މިއަހަރު ރާއްޖޭގެ ރިޒާވް ހުންނާނީ ރަނގަޅު މިންވަރެއްގައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ދަރަނި 100 ބިލިއަން ރުފިޔާއާ ގާތްވެފައިވާ އިރު، ރާއްޖޭގެ ދަރަނި ބޮޑުވެ، ދަރަނި ދެއްކޭނެ ގޮތެއް ނެތި، ރާއްޖޭގެ އިގުތިސޯދު ބަނގުރޫޓުވެދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ދިއުމަށް ރައްދު ދެއްވައި މިނިސްޓަރު އަމީރު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިތުރުވަމުން އަންނަ ޑޮލަރުގެ އާމްދަނީއާއެކު ރަސްމީ ރިޒާވް މިއަހަރު ނިމޭއިރު ޕްރީ-ކޮވިޑް ލެވެލްގައި ދެމެހެއްޓޭނެ ކަމަށެވެ.
"ރާއްޖެއަށް ދަރަނި އަނބުރާ ދެއްކުމުގައި ކުރު މުއްދަތުގެ ގޮންޖެހުންތަކެއް ނެތް. ދަރަނި ދެއްކުމުގެ ގާބިލުކަން އެބަހުރި. މިއަހަރު ރިޒާވް ހުންނާނީ ރަނގަޅު މިންވަރެއްގައި،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު މައްޗަށް ދިއުމާ ގުޅިގެން، ހާއްސަކޮށް ތެލުގެ އަގުގު ސަބަބުން ކަރަންޓާއި ތެލުގެ ސަބްސިޑީ އިތުރުވެފައިވާ ކަމަށެވެ. އަދި ރިޒާވް އިމްޕެކްޓް ކުޑަކުރުމަށްޓަކައި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ)ގެ ޓްރޭޑް ފައިނޭންސް ފެސިލިޓީގެ ލިމިޓް 175 މިލިއަން ޑޮލަރަށް އިތުރުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވީ، ދައުލަތުގެ އާމްދަނީ ރަނގަޅުވެފައިވީ ނަމަވެސް، ދައުލަތުގެ ހަރަދުތަކަށް ވާންވެފައިވާ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ވިސްނުމަކީ ހިދުމަތްތަކަށް ބުރޫ ނާރާނޭހެން ހަރަދުތައް އަލުން ބައްޓަންކޮށް ބަޖެޓު ފައިނޭންސްކުރުން ކަމަށް ވިދާޅުވިއެވެ.
އަންނަ އަހަރު ނިމޭ އިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނީގެ ދަތިކަން ކުރިމަތިވެދާނެ ކަމަށް އެމެރިކާގެ އިންވެސްޓްމަންޓް ބޭންކް ޖޭޕީމޯގަންގެ ތަހުލީލުވެރިން ވަނީ އިންޒާރު ދީފައެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހާ ހަމައަށް ރާއްޖޭގެ ދަރަނީގެ ހާލަތު ހުރި ގޮތުގެ ރިޕޯޓުން ދައްކާ ގޮތުން ސަރުކާރުގެ ދަރަންޏާއި ސަރުކާރުން ޒިންމާ ނަގާ ގޮތަށް އެކި ފަރާތްތަކުން ނަގާފައިވާ ދަރަނީގެ އަދަދު ޖުމުލަ 98.9 ބިލިއަން ރުފިޔާއަށް އަރައެވެ. އެއީ މިދިޔަ އަހަރު ނިމުނު އިރު، ދަރަނި ހުރި އަދަދާ އަޅައި ބަލާއިރު، 4.8 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ރާއްޖޭގެ ދަރަނީގެ 47 ބިލިއަން ރުފިޔާއަކީ ބޭރުގެ ފަރާތްތަކުން ނަގާފައިވާ ދަރަންޏެވެ. އެތެރޭގެ ދަރަނީގެ އަދަދީ 53 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ސީދާ ސަރުކާރުން ނަގާފައިވާ ދަރަނީގެ އަދަދަކީ 84.8 ބިލިއަން ރުފިޔާއެވެ. އަދި ސަރުކާރުން ޒިންމާވާ ގޮތަށް ނަގާފައިވާ ދަރަނީގެ އަދަދަކީ 14.1 ބިލިއަން ރުފިޔާއެވެ.
ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި ހަތަރު އަހަރު ތެރޭގައި ޖުމުލަ 32 ލޯނެއް ސަރުކާރުން ވަނީ ނަގައިފައެވެ. އެއީ 2.4 ބިލިއަން ޑޮލަރު (32 ބިލިއަން ރުފިޔާ) އެވެ. ސަރުކާރުން އެންމެ ގިނަ ލޯނު ނަގާފައިވަނީ ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރެވެ. ކޮވިޑު އިމަޖެންސީ ސަޕޯޓުގެ ގޮތުގައި ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ އަދަދު 92 މިލިއަން ޑޮލަރަށް ވުރެ އިތުރެވެ.
މީގެ އިތުރުން އިންޑިއާގެ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނުތަކުގެ އަދަދުވެސް 1.2 ބިލިއަން ޑޮލަރަށް އަރައެވެ. މި ލޯނުތަކުގެ ތެރޭގައި ތިލަމާލެ ބުރިޖު މަޝްރޫއަށް ސަރުކާރުން ނެގި 400 މިލިއަން ޑޮލަރުގެ ލޯނު ހިމެނެއެވެ.
ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީގެ ނިސްބަތުން ރާއްޖޭގެ ދަރަނި މިހާރު ވަނީ 113 އިންސައްތައަށް އަރައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު