ދިވެހިރާއްޖެ ހިމެނެނީ ދެކުނު އޭޝިޔާގައެވެ. މި ސަރަހައްދުގައި ރާއްޖެ ހިމެނޭގޮތުން ހަތް ގައުމެއް އެބައޮތެވެ. ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ތާރީޚުގައި އަދި ދުވަހަކުވެސް ދެކުނު އޭޝިޔާގެ ގައުމެއް މުބާރާތުގައި ކުޅެފައެއް ނެތެވެ. މުޅިދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލާއިރު ދެކުނު އޭޝިޔާ ފިޔަވައި ކޮންމެވެސް އެއްގޮތަކުން ވޯލްޑްކަޕުގައި ބައިވެރިވުމެއް ނެތް އެހެން ސަރަހައްދެއް ނެތެވެ. ބައެއް މީހުން ބުނެފާނެއެވެ. ދެކުނު އިރުމަތީ އޭޝިޔާ ނުވަތަ އާސިއާނުގެ ގައުމެއްވެސް ނުކުޅެއެވެ. މުޅިއަކުން ތެދެއް ނޫނެވެ. އިންޑޮނީޝިޔާ ވަނީ 1938 ގެ ވޯލްޑްކަޕުގައި ޑަޗް އީސްޓް އިންޑީޒްގެ ނަމުގައި ކުޅެފައެވެ. އެގޮތަށްވެސް އަދި އެހެންނަމެއްގައިވެސް ދެކުނު އޭޝިޔާގެ ބައިވެރިވުމެއް ނަމެއް ނެތެވެ. މީހުން މަދީއެއް ނޫނެވެ. އޭރުވެސް މިހާރުވެސް ދުނިޔޭގެ ނިސްބަތުން ބައިބޯ ސަރަހައްދެކެވެ.
ވޯލްޑްކަޕް ތައާރަފުވުމުގެ މާކުރިންވެސް ބައިނަލްއަގުވާމީ ފުޓްބޯޅަ ވަނީ ތައާރަފުވެފައެވެ. ދުނިޔޭގައި އެންމެ ފުރަތަމަ ކުޅެވުނު ބައިނަލްއަގުވާމީ ފުޓްބޯޅަ މެޗަކީ 1872 ވަނަ އަހަރު އިންގްލެންޑާއި ސްކޮޓްލެންޑްގެ މެދުގައި ކުޅެވުނު މެޗެކެވެ. ވާދަވެރިކަމުގެ ބައިނަލްއަގުވާމީ އެންމެ ފުރަތަމަ ފުޓްބޯޅަ މުބާރާތަކީ 1884 ގައި ބޭއްވުނު ބްރިޓިޝް ހޯމް ޗެމްޕިއަންޝިޕް މުބާރާތެވެ. އޭގައި ކުޅެފައިވަނީ އިންގްލެންޑާއި ސްކޮޓްލެންޑާއި ވޭލްސްއާއި އަޔަލެންޑެވެ. އޮލިމްޕިކް ކުޅިވަރެއްގެ ގޮތުގައި ފުޓްބޯޅަ ހަމަޖެހި އެންމެ ފުރަތަމަ އޮލިމްޕިކްގެ ފުޓްބޯޅަ މެޑެއްޔަށް ގައުމުތަކުން ވާދަކުރީ 1908 ގެ އޮލިމްޕިކްސްގައެވެ. އެހިސާބުން 1954 ވަނަ އަހަރާ ހަމަޔަށް ދުނިޔޭގެ އެންމެ މަގްބޫލު އަދި ޝަރަފުވެރި ފުޓްބޯޅަ އިވެންޓަކަށް ވެފައިއޮތީ އޮލިމްޕިކް ފުޓްބޯޅައެވެ.
