މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްސީސީ)ގެ ރައީސް ޝަހުބާން ފަހުމީ މަގާމުން ވަކި ކުރުމަށް މިރޭ ނެގި ވޯޓްވެސް އޭނާއާ އެއްކޮޅަށް ނިމިއްޖެއެވެ.
އެމްއެމްސީގެ ގާނޫނު ބުނާގޮތުން ރައީސްގެ މަގާމުގައި ހުރި ކަމުގައިވިޔަސް، އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ މެމްބަރުކަމުގެ މަގާމުން ވަކިކުރުމަށެވެ. އަދި މެމްބަރުކަމުން ވަކިކުރެވޭނީ ކައުންސިލު މެމްބަރުންގެ ތިން ބައިކުޅަ ދެބައި ވޯޓު ލިބިގެންނެވެ. އެއީ 15 މެމްބަރުންގެ ތެރެއިން ދިހަ މެމްބަރުންގެ ވޯޓެވެ.
މީޑިއާ ކައުންސިލްގެ މެމްބަރުން ވަނީ ޝަހުބާންގެ އިތުބާރު ނެތްކަމަށް ބުނެ ކުއްލި ޖަލްސާއެއް މިރޭ ބާއްވައިފައެވެ. އެ ޖަލްސާގައި ޝަހުބާން ވަކި ކުރަން ފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓު ދެއްވިއިރު، އޭނާ ވަކި ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ އެންމެ މެމްބަރެކެވެ. މިއީ ޝަހުބާން މަގާމުން ވަކިކުރަން ވޯޓު ނެގި ދެ ވަނަ ފަހަރެވެ.
ޝަހުބާންގެ އިތުބާރު ނެތް ކަމަށް އެންމެ ފުރަތަމަ ވޯޓެއް ނަގައިފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އެ ބައްދަލުވުމުގައި މެމްބަރުން ބަހުސްކުރުމަށްފަހު ނެގި ސިއްރު ވޯޓުގައި ޝަހުބާން މެމްބަރުކަމުން ވަކިކުރަން ބޭނުންވާ އަދަދަށް ވޯޓު ލިބިފައެއް ނުވެއެވެ.
ޝަހުބާން ވަކިކުރުމަށް ފެންނަ ކަމަށް ވޯޓު ދީފައިވަނީ އަށް މެމްބަރެކެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދިނީ ހަތަރު މެމްބަރެކެވެ. ދެ މެމްބަރަކު ޖަލްސާގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ. ޝަހުބާނަށް އިތުބާރު އޮތްކަމަށް ނިމުނީ ދެ މެމްބަރުންގެ ވޯޓު މަދުވެގެންނެވެ.
ހުބާން ފަހުމީގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގެ ތުހުމަތުކުރެވޭތީ އޭނާގެ މައްސަލަ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވެސް ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ހުށަޙަޅައިފައެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ޝަހުބާން މައްސަލަ ހުށަހަޅާފައިވަނީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރަައީސް އަދި ވިލިމާލެ ދާއިރާގެ މަޖިލިސް އަހުމަދު އުޝާމެވެ.
އުޝާމް އެއިރު "ވަން" ވިދާޅުވެފައިވަނީ، ޝަހުބާންގެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅީ މުޖުތަމައު ގަބޫލުކުރާ މިންގަނޑުން އަބުރުވެރި އަހުލާގު ރަނގަޅު މީހެއް ކަމަށް އޭނާ ނުވާތީ ކަމަށެވެ.
"މަނީ ލޯންޑަރިންގެ ތުހުމަތަކީ ވަރަށް ސީރިއަސް ތުހުމަތެއް، ގާނޫނުގަ ބުނާ ސިފައެއް އުނިވުމަކީ މަގާމުން ވަކިވާނެ ހާލަތެއް،" އުޝާމް ވިދާޅުވެފައިވެއެވެ.
ބުދަ ދުވަހު މީޑިއާ ކައުންސިލްގެ ނުވަ މެމްބަރަކު ވަނީ ޝަހުބާން އިސްތިއުފާއަށް ގޮވާލައި ގަރާރެއް ވެސް ނެރެފައެވެ.
އެ ގަރާރުގައި ބުނެފައިވަނީ، ޝަހުބާންގެ ހިއްސާ އޮންނަ ކުންފުންޏެއްގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ ތުހުމަތަކީ ރާއްޖޭގެ ބޮޑެތި ގިނަ ނޫސްވެރިންގެ އިތުރުން މީޑިއާ ކައުންސިލްގެ ގިނަ މެމްބަރުން ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
ޝަހުބާންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ތުހުމަތާ ގުޅިގެން އޭނާ ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ފުލުހަށް ވެސް ހާޒިރުކޮށްފައެވެ.
މަނީ ލޯންޑަރިންގެ ތުހުމަތުކޮށް ފުލުހަށް ހާޒިރުވުމަށް ޝަހުބާންއަށް ފޮނުވި ޗިޓުގައި ފުލުހުން ބުނެފައިވަނީ އޭނާ ހާޒިރުކުރަނީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާއްމުކޮށް ހުޅުވާލައިގެން ރާއްޖޭގެ މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ހިލާފަށް އިންވެސްޓްމެންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާ ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ.
އަލްހާން އާއި އޭނާގެ ބޭބެ، ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީގެ ހިއްސާ އޮންނަ ކިންގްސް ކުންފުނިން ޕޮންޒީ ސްކީމެއް ހިންގާ ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ އިރު، ރަޖިސްޓްރީކޮށްފައި ނުވާ ސްކީމްތަކުގައި އިންވެސްޓް ކުރުމުގެ ސަބަބުން މާލީ ގެއްލުމެއް ލިބިފައިވާނަމަ އެކަން ހިއްސާކުރަން ކެޕިޓަލް މާކެޓު ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ވަނީ އެދިފައެވެ.
އެ ޕޮންޒީ ސްކީމެއްކަން އާންމުންގެ ސަމާލުކަމަށް ފުރަތަމަ ގެނެސްފައިވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭ އިންނެވެ.