"ކަލޭ ކޮންކަމެއް ބޭނުންވަނީ؟" ފިނި ނޭވައެއް ދޫކޮށްލަމުން ނަހީކް އެހިއެވެ.
"ކައިވެނި" އަންހެންމީހާ ބުންޏެވެ.
*****
ފަތިސް ނަމާދުން ގެއަށް އައިސްވަން ޝާހްބާޒަށް ހައިރާންކަމެއް ލިބުނީ އަނބިމީހާ ކާމޭޒު ކައިރީގައި ހިމޭންވެފައި އިންތަން ފެނިފައެވެ. އެހެންޏާ އެއީ ނަހާގެ ގޮތެއް ނޫނެވެ. ފަތިސްނަމާދުން އައިސް ވަންނަ ފިރިމީހާއަށް ނަހާގެ އަތުން ތައްޔާރުކޮށްފައި ދޭ މީރު ކޮފީތައްޓަކީ ޝާހްބާޒްގެ ދުވަސް ފެށުމަށް އެހީތެރިވެދޭ ބައިވެރިޔާއެވެ. ޝާހްބާޒްގެ ހަށިގަނޑަށް ދުވަހުގެ މަސައްކަތްތައް ފެށުމުގެ ކުރިން ލިއްބައިދޭ އާރޯކަމާއި ހަކަތައެވެ. އެހެންނަމަވެސް އަނބިމީހާ އައިސްފައިވާ ބަދަލު ފެނުމުން ޝާހްބާޒް މާޔޫސްވިއެވެ. ނަހާގެ ފަހަތުން ހުއްޓިފައި ކޮނޑުގައި އަތް ބޭއްވިއެވެ. އެހިނދު ސިހުނުވަރުން ނަހާގެ ހަށިގަނޑަށް ކުޑަ ލޮޅުމެއް އައިކަން ޝާހްބާޒަށް އިހުސާސްވިއެވެ.
"އައީތަ؟ ކޮފީ ގެންނަންވީދޯ" ފަހަތުގައި ހުރި ފިރިމީހާ ކަން އެނގުމުން ނަހާ ބުންޏެވެ. ތެދުވަން އުޅުނު ނަހާގެ ދެއަތްތިލައިގައި ޝާހްބާޒް ހިފެހެއްޓިއެވެ. އަދި ޖެހިގެން ހުރި ގޮނޑި ދުރުކޮށްލާފައި އިށީނެވެ.
"ހިތްވަރުކުރޭ މަގޭ ލޯބިވާ އަނބިމީހާ... މިދުވަސްވެސް ހިނގައިދާނެ. އަހަރެމެން ދޫކޮށް ދިޔައީ އެންމެ ދަރިއެއް. ދެން ތިބި ދަރިންނާއެކު އުފާވެރި ދުވަސްތަކެއް އަދި ލިބިދާނެ" ޝާހްބާޒް ބުންޏެވެ.
ނަހާ އިސްއުފުލާ ޝާހްބާޒްގެ މޫނަށް ބަލައިލިއެވެ. އެ ބަސްތައް ޝާހްބާޒްގެ ދުލުން ބޭރުކޮށްލީ ހާދަ ފަސޭހައިންނެވެ. ޝާހްބާޒްގެ ތުންފަތް މައްޗަށް ވެރިވެފައިވާ އޯގާތެރި ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވި ހިތްދަތިކަން ނަހާއަށް ސިއްރެއް ނުވިއެވެ.
"އަހަރެންނަށް ތިގޮތަށް ހިތްވަރުދޭން ޝާހް އިންއިރު ހުދު އަމިއްލަ ހިތް ތިވަނީ ހަލާކުވެފައެއްނު" ނަހާ ބުންޏެވެ.
"ދެން ކީއްކުރާނީ.... އަހަރެންގެ ފަހު ނޭވާ އާ ހަމައަށް އެ ހިތް އޮންނާނީ އެހެން" އަސަރާއެކު ޝާހްބާޒް ބުންޏެވެ.
"ނުނަގާތަ ފޯނެއް" ނަހާ އެހިއެވެ. ޝާހްބާޒް ބޯޖަހާލިއެވެ."
ބައްދަލުކުރަން އޮފީހަށް ދާންވީނުން" ނަހާ ބުންޏެވެ.
"ސެކިޔުރިޓީންނަށް އަންގާފަ އޮންނަނީ އަހަރެން އަޔަސް އެތެރެއަށް ނުވައްދަން. ދެކިލާހިތުންވެސް ކެތްނުވޭ" ޝާހްބާޒް ބުންޏެވެ.
*****
އަޔާލްއަށް ހޭލެވުނީ ހޫނުވެގެންނެވެ. ގައި މަތީގައި އޮތް ރަޖާގަނޑު ނެގި ގޮތަށް ދުރަށްލާފައި އަރިމަތީގައި އޮތް ބާލީސް އިތުރަށް ބޮނޑިކޮށްލާފައި މޭދަށަށް ލައްވާލަފައި ބައްދާލިއެވެ. ހޫނުވެގެން ގޮސް މީހާ ރޯފިލިޔަސް ނުތެދުވާން އުޅޭ ކަހަލައެވެ. ދެލޯ މަރާ ތަގުޅިކުރަމުން ދިޔަ ހޫނަށް އަޔާލްއަށް ކެތެއްނުވިއެވެ. މައްޗަށް ބަލައިލިއިރު ފަންކާ ހުރީ ނިވިފައެވެ. ސްވިޗް ހުރީ އޮންކުރި ގޮތަށެވެ. ގެއިން ކަރަންޓް ކެނޑިފައި ހުރިކަން އަޔާލްއަށް އެނގުނެވެ.
ދޮރުހުޅުވާލާފައި އަޔާލް ބޭރަށް ނިކުތެެވެ. ކޮފީއެއް ހަދާލަން އަޔާލް އައީ ބަދިިގެއަށެވެ. އޭރުވެސް އަޔާލްގެ ދެލޮލުގައި ނިދީގެ އަސަރުވިއެވެ.
"ލަދެއް ހަޔާތެއް ނެތްތަ ތި ވައްތަރަށް ކޮޓަރިން ނުކުމެގެން އައިއިރު" ރޫބިޔާގެ ބާރު އަޑުން އަޔާލް ސިހުނެވެ. ހުރެވުނު ހާލާމެދު އަޔާލްއަށް ވިސްނާލެވުނީ ދެނެވެ. ގޮޅިޖެހި ބޮކްސާ ހިފެހެއްޓިފައިވަނީ އުނަގަނޑުގެ ދެފަރާތު ކަށިގަނޑުގައި އަޅައިގަނެފައެވެ. އަލުން ކޮޓަރިއަށް ދާން އުޅެފައިވެސް ރޫބިޔާ ބުނިބުނުމަކަށް ދާން ބޭނުމެއް ނުވިއެވެ.
"ކަލޭ ތިހުރީ އެއްޗެއް ބޮވިފަތަ؟ އާނ އެހެންޏަ މީކީ ކަލޭ އެކަނި އުޅޭ ގެއެއްނޫނޭ" ރޫބިޔާ ބުންޏެވެ.
"ޝާޓްއަޕް... ކަލޭ ދެލޯ މަރާބަލަ. ބައްޔެއްނު" އަޔާލް ބުންޏެވެ. ދެލޯ އަޅައިގެން އިނދެފައި ބޯން އިން ކަޅު ސައިތަށި ހިފައިގެން ރޫބިޔާ ތެދުވިއެވެ. ތައްޓަކަށް ދެތިން ބިސްކޯދު ލައިގެން ބަދިގެއިން ނުކުންނަން ރޫބިޔާ ހިނގައިގަތެވެ.
"ބުނަންތަ ވާހަކައެއް؟ ހެނދުނު ހައެއްގެ ފަހުން މިގޭ އެއްވެސް ތަނެއްގަ ފަންކާ ޖަހައިގެން ނުވާނެ. ކަރަންޓް ބިލު ދައްކަނީ ކަލޭގެ ބަފައެއްނޫން" ރޫބިޔާ ބުންޏެވެ.
ކަށްވަޅުގައި އޮތް ލޯބިވާ ބައްޕަ އާ ރޫބިޔާ ބެހިގަތުމާއެކު އަޔާލްގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އަތުޖެހޭ ހިސާބު އައިސްއަލަމާރި މަތީގައި ބަހައްޓާފައި ހުރި ސަމްސާ ސެޓް ހުރިގޮތަށް ރޫބިޔާ އާ ދިމާލަށް ހޫރާލިއެވެ. ރޫބިޔާއަށް ރެކިގަނެވުނީ ހަމަ ކިރިޔާއެވެ.
