އެޑްވަޓޯރިއަލް

ކޮކާ-ކޯލާ އިން ރާއްޖޭގައި ދެމެހެއްޓެނިވި ސިޔާސަތުތައް ތަންފީޒުކުރާނެކަމުގެ އަޒުމް އާކޮށްފި

ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ރާއްޖޭގައި ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކޮށް ޕްލާސްޓިކަށް ސާކިއުލާ އިކޮނޮމީއެއް އުފެއްދުމުގައި، ޒިންމާދާރު ވިޔަފާރިއެއްގެ ގޮތުން އެ ކުންފުނީގެ ދައުރު އަދާކުރާނެކަމުގެ ޔަގީންކަން ކޮކާ-ކޯލާ އިން ދީފިއެވެ.

އަހަރެއްގެ މައްޗަށް އަށް މިލިއަން ޓަނަށް ވުރެ ގިނަ ޕްލާސްޓިކް ކަނޑުތަކަށް އުކާލާ އިރު، އޭގެ ދެބައިކުޅަ އެއްބަޔަކީ އެއްފަހަރު ބޭނުންކުރުމަށް ފަހު އުކާލާފައި ހުންނަ ޕްލާސްޓިކެވެ. މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އާއި އެންޖީ ކެޕިޓަލް އިން ރާއްޖޭގައި ޕްލާސްޓިކް ފުޅި ބޭނުން ކުރުމުން ކުރާ އިޖުތިމާއީ އަދި އިގުތިސޯދީ އަސަރުގެ އެސެސްމަންޓެއް ހެދި އިރު، ޕްލާސްޓިކް ކުންޏަކީ ރާއްޖޭގައި އުކާލެވޭ ޖުމުލަ ކުނީގެ ގާތްގަނޑަކަށް 12 އިންސައްތައެވެ. ތަފާތު ބުއިންތައް ބަންދުކުރެވޭ ޕެޓް ފުޅިތަކަކީ ޕްލާސްޓިކް ކުނީގެ ގާތްގަނޑަކަށް ދިހަ އިންސައްތަ ނުވަތަ ޖުމުލަ ކުނީގެ އެއް އިންސައްތައެވެ.

ނަމަވެސް ރާއްޖެ އަކީ 99 ޕަސެންޓް ކަނޑު އަދި އެއް ޕަސެންޓް ބިމުގެ މައްޗަށް އެކުލެވިފައިވާ ގައުމަކަށް ވާއިރު، ކަނޑަށް ލިބޭ ކޮންމެ ގެއްލުމެއްގެ އަސަރު މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފެތުރިގެންދާނެއެވެ.

ކޮކާ-ކޯލާ އިން ބުނީ ތަކެތި ބަންދުކޮށްފައި ހުންނަ ޕެކޭޖިން ކުންޏަށް އުކާލުން އިތުރުވުމުގެ ސަބަބުން ދުނިޔެ އާއި ރާއްޖޭގައި ކުރިމަތިވެފައިވާ ކާރިސާ ހައްލުކުރުމުގައި އެކުންފުނީގެ ވެސް ޒިންމާއެއް އޮތް ކަމުގައި ދެކޭ ކަމަށެވެ. އެހެންކަމުން، 2018 ގައި އެކުންފުނިން ވަނީ "ވޯލްޑް ވިތައުޓް ވޭސްޓް"ގެ ނަމުގައި ދެމެހެއްޓެނިވި ޕެކޭޖިންއަށް ބަދަލުކުރުމަށްޓަކައި ހާއްސަ މަޝްރޫއެއް ފަށައިފައެވެ. މިއީ 2030 އަންނަންވާއިރަށް، ކޮކާ-ކޯލާ އިން ވިއްކާ ކޮންމެ ފުޅިއެއް އަދި ދަޅެއް ބޭނުންކުރުމަށް ފަހު އެއްކޮށް ރީސައިކަލް ކުރުމުގެ އަޒުމުގައި އެކުންފުނިން ހިންގާ މަޝްރޫއެކެވެ.

ރާއްޖޭގައި ކޮކާ-ކޯލާ އިން އަންނަނީ ޕްލާސްޓިކް ކުނީގެ މައްސަލައަށް ހަރުދަނާ ހައްލެއް ހޯދައި، 100 ޕަސެންޓް ރީސައިކަލް ކުރެވޭ ޕެޓް ޕެކޭޖިންގެ ވަށައިގެން ސާކިއުލާ އިކޮނޮމީއެއް އުފެއްދުމަށް ޑިޒައިނަށް ބަދަލު ގެނެސް، އުކާލާ ފުޅި އެއްކޮށް އަދި އެކި ބައިވެރިންނާ އެކު ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ދުނިޔޭގެ އެތައް ބައެއްގެ ލޯބި ލިބިފައިވާ ބުއިން، ސްޕްރައިޓުން އެ ބްރޭންޑުގެ މަޝްހޫރު ފެހި ކުލައިގެ ފުޅި ދޫކޮށްލައި އެތެރެ ފެންނަ، ސާފު ފުޅިއަކަށް ވަނީ ބަދަލުކޮށްފައެވެ. މިއީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާ ކޮކާ-ކޯލާ ބްރޭންޑުގެ އުފެއްދުންތައް 100 އިންސައްތަ ރީސައިކަލް ކުރެވޭ ޕެކޭޖިންއަށް ބަދަލުކުރުމަށް ކޮކާ-ކޯލާ އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެޅި ފިޔަވަޅެކެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ރާއްޖެއަށް ތައާރަފުކުރި މި އެތެރެ ފެންނަ ފުޅިއަކާ އެކު، ބޭނުންކޮށް ނިންމާފައި ހުންނަ ފުޅި އެއްކޮށް، ރީސައިކަލްކޮށް އަދި އަލުން ބޭނުންކުރުން އިތުރުވުމުގެ ފުރުސަތު ބޮޑުވެ، ރާއްޖޭގައި ޕްލާސްޓިކް ކުންޏާ ގުޅޭގޮތުން އަމަލުކުރެވޭ ގޮތް، ވަށާޖެހޭ އިގުތިސާދީ ސިޔާސަތެއްގެ މަތިން ބިނާކުރެވިގެންދާނެއެވެ. 100 އިންސައްތަ ރީސައިކަލް ކުރެވޭ އެތެރެ ފެންނަ ސްޕްރައިޓް ފުޅީގެ ސަބަބުން، ބޭނުންކުރުމަށް ފަހު އުކާލާ ފުޅީގެ ވެލިއު އިތުރުކުރެވޭނެއެވެ. އަދި ތަފާތު އެހެނިހެން ބޭނުންތަކަށް އެ ފުޅި ބޭނުންކުރެވޭނެ ފުރުސަތު ފަހިވެގެންދާނެއެވެ.

މީގެ އިތުރުން، ދިވެހިންނަށް އެންމެ ކަމުދާ ބޯފެން ބްރޭންޑް ކަމަށްވާ ބޮނަކުއާ ވެސް ވަނީ އެތެރެ ފެންނަ، ސާފު ފުޅިއަކަށް ބަދަލުވެފައެވެ. މި ދެ ބަދަލާއެކު، ރާއްޖޭގައި ވިއްކާ ކޮކާ-ކޯލާގެ މިހާރު އުފެއްދުންތަކެއް ކުރިއަށް ވުރެ ބޮޑަށް ރީސައިކަލް ކުރެވޭ، އެތެރެ ފެންނަ ޕެކޭޖިންގައި މިހާރު ލިބެން ހުންނާނެއެވެ.

ކޮކާ-ކޯލާ އިން ވަނީ ރާއްޖޭގައި އެ ކުންފުނީގެ އުފެއްދުންތައް ބަންދުކުރާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިއުސީ) މެދުވެރިކޮށް، ޕްލާސްޓިކް ކުނި ނައްތާލުމަށް އަމަލީ ގޮތުން ހައްލު ހޯދުމަށް މަސައްކަތް ކުރާ ރާއްޖޭގެ ޖަމިއްޔާތަކާ އެކު ވަރުގަދަ ޕާޓްނާޝިޕްތަކެއް ވެސް އެކުލަވާލައިފައެވެ. ކޮކާ-ކޯލާއަކީ މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (އެމްއޯޕީއޭ) އިން ހިންގާ ޕްލާސްޓިކް ރިވާސް ލޮޖިސްޓިކްސް ޕްރޮޖެކްޓް އަދި އައިލެންޑް ޕެޓް ކަލެކްޝަން ޕްރޮޖެކްޓްގެ މައިގަނޑު އެއް ބައިވެރިޔާއެވެ.

"ކޮކާ-ކޯލާ ކުންފުންޏާ ގުޅިގެން އެމްއޭޑަބްލިއުސީން އަންނަނީ މިހާރަށް ވުރެ ދެމެހެއްޓެނިވި އަދި އެންމެންނަށް ފައިދާކުރާ ކުރިމަގެއް ބިނާކުރުމަށް ފިޔަވަޅުތަކެއް އަޅަމުން. އާންމު ފަރުދުންގެ ދިރިއުޅުމާއި، މުޖުތަމައުތަކުގައި އަދި އަޅުގަނޑުމެންގެ ދުނިޔެއަށް ވެސް ރަނގަޅު ބަދަލުތަކެއް ގެނެސްދިނުމަކީ އަޅުގަނޑުމެންގެ ތަސައްވުރެއް. ބޭނުންކުރުމަށް ފަހު އުކާލާ ޕެޓް ފުޅިއާ ގުޅޭގޮތުން އަމަލުކުރެވޭ ގޮތް ވަށާ ޖެހޭ އިގުތިސާދީ ސިޔާސަތެއްގެ މަތިން ބިނާކުރުން ހަލުއިކުރުމަށް އަޅުގަނޑުމެންގެ ބައިވެރިންނާ ގުޅިގެން މަސައްކަތް ކުރުމަށް އަޅުގަނޑުމެން އުންމީދުކުރަން،" މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ސަންޖޭ މަނިކު ވިދާޅުވިއެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ފެށި ޕްލާސްޓިކް ރިވާސް ލޮޖިސްޓިކްސް ޕްރޮޖެކްޓް އަދި އައިލެންޑް ޕެޓް ކަލެކްޝަން ޕްރޮޖެކްޓްގެ ދަށުން، ކޮކާ-ކޯލާ އިން ވަނީ، 100 ޕަސެންޓް ރީސައިކަލް ކުރެވޭ އަދި ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ޕެޓް ޕްލާސްޓިކަށް އާ ދިރުމަށް ގެނެސްދިނުމަށްޓަކައި އަމިއްލަ އިސް ނެގުމުގެ މަތިން އެކްސްޓެންޑެޑް ޕްރޮޑިއުސަރު ރެސްޕޮންސިބިލިޓީ (އީޕީއާރު) ސިޔާސަތު ރާއްޖޭގައި ތަންފީޒުކުރަން ފަށައިފައެވެ. މި މަޝްރޫއުތަކުގެ ޒަރިއްޔާއިން 2021 ވަނަ އަހަރު 45،800 ކިލޯގެ ޕެޓް ވަނީ އެއްކުރެވިފައެވެ. މިއަހަރުގެ ތެރޭގައި މި މަޝްރޫއުތައް ފުޅާކުރަމުން އަންނަ އިރު، އިތުރު ރަށްތަކާއި ރެސްޓޯރެންޓްތަކުން ހުސް ފުޅި އެއްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

"ޒިންމާދާރު ބައިނަލްއަގުވާމީ ބްރޭންޑެއްގެ ހައިސިއްޔަތުން، ކުނި މަދުކުރުމުގެ އިތުރަށް، ވަސީލަތްތަކާއި ތަކެތި އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބޭނުންކުރުމާއި ރިސައިކަލްކުރުމުގެ އަސާސް އަޅުގަނޑުމެން ބަލައިގަނެ، އެ މަގުން މަސައްކަތް ކުރަން. އަދި އ.ދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމުގައި ވެސް އަޅުގަނޑުމެން މި ތިބީ ވަރަށް ސާބިތުކަންމަތީ. ރާއްޖޭގައި ސާކިއުލަ އިކޮނޮމީއެއް އުފެއްދުމަށް އަޅުގަނޑުމެންގެ ބައިވެރިންނާއި ސަރުކާރާ ގުޅިގެން މަސައްކަތްކުރުމަށް އުއްމީދުކުރަން،" ކޮކާ-ކޯލާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މެނޭޖިން ޑިރެކްޓަރު ޕަންކަޖް ސިންހާ ވިދާޅުވިއެވެ.

