ނަގޯނޯ ކަރަބާޚުގެ މައްސަލައިގައި އާމީނިޔާއާއި އަޒަބައިޖާނުގެ މެދުގައި ހުސްވި އަހަރު ކުރެވުނު ހަނގުރާމައިގައި އާމީނިޔާގެ މައްޗަށް ވަރަށް ތާރީޚީ ކާމިޔާބީއެއް އަޒަބައިޖާނުން ވަނީ ހޯދައިފައެވެ. މިޒަމާނުގެ ހަނގުރާމަތަކުގައި ޑްރޯންގެ ދައުރު އެންމެ ސާފުކޮށް ނަލަކޮށް ފެނިގެންދިޔައީ އެ ހަނގުރާމައިގައެވެ. އަޒަބައިޖާނަށް ނަސްރު ލިބި ގެއްލިފައިވާ ބިންތައް އަލުން ލިބުމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ ޑްރޯނެވެ. ޑްރޯނަކީ ޕައިލެޓަކާ ނުލައި އުދުއްސާ ކުޑަވަރެއްގެ މަތިންދާބޯޓެކެވެ. ރިމޯޓުން ކޮންޓްރޯލްކުރެވޭ ވަރަށް ޒަމާނީ ހަތިޔާރެކެވެ. ޓޭންކާއި އާޓިލަރީޔާއި ސިފައިންގެ އުޅަނދުތަކަށް ހަމަލާދީ ނައްތާލުމުގައި މިހާރު އެންމެ އިތުބާރު ހަތިޔާރަކީ ޑްރޯނެވެ. ޚާއްސަކޮށް ތުރުކީގައި އުފައްދާ ބައިރަކްޓާރު ޓީބީ2 މަރުކާގެ ޑްރޯނެވެ.
ބައިރަކްޓާރު ޑްރޯން ވަނީ މިޒަމާނުގެ ހަނގުރާމަތަކުގެ ވައްޓަފާޅިޔަށް ބޮޑުވެގެންވާ އިންގިލާބެއް ގެނެސްފައެވެ. މިޒަމާނުގެ ހުރިހާ ހަނގުރާމަތަކެއްގައިވެސް ނަތީޖާ ނެރެވޭ އެންމެ ޔަގީންކަން ބޮޑު ހަތިޔާރަކީ ބައިރަކްޓާރު ޑްރޯނެވެ. އެކަން ނަގޯނޯ ކަރަބާޚުން ވަނީ ފެނިގެންގޮސްފައެވެ. ސީރިޔާއާއި ލީބިޔާއިން މިހާރުވެސް ދަނީ ފެންނަމުންނެވެ. އަދިކިޔެއްތަ، މިހާރު ޔުކްރޭނުގައި ހިނގަމުންއެދާ ހަނގުރާމައިގައިވެސް އެންމެ މުހިއްމު ދައުރެއް އަދާކުރާ ހަތިޔާރަކަށް ވެފައިވަނީ ބައިރަކްޓާރު ޑްރޯނެވެ. ރޫސީންނަށް ޔުކްރޭނުގައި ލިބެމުންދާހައި ގެއްލުންތަކުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޔުކްރޭނުން އޮޕަރޭޓްކުރާ ބައިރަކްޓާރު ޑްރޯނެވެ. މި ޑްރޯނުގެ ސަބަބުން ރޫސީންގެ ނިދި ޚަރާބުވެއްޖެއެވެ. ބިރުވެރިކަން އުފެދިއްޖެއެވެ. ރޫސީ ސަރުކާރުގެ އެކި އިދާރާތަކުގެ މެދުގައި ބަދަލުކުރެވެމުންދާ ކޭބަލްތަކުން އެކަން ވަރަށް ސާފެވެ.
ބައިރަކްޓާރު ޓީބީ2 ޑްރޯނުގެ އެއްފިޔަގަނޑުގެ ކޮޅުން އަނެއް ފިޔަގަނޑުގެ ކޮޅަށް ސާޅީސް ފޫޓެވެ. ފަންސަވީސްހާސް ފޫޓުގެ އުހުގައި އުދުހެވެއެވެ. ދޯދީގެ ވަސީލަތުން އަމާޒަށް ވާސިލްވާ ކުދިކުދި ވަރުގަދަ ބޮންތަކުން ޓޭންކާއި އާޓިލަރީތައް ފޫއަޅުވައި ހަލާކުކޮށްލުމަކީ މި ޑްރޯނުގެ އެންމެ ޚާއްސަ މަސައްކަތެވެ. ރޫސީންނަށް މި ޑްރޯނުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކަކީ މި ހަނގުރާމައިގައި ޔުކްރޭނު ބަލިނުވެ މިހާތަނަށް ދެމިއޮވެވޭ ހަމައެކަނި ސަބަބެވެ. ރޫސީންގެ އެތައް ސަތޭކަ ޓޭންކެއް މިއިން ހަލާކުވެއްޖެއެވެ. އެހެންވެ ޔުކްރޭނުގެ ގައުމީ ލަވަތަކުގައިވެސް ބައިރަކްޓާރު، ބައިރަކްޓާރު، މި ބަސް ވަރަށް ގިނައިން މިހާރު ބޭނުންކުރެވެއެވެ. ރޫސީންނަށް މަލާމާތާއި ފުރައްސާރަ ކުރުމުގެ ގޮތުންނެވެ. ރޫސީން އެންމެ ބިރުގަންނަ އެއްޗަކީ ބައިރަކްޓާރު ޑްރޯން ކަމަށް ވުމުންނެވެ.
