އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީ ޕާޓީގެ ތަރުޖަމާނު ރަސޫލާއަށް ފުރައްސާރަކުރުމުން ދިވެހި ސަރުކާރުން އެކަން ކުށްވެރިކޮށްފިއެވެ،

ބީޖޭޕީގެ އިސް ތަރުޖަމާނު ނުޕުރު ޝަރުމާ ރަސޫލާގެ ކައިވެނިފުޅާ ގުޅޭ ގޮތުން ދޮގު ވާހަކަތައް ދައްކައި، އެކަލޭގެފާނުގެ ޝަހުސިއްޔަތަށް ބަދުބަސް ބުނެ ތައުހީނުކުރުމާ ގުޅިގެން އެކަން ކުށްވެރިކޮށް ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިސްލާމްދީނުގެ ހަގީގީ ތަބީއަތާއި އުނގަންނައިދިނުންތައް ފުނޑުފުނޑުކޮށްލުމަށް ކުރާ ހުރިހާ ކަމެއް ދިވެހި ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ.

އެގޮތުން އިންޑިއާގެ ބީޖޭޕީގެ ބައެއް އޮފިޝަލުން ކީރިތި ރަސޫލާ އާއި އިސްލާމްދީނަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކަކީ ދިވެހި ސަރުކާރު ވަރަށް ކަންބޮޑުވާ ވާހަކަތަކެއް ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި ބީޖޭޕީގެ އޮފިޝަލުންނާ މެދުގައި ފިޔަވަޅު އަޅާފައިވާތީ ދިވެހި ސަރުކާރުން ވަނީ އެކަމަށް މަރުހަބާ ކިޔައިފައެވެ.

ބީޖޭޕީގެ އިސް ތަރުޖަމާނު ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަ އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ އިތުރުން އެމްއާރްއެމް އަދި ޕީޕީއެމުން ވެސް ވަނީ ކުށްވެރިކޮށްފައެވެ.

ބީޖޭޕީގެ އިސް ތަރުޖަމާން ނުޕުރު ޝަރުމާ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަދައްކާފައިވަނީ އިންޑިއާގެ ޓީވާ ޗެނަލެއްގައެވެ.

އެ މައްސަލައާ ގުޅިގެން ބީޖޭޕީން ވަނީ އެޕާޓީގެ އިސްތަރުޖަމާނު ނުޕުރު ޝަރުމާ އާއި ޕާޓީގެ މީޑިއާ އިންޗާޖުގެ ގޮތުގައި ހުންނެވި ނަވީން ކުމާރު ޕާޓީގެ މަގާމުތަކުން ސަސްޕެންޑްކޮށްފައެވެ.