ޚަބަރު

ވިލިމާލެ ހޮސްޕިޓަލުން އަލުން ވެކްސިން ދޭން ފަށަނީ

މުހައްމަދު އިޝާން

ވިލިމާލެ ހޮސްޕިޓަލުން އަލުން ވެކްސިން ދޭން ފެށުމަށް ނިންމައިފިއެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ވިލިމާލެ ހޮސްޕިޓަލުގައި މުއްދަތު ހަމަވެފައި ހުރި ވެކްސިންތަކެއް ތުއްތުކުދިންގެ ގަޔަށް ޖަހާފައިވާ މައްސަލައާ ގުޅިގެން، ވިލިމާލެ ހޮސްޕިޓަލުން ވެކްސިން ޖެހުން ވަގުތީގޮތުން ހުއްޓާލެވިފައިވާތީ އެކަމުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

މުއްދަތު ހަމަވެފައިވާ ވެކްސިން ޖެހި މައްސަލަ ތަހުގީގުކޮށް އެފަދަ ކެމެއް ދެން ތަކުރާރުނުވާނެ ގޮތަށް މިހާރު ފިޔަވަޅު އަޅާފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އަދި އެ މައްސަލައިގައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅައިފައިވާ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.

"މިކަންތައްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިރުޝާދާ އެއްގޮތަށް، އައިޖީއެމްއެޗްގެ ބެލުމުގެ ދަށުން 08 ޖޫން 2022 އިން ފެށިގެން އަލުން ވެކްސިން ދޭން ފަށާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ..،" އައިޖީއެމްއެޗުން ބުންޏެވެ.

ވިލިމާލެ ހޮސްޕިޓަލުގައި ވެކްސިން ޖެހުން ހުއްޓާލާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. މުއްދަތު ހަމަވެފައި ހުރި ވެކްސިނެއް ކުޑަކުއްޖަކަށް ދިން މައްސަލައިގައި ވިލިމާލެ ހޮސްޕިޓަލުގެ މުވައްޒަފުންތަކެއް ވަނީ ސަސްޕެންޑުވެސް ކޮށްފައެވެ.

ވިލިމާލެ ހޮސްޕިޓަލުން މުއްދަތު ހަމަވެފައިވާ ވެކްސިން ތުއްތުކުއްޖެއްގެ ގަޔަށް ޖެހި މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނައީ ވިލިމާލެ ޕީޕީއެމް ސްޓިއަރިން ކޮމިޓީގެ މެމްބަރު އައިމިނަތު ސީނާ މުހައްމަދެވެ.

މުއްދަތު ހަމަވެފައިވާ ވެކްސިންގެ ފޮޓޯއަކާއެކު އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވިލިމާލެ ހޮސްޕިޓަލުން ހަ މަހުގެ ތުއްތު ކުއްޖަކަށް މުއްދަތު ހަމަވެފައިވާ ވެކްސިނެއް ދޭން އުޅެފައިވާ ކަމަށެވެ. އަދި އެކަން ފާހަގަވެގެން ކުއްޖާއަށް ވެކްސިން ދޭން ކުއްޖާގެ ބައްޕަ އިންކާރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އޭނާ ހިއްސާކޮށްފައިވާ ފޮޓޯއިން އެއީ ކޮން ކަހަލަ ވެކްސިނެއް ކަމެއް ނޭނގުނު ނަމަވެސް، އެ ވެކްސިންގެ މުއްދަތު ހަމަވާ ތާރީހެއް ކަމަށް ޖަހާފައި އިންނަނީ މިދިޔަ ޖަނަވަރީ މަހުގެ އެއް ވަނަ ދުވަހެވެ.