އިންޑިއާގެ ވެރިކަންކުރާ ޕާޓީ ކަމުގައިވާ ބީޖޭޕީގެ އިސް ތަރުޖަމާނު ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަ އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީން ކުށްވެރިކޮށްފިއެވެ.
ބީޖޭޕީގެ އިސް ތަރުޖަމާނު ނުޕުރު ޝަރުމާ ރަސޫލާގެ ކައިވެނިފުޅާ ގުޅޭ ގޮތުން ދޮގުވާހަކަ ދައްކައި، އެކަލޭގެފާނުގެ ޝަހްސިއްޔަތަށް ބަދުބަސްބުނެ ތައުހީނުކުރުމާ ގުޅިގެން އެކަން ކުށްވެރިކޮށް އަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރަސޫލާއަށް ބަދު ބަސްބުނުމަކީ އެއްވެސް މުސްލިމަކު ތަހައްމަލުކުރާނެ ކަމެއް ނޫން ކަމަށެވެ.
"ބީޖޭޕީގެ އިސްތަރުޖަމާނު ފާޅުގައި ބުނެފައިވާ ބަސްތަކަކީ މުޅި އިސްލާމީ އުންމަތާ ދެކޮޅަށް ބުނެފައިވާ ބަސްތަކެއް ކަމަށް މި ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ދެކެމެވެ" އަދާލަތުގެ ބަޔާނުގައިވެއެވެ.
އެ ޕާޓީން ބުނީ، އެފަދަ މީހުން، ކިތަންމެ ނުރުހުނަސް އެއް ދުވަހުން އަނެއް ދުވަހަށް ރަސޫލާގެ ސިޔަރަތާއި އެކަލޭގެފާނުގެ ޝަހްސިއްޔަތުން ނަމޫނާ ލިބިގަންނަ ގައިރު މުސްލުމުން ދުނިޔޭގެ ކަންކޮޅުތަކުގައި ގިނަވަމުން އަންނަކަމީ ހަގީގަތެއް ކަމަށާއި ރަސޫލާގެ ދިފާއުގައި ތެދުވާނެ އެތައް މިލިއަން މުސްލިމުން އިންޑިއާއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ތިބޭނެ ކަމަށެވެ.
ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ކުށްވެރިކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބީޖޭޕީގެ ތަރުޖަމާނުގެ ވާހަކަތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް ދިން އަނިޔާއެއް ކަމަށެވެ.
ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބީޖޭޕީގެ ތަރުޖަމާނު ދެއްކި ވާހަކަ، ދިވެހި ސަރުކާރުން ކުށްވެރިކޮށްފައިނުވާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ ކުއްލި މައްސަލައެއް ހުށަހަޅައިފައެވެ. ނަމަވެސް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި އެ މައްސަލަ މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު