އައިފޯނު 14 އާއެކު އެޕަލް އިން މިއަހަރު ނެރޭ އުފެއްދުންތައް އިއުލާނުކޮށްފިއެވެ.
ރޭ ބޭއްވި އެޕަލް ވޯލްޑްވައިޑް ޑިވެލޮޕާ ކޮންފަރެންސްގައި އެޕަލްގެ ސީއީއޯ ޓިމް ކުކްގެ ޕްރެޒެންޓޭޝަނަކުން އެޕަލްގެ އައިފޯން، އައިޕެޑް، މެކް އަދި އައި ވޮޗްއަށް ހާއްސަ ސޮފްޓްވެއާގެ އެންމެ ފަހުގެ ވާޝަންތައް ވަނީ އިއުލާނުކޮށްފައެވެ. އަދި ކީނޯޓްގެ ތެރޭގައި ހާމަކުރި އާ އެމްޓޫ ޗިޕްތަކުގައި ހިންގާ އާ ދެ މެކްބުކް އާއި އަދިވެސް އެތައް ކަމެއް އިއުލާންކުރިއެވެ.
ނަމަވެސް އެންމެން އިންތިޒާރު ކުރަމުން އަންނަ އައިފޯން 14 މިއަހަރު ނެރޭނެ ކަމެއް ނުވަތަ ނޫންކަމެއް އަދި ފޯނާ ބެހޭ މައުލޫމާތެއްވެސް އެޕަލް އިން ރޭގެ އިވެންޓުގައި ހާމަކޮށްފައެއް ނުވެއެވެ.
ގިނަ ބަޔަކަށް ރޭގެ އިވެންޓުގައި އިއުލާންކުރި އެންމެ މުހިއްމު ބަދަލަކަށް ވާނީ އައިފޯންގެ ލޮކް ސްކްރީނަށް ގެންނަ ބަދަލެވެ. އައިއޯއެސް 16 އާއެކު އައިފޯނުތަކަށް އިތުރު ފުރިހަމަކަމެއް ގެނުވާނެ ކަމަށް އެޕަލް އިން ވަނީ ބުނެފައެވެ. މިހާރު ޔޫޒަރުންނަށް ހަމައެކަނި ވޯލްޕޭޕާ ބަދަލުކުރެވޭ އިރު، އަންނަ ސެޕްޓެމްބަރުން ފެށިގެން އެޕަލްވޮޗްގެ އެޕިއަރެންސް ބަދަލުކޮށް، ކުދި ވިޖެޓްތައް ކުރިމަތީ ސްކްރީނަށް ޕިން ކޮށްލެވޭނެއެވެ. އަދި ނޮޓިފިކޭޝަންތައް އެންމެ ކުޑަކޮށްލައި ސްކްރީންގެ ތިރިއަށް ބަދަލު ކުރެވޭނެއެވެ. މީގެ އިތުރުން އެކި ޔޫސް ކޭސްތަކަށް ތަފާތު ލޮކް ސްކްރީން ސްވައިޕްކޮށް ބޭނުންކޮށްލެވޭނެއެވެ.
އައިއޯއެސް 16 އާއެކު ފޯކަސް ފީޗާ ލޮކް ސްކްރީނަށް ފުޅާކޮށް، ހަމައެކަނި މަސައްކަތާ ގުޅުން ހުރި ނުވަތަ އަމިއްލަ މެސެޖުތަކަށް ފޯކަސް ކުރުން ފަދަ ނޮޓިފިކޭޝަންތައް ފިލްޓާ ކުރާނެ ގޮތް އިހުތިޔާރު ކުރެވޭނެއެވެ. އަދި އައިމެސެޖުގައި އެޕަލް އިން ވަނީ މެސެޖުތައް އެޑިޓްކުރުމާއި، އަންސެންޑްކުރުމާއި، ތެރެޑްތައް ނުކިޔާ ކަމަށް ފާހަގަކުރުމުގެ އޮޕްޝަންތައް އިތުރުކޮށްފައެވެ.
އެޕަލް އިން ވަނީ އައިޕެޑްތަކަށް ހާއްސަކޮށްގެން އުފައްދާފައިވާ އެންމެ ފަހުގެ ސޮފްޓްވެއާ އައިޕެޑްއޯއެސް 16 މިއަހަރު ނެރޭނެ ކަމަށް ބުނެފައެވެ. އެއީ އެއްފަހަރާ ގިނަ ކަންތައްތަކެއް ކުރަން ކަމުދާ “ޕްރޯ” ޔޫޒަރުންނަށް އާ ފީޗާސްތަކެއް ޕެކްކޮށްފައިވާ އެއްޗެކެވެ. މި އާ ސޮފްޓްވެއާގެ ސަބަބުން އައިޕެޑްތަކުގައި ދެމީހަކު ގުޅިގެން ފަސޭހައިން މަސައްކަތް ކުރެވޭނެއެވެ. ޔޫޒަރުންނަށް އެކަކު އަނެކަކަށް މެސެޖު ކުރެވޭނެ ނުވަތަ ފޭސްޓައިމް ކޯލެއް ފަށައިގެން އެމީހުން މަސައްކަތް ކުރަމުންދާ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރެވޭނެއެވެ. އަދި ޓެބްސް ބާ އިން ޔޫޒަރުން ބަލަނީ ކޮން ޓެބްތަކެއްތޯ ވެސް ބަލައިލެވޭނެއެވެ.
އާ މެގްސޭފް ޗާޖިން ޕޯޓާއެކު އަލުން ޑިޒައިންކޮށްފައިވާ މެކްބުކް އެއާ އާއި ބޮޑެތި މެކްބުކް ޕްރޯގެ ފިޒިކަލް ޑިޒައިނެއް ވެސް އެޕަލް އިން ރޭ ހާމަކުރިއެވެ. 13 އިންޗީގެ އާ މެކްބުކް ޕްރޯ އާއެކު އާ އެމް2 ޗިޕް ހިމެނޭނެއެވެ. އާ އެމް2 ޗިޕްތަކަކީ ކުރީގެ އެމް1 ޗިޕްތަކަށްވުރެ %40 އަވަސް ޗިޕްތަކެއް ކަމަށް އެޕަލް އިން ބުނެއެވެ. މި ޗިޕްގައި އެމް1 އަށް ވުރެ %25 އިތުރު ޓްރާންސިސްޓަރާއި %50 އިތުރު ބެންޑްވިތު ހިމެނޭނެއެވެ.
އަދި މެކްބުކް ޕްރޯއެކޭ އެއްފަދައިން މެކްބުކް އެއާގައި ވެސް ސްކްރީންގެ ކުރިމަތީގައި ވަކި “ނޮޗް” އެއްގެ ތެރޭގައި އެޗްޑީ ކެމެރާއެއް ޖަހާފައިވެއެވެ. އާ މެކްބުކް ޕްރޯގެ އަގު 1،299 ޑޮލަރުން ފެށޭ އިރު، ރިލީޒްކުރާނެ ސީދާ ތާރީހުތަކެއް ހާމައެއް ނުކުރެއެވެ. އެޕަލް އިން ވައުދުވަނީ އާ މެކްބުކް ޕްރޯ އާއެކު 8 ކޯ ސީޕީޔޫ އާއި 10 ކޯ ޖީޕީޔޫ އަދި 24 ޖީބީ މެމޮރީ އާއެކު 20 ގަޑިއިރު ބެޓެރީ ލައިފް ލިބޭނެ ކަމަށެވެ.
މެކްބުކް އެއާގެ ހަތަރު ކުލައަކީ ސްޕޭސް ގްރޭ، ސްޓާލައިޓް، މިޑްނައިޓް އަދި ސިލްވާ އެވެ. އޭގެ އަގަކީ 1،199 ޑޮލަރު ކަމަށާއި އަދިވެސް ވިއްކާނީ ކުރިން ނެރުނު މެކްބުކް އެއާގެ އެމް1 ޗިޕް އާއެކު ކަމަށް އެޕަލް އިން ވަނީ ހާމަކޮށްފައެވެ. އާ މެކްބުކް އެއާގައި ވީޑިއޯ ބަލައިލުމަށް 18 ގަޑިއިރުގެ ބެޓެރީ ލައިފް ލިބިގެންދެއެވެ.
އެޕަލް އިން ދެން އިއުލާންކުރީ އެޕަލް ވޮޗަށް ހާއްސަކޮށްގެން އުފައްދާފައިވާ އެންމެ ފަހުގެ ސޮފްޓްވެއާ ކަމަށްވާ ވޮޗްއޯއެސް9 އެވެ. މި އަޕްޑޭޓްގައި ކަސްޓަމަރުން ގިނަ ދުވަސްތަކަކަށް އިންތިޒާރު ކުރަމުން އަންނަ އާ ސްލީޕް ޓްރެކިން ފީޗާސްތައް ހިމެނޭނެއެވެ. އެޕަލް ވޮޗް އިން ސްލީޕް އެޕްގައި ސްލީޕް ސްޓޭޖް ޑޭޓާ ބަލައިލެވޭ އިރު، އައިފޯނުން އިތުރު ތަފްސީލީ މައުލޫމާތު ބަލައިލެވޭނެއެވެ.
އަދި ވޯކްއައުޓް އެޕް އަލުން ބަދަލުކޮށް، ހާޓް ރޭޓް ޒޯންތަކާއި އާ ރަން މެޓްރިކްސް ފަދަ ފީޗާސްތައް ހިމަނައިގެން ދުވާ މިންވަރު ޓްރެކް ކުރުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ހެލްތު އެޕް މެދުވެރިކޮށް ބޭސްތަކާއި ވިޓަމިންތަކާއި ސަޕްލިމެންޓްތައް ޓްރެކްކޮށް މެނޭޖް ކުރެވޭނެއެވެ. ބޭސްތަކުގެ ފީޗާގެ ސަބަބުން ބޭސްތަކުގެ ލިސްޓެއް ހެދުމާއި، ޝެޑިއުލްތަކާއި ހަނދާންކޮށްދިނުންތައް ކަނޑައެޅުމުގެ އިތުރުން ހެލްތު އެޕްގައި ބޭސްތަކުގެ މައުލޫމާތުވެސް ބަލައިލެވޭނެއެވެ.
މި އަޕްޑޭޓްގެ ތެރެއިން އެޕަލް އިން ދަނީ އާ ސިރީ ޔޫޒާ އިންޓަފޭސް އާއި އާ ބެނާ ނޮޓިފިކޭޝަންތައް ތައާރަފުކުރަމުންނެވެ. އަދި ގަޑިން އާ ޕޮޑްކާސްޓްތައް ވެސް ޔޫޒަރުންނަށް ހޯދައިލެވޭނެއެވެ. ވޮޗްއޯއެސް 9 ގައި އާ ވޮޗް ފޭސްތައް ވެސް ހިމެނޭނެ ކަމަށާއި އޭގެ ތެރޭގައި އެސްޓްރޮނޮމީ ފޭސް އާއި ލޫނާ ކަލަންޑަރު ވެސް ހިމެނޭނެ ކަމަށް އެޕަލް އިން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުންވެސް ޕޯސްޓް ޕާޗޭސް ޕޭމަންޓް ފަދަ އޮންލައިން މާލީ ހިދުމަތްތައް ދޭ ކްލާނާ އާއި ކްލިއާޕޭ ފަދަ ކުންފުނިތަކާ ވާދައަށް އެޕަލް އިން މިއަހަރު ނުކުންނާނީ އައިފޯނުތަކަށް އާ "ބައި ނޯ، ޕޭ ލޭޓާ" ފީޗާއަކާ އެކު ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. މި އޮފާއިން އެޕަލް ޕޭ މެދުވެރިކޮށް ކުރާ ކޮންމެ މުއާމަލާތެއްގެ އަގު ހަތަރު ހަމަހަމަ ޕޭމަންޓަކަށް ބަހާލައިގެން ދެއްކޭނެއެވެ. މި ޕޭމަންޓްތައް ދައްކަން ހަ ހަފުތާ ލިބޭ އިރު، އެއްވެސް އިންޓްރެސްޓެއް ނާރާނެއެވެ. ނަމަވެސް މި ފީޗާ ބޭނުންކުރެވޭނީ ޔޫއެސް ކަސްޓަމަރުންނަށް އެކަންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު