏެވެ.
ބޭރަށް ނިކުމެ ސައިކަލަށް އަރައިގެން ބަރަކް ދުއްވާލަންދެން ދޮރުމަތީގައި މޫނު ކުނިކޮށްގެން ރޫބިޔާ ބަލަން ހުއްޓެވެ. ބަރަކް އިންނަން އުޅުނު އަންހެންކުއްޖާއާ ރޫބިޔާ ދެކޮޅު ހެދީ އެއީ މާލޭ ކުއްޖެއް ނޫންކަން އެނގުމުންނެވެ. އެހެންނަމަވެސް ރަށުގައި ހުރި ކޮއްކޮއަކަށް ގުޅައިގެން ދެއްކި ވާހަކަތަކަކަށްފަހު ޖިލްވާއަކީ ކިހާވަރެއްގެ ދިރިއުޅުމެއް އުޅޭ ކުއްޖެއްކަން އެނގުނުފަހުން ރޫބިޔާ ބޭނުންވީ އަވަހަށް ބަރަކް އެކައިވެނި ކުރުމަށެވެ.
"އޭރުން އެގެއަށް ވެސް މިގެއަށްވެސް ބާރު ދައްކާނީ އަހަރެން. އެއްފަހަރުން އަހަރެން މުއްސަނދި" ގޭތެރެއަށް ވަދެ ދޮރުލައްޕާލަމުން ރޫބިޔާ އަމިއްލަ ނަފްސާ ވާހަކަދައްކާލިއެވެ.
(ނުނިމޭ)