ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވި ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މެމްބަރުންގެ އާއިލާއަށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މީގެ ކުރިން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންކުރި އިއުލާނާ ގުޅިގެން އެކި ފަރާތްތަކުން ހުށަހަޅާފައިވާ ހުށަހެޅުންތައް ބާތިލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އަލުން އިންޝުއަރެންސްގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑު ހުށަހެޅުމަށް ހުޅުވާލާ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު" ގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުން މަޖިލީހުގެ ކޮންމެ މެމްބަރަކާއި އެ މެމްބަރެއްގެ އަނބިމީހާ/ފިރިމީހާ އަދި އުމުރުން 18 އަހަރު ނުފުރޭ ދަރިން، ރާއްޖެ އާއި ސާކް ގައުމުތަކާއި އާސިއާންގެ ގައުމުތަކުން ސިއްހީ ފަރުވާ ލިބޭނެފަދަ މެޑިކަލް އިންޝުއަރެންސް ސްކީމެއްގައި ބައިވެރިކޮށްދޭންވާނެއެވެ.
ފީނޭންސް މިނިސްޓްރީން ކުރިން ކުރި އިއުލާނަށް ލިބުނު ހުށަހެޅުންތައް ބާތިލުކުރި ސަބަބުން ހޯދަން ފީނެންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލަށް ގުޅުމުން ފޯނަށް ޖަވާބުދީފައެއް ނުވެއެވެ.
މިއަދު ކުރި އިއުލާނުގައި ފިނޭންސުން ބުނީ، މެމްބަރުންނަށް އިންޝުއަރެންސްގެ ހިދުމަތް ދިނުމަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުގެ މަތިން ކަމަށެވެ. އަދި އެ މަސައްކަތައް ޝައުގުވެރިވެ ބިޑް ހުށަހަޅަން ވާނީ ހަމައެކަނި ޝަރުތު ހަމަވާ ފަރާތްތަކުން އެކަނި ކަމަށެވެ.
މެމްބަރުންނަށް އިންޝުއަރެންސްގެ ހިދުމަތް ދިނުމަށް މަސައްކަތުގެ ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެއެވެ. އެ ފައުސާ ދައްކަން ޖެހޭނީ މިމަހުގެ ހަތް ވަނަ ދުވަހުގެ ކުރިންނެވެ. އެ މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް، ބަނޑޭރި ޕޭ މެދުވެރި ކޮށް ފައިސާ ދެއްކޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ބިޑްސެކިޔުރިޓީގެ ގޮތުގައި 50,000 ރުފިޔާ ވެސް ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށް ފިނޭންސުން ބުންޏެވެ. ބިޑް ހުޅުވުން އޮންނަނީ މިމަހުގެ ނުވަ ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު