ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިސް މުވައްޒަފުން ހުނަރުވެރިކުރުވުމަށް ކުރިއަށްގެންދާ ލީޑާޝިފްޓް ސީރީސް ތަމްރީނު ޕްރޮގްރާމް ރޭ އިފުތިތާހުކޮށްފިއެވެ.

އެޗްޑީސީން މިއަދު ބުނީ އެ ތަމްރީނު ޕްރޮގުރާމްތައް ދިނުމުގެ މަގުސަދަކީ މުސްތަގުބަލުގައި މުވައްޒަފުން، ކުންފުނީގެ ލީޑަރުންނަށްވުމަށް ބާރުއަޅާ ތަމްރީނުކުރުން ކަމަށެވެ. އެގޮތުން މިހާރު ލީޑަރުންގެ ލީޑާޝިޕްގެ ގާބިލުކަން ދެނެގަތުމަށްފަހު މަދުވަނީ ކޮން ހުނަރުތަކެއްކަން ބަލައި ލީޑާޝިޕް ކެޕޭސިޓީ ތަރައްގީކުރުމަށް އިތުރު ތަމްރީނުތަކެއް ދޭނެ ކަމަށް ބުންޏެވެ.

އެޑިއުޓްރެކް އިންސްޓިޓިއުޓްއާ ގުޅިގެން ހަ މަސް ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ އެ ޕްރޮގުރާމުގައި 120 މުވައްޒަފުން ބައިވެރިވެއެވެ.

އެޗްޑީސީން ބުނީ މި ލީޑާޝިފްޓް ސީރީސް ބޭއްވުމަށްޓަކައި، އެ ކުންފުނީގެ އެކި ޑިޕާޓްމެންޓްތަކުގެ މުވައްޒަފުންނާއެކު ފޯކަސް ގުރޫޕް ޑިސްކަޝަންތައް ކުރިއަށް ގެންގޮސް މުވައްޒަފުންގެ ކަންބޮޑުވުންތަކާއި ލީޑަރުންގެ ފަރާތުން ކުރެވޭ އުއްމީދުތައް ދެނެގަނެވިފައިވާ ކަމަށެެވެ.

އަދި މުވައްޒަފުންގެ ހިޔާލަށް ބިނާކޮށް ފޯކަސް އޭރިއާތަކެއް ދެނެގަނެ، ވޯކްޝޮޕް ސިލްސިލާތަކެއް އެކުލަވާލާފަައިވާ ކަމަށްވެސް ބުންޏެވެ.

އެ ކުންފުނިން އިތުރަށް ބުނީ، މިފަދަ ޕްރޮގުރާމުތައް ބޭއްވުމުގެ ސަބަބުން އެ ކޯޕަރޭޝަންގެ އިސް މަގާމުތަކުގައި ތިބި ލީޑަރުންނަށް އިތުރު ތަމްރީނުތައް ލިބި މުސްތަގުބަލުގައި މުވައްޒަފުން ބޭނުންވާ ގޮތަށް ކަންތައްތައް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ކުންފުނިން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަޑިތައް ހާސިލްކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބުންޏެވެ.