"އެއްވެސް މީހަކު ގޭތެރެއަށް ނުވައްދާތި. ބެގަރީ ބައްދަލުކުރަން ބޭނުންވާ މީހުންނާ އެފަޅީގަ ބައްދަލުކުރީމަ ރަނގަޅުވާނެ. އަދި އެއްވެސް މީހެއް ކައިރީގަ ނުބުނާތި އަހަރެން ދިޔަތަނެއް" އަނެއްކާވެސް ބެގަރީ ބޯޖަހާލިއެވެ.

*****

ބެލްއަޅާލުމާއެކު ގެންގުޅޭ މީހަކު ދޮރުހުޅުވިއެވެ. ތަނަވަސް ބޮޑު ގޭތެރެއިން އެއްވެސް މީހެއް ފެންނަން ނެތެވެ. ކުރިއަށް ޖެހިލާފައި ރިންދާ ކުރިމަތީގައި ހުރި މީހާއަށް ބަލައިލިއެވެ.

"ޖިލްވާ އާ ބައްދަލުކުރަން" ރިންދާ ބުންޏެވެ.

"ދުރުވޭ އެތެރެއަށް. އަޅުގަނޑު ޖިލްވާ މެޑަމްއަށް އެބަ ގޮވާލަން" އެމީހާ ބުންޏެވެ.

އެމީހާ ރިންދާ ގެންދިޔައީ ބައްދަލުކުރާ ކޮޓަރިއަށެވެ. އެއީ ޖާގަ ތަނަވަސް ބޮޑު ކޮޓަރިއެކެވެ އަށް މީހުންނަށް އިށީނދެވޭނެހެން މެދުގައި ބަހައްޓާފައިވާ ކުކުޅު ބިހެއްގެ ބައްޓަމަށް ވާ މޭޒުގެ ވަށައިގެން ޖަހާފައިވާ ގޮނޑިތަކުން ގޮނޑިއެއްގައި ރިންދާ އިށީނެވެ. ދިމާލަށް ފާރުގައި ހަރުކޮށްފައި ހުރި ބޮޑު ސްކްރީން ހުޅުވުނީ ކުއްލިއަކަށެވެ. އެއީ ބައްދަލުކުރަން އައިސް އިންނަ މެހްމާނު ފޫހިވިޔަ ނުދިނުމަށް ކުރި ކަމެއްކަން ރިންދާއަށް އެނގުނެވެ.

"ސާބަސް މޮހާނާއަށް. އެއީ މެހްމާނެއް ނޫނޭ. އެއީ ރިންނިގެ ދައްތައޭ" ބޭރުން އަންހެންކުއްޖެއްގެ އަޑު ރިންދާއަށް އިވުނެވެ. ކޮޅަށް ނުތެދުވެވެނީސް ދޮރުހުޅުވާލާފައި ޖިލްވާ ވަދެއްޖެއެވެ. ކުރިމަތީގައި ހުރި ރިންދާ ފެނުމާއެކު ޖިލްވާ ހުއްޓުން އެރިއެވެ. އެއީ ރަނީންއެވެ. އެ އިސްކޮޅެވެ. އެ މޫނާއި ދެލޮލެވެ. އެ އިސްތަށިގަނޑެވެ. ތަފާތަކީ ހެދުން އަޅާފައިވާ ގޮތެވެ. އިސާހިތަކު ޖިލްވާއަށް ރޮވުނެވެ. ރިންދާ ހިނގާލާފައި އައިސް ޖިލްވާގެ ދެލޯ ކައިރި ފޮހެލިއެވެ. ޖިލްވާގެ ގައިގައި ބައްދާލިއެވެ. ރިންދާގެ ހިތް ހަލާކުވެފައި އޮތްއިރުވެސް ޖިލްވާގެ ހިތްވަރަކަށް ވިއެވެ.

"ހިނގާ ބޭރަށް" ކުޑަކޮށް ހަމަޔަކަށް އެޅުމާއެކު ޖިލްވާ ބުންޏެވެ. ދެން ރިންދާގެ އަތުގައި ހިފައިގެން ނުކުމެ ސިޑިން އަރައިގެން މައްޗަށް ދިޔައެވެ. ކޮޓަރިއަށް ވަންގޮތަށް ޖިލްވާ ރިންދާ ބޭންދީ އެނދުގައެވެ.

"މޮހާނާއަށް އަސްލު ނޭނގުނީ ރިންނިގެ ދައްތަ ކަމެއް. އާންމުކޮށް ގެއަށް އަންނަނީ ކާފަގެ ރައްޓެހިން" ޖިލްވާ ބުންޏެވެ.

"އެވަރުގެ ކަމެއްނޫން. މިއޮށްބޮޑު ގޭގަ ޖިލްވާ އެކަނިތަ؟" ރިންދާ އެހިއެވެ.

"އުނހު. ކާފަ އުޅޭނެ. ދެން މިކުދިން އުޅެނީ. ކާފަ އަދި ގެއަށް ނުދުރުވޭ" ޖިލްވާ ބުންޏެވެ.

"އަހަރެން މިއައީ ރިންނި މަރާ ގުޅޭ ވާހަކަދައްކަންވެގެން. އަހަރެންވެސް ގަބޫލުކުރަން ރިންނި އަމިއްލައަށް މަރުވީނޫންކަން. އެއީ އެހާ އީމާންތެރިކަން ކުޑަ ކުއްޖެއްނޫން. އަދި ޑިޕްރެޝަން ކަހަލަ ބައްޔެއް ހުންނަ ކުއްޖެއްވެސް ނޫން. އެއީ ހަމަ މިނިވަން ކޮކާލެއްހެން އުޅުނު ލޯބި ކުއްޖެއް. އަހަރެން ބޭނުން ރިންނި މަރުވުމުގެ ކުރިން ކަންތައްތައް ވީގޮތް އެނގެން. މިބުނީ ޖިލްވާ ތީ ރިންނިގެ އެންމެ ގާތް އެކުވެރިޔާ ވީމަ ކޮންމެސް އެއްޗެއް އެނގޭނެތާ" ރިންދާ ވާހަކަދެއްކިއެވެ. އުންމީދުން ފުރިގެންވީ ބެލުމަކުން ރިންދާ އިނީ ޖިލްވާއަށް ބަލަހައްޓައިގެންނެވެ.

"އަހަރެމެން ދެމީހުންގެ އެކުވެރިކަން ލޯބިކަމުން ހުރިހާ މީހުންވެސް އެވާހަކަ ދައްކާ. އެއްކޮށް ކިޔަވަމުން އައީ ރިންނި ނިޔާވުމާ ހަމައަށް. ވަރަށް މަޖާކޮށް އުޅުނީ. އެއްދުވަހު ރިންނި ބުނި ބޯއީފްރެންޑެއް ނެގި ވާހަކަ" ހިޔާލަކަށް ގެއްލިފައި އިން ކަހަލަ ގޮތަކަށް ޖިލްވާ ބުންޏެވެ.

ޖިލްވާ ބުނެލި ޖުމްލައާއެކު ރިންދާގެ މޫނުމަތީގައި ހައިރާންކަން ވަށާލިއެވެ. އެއީ ރިންދާ ކައިރީގައިވެސް ރަނީން ބުނެފައިނުވާ ވާހަކައެކެވެ. ލޯބީގެ ގޮތުން ކުއްޖަކާ ގުޅުނުކަމެއް ރިންދާއަކަށް ނޭނގެއެވެ.

"އަހަރެންވެސް ފުރަތަމަ ހައިރާންވި. ކުއްލިއަކަށް ކުއްޖަކާ ރައްޓެހިވި ވާހަކަ ބުނީމަ. ދެން އަހަރެން އަހައިފިން ކޮން ނަމެއްހޭ އެކުއްޖާއަށް ކިޔަނީ؟ ކޮން ރަށެއްގެ ކުއްޖެއްހޭ؟" ޖިލްވާ ބުންޏެވެ.

"ދެން... ކީކޭ ރިންނި ބުނީ؟" ކެތްތެރިކަން ކުޑަވެފައި ރިންދާ އެހިއެވެ.

"ބުނީ ޒަކްވާން އޭ ކިޔަނީ. އުޅޭ ރަށެއް ނުބުނޭ. ބައްދަލުކޮށްދޭންވާނޭ ބުނީމަ އާއެނކޭ ބުނެފަ އަޅާނުލައި ހުރީ. އޭގެ އަނެއްކާ ދުވަސްތަކެއް ފަހުން ބުނެފި ޒަކްވާން އަދި ބޭނުމެއްނުވެއޯ ބައްދަލުކުރާކަށް. އެކަމަކު ފަހުން ބައްދަލުކުރާނޭ" ޖިލްވާ ވާހަކަދެއްކިއެވެ.

"ޒަކްވާން...." ރިންދާ މަޑުމަޑުން އެ ނަން ކިޔާލިއެވެ. "މިހާރު ކޮބާ އޭނަ؟"

"ނޭނގެ. ވަރަށް އެހެންކަހަލަ ގޮތަކަށް އޭރު ރިންނި އުޅުނީ. އެހެން ހުރެލާފަ އެއްދުވަހު ކޮލެޖް ނިންމާފަ ޖޫސްޕެޓީ ގަނެގެން އަހަރެމެން ދިޔައީ ވިލިމާލެއަށް. އެދުވަހު ބުނެފި ޒަކްވާން އެއީ ކަމުދާ މީހެއް ނޫނޭ. ރުޅިވާށޭ މިއުޅެނީ. އޭގެފަހުން ނުދައްކާ ޒަކްވާންގެ ވާހަކަ. ހީވަނީ އެކަމެއް ހިނގިއިރު ދެކުދިންގެ ގުޅުމެއް ނޯންނަހެން. ހަމަ ވަރަށް އުފާވެރިކޮށް އުޅުނީ" ޖިލްވާ ވާހަކަދެއްކިއެވެ.

"ޒަކްވާން... އޭނަ.... އޭނަ ރިންނި އާ ބެހުނީތަ؟ އެކަހަލަ ވާހަކައެއް ބުނިތަ؟" ރިންދާ އެހިއެވެ.

"ހިއެއްނުވޭ. އެކަހަލަ ކަމެއްވިނަމަ ރިންނި ނުބުނެ ނުހުންނާނެ"

*****

ގޭތެރެއަށް ވަދެގެން ދިޔަ ރިންދާއަށް ނަހާ ގޮވާލިއެވެ. ގޭތެރެ ލައިޓްތައް ދިއްލިގެން ދިޔައީވެސް އެވަގުތުއެވެ. ރިންދާ ފަހަތް ބަލައިލިއެވެ. ނަހާއާއި ޝާހްބާޒް ކޮޓަރި ދޮރުމަތީގައި ތިއްބެވެ.

"ބޭބެ ބުނީމެއްނު ގެއަށް އަންނަންވީމަ ގުޅައްޗޭ" ޝާހްބާޒް ބުންޏެވެ. ރިންދާ ބަހެއް ނުކިއިއެވެ.

"ދަރިފުޅު ކީއްވެ ނުގުޅާ ތިއައީ؟. މަންމަ ގުޅީމަ ފޯނުވެސް ނުނަގާ" ނަހާ ސުވާލުކުރިއެވެ.

ރިންދާ ޖަވާބެއްނުދީ ހުއްޓެވެ. އެންމެފަހުން ނަހާ އައިސް ރިންދާގެ އަތުގައި ހިފިއެވެ. ޝާހްބާޒް ހުއްޓައި ރިންދާ އެއްވެސް ވާހަކައެއް ނުދައްކާނެކަން އެނގޭތީ އޭނާ ވަނީ ކޮޓަރިއަށެވެ. އެހިސާބުން ނަހާ ރިންދާގެ އަތުގައި ހިފައިގެން އައިސް ބޮޑުކޮޓަރީ ސޯފާގައި އިށީނެވެ.

"މަންމައަށް އެނގޭ ދަރިފުޅުގެ ސިކުނޑީގައި ކަންތައްގަނޑެއް އެނބުރޭކަން. އެއީ ކޮއްކޮގެ މަރާ ގުޅޭ ކަމެއްކަންވެސް އެނގޭ. މަންމަގެ ހުރީ ދަރިފުޅު އެކަނި. ދެން ހުރީ ފިރިހެން ދަރިއެއް. އެކުއްޖާ އަދި ބޮޑުނުވޭ. މަންމަގެ ލޯމަތީގައި ރިދާއަށް ކަމެއްވާތަން ދުށުމަކީ މަންމައަށް ކެތްވާނެކަމެއް ނޫން. އެއް ދަރިފުޅު ލޯމަތިން ގެއްލިއްޖެ" ނަހާއަށް ރޮވުނެވެ. ރިންދާ ނަހާގެ މޫނަށް ބަލާލާފައި ހީލިއެވެ. ދެން ނަހާގެ ދެލޮލުން ފައިބާފައި ހުރި ކަރުނަތައް ފޮހެލިއެވެ.

"މަންމަ ހާސްނުވެބަލަ. އަޅުގަނޑު މިއުޅެނީ ރިންނިއަށް އިންސާފު ހޯދައިދޭން. ފުލުހުންގެ ފަރާތުން މިކަމަށް އެދެވޭ ނަތީޖާއެއް ނުކުމެދާނެކަމަށް އަޅުގަނޑު އުންމީދެއް ނުކުރަން. އެހެންވެ އެކަން ކުރި ބަޔަކު ހޯދަން މަސައްކަތް މިކުރަނީ" ރިންދާ ބުންޏެވެ.

"ދަރިފުޅު ތިކަމުގެ ތެރެއަށް ނުވަނުން މަންމައަށް ރަނގަޅީ. ކިތަންމެ ދުވަހެއް ނެގި ކަމުގައި ވިޔަސް ފުލުހުން ތިކަން ކުރާނެ" ނަހާ ބުންޏެވެ.

"މަންމަ އެހާ ކަންބޮޑުނުވެބަލަ. އަހަރެންނަށް އެއްވެސް ކަމެއްނުވާނެ" ރިންދާ ކޮޓަރިއަށް ވަންނަމުން ބުންޏެވެ.

******

ނިދަން އުޅެ އުޅެ ރިންދާއަށް ނިދޭގޮތެއް ނުވިއެވެ. ޖިލްވާގެ ފަރާތުން ރަނީންގެ ވާހަކަތައް އެނގުނުފަހުން ރިންދާގެ ހިތަށް މާބޮޑަށް އުނދަގުވަމުން ދިޔައެވެ. 'ޒަކްވާން' އެއީ ކާކު ހެއްޔެވެ؟ ކޮންތާކު އުޅޭ މީހެއް ހެއްޔެވެ؟ ރަނީން ކުއްލިއަކަށް ރައްޓެހިވެފައި ކުއްލިއަކަށް ރުޅިވީ ކީއްވެ ހެއްޔެވެ؟ ދުވަހުން ދުވަހަށް ހިނގާ ހުރިހާ ކަމެއް ދެކުދިންގެ މެދުގައި އައީ ހިއްސާކުރަމުންނެެވެ. ރަނީންގެ ހަޔާތަށް ޒަކްވާނެއް އައި ވާހަކަ ނުބުނީ ކީއްވެ ހެއްޔެވެ؟ އަނެއްކާ އެ ޒަކްވާން ރިންނިއަށް އަނިޔާކުރީ ނޫންކަމެއްވެސް ނޭނގެއެވެ. ޖަވާބުނުލިބޭ އެތައް ސުވާލުތަކެއްގެ ސަބަބުން ރިންދާގެ މުޅި ރޭގަނޑު ހަރާބުވެއްޖެއެވެ. އެނދުން ތެދުވީ ނުނިދޭނެކަން ޔަގީންވީމައެވެ.

******

ދެލޯ ޖެހިލާއިރަށް އަޔާލްގެ ހިތަށް ސިފަވަނީ ރަނީންގެ ތަސްވީރެވެ. އަނެއްކާވެސް އަޔާލްއަށް ޗިޓް ފޮނުވައިފިއެވެ. ވާންއުޅޭކަމެއް އެއްގޮތަކަށްވެސް ނޭނގެއެވެ. ހިތްބިރުގަނެފައި ހުރިވަރުން އަޔާލްއަށް ރަނގަޅަށް ކާއެއްޗެއްވެސް ނުކެވުނެވެ. އެންމެފަހުން އެނދުން ތެދުވެގެން ގޮސް ދުރުގައި ޗާޖަރަށް ޖަހާފައި އޮތް ފޯނު ނެގިއެވެ.

ހިތަށް ލިބިފައިވާ ނުތަނަވަސްކަން ފިލުވާލުމަށް ފޯނުން ލަވައެއް އަޅުވައިގެން އަޔާލް ނުކުތީ މަގުމައްޗަށެވެ. ދަންވަރު އެކެއްޖަހައި ބޮޑުވެއްޖެއެވެ. ވަކި މިސްރާބެއްނެތި ހިނގަމުން އަންނަނިކޮށް އަޔާލްގެ ނަޒަރު އަމާޒުވީ ގެއެއްގެ ތިންވަނަ ބުރީގެ ބެލްކަންޏަށެވެ. ވާރޭ ކަނި ޖަހަމުން ދިޔައިރު އެ ގޯޅި ތެރެއިން އެއްވެސް މީހެއްގެ ނިޝާނެއް ނުވެއެވެ. ފިހާރައެއްގެ އަސްކަނި ދޮށުގައި މަޑުކޮށްލައިގެން މައްޗަށް ބަލަހައްޓައިގެން އަޔާލް ހުއްޓެވެ. ވާރޭ ތެރެއަށް އެއް އަތް ނެރެގެން އެ އަންހެންކުއްޖާ ހުރީ ހިޔާލެއް ފިކުރެއްނެތިއެވެ. ޔަގީނުންވެސް އެމަންޒަރުން އަޔާލްގެ ހިތަށް ހަމަޖެހުން ގެނުވައިފިއެވެ. ސިކުނޑިއަށް ފިނިކަމެއް ލިބިއްޖެއެވެ. ބަލައި ފޫހިނުވާނޭ ފަދަ ހިތްގައިމު މަންޒަރެކެވެ. ހީވީ މެންދަމަށް ވާރޭގެ ޕަރީއެއް އުދުހިފައި ޖައްވަށް އަރަން ތައްޔާރަށް ހުރި ހެންނެވެ.

"ހަމަ އެކުއްޖާ. މިއަދު މަގުމަތިން މުޑިއެރި ކުއްޖާ. މިއީ އިއްތިފާގެއްބާ؟ ހަމަ ރިންނި. ރިންނި އަބަދު ދައްކާނެ ދައްތައެއްގެ ވާހަކަ. މިއީ އޭނަ ބާ. ނޭނގެ.... ވަރަށް ލޯބި ކުއްޖެއް. ވާހަކަދައްކާލާހިއްވޭ... ފޮޓޮއެއް ނަގަންވީ ކަންނޭނގެ"

އެންމެފަހުން ފޯނު އުފުލާލާފައި ކެމެރާއަށް އަންހެންކުއްޖާ ސެޓުކޮށްލިއެވެ. ދެން ފޮޓޮއެއް ނަގާފައި ބަލައިލިއެވެ. ފްލެޝް ކެނޑުނު ވަގުތު ހުދު އަލީގެ ތެރެއަށް ވާރޭގެ ތިކިތައް ފާޅުވާން ހުއްޓަސް އަންހެންކުއްޖާ މޫނު ސާފުކޮށް ފެނެއެވެ. ހަށިފުރާ ނޭވައެއް ލީގޮތަށް އަޔާލްއަށް ހީލެވުނެވެ. ހަށިގަނޑަށް ގެނައި ހަރަކާތަކާއެކު އަންހެންކުއްޖާއަށް ތިރީގައި ބަލަހައްޓައިގެން ހުރި ފިރިހެންކުއްޖާ ފެނި ނުބައި ގޮތެއްވިއެވެ. ވާރެ އާ ކުޅެމުން ދިޔަ އަތްތިލަ އަވަސް އަވަހަށް ތިރިކޮށްލިއެވެ. އަޔާލްގެ ހަރަކާތްތައް އަންހެންކުއްޖާއަށް ފާޅުވެއްޖެކަން އެނގުމާއެކު އަޔާލް އަތް އުފުލާލާފައި ހަނާއަޅާލިއެވެ. އެހިނދު އަންހެންކުއްޖާ އެތެރެއަށް ދެމިގަތެވެ.

*******

ގެ ހުންނަ މަގަށް އެޅުމާއެކު ބެގަރީގެ ހިނގުން ބާރުކޮށްލިއެވެ. ވަކިހިސާބަކުން އެ ހިނގުން ދުވުމަކަށް ބަދަލުކޮށްލިއެވެ. އަތުގައި ހުރި ސާމާނުކޮތަޅާއެކު ބެގަރީގެ ޖާނުން ވަރުގަދަ ހަށިގަނޑަށް ދުވުން ތަކުލީފަކަށްވެ ގޭޓާ ހަމައިން ހުއްޓިއްޖެއެވެ. ގޭޓުގެ ދަގަނޑުގައި އަތް އަޅުވާލައިގެން މާނޭވާ ލަމުން ދަނިކޮށް ފަހަތުން އައި މީހާ ބޭގަރީ އާ އަރާހަމަކުރިއެވެ.

"ބެގަރީ" އެމީހާ ބެގަރީގެ ކޮނޑުގައި އަތްލުމާއެކު ބެގަރީ ސިހުނެވެ. އަވަސް އަވަހަށް ގޭޓުން އެތެރެއަށް ވަދެ ދޮރުލައްޕަން އުޅެނިކޮށް އެމީހާ އެކަމަށް ހުރަސްއެޅިއެވެ.

"މައާފްކުރޭ ބޮޑު ސާހަބް. މިގެއަށް ބޮޑުސާހަބް ވައްދާކަށް އަހަރެންނަށް އަމުރެއް ނެތް" ބެގަރީ ބުންޏެވެ.

"ބެގަރީ..." ހައިރާންކަން އެކުލެވިގެންވި އަޑަކުން އެމީހާ ބެގަރީގެ ނަން ކިޔާލިއެވެ.

"ބޮޑު އަގުދީފައި ބެގަރީ މިތަނަށް ގެނައީ އަހަރެން. ބެގަރީ ތިއީ އަހަރެންގެ ވަފާތެރި ނޯކަރެއް.... ނޫން އަހަރެން ބެގަރީ ދެކެނީ ނޯކަރެއް ފަދައިންނެއް ނޫން. ވީއިރު އަހަރެންނަށް މިތަނަށް ނުވަދެވެންވީ ކީއްވެ؟" އެމީހާ ބުންޏެވެ.

"މައާފްކުރޭ... ނާކު ވަރަށް ރުޅިއަންނާނެ. ރުޅިއައިމަ އޭރެކޭ އަދިވެސް ތަފާތެއްނެތް. އެއްޗެހި ހަލާކުކުރޭ. އަޅުގަނޑު މިވަގުތު ކަނީ ނާކު ކުރާ މަސައްކަތް. މިވަގުތު އަޅުގަނޑަކީ ނާކުގެ ނޯކަރެއް. އިހުސާސް ކުރެވެނީ އެއީ ދަރިއެކޭ" ބެގަރީ ވާހަކަދެއްކިއެވެ.

އެމީހާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ބޭގަރީއަށް ބިރުދައްކައިގެން އެއްވެސް ކަމެއްކުރަން އެމީހާ ބޭނުމެއް ނުވިއެވެ. ކޮންމެ ގޮތެއްވިޔަސް ބެގަރީ އަކީ އެ އާއިލާގެ އެންމެ ދުވަސްވީ އެކަކެވެ. އޭރުވެސް މިހާރުވެސް ނަހީކްގެ ހުރިހާކަމެއް ބަލަހައްޓަނީ ބެގަރީއެވެ. އެތައް އަހަރެއް ވިއިރު ބެގަރީ އަމިއްލަ ވަޒަނަށް ނުގޮސް ހުއްނާނީ ޔަގީނުންވެސް އެ ހިތުގައި ނަހީކަށް އޮތް ލޯތްބާ ކުލުނެއްގެ ސަބަބުންނެވެ.

"ބޮޑު ސާހަބް މިތަނުން ދޭ. މި މަގުންވެސް ބޮޑު ސާހަބް ފެންނާކަށް ނާކު ބޭނުމެއްނުވޭ" ބެގަރީ ބުންޏެވެ.

"ބެގަރީ ކިޔަމަންވަނީ އޭނައަށްތަ ނޫނީ"

"އަޅުގަނޑު ކިޔަމަންވަނީ ނާކުއަށް" ބެގަރީ ބުންޏެވެ. ދެން މަޑުމަޑުން ގޯތީގެ އެއްފަރާތުން އިމާރާތަށް ދެވޭގޮތަށް ހަދާފައި ހުރި މަގުން ކުރިއަށް ދިޔައެވެ.

*****

މަސައްކަތު ހެދުމުގައި ހުރި ރޫބިޔާ ފޮޅާ ސާފުކުރާ ސާމާނު ހިފައިގެން ވެރިންގެ ތިބޭ ބަޔަށް އަރަން ދިޔައެވެ. ފަހަތުން މީހަކު ގޮވާލައިގެން ބަލައިލި އިރު ހުރީ ފާާހާނައާއި ކެންޓީނު ސާފުކުރަން ހަމަޖައްސާފައި ހުންނަ ފިރިހެނެކެވެ.

"ހަބީބު ކީއްކުރަން މަށަށް ތިގޮވަނީ. އަހަރެން ބުނީމެއްނު ކުޑަދުވަސްކޮޅަކު މަތި ސާފުކުރަން މަށަށް ދޭށޭ... ކަމަކުއޭ.... މި ހަފުތާ ނިމުނީމަ ބަދަލުކުރާނަމޭ" ރޫބިޔާ ވާހަކަދެއްކިއެވެ.

"އެހެންވެގެނެއްނޫނޭ ރޫބީއަށް މިގޮވަނީ" ހަބީބް ބުންޏެވެ.

"މިއަދު ދެން ރޫބީ ގެއަށް ގޮސް ޗުއްޓީ ހަދާލިޔަސް ރަނގަޅެއްނު" ރޫބިޔާއަށް ކައިރިއަށް އައިސް ހުއްޓެމުން ހަބީބް ބުންޏެެވެ.

"ތިބުނީ؟ އެތަން ސާފުކުރީމަ މަގޭ މަސައްކަތް ނިމޭނީ. އަނެއްކާ ހަބީބް މަށަށް ވުރެ ކުރިން ގޮސް އެތަން ސާފުކުރީތަ؟" ނުރުހުންވެފައި ރޫބިޔާ ބުންޏެވެ.

"ނޫނެކޭ. މިއަދު އެތަން ބަންދު. އެއްވެސް ވެރިއެއް ނެތް" ހަބީބް ބުންޏެވެ.

"މުޝްތާގު ނެތްކަން އެނގޭ. އެކަމަކު އެ ފޮނިސެއްޅި އިންނާނެއްނު" ރޫބިޔާ ބުންޏެވެ. ހަބީބަށް ހެވުނެވެ. ނަހީކަށް ރޫބިޔާ ނަފްރަތުކުރާކަން ހަބީބަށް އެނގެއެވެ. ނޭނގެނީ ނަފްރަތުކުރާ ސަބަބެވެ.

*****

ގެއަށް ވަންގޮތަށް ހެދުންވެސް ބަދަލުނުކޮށް ރަށުގައި ހުރި އެއްބަނޑު ކޮއްކޮ އާތިފާއަށް ގުޅައިގެން ރޫބިޔާ އިނީ މޭޒުކައިރީގައެވެ. ކުރިމަތީގައި ފިނި ފެންފުޅިއަކާ ބިއްލޫރި ތައްޓެއް ހުއްޓެވެ.

"އަދި ޖަވާބެއް ނުލިބޭ. އެކަމަކު އަހަރެން މިކަން ކުރާނަން" އެކޮޅުން ފޯނު ނެގުމާއެކު ރޫބިޔާ ބުންޏެވެ.

"މިއީ އަނެއްކާ އަނެއް މީހާ... މިހާރު ރޯންޖެހޭވަރުގެ ކަމެއް ވެއްޖެތަ؟ މިބުނީނު އަހަރެންނަށް އިތުބާރު ކޮށްބަލަ. އެ އިފްރީތު އޮފީހަކަށް ނާދޭ. ވީތަނެއްވެސް ނޭނގޭ. ބޯދަމައިގަންނަނީ ތޯއްޗެ... އެކަމަކު އަހަރެން މިބުނީނު... އެންމެ ކުރިން އަންނަ ބޯޓަކުން ވިލިނީ ފޮނުވާ. މިކޮޅުން ހަމަޖައްސަންޖެހޭ ހުރިހާ ކަމެއް އަހަރެން ހަމަޖައްސާނަން" ރޫބިޔާ ބުންޏެވެ.

"ވިލިނީ ކައިރީގައި ބުނެފަ ބާއްވާތި. ބުނާތި މާލެ އަންނަނީ މީހަކާ އިންނަންކަން. އެއީ ކާކު އެނގޭނޭ ބުނޭ މާލެ އައިމަ" ******

ފަތިހުގެ ވަގުތެވެ. ފަތިސް ނަމާދުގެ ބަންގީގެ ފުރަތަމަ ކަލިމަ ކިޔާލިއިރު ނަހާ ހުރީ ރިންދާގެ ކޮޓަރި ދޮރުމަތީގައެވެ. ތަޅުގައި ހިފިއިރު ހުރީ ހުޅުވާފައެވެ. އެތެރެއަށް ވަދެފައި ލައިޓްތައް ޖެއްސިއިރު ބާލީހުގައި ބައްދައިގެން ފުން ނިންޖެއްގެ ތެރޭގައި އޮތް ރިންދާ ފެނުމުން ނަހާއަށް ހިނިތުންވެވުނެވެ. އެނދު ކައިރީގައި ކުޑައިރުކޮޅަކު ރިންދާއަށް ބަލަހައްޓައިގެން ހުރެފައި ދަރިފުޅަށް ގޮވާލިއެވެ. ރަށުގައި އުޅުނުއިރު އެއްވެސް ވަރަކަށް ރިންދާއަށް ފަތިސްނަމާދަށް ސަމާލުކަމެއް ނުދެވެއެވެ. އެހެންކަމުން މާލެ އައިފަހުން ކޮންމެ ރެއަކުވެސް ފަތިސް ނަމާދަށް ނަހާ ރިންދާއަށް ގޮވައެވެ.

ނަމާދުކޮށް ނިމިގެން ރިންދާ ބެލްކަންޏަށް ނުކުމެ ދުނިޔެ ބަލައިލިއެވެ. ޖައްވުގައި އަދިވެސް ތެތްފިނިކަން ހުއްޓެވެ. ވައިރޯޅިވެސް މަޑެއް ނޫނެވެ. ސިޑިން ފައިބައިގެން ބަދިގެ އާ ދިމާލަށް ދިޔައިރު ގޭތެރެ އޮތީ ހުސްކޮށެވެ. އާދައިގެމަތިން މަންމައާއި ދޮންބައްޕަ ހިނގާލުމަށް ބޭރަށް ނުކުތީކަން ރިންދާއަށް އެނގުނެވެ. ހޫނު ކޮފީތައްޓެއް ހިފައިގެން ގޯތިތެރެއަށް ނުކުންނަން އުޅުނު ވަގުތު ރިންދާގެ ލޮލުގައި އަޅައިގަތީ އައިސް އަލަމާރި ކައިރިން މަތީގައި ހަރުކޮށްފައި ހުރި ކުޑަކުޑަ ކަބަޑެވެ. ބިއްލޫރި ކުޑަދޮރެއް ކަބަޑުގައި ހުރިއިރު ތަޅުދަނޑިތަކެއް ބަރިބަރިއަކަށް ޖަހާފައި ހުއްޓައި ފެނުމުން ކޮފީތަށި މޭޒު މަތީގައި ބަހައްޓާފައި ރިންދާ ޖެހުނީ ކަބަޑު ކައިރިއަށެވެ.

ރަނީންގެ ނަން ޖަހާފައިވާ ތަޅުދަނޑި ހިފައިގެން އައިސް ރިންދާ ހުއްޓުނީ ކޮޓަރި ދޮރުކައިރީގައެވެ. ކޮއްކޮގެ މަރަށްފަހު އެކޮޓަރިއަށް ނުވަނުމަށް ނަހާ ރިންދާގެ ކައިރީގައި ބުންޏެވެ. އެހެންނަމަވެސް ރިންދާ ހުރީ މަންމަގެ ބުންޏަސް އެވާހަކަ ގަބޫލުކުރާ ގޮތަކަށް ނޫނެވެ. މާލެ އައިފަހުން އެ ކޮޓަރިއަށް ވަންނާނެ ވަގުތަކަށް ބަލަބަލާ ހުރި ރިންދާގެ ހަރަކާތްތައް އަވަސްކޮށްލިއެެވެ. ދޮރުހުޅުވާލި ގޮތަށް އެތެރެއަށް ރިންދާ ދެމިގަތެވެ.

ލައިޓްތައް ޖެއްސުމާއެކު ރިންދާގެ ނޭފަތުގައި އައިސް ޖެހުނީ ނުބައި ވަހެކެވެ. މުޅި ކޮޓަރިތެރެ ވަނީ އެގޮތް މިގޮތް ވެފައެވެ. ހުދު ކަރުދާސްތަކުން މުޅި ކޮޓަރި ފުރިފައެވެ. އެނދުގައި އަޅާފައި އޮތް ބެޑްޝީޓް އޮތީ އެއްފަރާތަށް ކެހިފައެވެ. ރީތިވާ ސާމާނުތައްވެސް ޓައިލްސްތަކުގެ މަތީގައެވެ. ހުރިހާ ދިމާލެއް ބަލަމުން ކުރިއަށް ދަނިކޮށް އެނދުގެ ތިރިން ޓައިލްސްމަތީގައި އަޅާފައި އޮތް ރަގުމަތިން ހަރު އެއްޗަކަށް ފައިން އެރުމާއެކު ބަލައިލިއެވެ. އެ އެއްޗެއް ނަގާފައި ބަލައިލިއިރު ކަޅާއި ރަތްކުލަ އެކުލެވޭ ޕެންޑްރައިވްއެކެވެ. ޕެންޑްރައިވް ނަގައި މުށުތެރެއަށް ލައިގެން ހުރެ ކޮޓަރީގައި އެކި ދިމާ ބަލަމުން ރިންދާ ހިނގަން ފެށިއެވެ. ރަނީންގެ ހެދުން އަލަމާރި ހުޅުވާލުމާއެކު ރިންދާގެ ނޭފަތުގައި ޖެހުނީ ލުއިލުއި މީރުވަހެކެވެ. އެކި ކުލަކުލައިގެ ރީތި ހެދުންތަކުން އަލަމާރި ވަނީ ފުނިޖެހިފައެވެ. އެ ހެދުންތަކުގައި ރިންދާ އަތް ހިންގާލިއެވެ.

ފާހާނައިގެ ދޮރާއި އެނދާ ދޭތެރެއިން ނުފުށަށް އޮތް ހުދު ކަރުދާހެއް ނަގާފައި ރިންދާ ބަލައިލިއެވެ.

(ނުނިމޭ)