ދުނިޔެ

އަދުގެ ދުނިޔެ: ޓާރކީގެ ނަން ތުރުކިޔޭއަކަށް ބަދަލުކުރުމުގެ ސިއްރަކީ ކޮބާ؟

އިމާދު ލަތީފު

2

ތުރުކީވިލާތުގެ ނަން ރަސްމީކޮށް މިހާރުވަނީ ބަދަލުކޮށްފައެވެ. އެކުވެރި ދައުލަތްތައް ނުވަތަ އދ. ޖަމިއްޔާގައި މިހާރު އެއީ ޓާރކީއެއް ނޫނެވެ. އދ އާއި ނޭޓޯއާއި ދެންވެސް ބައިނަލްއަގުވާމީ އެފަދަ ޖަމިއްޔާ ޖަމާއަތްތަކުގައި މިހަފުތާއިން ފެށިގެން ތުރުކީގެ ރަސްމީ ނަމަކީ ތުރުކިޔޭއެވެ. ބައިނަލްއަގުވާމީ މުޖުތަމައުން މިނަން ބަލައިގެންފިއެވެ. ޓާރކީއަކީ އިނގިރޭސިބަހުން ދޫންޏެކެވެ. ޒާތެއްގެ ކުކުޅެކެވެ. ކުކުޅާއި ތުރުކީވިލާތުގެ ނަން ގުޅުވައިގެން އެކި މީސްމީހުން އޮޅުވައިލާ އޮޅުވައިލުންތައް ދެން ނިމުމަކަށް އައީއެވެ. ފެންނަ ފެނުމުގައި މިއީ މާބޮޑު ބަދަލެއް ނޫނެވެ. ކުޑަކުޑަ ބަދަލެކެވެ. އެހެންނަމަވެސް ތުރުކީވިލާތުގެ ގައުމިއްޔަތާއި ސަގާފަތް ރައްކާތެރިކުރުމަށްޓަކައި މިއީ ވަރަށް މުހިއްމު ބަދަލެކެވެ. މިބަދަލު ގެންނެވުމަށް ރައީސް ރަޖަބު ތައްޔިބު އުރުދުޣާން މަސައްކަތް ކުރައްވާތާ އަހަރުތަކެއް ވެއްޖެއެވެ.

ބައިނަލްއަގުވާމީ މުޖުތަމައުގައި ތުރުކީވިލާތުގެ ނަމަކަށް ރަސްމީގޮތުން ޓާރކީ ބޭނުންކުރަމުން އަޔަސް ތުރުކީވިލާތުގެ ރައްޔިތުންނާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ ތުރުކީ ނަސްލުގެ އެންމެން ކިޔަމުން އައީ ކުރީއްސުރެވެސް ތުރުކިޔޭއެވެ. އެހެންވީމާ މިބަދަލަކީ ހަގީގަތުގައި ތުރުކީ ރައްޔިތުންނަށް ބަދަލެއްވެސް ނޫނެވެ. ބަދަލެއްގެ އިހުސާސް ކުރެވޭނީ ބިދޭސީންނަށެވެ. ތުރުކީ ބަހުން ވާހަކަ ދައްކަން ނޭނގޭ މީހުންނަށެވެ. ދިވެހީންނަށް މި ބަދަލު ބުނެދޭން މަސައްކަތްކުރާ މީހަކަށް އެންމެ ފަސޭހައިން ބުނެދެވޭނީ މިހެންނެވެ. އެއީ މޯލްޑިވްސްގެ ނަން ރަސްމީގޮތުން ދިވެހިރާއްޖެއަށް ބަދަލުކުރުން ކަހަލަ ކަމެކެވެ. ދިވެހީން މޯލްޑިވްސްއެކޭ ނުކިޔައެވެ. އެހެން ކިޔަނީ ބޭރުމީހުންވެ. ތުރުކިޔޭއަށް ވެސް ވެފައިއޮތީ އެކަހަލަ ގޮތެކެވެ.

މީލާދީން 1299 ވަނަ އަހަރުން ފެށިގެން 1924 ވަނަ އަހަރާ ހަމަޔަށް 625 އަހަރަށް ދެމިގެންއައި އުސްމާނީ ޚިލާފަތު އުވި، ޖުމްހޫރިއްޔަތެއް އިއުލާންކޮށް، މުސްތަފާ ކަމާލް އަތާތުރުކުގެ މަދަނީ އިންގިލާބު ފެށުމަށްފަހު މިހާތަނަށް ތުރުކީވިލާތުން ބޮޑަށް އިސްކަންދިނީ ހުޅަނގުގެ ގައުމަކަށްވެވޭތޯއެވެ. ގައުމީ ތަރިކަޔާއި ތުރުކީ ތާކިހާ ދޫކޮށް ގައުމުގައި ކޯޓުފަޓުލޫނު ލަވައި، ސެކިއުލަރ ގާނޫންއަސާސީއެއް ތައާރަފުކޮށް މިހުރިހާ ދުވަހު ތުރުކީވިލާތުން މަސައްކަތްކުރީ ޔޫރަޕުގެ އާއިލާގެ މެންބަރަކަަށް ވެވޭތޯއެވެ. ގާތްގަޑަކަށް 98 އަހަރު ވަންދެން މި މަސައްކަތްކޮށްފިއެވެ. އެކަމަކު ޔޫރަޕުން ތުރުކީވިލާތް ބަލައެއް ނުގަތެވެ. ގްރީސްފަދަ ގައުމުތަކުން އެކުރާ ކަމަކީ ތުރުކީވިލާތުގެ އިމުގައި ބޮޑުފާރު ރާނައި ތުރުކީވިލާތް ދުރަށް ޖެއްސުމެވެ. ޔޫރަޕުގެ އިއްތިހާދަކަށްވެސް ތުރުކީވިލާތް ނުވެއްދިއެވެ.

ޔޫރަޕުގެ އިއްތިހާދުގެ މެންބަރަކަށް ވެވޭތޯ ތުރުކީވިލާތުން ކޮށްފައި ނުކުރާކަށް ވަކިކަމެއް ނެތެވެ. ޔޫރަޕުން އެންގިއްޔާ އެންގިހައި ކަމެއް ކުރިއެވެ. މިސްކިތްތަކުން އަޑުހަރުކޮށް ބަންގި ގޮވުންވެސް ހުއްޓާލިއެވެ. އެކަމަކުވެސް ޔޫރަޕުގެ އާއިލާގެ މެންބަރަކަށް ވުމުގެ ޝަރުތު ހަމަވާ ދުވަހެއް ނާދެއެވެ. މުސްލިމް ގައުމަކަށްވާތީ، ގައުމުގެ ބޮޑުބައި އޭޝިޔާގައި އޮންނާތީ، ބޮލަކަށް ޖެހޭ މިންވަރު އިނގިރޭސިވިލާތާ އެއްހަމަޔަކަށް ނުގެނެވޭތީ، މިހެންގޮސް ކޮންމެވެސް އުޒުރެއް އަބަދުވެސް އޮންނަނީ ހުރަހަކަށްވެފައެވެ. އިންތިޒާރު ދިގުލައިގެންގޮސް އެންމެފަހުން މިއީ ދުވަހަކުވެސް ހަގީގަތަކަށް ނުވާނޭ ހުވަފެނެއްކަން ތުރުކީވިލާތުން މިހާރު ގަބޫލުކޮށްފިއެވެ. ރައީސް ރަޖަބު ތައްޔިބު އުރުދުޣާންގެ ޒައާމަތުގެ ދަށުން ތުރުކީވިލާތުގެ މިސްރާބު ވަނީ މުޅިން ބަދަލުކޮށްލައިފައެވެ.

ރައީސް އުރުދުޣާންގެ ސިޔާސަތަކީ ހަމައެއްވެސް ކަމެއްގައި ވަކިބަޔަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެގެން އަމިއްލަ ބާރުގައި ކުރިއަށްދާ ވަރުގަދަ ދައުލަތަކަށް ތުރުކީވިލާތް އަލުން ހެއްދެވުމެވެ. އަސްކަރީގޮތުންނާއި އިގްތިސާދީގޮތުންނެވެ. ސިޔާސީގޮތުންނާއި އެނޫންވެސް ގޮތްގޮތުންނެވެ. މިކަން ކުރުމުގެ ބިންގަލަކީ ތުރުކީވިލާތުގެ ގައުމިއްޔަތެވެ. އުރުދުޣާންގެ ސަރުކާރުން ބޭނުންވަނީ ގައުމިއްޔަތު ދިރުވައި ތާޒާކުރުމަށެވެ. މިދަނޑިވަޅުގައި ޓާރކީއޭ ކިޔުން ހުއްޓުވައި ތުރުކިޔޭގެ ނަމަށް ބަދަލުކުރުމުގެ މައިގަނޑު ސިއްރަކީ އެއީއެވެ. ޓާރކީއަކީ ކޮންމެ އަހަރެއްގެ ޑިސެމްބަރުމަހު ވިލާތު އެންމެން މާހެފުން ހެފުމަށްޓަކައި ކަތިލާ ކުކުޅެކެވެ. އެދަރަޖައިގައި އަދި އެނަމުގައި އޮވެގެން ތުރުކީވިލާތުގެ ގައުމިއްޔަތު ނުދިރޭނެއެވެ. ކަތިލެވޭނީއެވެ.

އެއްވެސް އިރެއްގައި ދިވެހީން ޓާރކީއެކޭ ނުކިޔައެވެ. ކިޔަނީ ތުރުކީ ނުވަތަ ތުރުކީވިލާތެވެ. ފާރިސީ ބަހުންނާއި އުރުދޫ ބަހުންވެސް ތުރުކީއެވެ. އަރަބިބަހުން ތުރުކިޔާއެވެ. މިބަސްބަހުން ވާހަކަ ދައްކާ މީހުން ދެންވެސް ކިޔާނީ ހަމަ ކުރިންވެސް ކިޔަމުން އައި ނަމެވެ. ތުރުކީއެވެ. ތުރުކިޔާއެވެ. ގައުމުތަކުގެ ނަން ބަދަލުކުރުމަކީ އައު ކަމެއް ނޫނެވެ. ހޮލެންޑުވެސް އެއޮތީ ރަސްމީކޮށް ނެދަރލޭންޑަކަށް ބަދަލުކޮށްފައެވެ. ސުވާޒިލެންޑް އެއޮތީ ދާދިފަހުން އެސްވަޓީނީއަކަށް ބަދަލުކޮށްފައެވެ. ޒިމްބާބުވޭއަކީ ކުރީގެ ރޮޑީޝިޔާއެވެ. ބުރުކީނަފާސޯއަކީ ކުރީގެ އަޕަރވޯލްޓާއެވެ. ތައިލެންޑަކީ ކުރީގެ ސިއާމެވެ. ކެމްބޯޑިޔާއަކީ ކުރީގެ ކެމްޕޫޗިއާއެވެ. ސްރީލަންކާއަކީ ކުރީގެ ސިލޯނެވެ. ނޯތު މެސެޑޯނިޔާއަކީ ކުރީގެ މެސެޑޯނިޔާއެވެ. ޑިމޮކްރަޓިކް ކޮންގޯއަކީ ކުރީގެ ޒަޔަރެވެ.