"ދެން އަހަރެންގެ ބައްޕަ އާ ކަލޭ ބެހިއްޖިއްޔާ މި ވަޅިން ކަލޭގެ ދޫ ބުރިކޮށްލާނަން" ދިމާލަށް އައި އަޔާލް ފެނި ރޫބިޔާގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. ދުވެފައި ގޮސް ކޮޓަރިއަށް ވަދެވުނީ ކިރިޔާއެވެ. އެވަރުންވެސް އަޔާލްގެ ހަމަލާ ކޮޓަރީ ދޮރަށް އަމާޒުވިއެވެ.
*****
ދުވަހުގެ އިރުއޮށްސުނު ވަގުތެވެ. ހުޅުވާލާފައި ހުރި ބެލްކަނީގައި ހުއްޓިގެން ނަހީކް ހުއްޓެވެ. އޮށްސެމުންދާ އިރަށް ބަލަހައްޓައިގެން ނަހީކް ހުރީ ހިމޭންވެފައެވެ. އުޑުމައްޗަށް ވެރިވެފައިވާ އޮރެންޖާއި ރީނދޫ ކުލައިގެ ކުލަތަކުން އެތައް ބައެއްގެ ހިތަށް އުފާވެރިކަން ގެނުވާނެކަން ކަށަވަރެވެ. އެހެންނަމަވެސް އެކުލަތަކުން ނަހީކްގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. އިރުކޮޅަކުން އެކުލަތައް ގެއްލި ކަޅު ފުސްތަކުން ދުނިޔެ ވަށާލާފަނެއެވެ. އިންސާނުންނަކީވެސް އެފަދަ ބައެކެވެ. ސިކުންތެއްގެ ތެރޭގައިވެސް މީހާ ނުދަންނަ ބީރައްޓެހި މީހަކަށް ބަދަލުވެދާނެއެވެ. އޯގާތެރިކަމާއެކު ފިރުމާލާ ދެއަތުން އަނެއްދުވަހު ކުރާނީ އަނިޔާއެވެ. އެހެންކަމުން ދުނިޔެ ދައްކާ ޒީނަތްތެރި ކުލަވަރަށް ނަހީކްގެ ހިތް މިހާރު ނުލެނބެއެވެ. އެ ކުލަތަކުން ނަހީކްގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ދުނިޔެއަށް އުފަންވެގެން ހިތްހަމަޖެހުމާއި އޯގާތެރިކަން ލިބުނީ ފަސް އަހަރު ވަންދެކަށެވެ. މައެއްގެ ލޯބިން މަހުރޫމުވުމާއެކު ދުނިޔެދެކެ ނަހީކް ފޫހިވާން ފަށައިފިއެވެ.
ނަހީކްގެ މުޅި ދުވަސް ހަރާބުވެފައިވީ އޮފީހުން ދިމާވި ޑަކައިތެއް ކަހަލަ އަންހެނާގެ ސަބަބުންނެވެ. ކައިވެންޏެއްގެ ވަހަކަ އިވުނު ހިސާބުން ނަހީކް މޭނުބައިވެސް ކުރިއެވެ. ދުވަހަކުވެސް ހަޔާތެއް ފަށަން ބޭނުންނުވާ އިރު އެ އަންހެނާގެ ސަބަބުން އޭނާ އެ ވެއްޓުނީ ވަރުގަދަ އަނދަވަޅެއްގެ ތެރެއަށެވެ. އެ އަންހެނާއަކީ ނަހީކްގެ ކުރިމަގަށް އެޅުނު ހުރަހެއް ކަމުގައި ނޫނީ ނުވާނެއެވެ. އެމީހާގެ ހިޔާލުތައް ސިކުނޑީގައި ވަށާލުމާއެކު ނަހީކަށް ދެފަރާތަށް ބޯހޫރާލެވުނެވެ.
އެންމެފަހުން ސިކުނޑިއަށް ހަމަޖެހުމެއް ހޯދުމަށް ފޯނު ނަގާފައި ރާއްޖެއިން ބޭރުގެ ނަންބަރެއް ޖަހާލިއެވެ. ރިންގުވީ ތިން ފަހަރަށެވެ. ކަންފަތުގައި ފިރިހެން އަޑެއް ޖެހުނެވެ.
"ޒޭވާ... ކަލޭ ތިތާ ވަރަށް ކޫލް ދޯ" ނަހީކް ބުންޏެވެ.
"އަހަރެން ކަންބޮޑުވެ ހާސްވާންޖެހޭވަރުގެ ކަމެއްނެތް. ވަރަށް ސަޅި..."
"އަހަރެން މިތާ ހަނާވަނީ" ނަހީކް ބުންޏެވެ.
"ސޮރީ ބްރޯ.... އަހަރެންނަށް ނެތް ދެވޭކަށް... އެނގެއެއްނު މަގޭ ވިޔަފާރި... ތިކޮޅަށް ވުރެ މާ ފައްކާ މިތަން"
"އަހަރެންގެ ބޮލުގައި ކައިވެންޏެއް އަޅުވައިފި. ނެތް ނުކޮށް ވާކަށްވެސް. ގޭތެރެއަށް އިތުރު މީހަކު ވައްދާކަށްވެސް ބޭނުމެއްނުވޭ. ކިހިނެއްބާވާން މިއުޅެނީ؟" ނަހީކްގެ އަޑުގައި ކަންބޮޑުވުން ވިއެވެ.
*****
ވިޔަފާރިކުރުމަށް ރިންދާ ގެއިން ނުކުތީ ބޭރަށް ނުނިކުންނަތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. މާލޭގެ މަގުތަކަކީ ރިންދާއަށް އާ ތަންތަނެއް ނޫނެވެ. އެހެންކަމުން ބޭރަށް ދާން އުޅުނީ އެކަންޏެވެ. ގެއިން ނުކުތުމުގެ ކުރިން ނަހާގެ ހުއްދައެއް ހޯދަންޖެހޭތީ އެންމެ ފުރަތަމަ ރިންދާ ގޮސް ހުއްޓުނީ ނަހާގެ ކޮޓަރި ދޮރުމަތީގައެވެ.
"ރިދާ! ދަރިފުޅު ކަމަކުތަ؟ ވަދޭ އެތެރެއަށް" ދޮރުހުޅުވާލީ ޝާހްބާޒެވެ. ރިންދާ އެތެރެއަށް ވަނުމަށްޓަކައި އޭނާ ބޮޑަށް ދޮރުހުޅުވާލިއެވެ. ޝާހްބާޒާ ވާހަކަނުދެއްކިއެއް ކަމަކު ރިންދާ ހީލިއެވެ.
"މަންމަ ފާހާނައިގަ" ދެކޮޅު ހޯދާ ރިންދާ ބަލައިލިކަން އެނގުމުން ޝާހްބާޒް ބުންޏެވެ.
އެނދުގައި އިށީނދެގެން އިން ޝާހްބާޒް އިނީ ކޮޓަރި މެދުގައި ކޮޅަށް ހުރި ރިންދާއަށް ބަލަހައްޓައިގެންނެވެ. އެއްގޮތަކަށްވެސް ރިންދާ އިސްވެ ޝާހްބާޒާ ވާހަކަދައްކާފައެއް ނެތެވެ. ހިމޭންކަމުގައި އިރުކޮޅެއްވީތަނާ ނަހާ ފާހާނައިން ނުކުމެއްޖެއެވެ.
"ރިދާ،" ނަހާ ގޮވާލިއެވެ.
"ވިޔަފާރިކޮށްލަން ދާން ނުކުންނަނީ މި. އެހެންވެ މަންމަ ކައިރީގަ ބުނެލަންވެގެން" ރިންދާ ބުންޏެވެ.
"އެކަނިތަ؟ ހިނގާ މަންމަމެންނާއެކު ކާރުގަ ދާން. މިއުޅެނީ ހައިބް ގޮވައިގެން ބޭރަށް ނުކުމެލަންކަމަށް" ނަހާ ބުންޏެވެ.
ވަގުތުން ރިންދާ އިންކާރު ކުރިއެވެ. ބޭރަށް ދާން ބޭނުންވަނީ އޭނާ އެކަނި ކަމުގައި ބުންޏެވެ. އިތުރަށް ދެކޮޅަށް ވާހަކަދައްކަން ނަހާ ބޭނުމެއްނުވިއެވެ. ކޮޓަރިން ނުކުންނަން ރިންދާ ހިނގައިގަތީ ނަހާގެ ހުއްދަ ލިބިގެންނެވެ.
"އިތުރަށް ލާރިއެއް ބޭނުންތަ؟" ރިންދާ ހުއްޓުނީ ޝާހްބާޒްގެ އަޑު އިވިފައެވެ. ބަލާވެސްނުލައި ދެފަރާތަށް ބޯހޫރާލާފައި ރިންދާ ނުކުތެވެ.
ލޯގަނޑު ކުރިމަތީގައި ހުރެ ތައްޔާރުވަމުން ދިޔަ ނަހާގެ ފަހަތުގައި ޝާހްބާޒް ހުއްޓުނެވެ. އަނބިމީހާ އަޅަމުން ދިޔަ ކަޅު ކުލައިގެ ބޮޑު ބުރުގަލުގައި ދަތިޖަހަން ޝާހްބާޒް އެހީވެދިނެވެ.
"ރިންދާއަށް އަދި ވަގުތުދޭންވީނުން. ހާލަތު ބަދަލުވީމަ ބައްޕައެއްގެ ގޮތުގައި އެ މަންޖެ ޝާހް ބަލައިގަންނާނެ" ނަހާ ބުންޏެވެ. ޝާހްބާޒް ހިނިގަނޑެއް ޖަހާލިއެވެ. އެކަމާ އޭނާ މާބޮޑަށް ނުވިސްނާ ކަމުގައި ބުންޏެވެ. އެއީ އޭނާގެ ދުނިޔޭގައި ހުރި ހަމައެކަނި އަންހެން ދަރިފުޅޭ ބުނީ ފަހްރުވެރިކަމާއެކުގައެވެ.
"ލާރިއެއް ނެތަސް ރިދާ އިސްވެ ނުބުނާނެ. ނާ އެމަންޖެއާ ވާހަކަދައްކާލަ ބަލަ. ވަޒީފާއަކަށް ދާން ބޭނުންވަންޏާވެސް ނުހިފަހައްޓާތި"
*****
ރަސްމީ ވަގުތުގައި އޮފީހުގައި އުޅުނަސް ބަރަކްއަކީ ފުލުހުންގެ އިމާރާތްތަކުން ކައިބޮއެ އުޅޭ ކުއްޖެއް ނޫނެވެ. ކާ ވަގުތުތަކުގައި އަބަދުވެސް ގެއަށް އާދެވޭތޯ ބަލައެވެ. އާއިލާއާއެކު އެއްތަށިމަތިން ކާން ލިބުމަކީ ބަރަކްއަށް ލިބޭ ހިތްހަމަޖެހުމެކެވެ.
ގޭތެރެއަށް ރަނގަޅަށް ނުވަދެވެނީސް ފިޔާމީރުކުރާ ވަސް ބަރަކްގެ ނޭފަތުގައި ޖެހިއްޖެއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވީ ރޫބިޔާ ޕާސްތާ ހަދަނީއޭ ހިތަށް އަރާފައެވެ. މަންމަގެ ޒީލަގަދަ ގޮތެއް ހުއްޓަސް ބަރަކްއަށް މީރުކޮށް ކާއެއްޗެހި ހެދުމަށް ވަގުތުކޮޅެއް ހުސްކުރީތީ ބަރަކްއަށް އެ ހިތްހަމަޖެހުން ލިބުނެވެ.
"ލައިގެން ހުރި އެއްޗެހި ބަދަލުކޮށްގެން އާދޭ. އެހެންނޫނީ ވަސްހިފާނެ" ބަރަކްގެ ފިޔަވަޅު އަޑު އިވުމާއެކު އުނދުން ކައިރީގައި ހުރި އަޔާލް ގޮވާލައިފިއެވެ. ބަރަކްގެ ތުންފަތްމަތީގައިވި ހިނިތުންވުން ފަނޑުވިއެވެ. ބަދިގޭގައި އުޅުނީ ރޫބިޔާ ނޫންކަން އެނގުމުން ހިތުގައިޖެހުނެވެ. އަޔާލް އެދުނު ފަދައިން ބަރަކް މިސްރާބު ޖެހީ ކޮޓަރި އާ ދިމާލަށެވެ. އެހެންނަމަވެސް ރޫބިޔާގެ ކޮޓަރި ބަލައިލީ މަންމަ ކުރަނީ ކޮންކަމެއްތޯ ބެލުމަށެވެ. ކަނު އަނދިރިކަން ވެރިވެފައިވާ ކޮޓަރި ތެރެއަށް ހުދުގެ އަލިކަން ފެތުރިގެން ދިޔައީ ބަރަކް ސްވިޗް ޖައްސާލި ވަގުތުއެވެ. ފުން ނިދީގައި އޮތް ރޫބިޔާ ދެލޯ ތަގުޅިކޮށްލާފައި މޫނުމަތީގައި އޮތް ބާލީސް ނަގާފައި ދޮރާ ދިމާލަށް ބަލައިލިއެވެ.
"ހޫނ... ކޮންޖެއްސުމެއް ތިކުރަނީ؟ ތި ނިއްވަބަލަ" ރޫބިޔާ ބުންޏެވެ.
"އެކަމަކު މަންމާ، އެކެއް ޖަހައި ބޮޑުވެއްޖެ. މަންމައަށް އެނގެއެއްނު އަހަރެން މިގަޑީގަ ގެއަށް ކާން އަންނާނެކަން" ބަރަކް ބުންޏެވެ.
"ދެން އަހަރެން ކީއްކުރަންވީ؟ ބަދިގެއަށް ވަދެ އޮންނަންވީތަ؟" ރޫބިޔާގެ ރުންކުރު ރާގުގައި ބުންޏެވެ.
"މަންމަ އަތުން ކާހިތެއް އަހަރެން ނުވާނެތަ؟ މަންމަ ބުނެބަލަ މަންމަ އަތުން ކާއެއްޗެއް ރޯފިލުވާފަ އަހަރެންނަށް ދިން ދުވަހެއް. ބުނެބަލަ އަހަރެން ބޭރުން ގެއަށް އައިސްވަނުމުން ދަރިފުޅު ތިހުރީ ކައިގެންހޭ އަހާލި ދުވަހެއް. އަހަރެން އޮފީހުގަ ހުރިއްޔާ ގެއަށް އައިސް މިކަނީ ދޮންބެ ކައްކާފަ ހުންނަ އެއްޗެހި. ގިނަ ފަހަރަށް ދޮންބެ ގޭގާ ނޫޅޭ ގަޑީގަ މަންމަވެސް ބަދިގެއަށް ވަދެ ތިކަނީ ދޮންބެ ކައްކާފަ ހުންނަ އެތިކޮޅު" ބަރަކް ޝަކުވާކުރިއެވެ. ހަގީގަތުގައި ހީކުރިގޮތަށް ރޫބިޔާ ބަދިގެއިން ނުފެނުމުން ބަރަކް މާބޮޑަށް ދެރަވީއެވެ.
"ކަންތަކާޖެހުނީއޭ މި. ދޭ މިތަނުން. އެ އަޔާލު ކައިރިން ރަނގަޅަށް އެދުރުވެއްޖެ" ރޫބިޔާ ހަޅޭއްލަވައިގަތެވެ. ބަރަކް އިސްޖަހާލައިގެން ހުރެ ރޫބިޔާގެ ކޮޓަރިން ނުކުތެވެ.
ބަރަކް ހެދުން ބަލަދުކޮށްގެން މޭޒު ކައިރިއަށް ދިޔައިރު އަޔާލް ހުރީ ދެ ތައްޓަށް ކާއެއްޗެހި އަޅާފައި ބޯނެ އެއްޗެއްވެސް ތައްޔާރުކޮށްފައެވެ. ބަރަކްގެ މޫނުމަތިން މާޔޫސީ ކުލަވަރު ފެނުމުން އަޔާލް ސުވާލުކުރިއެވެ.
"އަސްލު ހީީކުރީ މަންމަ ކަމަށް ބަދިގޭގަ" ބަރަކް ބުންޏެވެ. އެހިނދު އަޔާލް އަނގައިން ފޫހި އަޑެއް ލައްވާލިއެވެ.
"ހުވަފެނުން ބަލަންހުރޭ ކޮއްކޮގެ ލޯބިވާ މަންމާފުޅު ކައްކާތަން" އަޔާލް ބުންޏެވެ.
"ދެން މާ މޫޑީވެފަ ނީނދެބަލަ. ކާއެއްޗެހީގެ މީރުކަންވެސް އަންނާނީ ނިކަން އުފާވެފަ އިނީމައޭ" އަޔާލް ބުންޏެވެ.
"ދޮންބެ ތީނީ ވަރަށް އުފަލުންތަ؟" ބަރަކް އެހިއެވެ.
"އުފާވާނެއްނު... ވަޒީފާއެއް ލިބިއްޖެ" އަޔާލް ބުންޏެވެ.
"އޯ ވާއު... ކޮންތާކުން؟" ބަރަކް އެހިއެވެ.
"ގަރާޖަކުން. ރަނގަޅޭ އެތަން. މި ރާއްޖޭގަ ހުރި އެންމެ ފެންވަރު ރަނގަޅު ތަން އެއީ. އެހެންނޫނަސް ކިޔެވި އެއްޗެއްގެ ބޭނުން ކުރަންވާނެއްނު. މުސާރަވެސް ރަނގަޅޭ" އަޔާލް ވާހަކަދެއްކިއެވެ.
ބަރަކް ހިތްހަމަޖެހުނެވެ. ޒިންމާދާރު ވަޒީފާއެއް އަޔާލް އަދާކުރުމަކީ ބަރަކް ނުހަނު އެދޭ ކަމެކެވެ. ވަޒީފާ އަދާނުކުރާތީ ރޫބިޔާ އަބަދު އަޔާލަށް ބަހުންޖަހާތީ އެކަމާ ބަރަކް ދެރަވެއެވެ.
*****
ކޮފީތައްޓަށް ބަލަހައްޓައިގެން ރިންދާ އިނެވެ. މޭޒު ކައިރީގައި އިންއިރު ގޭތެރެއިން އިތުރު މީހަކު ފެންނަން ނެތެވެ. ވަގުތަކީ އިޝާނަމާދުގެ ފަހުގެ ވަގުތެކެވެ. ބޭނުންވި ނަންބަރު ލިބުމާއެކު ލަސްނުކޮށް އެ ނަންބަރަށް ރިންދާ ގުޅިއެވެ. ފޯނު ނެގި އަންހެން ކުއްޖާގެ އަޑުގައި ބީރައްޓެހިކަމެއް ހުރިކަން ރިންދާއަށް ފާހަގަވިއެވެ. ވާނީވެސް އެހެންކަން ރިންދާއަށް އެނގެއެވެ. ޖިލްވާއަކީ ރަނީންގެ އެންމެ ގާތް އެކުވެރިޔާއަށް ވިއިރު ދުވަހަކުވެސް ޖިލްވާ އާ ރިންދާ ބައްދަލުވެފައެއް ނެތެވެ. އަބަދުވެސް އިވެނީ ރަނީން ޖިލްވާއަށް ތައުރީފްކުރާ އަޑެވެ. ޖިލްވާދެކެ ރަނީން ލޯބިވާވަރެވެ. ރަނީން ނެތް ދުވަހެއް އަތުވެއްޖެނަމަ ޖިލްވާ އާއި ރިންދާ ގުޅުން ބަދަހިކުރުމަކީ އަބަދުވެސް ރަނީން ބުނާ އެއްޗެކެވެ.
"ޖިލްވާ ކިހިނެއްތަ؟" ރިންދާ އެހިއެވެ.
"ރަނގަޅު. އަދި ނޭނގުނު ކާކު ކަމެއް؟" ޖިލްވާ ބުންޏެވެ.
"މިއީ ރިންދާ. ރިންނިގެ ދައްތަ" ރިންދާ ބުންޏެވެ.
"ރިންނި ގެ ދައްތަ. އެނގިއްޖެ... " ޖިލްވާއަށް ގުޅައިގެން ހުރީ ރިންދާކަން އެނގުމުން ޖިލްވާގެ އަޑު އައީ ކުރެހިގެންނެވެ. ރަނީން މަތިން ހަނދާންވެފައި ދެލޮލުން ކަރުނަ ހިލުވާލިއެވެ.
"އަހަރެންނާ ބައްދަލުކޮށްލެވިދާނެތަ؟" ރިންދާ އެދުނެވެ.
"މިހާރުތަ؟"
"ތިގެއަށް އަހަރެން ހިނގައިދާނަން. އެޑްރެސް މެސެޖްކޮށްލާ"
*****
އެކުވެރިޔަކަށް ލޭ ދޭންވެގެން ގެއިން ނުކުތް ޝާހްބާޒަށް ތައްޔާރުވެގެން ނުކުތް ރިންދާ ފެނިފައި ހުއްޓުން އެރިއެވެ. ގަޑި ބަލައިލި އިރު ރޭގަނޑު ދިހައެއް ޖަހަން ގާތްވެއްޖެއެވެ. އެވަގުތު ރިންދާ އެކަނި ބޭރަށް ދާން އުޅުމުން ޝާހްބާޒް ކަންބޮޑުވިއެވެ.
"ދަރިފުޅު، މިގަޑީގަ ކޮންތާކަށް؟" އޯގާތެރިކަމާއެކު ޝާހްބާޒް އެހިއެވެ.
"ރައްޓެއްސަކާ ބައްދަލުކުރަން" ރިންދާ ބުންޏެވެ.
"ހިނގާ. ބޭބެ ގެންގޮސްދޭނަން" ޝާހްބާޒް ބުންޏެވެ.
ރިންދާ ދެކޮޅެއް ނުހެދިއެވެ. ދާން ބޭނުންނުވެފައި ހުރެވެސް ޝާހްބާޒާއެކު ބޭރަށް ނުކުތެވެ.
ރިންދާ ބޭނުންވި ހިސާބަށް ކާރު މަޑުކޮށްލުމާއެކު ކާރުން ފައިބައިފިއެވެ. ރިންދާއަށް ޝާހްބާޒް ގޮވާލީ ބަހެއްނުކިޔާ ރިންދާ ހިނގައިގަތުމުންނެވެ.
"ބޭބެ މަޑުކުރަންވީތަ؟" ޝާހްބާޒް އެހިއެވެ. ރިންދާ ދެފަރާތަށް ބޯހޫރާލިއެވެ.
"އެހެންވީމަ ގެއަށް ދާންވީމަ ގުޅާ އިނގޭ މަންމަގެ ފޯނަށް" ޝާހްބާޒް ބުންޏެވެ. ބޯޖަހާލާފައި ރިންދާ ހިނގައިގަތެވެ.
"ކޮންމެސް އެކަނި ހިނގާފަ ނާންނައްޗެ. މިއީ ގެއާ ވަރަށް ދުރު ހިސާބެއްނު"
*****
މޭޒު ދޮށުގައި ނިދި ޖެހިފައި އިން ބެގަރީ ސިއްސައިގެން ދިޔައީ ބާރަށް ދޮރެއް ލެއްޕުނު އަޑު އިވިފައެވެ. އަޑު އައި ދިމާލަށް ދުވެފައި ދިޔައިރު ބޮޑު ފުޅާ ސިޑީގެ ހަރުފަތްތަކުގެ ނިވަލުގައިވާ ކޮޓަރި ދޮރުމަތީގައި ނަހީކް ހުއްޓެވެ. އަތުގައި ބްރީފްކޭހެއް އޮތެވެ.
"އަހަރެން މިދަނީ ފުރަން. ގެ ރަނގަޅަށް ބަލަހައްޓާތި" ނަހީކް ބުންޏެވެ. ވަގުތުން ބޭގަރީ "ލައްބަ" އޭ ބުންޏެވެ.
"މިކޮޓަރި އެއްގޮތަކަށްވެސް ނުހުޅުވާތި. ހަފުތާއެއްގެ މުއްދަތަށް އަހަރެން މިދަނީ. ބޭގަރީ ދަތިވާނެ އެއްވެސް ކަމެއް ނޯންނާނެ" ނަހީކް ބުންޏެވެ. އަދަބުވެރިކަމާއެކު ބެގަރީ ބޯޖަހާލިއެވެ.
"އަދި ބުނަން" ދޮރާ ހަމައަށް ގޮސްފައި ނަހީކް ހުއްޓުނެވެ. ދެން އަނެއްކާވެސް ބެގަރީއަށް ބަލައިލިއެވެ.
"އެއްވެސް މީހަކު ގޭތެރެއަށް ނުވައްދާތި. ބެގަރީ ބައްދަލުކުރަން ބޭނުންވާ މީހުންނާ އެފަޅީގަ ބައްދަލުކުރީމަ ރަނގަޅުވާނެ. އަދި އެއްވެސް މީހެއް ކައިރީގަ ނުބުނާތި އަހަރެން ދިޔަތަނެއް" އަނެއްކާވެސް ބެގަރީ ބޯޖަހާލިއެވެ.
"ނާކު...." ނަހީކް ކުރިއަށް ހިނގައިގަތުމާއެކު ބެގަރީ ގޮވާލިއެވެ. އެ ނަމަކީ ނަހީކް ކުޑައިރު ބެގަރީ ދިން ނަމެކެވެ.
"ބުނަން ބޭނުންވާ އެއްޗެއް އަވަހަށް ބުނޭ" ނަހީކް ބުންޏެވެ.
"މެޑަމް..." ބެގަރީ ބުންޏެވެ.
"އޯކޭ... މެޑަމްއަށް ބެގަރީގެ ސަލާމް ރައްދުކޮށްދޭނަން" ތުންފަތް މައްޗަށް ހިނިތުންވުމެއް ގެނުވަމުން ނަހީކް ބުންޏެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