އޮލިމްޕިކް ފުޓްބޯޅައިގައި ދެކުނު އޭޝިޔާގެ ބައިވެރިވުން އޮތެވެ. ޚާއްސަކޮށް އިންޑިޔާގެއެވެ. އިންޑިޔާއަކީ 1948 ވަނަ އަހަރުން ފެށިގެން 1960 ވަނަ އަހަރާ ހަމަޔަށް އޮލިމްޕިކް ފުޓްބޯޅައިގައި ވާދަކުރަމުން އައި ގައުމެކެވެ. ވަރުގަދަވެސް ޓީމެކެވެ. ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ނަމުގައި އެންމެ ފުރަތަމަ މުބާރާތެއް ބޭއްވުނީ 1930 ވަނަ އަހަރުއެވެ. އެމުބާރާތް ބާއްވަމުން އައީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރުއެވެ. ކޮންމެއަކަސް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ފަސް ފަހަރު ބޭއްވުނުއިރު ވެސް އޮލިމްޕިކްސްގެ ފުޓްބޯޅަ ވައްޓައެއް ނުލެވުނެވެ. ގިނަބައެއްގެ މެދުގައި އެންމެ ޝަރަފުވެރި އެންމެ މަގްބޫލު ފުޓްބޯޅަޔަކީ 1954 ގެ ވޯލްޑްކަޕާ ހަމަޔަށްވެސް އޮލިމްޕިކް ފުޓްބޯޅައެވެ. ބައެއް ގައުމުތަކުން ވޯލްޑްކަޕަށް ކޮލިފައިވިޔަސް މުބާރާތުގައި ބައިވެރިނުވެ އޮލިމްޕިކްސްއަށް އިސްކަންދީފައިވެއެވެ.
ވޯލްޑްކަޕަކީ މުބާރާތަކަށް ނުވެގެން ވޯލްޑްކަޕަށް ނޫނެކޭ ބުނެފައި އޮލިމްޕިކް ފުޓްބޯޅަޔަށް އާނއެކޭ ބުނުމުގެ އެންމެ ރިވެތި މިސާލަކީ ދެކުނު އޭޝިޔާއިން އިންޑިޔާއެވެ. އިންޑިޔާއަކީ ވޯލްޑްކަޕަށް ކޮލިފައިވެ ޖާގައެެއް ލިބުމަށްފަހު އެ ފުރުސަތު ދޫކޮށްލި ޓީމެކެވެ. ފުރުސަތު ދޫކޮށްލި ގޮތަށް ދުވަހަކުވެސް ކޮލިފައިނުވެ ވޯލްޑްކަޕުން ނުފެނި މިހާތަނަށްވެސް އެކަހެރިވެފައިވާ ގައުމެކެވެ. ދެކުނު އޭޝިޔާއަށް އަދިވެސް އެޅިފައި އޮތީ އެކަމުގެ ހިޔަންޏެވެ. ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް 1930 ވަނަ އަހަރު ތައާރަފުވެގެން ތިން ފަހަރެއްގައި މުބާރާތް ބޭއްވުނުތަނާ ދުނިޔެ ބަނަވެގެން ދިޔައީ ދެވަނަ ބޮޑު ހަނގުރާމައިގެ ވިލާތަކުންނެވެ. އެޔާ ގުޅިގެން 8 އަހަރަށް ވޯލްޑްކަޕް މެދުކެނޑިފައި އޮތުމަށްފަހު އަލުން ފެށުނީ 1950 ވަނަ އަހަރު ބްރެޒިލްގައި ބޭއްވުނު ވޯލްޑްކަޕުންނެވެ.
މެދުކެނޑުމަކަށްފަހު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް 1950 ވަނަ އަހަރު އަލުން ބްރެޒިލްގައި ފެށުނުއިރު އިންޑިޔާއަކީ އޭޝިޔާ ބައްރުން އެ މުބާރާތަށް ކޮލިފައިވި ގައުމެކެވެ. އޭޝިއާ ބައްރުން ކޮލިފައިންގައި އެފަހަރު ބައިވެރިވީ އިންޑިޔާގެ އިތުރުން ފިލިޕީންސާއި ބަރުމާއެވެ. މެޗުތައް ފެށުމުގެ ކުރިން ޕިލިޕީންސާއި ބަރުމާ ވަކިވީއެވެ. އެހެންވީމާ އިންޑިޔާ ކޮލިފައިވީ މެޗެއް ނުވަތަ މެޗުތަކެއް ކުޅުމަކާ ނުލައެވެ. ކަންދިމާވި ގޮތުން އިންޑިޔާއިންވެސް ބްރެޒިލްއަށް ޓީމެއް ނުފޮނުވައި މުބާރާތުން ވަކިވެއްޖެއެވެ. ބްރެޒިލްއަކީ މާދުރުގައި އޮތްތަނެކޭ، ޓީމެއް ފޮނުވުމުގެ ޚަރަދު މާބޮޑޭ، ކުޅެވޭކަށްނެތޭ ބުނެފައި ފީފާޔަށް ސިޓީއެއް ފޮނުވައިފައެވެ. ބްރެޒިލްއަށް ދިޔުމާއި ތިބުމުގެ ޚަރަދު ދޭން ފީފާއިން ހުށައެޅި ހުށަައެޅުންވެސް އިންޑިޔާއިން ގަބޫލެއް ނުކުރިއެވެ.
ފީފާގެ ކަންކަށިމަތީގައި ތަފާލެއް ޖަހައިފައި ވޯލްޑްކަޕަށް އިންޑިޔާއިން ނޫނެކޭ ބުނިތާ 72 އަހަރު ވެއްޖެއެވެ. އެކަމަކު އަދިވެސް އިންޑިޔާއިން މި ނިންމުން ނިންމި ސަބަބާމެދު ބަހުސްތައް ދަނީ ކުރިއަށެވެ. ޚަރަދުގެ މައްސަލައަކަށް ވަންޏާ ފީފާއިން ޚަރަދުގައި ހިފީމާ އެ މައްސަލަ ހައްލުވީތާއެވެ. އެކަމަކުވެސް ޓީމެއް ނުފޮނުވިއެވެ. ގިނަބަޔަކު ބުނަމުން އަންނަނީ ވޯލްޑްކަޕުގައި ކުޅުންތެރިން ކުޅެން ޖެހެނީ ބޫޓުގައި ކަމަށްވެފައި އިންޑިޔާގެ ކުޅުންތެރިން ހޭނިފައިތިބީ ހުސްފަޔާ ކުޅުމަށް ކަމުގައިވާތީ އިންޑިޔާއިން ބައިވެރިނުވީ ކަމުގައެވެ. އިންޑިޔާގެ ކުޅުންތެރިން ހުސްފަޔާ ކުޅެން ފީފާއިން އެއްބަސްނުވީމާ އިންޑިޔާއިން މުބާރާތުގައި ބައިވެރިނުވީ ކަމުގައެވެ. ލިބެން ހުރި ހެކިތަކަށް ބެލީމާ މިއީ ސައްހަ ވާހަކައެއް ނޫންކަން މުޅިން ޔަގީންވެއެވެ.
ތެދެކެވެ. އިންޑިޔާގެ ގިނަ ކުޅުންތެރިން އޭރު ކުޅެނީ ހުސްފައިގައެވެ. އެކަމަކު އޭރު ވޯލްޑްކަޕުގައި ކުޅޭ ކުޅުންތެރިން ބޫޓުގައި ތިބުން ފީފާގެ ގަވާއިދުގެ ދަށުން މަޖްބޫރެއް ނޫނެވެ. އެކަން މަޖްބޫރުވީ ފީފާގެ ގަވާއިދަށް 1953 ގައި ގެނެވުނު ބަދަލަކަށްފަހުގައެވެ. ފިންލެންޑުގެ ވެރިރަށް ހެލްސިންކީގައި 1952 ވަނަ އަހަރު ބޭއްވުނު އޮލިމްޕިކްސްގައި ވެސް އިންޑިޔާގެ ގިނަ ކުޅުންތެރިން ތިބީ ހުސްފައިގައެވެ. ފީފާއިން މައްސަލައެއް ނުޖައްސައެވެ. އެހެންވީމާ ވޯލްޑްކަޕަށް އިންޑިޔާ ނުދިޔައީ ބޫޓަށް އަރަންޖެހޭތީއެއް ނޫނެވެ. ފައިސާގެ މައްސަލަ އޮވެގެނެއްވެސް ނޫނެވެ. އިންޑިޔާ ބައިވެރިނުވީ ވޯލްޑްކަޕަކީ ވަގުތާއި މަސައްކަތަށް ބަލާއިރު އެކަށީގެންވާ ޝަރަފުވެރި މުބާރާތެއް ކަމަށް ނުފެނިގެންނެވެ. އެކަހަލަ މުބާރާތަކީ އޭރު އޮލިމްޕިކްސްއެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022