ޚަބަރު

ދިރާގު ޓީވީއާއި ފައިބަރު އިންޓަނެޓްގެ ހިދުމަތް ބާރަށަށް

މުހައްމަދު ޖަމްޝަތް ވަހީދު

ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓުގެ ހިދުމަތާއެކު ދިރާގު ޓީވީގެ ހިދުމަތް ހއ. ބާރަށަށް މިއަދު ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ދަށުން އެ ހިދުމަތްތައް ރަސްމީކޮށް އިފުތިތާހުކޮށްފައި ވަނީ ބާރަށުގެ ރައްޔިތުންނަށް ހާއްސަ އޮފާތަކަކާ އެއްކޮށެވެ.

އެގޮތުން ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖަށް އެޕްލައިކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބާއަށް ބޭނުންވާ ހާއްސަ ރައުޓާ ނުވަތަ އޯއެންޓީވެސް ހިލޭ ލިބޭނެއެވެ. އަދި ދިރާގު ޓީވީއަށް އެޕްލައިކުރާ ކަސްޓަމަރުންނަށްވެސް ހިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސްވެސް (ޑީކޯޑަރު) މުޅިން ހިލޭ ލިބޭނެއެވެ.

ދިރާގުން ބުނީ މިއީ އެންމެ ހަލުވި ސްޕީޑާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖުތައް ހިޔާރުކުރުމަށް ބާރަށުގެ ރައްޔިތުންނަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 84 ޕަސެންޓަށް އެ ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވާ އިރު، އޭގެ ތެރޭގައި 86 ރަށެއް ހިމެނެއެވެ. އަދި 100 އަށްވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ.