ޚަބަރު

ބީއެމްއެލްގެ ސީއީއޯ މަގާމުން ވަކިވެވަޑައިގަންނަވަނީ

މުހައްމަދު ޖަމްޝަތް ވަހީދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، ޓިމޮތީ ސޯޔާ މަގާމުން ވަކިވެވަޑައިގަންނަވަން ނިންމަވައިފިއެވެ.

ބީއެމްއެލްގެ މުވައްޒަފުންނަށް ސޯޔާ މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ބޭންކާއެކު ހަދާފައިވާ ތިން އަހަރުގެ ކޮންޓްރެކްޓް ހަމަވާނެ ކަމަށާއި ނަމަވެސް ކޮންޓްރެކްޓް އާނުކުރަން ބޭންކުގެ ބޯޑާވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް މަހެއް ނުވަތަ ދެ މަހެއްހާ ދުވަސް ތެރޭގައި ބޭންކުން ވަކިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ސޯޔާގެ މެސެޖުގައި ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކަކީ ބޭންކަށް ވަރަށް ދަތި އުނދަގޫ އަހަރުތަކެއް ކަަމަށާއި ވަކިން ހާއްސަކޮށް ކޮވިޑާއެކު ބޮޑެތި ގޮންޖެހުންތަކެއް ދިމާވި ކަމަށެވެ. ނަމަވެސް އެ ދަތިތަކުން އަރައިގަނެ މިއަދު ބީއެމްއެލް އޮތީ ކުރިމަގުގައިވެސް ކާމިޔާބު ހޯދޭނެ ވަރަށްވެސް ރަނގަޅު ހާލަތެއްގައި ކަމަށް ވިދާޅުވިއެވެ.

އަދި ވޭތުވެދިޔަ މުއްދަތުގައި މުވައްޒަފުންނާއި ބޭންކުން ހޯދި ކާމިޔާބީއަށް އޭނާ ފަހުރުވެރިވެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

"އަހަރެން ޕްލޭންކުރި ވަރަށް ގިނަ ބްރާންޗުތަކަށާއި ސައިޓްތަކަށް ނުދެވުނު ކަމަށްޓަކައި އަހަރެން މައާފަށް އެދެން އެކަމަކު އަހަރެން ތިޔަބޭފުޅުންނާއެކު ހޭދަކުރީ ހަގީގަތުގައިވެސް ވަރަށް އުފާވެރި ދުވަސްތަކެއް" ސޯޔާ ވިދާޅުވެފައިވެއެވެ.

ސޯޔާއަކީ މާލީ ދާއިރާގައި 30 އަހަރުގެ ބައިނަލްއަގުވާމީ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އިނގިރޭސިވިލާތުގެ ސަރުކާރުގެ އިންވެސްޓްމަންޓް ކުންފުނި ކަމަށްވާ އިނޮވޭޓް ޔޫކޭގެ ޗީފް އިންވެސްޓްމަންޓް އޮފިސަރުގެ މަގާމުގައި ހުންނެވުމަށްފަހު އޭނާ ބީއެމްއެލް އާ ގުޅިވަޑައިގަތީ 2019 ޖުލައި މަހު އެވެ. ސޯޔާ އެ މަގާމަށް އައްޔަންކުރީ ކުރިން އެ މަގާމުގައި ހުންނެވި، އެންޑްރޫ ހީލީ އެމަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ސޯޔާގެ މާލީ ހަރުދަނާ ސިޔާސަތުތަކުގެ ދަށުން ބީއެމްއެލުން މިދިޔަ އަހަރު ވަނީ 1.93 ބިލިއަން ރުފިޔާގެ ސާފު ފައިދާ ހޯދައިފައެވެ. އެއީ ބޭންކުގެ ތާރީހުގައިވެސް ހޯދި އެންމެ ބޮޑު މާލީ ކާމިޔާބީއެވެ. ބޭންކުން ވަނީ މިދިޔަ އަހަރުގެ ފައިދާއިން ޓެކްސްގެ ގޮތުގައި ދައުލަތަށް 543 މިލިއަން ރުފިޔާ ދީފައެވެ