ޕީއެސްޖީއަށް ކުޅޭ ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ ދާދިފަހަކުން ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ ފެންވަރާމެދު ދެއްކި ވާހަކަޔާ ގުޅިގެން މި ދެ ކޮންޓިނެންޓްގެ މެދުގައި ބަހުގެ އައު ހަނގުރާމައެއް ވަނީ ފެށިފައެވެ. އެންމެ މޮޅީ ކޮންބައެއްތޯ ބެލުމުގެ ބަހުސްތައް އަނެއްކާވެސް ވަނީ ވައިގައި ހިފާގޮތް ވެފައެވެ. އެމްބާޕޭ ބުނިކަމަށްވަނީ މިހެންނެވެ. ދެކުނު އެމެރިކާގައި އެންމެ މޮޅުކަމަށް ވަކާލާތުކުރަނީ ބްރެޒިލްއާއި އާޖެންޓީނާ ނޫންހެއްޔެވެ. ޔޫރަޕުގެ ގައުމުތަކާ ޖެހުނީމާ އެދެ ޓީމު ދާނީ ޗޮކުންނެވެ. ކޮލިފައިވެފައި އެތިބީވެސް މާވަރުގަދަ ވާދަވެރިކަމުގެ މެޗުތަކެއް ކުޅެގެނެއް ނޫނެވެ. ރުށްދަށު ލީގެއްކަހަލަ ލީގެއްގައި ކުޅެގެންނެވެ. ދެކުނު އެމެރިކާގެ ގައުމުތައް މޮޅު ނޫންކަން ވޯލްޑްކަޕަށް ބަލައިލީމާ އެނގޭނެއެވެ. އެންމެފަހުން ކުޅުނު ހަތަރު ވޯލްޑްކަޕުގެ ތަށި ހޯދާފައިވަނީވެސް ޔޫރަޕުގެ ގައުމުތަކުންނެވެ.

އެމްބާޕޭ އެބުނީ ތެދެކެވެ. ދެކުނު އެމެރިކާގެ ގައުމަކަށް ވޯލްޑްކަޕުގައި އަތްނުލެވޭތާ ވިހި އަހަރު ވެއްޖެއެވެ. މިއީ ވޯލްޑްކަޕް ބާއްވަން ފެށިފަހުންވެސް ތަށި ނުލިބި ދެކުނު އެމެރިކާގެ ގައުމުތަކުގެ އިންތިޒާރީ އެންމެ ދިގު މުއްދަތަކަށް ދެމިގެންދިޔަ ފަހަރެވެ. ދެކުނު އެމެރިކާގެ ގައުމުތަކުގެ ތެރެއިން ބްރެޒިލްއަށް އެންމެ ފަހުން ތަށި ހޯދުނީ މީގެ ވިހި އަހަރު ކުރިން 2002 ގައެވެ. އެހެންވީމާ ކޮންމެހެން ހަދާފައިވެސް މި އިންތިޒާރު ނިމުމަކަށް ގެންނަން ދެކުނު އެމެރިކާގެ ގައުމުތަކުން ބޭނުންވެއެވެ. ދެކުނު އެމެރިކާގެ އެންމެ ބޮޑު އުންމީދަކީ އާޖެންޓީނާ އާއި ބްރެޒިލް އަދި އުރުގުއާއީއެވެ. މީގެ ތެރެއިން އާޖެންޓީނާއަށް ތަށި ނުލިބޭތާ 36 އަހަރު ވެއްޖެއެވެ. އުރުގުއާއީއަށް އެންމެފަހުން ތަށި ލިބުނުތާ 72 އަހަރު ވެއްޖެއެވެ.

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް މިހާތަނަށް 21 ފަހަރު ބޭއްވިފައިވާއިރު ޔޫރަޕުގެ ގައުމުތަކުން ވަނީ 12 ފަހަރު ތަށި ހޯދައިފައެވެ. އެންމެ ގިނަ ސެމީފައިނަލާއި އެންމެ ގިނަ ފައިނަލް ކުޅެފައިވަނީވެސް ޔޫރަޕުގެ ގައުމުތަކުންނެވެ. ދެކުނު އެމެރިކާއަށް ތަށި ގެންދެވިފައިވަނީ ޖުމްލަ ނުވަ ފަހަރުއެވެ. އެއީ ބްރެޒިލް ފަސްފަހަރު އަދި އާޖެންޓީނާ އާއި އުރުގުއާއީ، މީން ކޮންމެ ބަޔަކު ދެފަހަރުއެވެ. މި ނަތީޖާތަކަށް ބަލައިލީމާ ވޯލްޑްކަޕުގެ ތިލަފަތް މާބޮޑަށްވެސް އެއޮތީ ޔޫރަޕުގެ ކޮޅަށް ބަރުވެފައެވެ. ތަށީގައި އަތްނުލެވި ޔޫރަޕަށް އެންމެ ދިގު އިންތިޒާރެއް ކުރަން ޖެހުނު ފަހަރުވެސް އެދެމެދަށް ދިޔައީ ދެ ވޯލްޑްކަޕެވެ. ޖުމްލަ 8 އަހަރެވެ. އެހެންވީމާ ވޯލްޑްކަޕުގައި އެންމެ ކާމިޔާބު ކޮންޓިނެންޓަކީ ނުވަތަ ކޮންފެޑެރޭޝަނަކީ ކޮބައިހޭ އަހައިފިނަމަ ޖަވާބަކީ އެއީ ޔޫރަޕް ކަމުގައެވެ.

ފީފާ ކްލަބް ވޯލްޑްކަޕުގެ ނަމުގައި ދެހާސްވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ކޮންޓިނެންޓުތަކުގެ ޗެމްޕިއަން ކުލަބުތަކުގެ މެދުގައި ކޮންމެ އަހަރު އެއްފަހަރު ޚާއްސަ މުބާރާތެއް ކުޅެވެއެވެ. ފާއިތުވި ބާވީސް އަހަރުގެ ތެރޭގައި މުޅިންވެސް މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ޔޫރަޕާއި ދެކުނު އެމެރިކާގެ ކުލަބްތަކުންނެވެ. ޔޫރަޕުގެ ކުލަބްތަކުން 18 ފަހަރު މި ތަށި ހޯދައިފިއެވެ. ދެކުނު އެމެރިކާއަށް ގެންދެވިފައިވަނީ އެންމެ ހަތަރު ފަހަރުއެވެ. އެއީ ބްރެޒިލްގެ ކޮރިންތިއަންސުން ދެފަހަރު، އިންޓަނޭސިއޮނާލް އާއި ސައޮޕައޮލޯ، މީން ކޮންމެ ބަޔަކު އެއްފަހަރުއެވެ. ޔޫރަޕަށް ނިސްބަތްވާ ސްޕޭނުގެ ރެއާލް މެޑްރިޑުން އެކަނިވެސް ކްލަބް ވޯލްޑްކަޕް ހަތަރު ފަހަރު ހޯދާފައިވެއެވެ. ބާސެލޯނާއިން ތިން ފަހަރު ހޯދާފައިވެއެވެ. އެހެންވީމާ މި މިބާރާތްވެސް ބޮޑުތަނުން މިއޮތީ ޔޫރަޕް ކޮޅަށް ބަރުވެފައެވެ.

ދުނިޔޭގައި ފުޓްބޯޅައަށް އެންމެ ކުރިއަރާފައިވާ ދެ ކޮންޓިނެންޓަކީ ޔޫރަޕާއި ދެކުނު އެމެރިކާއެވެ. އެކަމާމެދު ބަހުސެއްވެސް ނެތެވެ. މި ދެ ކޮންޓިނެންޓުގެ ޗެމްޕިއަން ގައުމުތަކުގެ މެދުގައި ފެންވަރު ބަލައިލުމުގެ މުބާރާތެއް އިހު ނުކުޅެވެއެވެ. މިޒާތުގެ މުބާރާތެެެއް މީގެ ތިރީސްހަތް އަހަރު ކުރިން ފަށައިގެން ދެފަހަރަކު ބާއްވާފައި ހުއްޓައިލީއެވެ. އެއްފަހަރު އާޖެންޓީނާ މޮޅުވިއެވެ. އެއްފަހަރު ފްރާންސް މޮޅުވިއެވެ. އެތައް އަހަރެއްގެ މެދުކެނޑުމަކަށްފަހު ފައިނަލީއްސިމާގެ ނަމުގައި މި މުބާރާތް މިއަހަރު އަނެއްކާވެސް ވަނީ ބާއްވައިފައެވެ. ޔޫރަޕުގެ ޗެމްޕިއަން އިޓަލީ އާއި ދެކުނު އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާގެ މެދުގައި ފައިނަލީއްސިމާ ކުޅެވުނީ މެއިމަހު އިންގްލެންޑުގެ ލަންޑަނުގައެވެ. ފަސޭހަކަމާއެކު ތިނެއް ސުމަކުން މޮޅުވީ އާޖެންޓީނާއެވެ. މި މުބާރާތް ބަރުވަނީ ދެކުނު އެމެރިކާ ކޮޅަށެވެ.

ޔޫރަޕާއި ދެކުނު އެމެރިކާގައި ކުޅެނީ ދެ ވައްތަރެއްގެ ފުޓްބޯޅައެކެވެ. ޔޫރަޕުގައި ކުޅެނީ ޓީމުވަންތަ ބޯޅައެކެވެ. ދެކުނު އެމެރިކާގައި ކުޅެނީ ވަކިވަކި މީހުންގެ ހުނަރު ދެއްކުމުގެ ޗަރުކޭސީ ބޯޅައެކެވެ. އެހެންވީމާ ޔޫރަޕަށްވުރެ ގިނައިން ސުޕަރ ސްޓާރުން އުފެދެނީ ދެކުނު އެމެރިކާގައެވެ. މީގެ މިސާލަކީ ޕެލޭޔާއި މަރަޑޯނާ އަދި މެސީއާއި ނޭމާރއެވެ. އެމީހުންނާ އެއްފަދަ ތަރިން ޔޫރަޕަކުން ނުފެނެއެވެ. ފުޓްބޯޅަ ކޯޗުންނަށް ނުވަތަ ބޯޅައިގެ ސިކުނޑިތަކަށް ބަލާއިރު ޔޫރަޕުގެ މޮރީނިއޯ އާއި ގާޑިއޯލާޔާއި ކްލޮޕް އަދި އަންޗެލޯޓީ ކަހަލަ ކޯޗުން ދެކުނު އެމެރިކާގައި ވަރަށްވެސް މަދެވެ. ބިއެލްސާޔާއި ސިމިއޯނީގެ ވާހަކަ ބައެއް މީހުން ބުނެފާނެއެވެ. އެކަމަކުވެސް ޔޫރަޕުން ފެންނަކަހަލަ މޮޅު ކޯޗުން ދެކުނު އެމެރިކާޔަކުން ނުފެނެއެވެ. އެއީ ވަރަށް ބޮޑު ހަގީގަތެކެވެ.