ބައިރަކްޓާރު ޑްރޯން އުފައްދާ ކުންފުނީގެ ނަމަކީވެސް ބައިރަކްޓާރެވެ. މިއީ 1980 ގެ އަހަރުތަކުގައި އޮޒަމީރު ބައިރަކްޓާރު ނަމަކަށް ކިޔުނު މީހަކު އުފެއްދި ކުންފުންޏެކެވެ. މިހާރު މި ކުންފުނީގެ ވެރިންނަކީ އޭނާގެ ދަރީންނެވެ. ޚާއްސަކޮށް ސެލްޖޫކް ބައިރަކްޓާރާއި ހަލޫކް ބައިރަކްޓާރެވެ. މީގެ ތެރެއިން ސެލްޖޫކް ބައިރަކްޓާރަކީ ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާންގެ ދަނބިދަރިކަލުންނެވެ. ކުންފުނީގެ ފަންނީ ސިކުނޑިއަކީ ވެސް، ސީއީއޯއަކީވެސް އޭނާއެވެ. ތަމްރީނުވީ އެމެރިކާގެ ޔުނިވަރސިޓީ އޮފް ޕެންސިލްވޭނިޔާ އާއި މެސެޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގައެވެ. ބައިރަކްޓާރު ކުންފުނިން ހަނގުރާމަމަތީ ޑްރޯން ތަރައްގީކުރުމުގެ ވިޔަފާރީގެ ތެރެއަށް ވަނީ 2005 ވަނަ އަހަރުއެވެ. ތުރުކީގެ ޑިފެންސް އިންޑަސްޓްރީ ޒަމާނީ ކުރުމަށް ސަރުކާރުން ނިންމި ހިސާބުންނެވެ.
ތުރުކީގެ އެންމެ ބޮޑު ސިޓީކަމަށްވާ އިސްތަންބޯލްގައި ގާއިމްކުރެވިފައިވާ ބައިރަކްޓާރު ކުންފުންޏަށް އަހަރަކު ގިނަވެގެން އުފެއްދެނީ 200 ޑްރޯނެވެ. މީގެ އެއްޗެއްގެ އަގަކީ ގާތްގަޑަކަށް ފަސް މިލިޔަން ޑޮލަރެވެ. ޔޫރަޕުގެ ބޯލްޓިކޭ ކިޔުނު ސަރަހައްދުގެ ގައުމެއްކަމަށްވާ ލިތުއޭނިޔާއިން ދާދިފަހުން ވަނީ ޔުކްރޭނަށް އެހީވުމަށްޓަކައި ފަންޑުފޮށި ހުޅުވައިގެން އެއްކުރެވުނު ފައިސާއިން ބައިރަކްޓާރު ޑްރޯން ގަނެފައި ޔުކްރޭނަށް ފޮނުވުމަށް ނިންމައިފައެވެ. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން މިހާރުވަނީ މި ޑްރޯން ހޯދައިފައެވެ. އަނެއްބަޔަކު ވަނީ ހޯދުމުގެ މަގުމަތީގައެވެ. މިހާރު ދުނިޔޭގައި އެންމެ ޑިމާންޑް ބޮޑު ހަތިޔާރަކަށް ވެފައިވަނީ މި ޑްރޯނެވެ. ދާދިފަހުން ޕާކިސްތާނުގެ އަސްކަރީ މަރުކަޒަކުން މި ވައްތަރުގެ ޑްރޯނެއް ފެނިގެން އިންޑިޔާގެ ތަޖުރިބާކާރުން ވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.
ބައިރަކްޓާރު ކުންފުނިން ޓީބީ2 މަރުކާގެ ހަނގުރާމަމަތީ ޑްރޯން އުފައްދާފައި އެހިސާބުން ހުއްޓައިލާން ގަސްތެއް ނުކުރެއެވެ. މިހާރުވެސް އައު މޮޑެލްތަކެއް ތަރައްގީކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ދަނީ ކުރިއަށެވެ. އަކިންސީގެ ނަން ދެވިފައިވާ އައު ޑްރޯނެއް ހުސްވި މަހު ވަނީ ބާޒާރަށް ނެރެފައެވެ. ޓީބީ3 އަންނަ އަހަރު ނެރޭނެއެވެ. މިއީ ހުޅުވައި ލެއްޕޭގޮތަށް ފިޔަގަނޑު ފަރުމާކުރެވޭ ޑްރޯނެކެވެ. ކިޒިލެލްމާގެ ނަންދެވިފައިވާ އައު ޑްރޯނެއް މިއަހަރު ނިމުމުގެ ކުރިން ނެރުމަށް ދަނީ މަސަކަތް ކުރަމުންނެވެ. މިހުރިހާ ތަކެއްޗަށްވެސް ޑިމާންޑް ނުހަނު ބޮޑެވެ. އެމެރިކާ އާއި ރަޝިޔާ އާއި ޗައިނާ ފަދަ ގައުމުތަކުންވެސް އަސްކަރީ ޑްރޯން އުފައްދައެވެ. އެކަމަކު ތުރުކީގެ ބައިރަކްޓާރަށް އޮތް ކަހަލަ ޑިމާންޑެއް ނެތެވެ. ހަނގުރާމައިގައި ބައިރަކްޓާރު ސާބިތުކޮށްދިން ކުޅަދާނަކަމެއްވެސް އެހެން އެއްޗަކުން ނުފެނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