ރާއްޖޭގެ މަޝްހޫރު ފުއްޕާމޭގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު މޫސާ ހުސައިން ކުރިޓިކަލް ކެއާ ދާއިރާއިން ހާއްސަވުމަށް އިންޑިއާ ފުރާވަޑައިގެންފިއެވެ.

ޑރ. މޫސާ އަކީ ކޮވިޑް-19އިގެ ހާލަތުގައި ނޭވާލާ ނިޒާމާއި ފުއްޕާމޭގެ ބަލިތަކުގައި އެންމެ އިސްކޮށް އުޅުއްވި އެއް ފަރާތެވެ.

އައިޖީއެމްއެޗުން މިއަދު ބުނީ އިންޑިއާގެ ޓާޓާ މެމޯރިއަލް ހޮސްޕިޓަލުގައި ތައުލީމު ހާސިލްކުރެއްވުމަށް ޑރ. މޫސާ ދެ އަހަރެއްހާ ދުވަހު އިންޑިއާގައި ހުންނަވާނެ ކަމަށެވެ. އަދި ކިޔެވުމުގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ އެ ހޮސްޕިޓަލުން ކަމަށްވެސް ވަނީ ބުނެފައެވެ.

އައިޖީއެމްއެޗުގައި ފާއިތުވި އަހަރުތަކުގައި ޑރ. މޫސާ މަސައްކަތް ކުރެއްވީ ފުއްޕާމޭގެ ބަލިތަކަށް ފަރުވާދިނުމުގައެވެ.

ކުރިޓިކަލް ކެއާ ދާއިރާއިން ރާއްޖޭގައި މިހާތަނަށް އެއްވެސް ޑޮކްޓަރަކު ހާއްސަވެފައެއް ނެތެވެ. އެހެންކަމުން ޑރ. މޫސާ މިދާއިރާއިން ތައުލީމު ހާސިލް ކުރުމަށްފަހު އެނބުރި ގައުމަށް ވަޑައިގަތުން އޭނާ ވެގެންދާނީ ކުރިޓިކަލް ކެއާ ދާއިރާއިން ހާއްސަވި ރާއްޖޭގެ ފުރަތަމަ ޑޮކްޓަރަށެވެ.