ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ވައްކަން ކުރުން ހުއްޓުވުމަށް އޮތް ހައްލަކީ ވޯޓުގެ އަދަދަށް ބަލައި ފައިސާ ދޫކުރުން ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އޮޅުވާލައިގެން މީހުންގެ ނަންތައް ހިމެނުމާއިި "ވަގު އައިޑީ ކާޑު"ތަކުގެ ބޭނުން ކޮށްގެން ދަފްތަރުތަކަށް ބަދަލު ގެނައުމާއި، އެއް ޕާޓީއަކަށް ނޭގި އަނެއް ޕާޓީގެ ދަފްތަރުގައި މީހުންގެ ނަންތައް ހިމަނަމުން ދާކަމުގެ ޝަކުވާތައް ބޮޑުވެ، އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ ސައްހަ ނޫން ފޯމް ހުށައަޅާ ސިޔާސީ ޕާޓީތަކާއި އެޕާޓީތަކުގެ ވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމަށް ނިންމައިފައެވެ.
އެގޮތުން ސިޔާސީ ޕާޓީ އަކުން ހުށަހަޅާ ސައްހަނޫން ކޮންމެ ފޯމަކަށް، އެޕާޓީއެއް ދިހަ ހާސް ރުފިޔާއިން ޖޫރިމަނާކޮށް، އެ އެ ސިޔާސީ ޕާޓިއެއްގެ ރަޖިސްޓްރާ ފުރަތަމަ ފަހަރު ފަސް ހާސް ރުފިޔާ، ދެވަނަ ފަހަރުން ފެށިގެން ދިހަ ހާސް ރުފިޔާއިން ޖުރުމާނާ ކުރަން ވަނީ ނިންމައިފައެވެ.
އެކަމާ ގުޅިގެން ރިޔާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެކަމުގެ ހައްލަކީ ދަފްތަރަށް ބަލައިގެން ދައުލަތުގެ ބަޖެޓުން ފައިސާދިނުން ހުއްޓާލުން ކަމަށެވެ.
"ޕާޓީތަކަށް ފައިސާ ދޭނަމަ އިންތިހާބުތަކުގަ ޕާޓީތަކަށް ވޯޓުލިބޭ އަދަދަށް ބަލައިގެން ފައިސާ ދިނުން" ރިޔާޒް ވިދާޅުވިއެވެ.
ސިޔާސީ ޕާޓިތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ އެ ޕާޓީއެއްގެ މެމްބަރުންގެ އަދަދު 10،000 އެރުމުންނެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ބަޖެޓުގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއްގެ ފައިސާ ޕާޓީތަކަށް ދޫކުރަން ޖެހެއެވެ. އެ އަދަދަކަށް މެންބަރުން ހަމަވާ އޮތީ ހަތަރު ޕާޓީއެވެ. އެއީ އެމްޑީޕީއާއި އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީގެ އިތުރުން އިދިކޮޅު ޕީޕީއެމެވެ.
ޚަބަރު
ޚަބަރު
ޚަބަރު