2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކޮކާ-ކޯލާ އިން ވަނީ މޯޕާއާ ގުޅިގެން ރިސޯޓް ޕެޓް ކަލެކްޝަން ޕްރޮޖެކްޓް އިފްތިތާހުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރިސޯޓުތަކުން ހުސް ޕެޓް ފުޅިތައް އެއްކޮށް ރީސައިކަލް ކުރުމުގެ އިތުރުން، އާ ޕްލާސްޓިކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި ފުޅިތައް ކަނޑުތަކަށް ނުވަންނާނެކަން ކަށަވަރުކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ފުޅާކޮށްފައެވެ. މި އާ މަޝްރޫއުގެ ޕާޓްނަރުންގެ ގޮތުގައި ފަސް ރިސޯޓު އޮޕަރޭޓަރުން މިހާރު ހިމެނޭ އިރު، މި މަޝްރޫއުގެ ދަށުން އެންމެ ހަ މަސްދުވަހުގެ ތެރޭގައި 1،000 ކިލޯއާ ގާތްކުރާ އަދަދަކަށް ޕެޓް ފުޅި އެއްކުރެވިފައިވާ ކަމަށް ކޮކާ-ކޯލާ އިން މައުލޫމަތު ދެއެވެ.

އެއްކުރާ ޕެޓް ފުޅިތައް، މުޅި ދުނިޔޭގައި ވެސް އެންމެ ފުޅާ ދާއިރާއެއްގައި ރީސައިކަލްކުރެވޭ ޕްލާސްޓިކްގެ ބާވަތް ޕާލޭ މޯލްޑިވްސްއާ ހަވާލުކޮށްގެން ރީސައިކަލްކޮށް، ބްރޭންޑުތަކުގެ ބޫޓާއި ފަތަން ދާއިރު ލާ ހެދުން އަދި އެހެނިހެން ހެދުން ފަދަ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަފާތު ތަކެއްޗަށް ބަދަލުކުރެއެވެ. މި އިސްނެގުންތަކުގެ ސަބަބުން ޕްލާސްޓިކަށް ސާކިއުލަ އިކޮނޮމީއެއް އުފެއްދުމަށާއި، ރައްޔިތުންގެ ދިރިއުޅުމާއި މުޖުތަމައާއި އަޅުގަނޑުމެންގެ ދުނިޔެއަށް ތަފާތު ގެނެސްދޭ އަދި އެންމެންގެ ހިއްސާ އޮންނަ މުސްތަގުބަލެއް ބިނާކުރުމަށް ކޮކާ-ކޯލާ އިން ގެންގުޅޭ ތަސައްވުރަށް އިތުރު ބާރެއް ލިބިގެންދެއެވެ.

ކޮކާ-ކޯލާ އިން އަންނަނީ ކޮންމެ މުނާސަބަތަކަށް ވެސް އެކަށޭނަ ބުއިންތައް، ޕެޓް ފުޅީގެ އިތުރުން، އަނބުރާ ގެންދެވޭ އަދި ނުގެންދެވޭ ބިއްލޫރި ފުޅި ފަދަ ތަފާތު ޕެކޭޖިންތަކުގައި ރާއްޖޭގައި ތިބި އެ ކުންފުނީގެ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ. ކޮކާ-ކޯލާގެ ހުރިހާ ޕެކޭޖިން އަކީ ވެސް 100 ޕަސެންޓް ރީސައިކަލް ކުރެވޭ ޕެކޭޖިން އެކެވެ. އަދި ކޮކާ-ކޯލާ އިން އަބަދު ވެސް މަސައްކަތް ކުރަމުން އަންނަނީ ސާފު އަދި ރީތި ރާއްޖެއެއް ބިނާކުރުމަށް ކަމަށް އެކުންފުނިން ބުނެއެވެ.