މާފުށި ޖަލު ސަރަހައްދު މަތިން ޑްރޯންއާއި ޕެރެސެއިލިން އަދި އެ ސަރަހައްދުގެ މޫދުގެ އައްސޭރިފަށް ކައިރިން ޖެޓްސްްކީ ފަދަ މޫދުކުޅިވަރު އުޅަނދުތައް ދުއްވުން މަނާކޮށްފިއެވެ.

މާފުށީ ކައުންސިލް ރައީސް ހުސައިން ސޮލާހު "ވަން" އަށް މިއަދު ވިދާޅުވީ މީގެ ކުރިންވެސް އެކަމަކީ މަނާ ކަމެއް ކަމަށެވެ. ނަމަވެސް ފަހަކަށް އައިސް ޖަލު ސަރަހައްދު ކައިރިން މޫދުކުޅިވަރު އުޅަނދުތަކާއި ޕެރެސެއިލިންއާއި ޑްރޯން އަރުވަމުންދާ ކަމުގެ ޝަކުވާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އެ ކައުންސިލަށް ހުށަހަޅަމުންދާ ކަމަށެވެ.

އެކަން މަނާކޮށް މާފުށީ ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، މާފުށީ ޖަލު ހިމެނޭ ސަރަހައްދަކީ ވަކި ހާއްސަ ހުއްދައަކާއެކު ވަދެ ނުކުމެވޭ ސަރައްދެއް ކަމަށެވެ. އަދި ޖަލުގައި ތިބޭ ގައިދީންނާއި ބަންދު މީހުންގެ އިތުރުން ޖަލުގައި ހިނގާ ހަރަކާތްތައް ފެންނަން ނުޖެހޭ ފަރާތްތަކަށް ފެނުމުގެ ފުރުސަތު އޮތުމާއި ޖަލު ހިމެނޭ ސަރަހައްދު ހުއްދަ ނެތި ފޮޓޯއާއި ވީޑިއޯ ނަގައި ސޯޝަލް މީޑިއާގައި އާންމުކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އޭގެ އިތުރުން މާޖަލަށް ވެއްދުން މަނާ ތަކެއްޗާއި އެހެނިހެން ތަކެތި ޖަލު ސަރަހައްދަށް އުކުމުގެ ނުވަތަ ވައްޓާލުމުގެ ނުވަތަ ޕޮޓް ކުރުމުގެ ފުރުސަތު ބޮޑުވެގެންދިއުމަކީ ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށް އަސަރުތަކެއް ކުރާނެ ކަމެއް ކަމަށްވެސް ބަޔާނުގައިވެއެވެ.