ރާއްޖެއަށް ދެން ބިދޭސީން އެތެރެކުރުމަށް ކޯޓާ ދޫކުރަނީ "ނޭޝަނަލް ޖޮބް ސެންޓަރ- ޖޮބް ޕޯޓަލް" ގައި ރަޖިސްޓްރީ ކުރުމުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ، ރާއްޖެއަށް ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް ހޯދަންޖެހޭ ކޯޓާ، މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ދޫކުރަނީ "ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާ ކުރުމާބެހޭ ގަވާއިދު" ގައި ބަޔާންކޮށްފައިވާ "ނޭޝަނަލް ޖޮބް ސެންޓަރ- ޖޮބް ޕޯޓަލް" ގައި ރަޖިސްޓްރީ ކުރުމުން ކަމަށެވެ.
"ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާ ކުރުމާބެހޭ ގަވާއިދު" ގައި ބަޔާންކޮށްފައިވާ ގޮތުން ކޯޓާގެ ތެރެއިން ގެވެށި މަސައްކަތަށް ދޫކުރާ ކޯޓާ ފިޔަވައި އެހެނިހެން މަސައްކަތްތަކަށް ކޯޓާ ދޫކުރެވޭނީ "ނޭޝަނަލް ޖޮބް ސެންޓަރ - ޖޮބް ޕޯޓަލް" ގައި ރަޖިސްޓަރީ ކުރުމުން ކަމަށެވެ. އަދި އެ ބިދޭސީން ރާއްޖެ ގެނެއުމުގެ ކޯޓާއަށް ޖޮބް ޕޯޓަލް ހުށަހެޅުމުން ކޯޓާ ދޫކުރަން ވާނީ ކޯޓާ ފީގެ ގޮތުގައި 12 މަސް ދުވަހުގެ މުއްދަތައް 2،000 ރުފިޔާ އިކޮނޮމިކް މިނިސްޓްރީއަށް ދެއްކުމުން ކަމަށެވެ.
"ނޭޝަނަލް ޖޮބް ސެންޓަރ- ޖޮބް ޕޯޓަލް" އަކީ ރާއްޖޭއަށް އެތެރެކުރާ ބިދޭސީ މަސައްކަތްތެރިން އެތެރެ ކުރަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ ގޮތުން ގާނޫނަކުން އުފައްދާފައިވާ އެކްސްޕެޓް ސިސްޓަމްއެކެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސިންނާއި ރާއްޖެއަށް ބިދޭސީން އެތެރެކުރުމުގައި ކުރިން އަމަލުކުރަމުން އައި ގޮތް ބަދަލުކޮށް އިކޮނޮމިކް މިނިސްޓްރީން ވަނީ އެކަންކަން ހަރުކަށިކޮށްފައެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ އެގޮތަށް އުސޫލު އެކުލަވާން ޖެހުނީ ރާއްޖެއަށް ދިމާވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރަން ކަމަށެވެ.