ސޯލާ ހަކަތަ ބޭނުންކޮށްގެން ދުއްވާ ކަޓަމަރާން ޕެސެންޖާ ފެރީއެއް ރާއްޖޭގެ މާހައުލާ ގުޅޭތޯ ބެލުމުގެ މަސައްކަތް ފަށައިފިއެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ސޯލާ ހަކަތައާއި ބެޓެރީ ބޭނުންކޮށްގެން ދުއްވާ ކަޓަމަރާން ޕެސެންޖާ ފެރީއެއް ޑިޒައިންކޮށް، ބަނުމަށްފަހު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
ސޯލާ ހަކަތަ ބޭނުންކޮށްގެން ދުއްވާ ކަޓަމަރާން ޕެސެންޖާ ފެރީއެއް ހޯދަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ހިންގަމުން އަންނަ ޕްރިޕެއަރިން އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނަބްލް އެނާޖީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ކަމަށް ފިނޭންސުން ބުންޏެވެ. ސޯލާ ޕަވާ ކަޓަމަރާން ޕެސެންޖާ ފެރީއަކީ ރާއްޖޭގެ މާހައުލާ ގުޅޭ އެއްޗެއްތޯ އެ ޕްރޮޖެކްޓުގެ ދަށުން ބަލާނެކަމަށް ފިނޭންސުން ބުންޏެވެ.
ސޯލާ ހަކަތަ ބޭނުންކޮށްގެން ދުއްވާ ކަޓަމަރާން ޕެސެންޖާ ފެރީއެއް ހޯދަން ބޭނުންވާކަން އެންމެ ފުރަތަމަ އިއުލާންކުރީ އެންވަޔަރުމެންޓް މިނިސްޓްރީންނެވެ. ނަމަވެސް ފިނޭންސުން މިއަދު ބުނީ އެ އިއުލާން ބާތިލުކޮށް ފިނޭންސުން އެ އިއުލާން ރީޓެންޑާ ކުރާ ކަމަށެވެ.
ފިނޭންސުން ބުނީ، އޭޑީބީން ރާއްޖޭގައި ކުރިއަށް ގެންދާ އެ ޕްރޮޖެކްޓަކީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުގެ މަތިން، އޭޑީބީގެ ސިންގަލް ސްޓޭޖް ޓޫ އެންވެލޮޕް އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެއް ކަމަށްވުމުން ގަބޫލުކުރާނީ ހަމައެކަނި އޭޑީބީގެ މެންބަރު ގައުމުތަކުން ހުށަހަޅާ ބީލަންތައް ކަމަށެވެ.
އެ ޕްރޮޖެކްޓަށް ބިޑު ހުށަހަޅާ ކުންފުންޏަށް ފާއިތުވި ހަތަރު އަހަރުގައި ހަތަރު މިލިއަން ޑޮލަރުގެ ފައިދާވެފައި ހުންނަންވާނެ ކަމަށާއި، އަދި ބިޑް ހުށަހަޅާ ކުންފުންޏަކީ ފާއިތުވި ފަސް އަހަރު ތެރޭގައި އެ ބާވަތުގެ ދެ ޕްރޮޖެކްޓެއް ކޮށްފައިވާ ކުންފުންޏަކަށްވާން ޖެހޭނެކަމަށް ފިނޭންސުން ބުންޏެވެ. އަދި އެއިން ކޮންމެ މަސައްކަތެއްގެ އަގަކީ މަދުވެގެން 2.5 ލައްކަ އެމެރިލާ ޑޮލަރަށް ވާން ޖެހޭނެ ކަމަށެވެ.
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް 100 ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ. އަދި ބިޑް ސެކިޔުރިޓީގެ ގޮތުގައި 7,500 ޑޮލަރު ފިނޭންސަށް ދައްކަން ޖެހެއެެވެ. އެ ފައިސާތައް ދައްކަން ޖެހެނީ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ކުރިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު